Advertisement
ކ. މާލެ
|
13 މެއި 2017 | ހޮނިހިރު 14:43
ތިން ފަހަރެއްގެ މަތިން ފަސްކުރި އިންތިޚާބު ބޭއްވީ މިމަހުގެ 6 ވަނަ ދުވަހު
ތިން ފަހަރެއްގެ މަތިން ފަސްކުރި އިންތިޚާބު ބޭއްވީ މިމަހުގެ 6 ވަނަ ދުވަހު
ރާއްޖެ އެމްވީ
ކައުންސިލް އިންތިިިޚާބު
ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ
ކުރިނބީގައި އެމްޑީޕީގެ ދެ ކެނޑިޑޭޓަކާއި ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ނަތީޖާ އެއްވަރު
ކޮމަންޑޫގައި އެމްޑީޕީ ދެ ކެނޑިޑޭޓެއްގެ ނަތީޖާ އެއްވަރު
ދެވަނަ ބުރު ބާއްވާނެ ދުވަހެއް އަދި ހާމައެއް ނުކުރޭ

މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މިހާތަނަށް ވަގުތީ ނަތީޖާ އިއުލާނުކުރެވުނު ރަށްތަކުގެ ތެރެއިން ދެވަނަ ބުރެއް ބާއްވަން ޖެހެނީ ދެ ރަށެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ މިހާތަނަށް އިއުލާނުކުރެވުނު ވަގުތީ ނަތީޖާ ދައްކާ ގޮތުން ކެނޑިޑޭޓުންގެ ނަތީޖާ އެއްވަރުވުމުގެ ސަަބަބުން އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ ށ. ކޮމަންޑޫ އާއި ހދ. ކުރިނބީގައި ކަމަށެވެ.

ށ. ކޮމަންޑޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ތިން ކެނޑިޑޭޓަކާއި ޕީޕީއެމްގެ ޓިކެޓުގައި ތިން ކެނޑިޑޭޓަކު ވާދަކުރިއިރު، އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ އެމްޑީޕީ އިން ވާދަކުރި ދެ ކެނޑިޑޭޓެއްގެ ނަތީޖާ އެއްވަރުވުމުންނެވެ.

އެގޮތުން އެމްޑީޕީން ވާދަކުރި އަހުމަދު ރިފްއަތުއާއި މުހައްމަދު އާރިފް އަހްމަދުގެ ނަތީޖާ ވަނީ އެއްވަރުވެފަ އެވެ. ދެ ކެނޑިޑޭޓުންނަށް ވެސް ލިބިފައިވަނީ 518 ވޯޓެވެ. 

ކޮމަންޑޫ ކައުންސިލަށް ތިން ކައުންސިލަރުން އިންތިޚާބު ކުރާއިރު، އިންތިޚާބުގައި ވާދަ ކުރި ހަ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބުނީ ޕީޕީއެމުން ވާދަކުރި މުހައްމަދު ޝުޖުއާން އަށެވެ. މުހައްމަދު ޝުޖުއާން އަށް 568 ވޯޓް ލިބުނު އިރު ދެވަނަ އަށް އެންމެ ގިނަ ވޯޓް ލިބުނު އެމްޑިޕީގެ ކެނޑިޑޭޓް މުހައްމަދު މުފީދަށް ލިބުނީ 556 ވޯޓެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން މުހައްމަދު ޝުޖުއާން އާއި މުހައްމަދު މުފީދަށް ގޮނޑި ވަނީ ކަށަވަރުވެފަ އެވެ. ތިން ވަނަ ކައުންސިލަރު ކަށަވަރުވަނީ ނަތީޖާ އެއްވަރުވި ދެ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ އިންތިޚާބަށް ފަހު އެވެ.

ނިމިދިޔަ ކައުންސިލްގެ ދައުރަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުން ކޮމަންޑޫ ކައުންސިލަށް އިންތިޚާބުވީ އެމްޑީޕީގެ ތިން ކެނޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ ދެ ކެނޑިޑޭޓުންނެވެ.

ހދ. ކުރިނބި ކައުންސިލަށް ވެސް ވާދަކޮށްފައިވަނީ އެމްޑީޕީއާއި ޕީޕީއެމުންނެވެ. ކޮންމެ ޕާޓީއަކުން ތިން ކެނޑިޑޭޓަކު ވާދަކުރި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ އެމްޑީޕީގެ ދެ ކެނޑިޑޭޓަކާއި ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ނަތީޖާ އެއްވަރުވުމުންނެވެ. 

އެގޮތުން ނަތީޖާ އެއްވަރުވެފައިވަނީ ޕީޕީއެމް އިން ވާދަކުރި އިސްމާއިލް އާސިފް އާއި އެމްޑީޕީން ވާދަކުރި މުހައްމަދު ޝާފީގެ އިތުރުން އެމްޑީޕީން ވާދަކުރި އަހުމަދު މުޖުތަބާގެ އެވެ. ތިން ކެނޑިޑޭޓުންނަށް ވެސް ލިބިފައިވަނީ 218 ވޯޓެވެ.

ކުރިނބީ ކައުންސިލަށް ވެސް ތިން ކައުންސިލަރުން އިންތިޚާބު ކުރާއިރު، މިހާތަނަށް ގޮނޑި ކަށަވަރުވެފައިވަނީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރި ދެ ކެނޑިޑޭޓަކަށެވެ. އެގޮތުން 242 ވޯޓާއެކު އަބްދުލްފައްތާހު އަބޫބަކުރަށް އެންމެ ގިނަ ވޯޓް ލިބުނު އިރު، ދެވަނަ އަށް ދިޔަ މުހައްމަދު އަފްރާހަށް ލިބިފައިވަނީ 229 ވޯޓެވެ. 

އެހެންކަމުން ކުރިނބީ ކައުންސިލަށް އިންތިޚާބުވާ ދެވަނަ ކެނޑިޑޭޓް ކަށަވަރުވާނީ ނަތީޖާ އެއްވަރުވި ތިން ކެނޑިޑޭޓުންގެ މެދުގައި ބާއްވާ ދެވަނަ ބުރަށް ފަހުގަ އެވެ.

ނިމިދިޔަ ކައުންސިލްގެ ދައުރަށް ކުރިނބިން ހޮވާފައިވަނީ އެމްޑީޕީގެ ހަތަރު ކެނޑިޑޭޓަކާއި ޕީޕީއެމްގެ ކެނޑިޑޭޓެކެވެ. 

އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިފައިނުވާއިރު، ދެވަނަ ބުރު ބާއްވާނެ ދުވަހެއް މިހާތަނަށް އިލެކްޝެންސް ކޮމިޝަނުން ހާމަކޮށްފައި ނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް