ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ހޮވިފައިވާ ކެންޑިޑޭޓުން އެ ގޮތުގައި ތިއްބެވެމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އިންތިހާބީ ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ދުވަސްވަރަކީ، ގާނޫނީ އިމުގެ ބޭރުން އެތައް ކަމެއް ހިނގަމުންދާ ދުވަސްވަރެއްކަމަށާއި އެކަން ހުއްޓުވުމަށާއި ސަރުކާރުގެ ނުފޫޒުން މިނިވަން މުއްސަސާތައް ސަލާމަތްކޮށް ގާނޫނީ ވެރިކަން ނެގެހެއްޓުމަށް މިނިވަން ކެންޑިޑޭޓުންގެ ދައުރު މުހިންމު ކަމަށެވެ. އެހެން ކަމުން އިންތިޚާބުވި އަމިއްލަ ކެންޑިޑޭޓުން އިންތިހާބުކުރި ގޮތުގައި ސާބިތުކަމާއެކު ގައުމުގެ ހައްގުގައި ދެމި ތިއްބެވުމަށް ވަރަށް އިހްލާސްތެރިކަމާއެކު އިލްތިމާސް ކުރައްވާކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫނު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ހޮވުނު ގިނަ އަމިއްލަ ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ ފިކުރަށް ތާއިދު ކުރައްވާ ކެންޑިޑޭޓުން ކަމަށް ވެރިކަން ހިންގާ ޕާޓީ ޕީޕީއެމުން ބުނެފައި ވަނިކޮށެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން 100 އެއްހާ ކެންޑިޑޭޓުން ކައުންސިލްތަކަށް އިންތިހާބުވި ކަމަށް ވަގުތީ ނަތީޖާ އިން ދައްކަ އެވެ.
މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަކީ ސަރުކާރުގެ ކެންޑިޑޭޓުން ފިޔަވައި އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އިންތިހާބެއް ކަމަށެވެ. އެގޮތުން ކެމްޕޭން ކުރުމާއި ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި އެކި ހުރަސްތައް ދިމާވެފައިވާކަމަށް މައުމޫނު ވިދާޅުވިއެވެ.