މި އަހަރުގެ ޔޫރޯއަކީ އުމުރުން 36 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ އެންމެ ފަހު ޔޫރޯއަށް ވެދާނެއެވެ. ފާއިތުވި ސަތާރަ އަށާރަ އަހަރުގެ ތެރޭގައި ރޮނާލްޑޯ ވަނީ އެކަނިމާއެކަނި ކަހަލަ ގޮތަކަށް ޕޯޗުގަލް އޭނާގެ ކޮނޑުމަތީގައި އުފުލައިދީފައެވެ. އެންމެ ފަހު ޔޫރޯ ޕޯޗުގަލްއަށް ކާމިޔާބުކޮށްދިނުމުގެ އާރުކާޓީއަކީ ރޮނާލްޑޯއެވެ. އަދި ޔުއެފާ ނޭޝަންސް ލީގު ޕޯޗުގަލްއަށް ކާމިޔާބުކޮށްދިނުމުގައިވެސް އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ރޮނާލްޑޯއެވެ.
ޕޯޗުގަލާއެކު 2004 ވަނަ އަހަރު ޔޫރޯއަށް ނުކުތް ރޮނާލްޑޯއަކީ މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަންކަން އޭނާގެ ކެޕްޓަންކަމުގެ ދަށުން ޕޯޗުގަލް ހޯދިއިރު ރޮނާލްޑޯއަކީ މި މުބާރާތުގައި އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާއެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް ޔޫރޯގައި 21 މެޗު ކުޅެފައެވެ. ޔޫރޯގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު ހެދުމުގެ ފުރުސަތު މިފަހަރުގެ މުބާރާތުގައި ރޮނާލްޑޯއަށް އެބައޮތެވެ. އެ ލިސްޓުގެ އެއްވަނައިގައި އޮތް ފްރާންސްގެ ކުރީގެ ތަރި މިޝޭލް ޕްލެޓިނީ އާއި ރޮނާލްޑޯ ވަނީ މިހާތަނަށް ޔޫރޯގައި ނުވަ ލަނޑު ޖަހާފައެވެ.
މިފަހަރުގެ ޔޫރޯއަށް ޕޯޗުގަލްގެ ޓީމާއެކު ރޮނާލްޑޯ ނުކުންނަނީ ތަފާތު އިތުރު ރިކޯޑުތަކެއް ގާއިމު ކުރުމުގެ މަގުސަދާވެސް އެކުގައެވެ. ރޮނާލްޑޯގެ އުމުރު މައްޗަށް ދިޔައަސް އަދިވެސް އޭނާގެ ހަލުވިކަމާއި ގޯލްޖެހުމުގެ ތޫނުފިލިކަމަށް ބަދަލެއް ނާދެއެވެ. ހުސްވި ސީޒަނުގައި އިޓަލީގެ ޔުވެންޓަސްއާއެކު އޭނާ ވަނީ މިކަން ސާބިތުވެސް ކޮށްދީފައެވެ. ކޮންމެ ޓީމެއްގައި ހުއްޓަސް ގޯލްޖެހުމުގައި އޭނާގެ ތޫނުފިލިކަން ދެވަނަ އެހެން މީހެއްގެ ފަރާތުން ފެނިފައެއް ނުވެއެވެ. އެހެންވީމާ މިފަހަރުގެ ޔޫރޯގައި މިޝެލް ޕްލަޓީނީގެ ރިކޯޑު މުގުރާލުމަށްފަހު އައު ރިކޯޑެއް ރޮނާލްޑޯ ގާއިމުކުރާނެކަމީ ގާތްގަޑަކަށް ކަށަވަރު ކަމެކެވެ.
އެންމެފަހުގެ ޔޫރޯގައި ޕޯޗުގަލް ހޯދި ކާމިޔާބީ މިފަހަރު ތަކުރާރުވުމަކީ ނާދިރުކަމެކެވެ. އެކަމަކު މުޅިން މުސްތަހީލުކަމެއް ނޫނެވެ. ޕޯޗުގަލްއަށް މި މުބާރާތުގައި ކޮންމެ ވަނައެއް ލިބުނަސް އެކަމުގައި ރޮނާލްޑޯގެ ހިއްސާ ވަރަށް ބޮޑުވާނެއެވެ. ޕޯޗުގަލްގައި އަދިވެސް ރޮނާލްޑޯއާ ވަރުން އެޅިގެންވާ އެހެން ކުޅުންތެރިއަކު ނެތެވެ. މުޅި ޕޯޗުގަލްގެ ހުރިހާ އުއްމީދުތަކެއް ގުޅިފައިވަނީ އަދިވެސް ރޮނާލްޑޯއާއެވެ.
މިފަހަރު ޕޯޗުގަލްއާއެކު ރޮނާލްޑޯއަށް ޔޫރޯގެ ތަށި އުފުލާލެވިއްޖެނަމަ ދުނިޔޭގެ ގިނަ ބަޔަކު ކުރަމުން އަންނަ ބަހުސަށް ނިމުމެއް އަންނާނެއެވެ. އެއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކީ ރޮނާލްޑޯތޯ ނޫނީ މެސީތޯ ބެލުމުގެ ބަހުސެވެ. ޕޯޗުގަލްއާއެކު ދެވަނަ ފަހަރަށް ރޮނާލްޑޯއަށް ތަށި ހޯދިއްޖެނަމަ ދެން އިތުރަށް އޭނާ ކުރަންޖެހޭ ކަމެއް ނޯންނާނެއެވެ. އެހިސާބުން ބަހުސް ނިމޭނެއެވެ.