Advertisement
ކ. މާލެ
|
13 މެއި 2017 | ހޮނިހިރު 14:59
ނަރުހުންގެ ދުވަހާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަ ދައްކަވަނީ
ނަރުހުންގެ ދުވަހާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަ ދައްކަވަނީ
ހެލްތު މިނިސްޓްރީ
ނަރުހުންގެ ދުވަސް
އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް
ރާއްޖޭގައި 2000 އަށް ވުރެ ގިނަ ނަރުހުން މަސައްކަތް ކުރޭ
އޭގެތެރެއިން 45 ނަރުހުންނަކީ ބިދޭސީން
ރާއްޖޭގައި އުފަންވާ ކުދިންގެ ތެރެއިން 99 ޕަސެންޓް ކުދިން އުފަން ވަނީ ނަރުހުންގެ އަތް މައްޗަށް

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ނަރުހުންނަކީ ދިވެހިން ކަމުގައި ހެދުން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައިހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖޭގައި މިވަގުތު 2،000 އެއްހާ ނަރުހުން ތިބި ކަމަށާއި އޭގެ ތެރެއިން 45 ޕަސެންޓަކީ ބިދޭސީ ނަރުހުން ކަމަށެވެ.  ނަމަވެސް ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުންނަކީ ދިވެހިންނަށް ހެދުމަށްޓަކައި ނަރުހުން ތަމްރީނު ކުރުމާއި ތަމްރީނު ޕްރޮގްރާމްތައް އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ބޮޑެތި ސިޔާސަތުތައް ކަނޑައެޅުމުގައި ނަރުހުން އަދާކުރާ ދައުރު ބޮޑު ކަމަށާއި ނަރުހުންނެތި ސިއްހީ ދާއިރާގެ އޮނިގަނޑު ބިނާ ނުކުރެވޭނެ ކަމަށެވެ.  

ނާޒިމް ވިދާޅުވި ގޮތުގައި ނަރުހުންގެ ކުރިއެރުމަށްޓަކައި މަސައްކަތްތަކެއް ދަނީ ކުރެވުމުންނެވެ. އެގޮތުން ނަރުހުންގެ ފަންނީ އޮނިގަނޑު ވުޖޫދަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގައި ދަތިތަކެއް ހުރި ކަމަށް  މިނސްޓަރު ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިހާރު އުފަންވާ 99 ޕަސެންޓް ކުދިންނަކީ ނަރުހެއްގެ ހާޒިރުގައި އުފަންވާ ކުދިން ކަމަށެވެ. އަދި ރާއްޖޭގައި މަރުވާ މީހުންގެ 90 ޕަސެންޓް މީހުން މަރުވަނީ ވެސް ނަރުހެއްގެ ހާޒިރުގައި ކަމަށާއި މިކަންކަމަކީ ނަރުހުން އެ މީހުންގެ މަސައްކަތާ މެދު ފަޚުރުވެރިވާން ޖެހޭ ފަދަ ކަމެއް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ނަރުހުންގެ ހިދުމަތުގައި  40 އަހަރު ހޭދަކޮށްފައިވާ ދެ ނަރުހަކަށް އެކަމުގެ ހަނދާނީ ފިލާ އާއި އިނާމު ހަވާލުކުރިއިރު، ނާޒިމް ވިދާޅުވީ އެ އިނާމަކީ މިހާތަނަށް އޭނާ އަތްޕުޅުން މީހަކާ ހަވާލުކޮށްދެއްވި އެންމެ އަގުހުރި އިނާމު ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް