Advertisement
ކ. މާލެ
|
12 މެއި 2017 | ހުކުރު 14:21
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް - އޭނާ ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުގައި
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް - އޭނާ ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުގައި
މުހައްމަދު ޝަރުހާން
ގާސިމް ދޫކޮށްލުމަށްކުރި ޝަރުތު
ގާސިމަށް ލިބިދޭ އަސާސީ ހައްގުތަކުން މަހުރޫމް ކުރުން ގާނޫނުއަސާސީއާ ހިލާފް: އެމްޑީޕީ
ޤާނޫނުލް އުޤޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިނުވާ ކަންކަން ހިފެއްޓުމަކީ ހުދުމުހުތާރު ވެރިކަމެއް ދެމެހެއްޓުމަށް ކުރާ ކަމެއް
އެފަދަ ޝަރުތުތައް ކަނޑައެޅުމަކީ ޝަރުޢީ ކޯޓުތަކަށާއި ދައުލަތުގެ މުވައްސަސާތަކަށް ލިބިގެންވާ ބާރެއްނޫން
ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބިފައިވާ ސިޔާސީ ލީޑަރުންނަށް ސިޔާސީ މަސައްކަތް ކުރެވޭނެ ޖާގަ ލިބެން ޖެހޭ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ޝަރުތުތަކަކާއެކު ދޫކޮށްފައިވަނީ އެމަނިކުފާނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޙައްޤުތަކުން މަޙްރޫމްކޮށްފައި ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

 

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ޤާނޫނުލް އުޤޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިނުވާ ކަންކަން މަނާކުރުމާއި ކަނޑައެޅިގެން ޤާނޫނު އަސާސީން އެމަނިކުފާނަށް ލިބިދޭ ޚައްޤުތައް ހިފެހެއްޓުމަކީ ޚުދުމުހުތާރު ވެރިކަން ދެމެހެއްޓުމަށް ކުރާ ކަމެކެމެވެ. އެފަދަ ޝަރުތުތައް ކަނޑައެޅުމަކީ ޝަރުޢީ ކޯޓުތަކަށާއި ދައުލަތުގެ މުވައްސަސާތަކަށް ލިބިގެންވާ ބާރެއްނޫން ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

 

އެމްޑީޕީން ބުނީ، ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓަށް ޤާސިމް އިބްރާހީމް ތާޢީދު ކުރެއްވުމާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދުއްތުރާތައް ކުރުމާއި އަނިޔާވެރިކަން އިންތިހާއަށް އިތުރުކުރަމުން އަންނަކަމީ މިއަދު ދިވެހިން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެކަން މެއި ހަ ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވަރަށް ފުރިހަމައަށް ރައްޔިތުން ދައްކުވައިދީފި ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

 

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބިފައިވާ ސިޔާސީ ލީޑަރުންނަށް ސިޔާސީ މަސައްކަތް ކުރެވޭނެ ޖާގައާއި ފުރުޞަތު ލިބެންޖެހޭނެއެވެ. ހަމައެހެންމެ ރައްޔިތުންނާ މަޝްވަރާކޮށް، ޖަލްސާތައް ބާއްވައި ދޮރުން ދޮރަށް ހިނގައި، ރައްޔިތުން އެދޭ ކަންކަމަށް ވަކާލާތު ކުރުމަކީ ޑިމޮކްރަޓިކް ނިޒާމެއްގައި މިނިވަންކަމާއެކު ސިޔާސީ ޕާޓީތަކަށާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ކުރެވެން ޖެހޭނެ ކަންތައްތަކެއް ކަމަށް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

 

ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޯޓު އޯޑަރުން އަސާސީ ޙައްޤުތައް ހަނިކުރުމާއި، މުދާތައް އަތުލައި ބިރުދެއްކުންފަދަ ކަންކަން ކޮށްގެން ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް ހުއްޓުވުމަކީ ސަރުކާރުން ކުރާ ދަށުދަރަޖައިގެ ކަންކަންކަމެވެ. އަދި ދިވެހި ސަރުކާރުން އެފަދަ ކަންކަން ހުއްޓުވަންކުރާ ކަންކަމުގެ ސަބަބުން މުވައްސަސާތައް ސިޔާސީވެ، ފުލުހުންގެ މުވައްސަސާތައް ފަދަ މުހިއްމު ތަންތަނުގެ މުޅި މިސްރާބު ސިޔާސީ ޚުދުމުހުތާރުވެގެންދާކަމަށެވެ. އަދި އިޖްތިމާޢީ ފޭރާން ގެއްލި، ބޮޑެތި ކުށްތައް އިތުރުވުމަށް މެދުވެރިވާ ކަމެއްކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

 

އޭގެއިތުރުން އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ފާއިތުވީ 5 ވަރަކަށް އަހަރުގެ ތެރޭގައި އެފަދަ ކަންކަން ތަކުރާރުވެ، ޤަނޫނުގެ ވެރިކަން މިއަދު ދަނީ ގެއްލެމުން ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ފާލުން ނެއްޓިފައިވާ ވަގުތުގައި ދިވެހިންނަށާއި ދިވެހިރާއްޖެއަށް މުހިއްމީ ސިޔާސީ ލީޑަރުން މިނިވަންކޮށް، ރައްޔިތުން އެދޭ ބަދަލު ޤާއިމްކުރުން ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

 

ގާސިމް ދޫކޮށްލާފައިވަނީ ހަތް ޝަރުތެއް ކުރުމަށް ފަހު އެވެ. އެ ޝަރުތުތައް ކޮށްފައިވަނީ 60 ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތުގެ ތެރޭގައި އޭގެން ޝަރުތަކާ ގާސިމް ޚިލާފްވެއްޖެނަމަ ހައްޔަރުކުރާނެ އެވެ.

 

ގާސިމަށް ކުރި ޝަރުތުތަކަކީ:

  • ތަހުގީގަށް އެއްބާރުލުން ދެއްވުން
  • ފުލުހުންގެ ހުއްދަ ލިބިގެން މެނުވީ ރަށުން ބޭރަށް ވަޑައިނުގަތުން
  • ފިތުނަ އުފެދޭ ކަހަލަ ވާހަކަތައް ދައްކާ މީހުންނާއެކު ބައްދަލުވުންތައް ނުބޭއްވުން
  • ހެކި ގެއްލިދާނެ ފަދަ ނުވަތަ ހެއްކަށް ނުފޫޒު ފޯރަފާނެ ފަދަ އެއްވެސް ކަމެއް ނުކުރެއްވުން
  • ފިތުނަ އުފެދޭ ފަދަ ވާހަކަތައް ނުދެއްކެވުން
  • ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދެއްކުމަށް ގާސިމްގެ ގޯތި ގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫނުކުރެއްވުން
  • ދައުލަތުގެ ތިން ބާރާއި، އެ ބާރުތަކުގެ ވެރިންނާ މެދު ނުތަނަވަސްކަން އުފެދޭ ކަހަލަ ވާހަކަ ނުދެއްކެވުން
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް