އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން އިންތިހާބު ކާމިޔާބް ކުރި ކައުންސިލަރުން ވެސް ލަހެއް ނުވެ ސަރުކާރާ ގުޅޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކް ވިދާޅުވެއްޖެއެވެ.
ނިހާން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބުގައި މިނިވަންކޮށް ކުރިމަތި ލައްވާ ހޮވިވަޑައުގެންނެވި ކައުންސިލަރުން ރަށާއި އަތޮޅުގެ ތަރައްގީ ހާސިލް ކުރުމަށް ސަރުކާރާ ގުޅުން މުހުންމު ކަމަށެވެ.
މީގެ އިތުރުން ނިހާން ވިދާޅުވީ ކައުންސިލަރުންނަށް ރަށާއި އަތޮޅަށް ތަަރއްގީ ގެނެވޭނީ ސަރުކާރާ ގުޅިގެން ކަމަށެވެ. އަދި އެއީ ލާމަރުކަޒީ ގާނޫނު ވެސް ބުނެދޭ އެއް ހަގީގަތް ކަމަށް ނިހާން ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބާ ގުޅިގެން މީގެ ކުރިން ނިހާން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ ކައުންސިލް އިންތިހާބަކީ ސެމީ ފައިނަލެއް ކަމަށާއި ސަެމީ ފައިނަލުން ފައިނަލަށް ދިޔައީ ޕީޕީއެމް އާއި އެމްޑީޕީ ކަމަށެވެ. އަދި ބޮލަށް ފިތިފައިވާ ތާވަޅެއް ހެން އެމްޑީޕީ އެނބުރެމުން ދަނިކޮށް ޕީޕީއެމް އިން ރައީސް ޔާމީންއާ އެކު 2018 ގެ ރިޔާސީ އިންތިހާބް ކާމިޔާބު ކުރާނެ ކަަމށް ނިހާން ވިދާޅުވެފައި ވެއެވެ.
ނިހާން މިހެން ވިދާޅުވެފައި ވަނިކޮށް މި ފަހަރުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބުކުރި ކައުންސިލަރުންގެ ތެރެއިން ކައުންސިލަރަކު މިހާރު ވެސް ވަނީ އެމްޑީޕީ އަށް ސޮއިކޮށްފައެވެ.