ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމަށް ހަމަވެގެންދާނީ 42 މެންބަރުން ނޫން ކަމަށާއި 57 މެންބަރުން ހަމަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ރާއްޖެ ޓީވީއަށް ދެއްވި ފުރަތަމަ އިންޓަރވިއުގައެވެ.
ސްރީލަންކާގައި ހުންނަވައިގެން ރާއްޖެ ޓީވީއަށް ދެއްވި އިންޓަރވިއުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ދިވެހިރާއްޖެއަށް ހެޔޮ އެދޭނަމަ މިހާރުން މިހާރަށް ސިޔާސީ ލީޑަރުން ދޫކޮށްލައްވާ އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކަވައިގެން 2018 އަށް މިނިވަން އިންސާފްވެރި އިންތިޚާބަކަށް ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް އެކަން ނުކުރައްވައިފިނަމަ ރައީސް ޔާމީން މަޤާމުން ދުރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އެހެން ނުހައްދަވައިފިނަމަ އަޅުގަނޑުމެންނަށް ޖެހޭނީ ރައީސް ޔާމީން ވަކިކުރުމަށް ބުރަ މަސައްކަތް ހަމަ އަދިވެސް ކުރިއަށް ގެންދަން.މި ލޯކަލް އިންތިޚާބަކީވެސް އެކަން ކުރުމަށް އަޅުގަނޑުމެން ކުރިކަމެއް. މިހާރު މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އެބޭފުޅުން އެތިއްބެވީ ރަނގަޅު ފަޅީގަ ނޫންކަން. ބޮޑުފަޅިއަކީ އެނޫންކަން" ރައީސް ނަޝީދު ވިދާޅުވިއެވެ.
މި އންތިޚާބަށްފަހު އެކަމަށް ލިބޭނެ ބާރަކީ ކޮބައިތޯ ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ ވޯޓުން އެނގުނު ހަޤީގަތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަރަށް ބޮޑު ހަޤީގަތެއް ކަން އެނގިގެން ދާނެ ކަމަށާއި އެ ބޭފުޅުން އެކަންކަމާމެދު ވިސްނަވާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، އިދިކޮޅު އަތްބަޔަށް ޑިގު ހަމަވާނެ ކަމަށާއި ނަމަވެސް މިހާރު އަތްބައި ހުޅުވާލައިފި ނަމަ ޑިގު ނުގޮވިދާނެ ކަމަށެ
ރައީސް ނަޝީދު ވިދާޅުވީ މިހާރު މިއޮތީ މަޖީލީހުގެ ޗުއްޓީ ކަމަށާއި މަޖިލީހުގެ މަސައްކަތް ފެށިގެންދާއިރު ކަންކަން ފެނިގެންދާނެ ކަމަށެވެ. އަދި ރައްޔިތުން އެދޭ އިސްލާހީ ބަދަލުތައް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.