ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ދިނުމުގައި ރައްޔިތުން ކުރާ ޝަކުވާތަކަށް ކެތްތެރިކަމާއެކު ޖަވާބުދާރީވުމަށް ހޯމް މިނިސްޓަރ އަޒްލީން އަހްމަދު ގޮވާލައްވައިފި އެވެ.
ސްޓެލްކޯއިން ހިންގާ އިންޖީނުގެތަކުގެ ވެރިންގެ މަހާސިންތާ ބޭއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަ އަޒްލީނު ވިދާޅުވީ، ސްޓެލްކޯ އިން އެކި ހިދުމަތްތައް ދިނުމުގައި މިވީ 67 އަހަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ހަވިން ހަކަތަ އުފެއްދުމުގެ މަސައްކަތްތަކުގައިވެސް ސްޓެލްކޯ އިން ހޯދާފައިވާ ކާމިޔާބީ އަޒްލީން ފާހަގަކުރެއްވި އެވެ.
ކަރަންޓުގެ ހިދުމަތަކީ، ވަރަށް މުހިއްމު ހިދުމަތެއް ކަމަށާއި، އެންމެ ގަޑިއިރަކަށްވެސް ކަރަންޓް ކެންޑިއްޖެ ނަމަ، ދިރިއުޅުމުގެ ހުރިހާ ކަމެއް ހުއްޓޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި، ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނި ތަކުގެ ގުޅުން ބަދަހި ކުރުމަށް މިފަދަ މާސިންތާ ތަކުގެ މުހިއްމުކަން އަޒްލީން ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް ސްޓެލްކޯ އިން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ރޭވިގެން ކުރުމަށް އަޒްލީން ގޮވާލެއްވި އެވެ.
"ޑިމޮކްރަސީއެއްގައި ސަރުކާރު ގާއިމް ކުރާ އިރު ރައްޔިތުން އެންމެ އެކްސްޕެކްޓް ކުރައްވާނީ އެންމެ ފުރިހަމައަށް ހިދުމަތް ލިބުން. ހަމަ ބައި ގަޑި އިރަށް ކަރަންޓް ކަނޑައިގެން ދިޔައަސް ދެން ހަމަ އެކި އެކި ވާހަކަ އެކިގޮތް ގޮތަށް ދެއްކުމުގެ ފުރުސަތު އޮންނާނެ." އަޒްލީން ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ، ހިޔާލުފާޅު ކުރުމުގެ މުހިއްމުކަން އޮތުމުން، ބައެއް ފަރާތްތަކުން އޭގެ ބޭނުން އެންމެ ރަގަޅަށް އަދާ ނުކުރާ ކަމަށާއި ކަންކަން ދިމާވުމުން، އޭގެ ވާހަކަތައް އެކި ގޮތްގޮތަކަށް ދައްކަމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ދޭން ތިބޭ ފަރާތްތަކާއި މެދު ހައްގު ނޫން ބަސްތައް ބުނެވޭގޮތް ކުރިމަތިވާ ކަމަށް އަޒްލީން ވިދާޅުވި އެވެ.
"އަބަދު އަންނާނީ، އެންމެ ހިތްހަމަ ޖެހޭނެ ބަސްތަކެއް ނޫން. ހިދުމަތްތައް ކިތަންމެ ރަގަޅަށް 67 އަހަރު ވަންދެންވެސް ހިދުމަތް ދެއްވައިފި. އެހެން ނަމަވެސް މިހާ ގިނަ ދުވަހު ދެއްވާފައިވާ ހިދުމަތަށް އެންމެ ގަޑި އިރަކަށް ކަރަންޓް ދިޔައިމަ ރައްޔިތުން ގުޅާ، ޝަކުވާކުރާނެ. މިކަން ދަނެ މިތަނުގެ މުވައްޒަފުން ރައްޔިތުންނާއި ކުރިމަތިލާން ޖެހޭނީ ކެތްތެރިކަމާ އެކު." އަޒްލީން ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަބްދުއްޝަކޫރު ވިދާޅުވީ، މި މަހާސިންތާ އަކީ ސްޓެލްކޯ އިން ރައްޔިތުންނަށް ދެމުންދާ ހިދުމަތް ރަގަޅު ކުރުމުގެ ގޮތުން ބާއްވާ މަހާސިންތާ އެއް ކަމަށާއި އުންމީދަކީ މަހާސިންތާއިން ރަގަޅު ބަދަލުތަކެއް ސްޓެލްކޯގެ ކަރަންޓް ހިދުމަތައް ލިބިގެންދިއުމެވެ.