ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި ރާއްޖެ ޓީވީން ގެނެސް ދިނުމަށް ހަމަޖެހިފައިވާ ކުރުފިލްމު ފެސްޓިވަލް 2017 ޖަޖް ކުރުމަށް ރާއްޖޭގެ މަޝްހޫރު ފިލްމީދާއިރާގެ ފަންނާނުންތަކަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވިދާޅުވީ ޖަޖުން ކަނޑައެޅުމުގައި ރާއްޖެ ޓީވީން ބަލާފައި ވާނީ ވީހާ ވެސް އިންސާފްވެރިކަމާ އެކު އަދި އެކަމުގެ އިލްމާއި ތަޖްރިބާ ލިބިފައިވާ ބަޔަކާ ހަވާލުކޮށްގެން އެކަން ކުރުމަށް ކަމަށެވެ. އެގޮތުން ޖަޖުންގެ ގޮތުގައި ކަނޑައެޅި ފަރާތްތަކަކީ ރާއޖޭގެ ފިލްމީ ދާއިރާގައި ފިލްމު އުފެއްދުމާއި ފިލްމު ޑައިރެކްޓް ކުރުމާއި މިއުޒިކް ހެދުން ފަދަ ދާއިރާތަކުން ފުންނާބު އުސް އަދި އެކަމުގެ އެވޯޑްތައް ހާސިލް ކޮށްފައިވާ ފަރާތްތައް ކަމަށެވެ.
ޖަޖުންގެ ޕެނަލްގައި ހިމެނެނީ އެންމެ ފަހުން ބޭއްވި ޤައުމީ ފިލްމު އެވޯޑްގައި ޖަޖްކޮށްފައިވާ މުހައްމަދު ޝަރީފް (ބާރު ޝަރީފް) އާއި މަޝްހޫރު މިއުޒީޝަން އައްޔުމަން ޝަރީފާއި، ޑައިރެކްޓަރ އަދި ކްރިއޯގްރާފަރ ރަވީ ފާރޫގްގެ ދިވެހި ފިލްމީ ދާއިރާއިން ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހާސިލްކޮށްފައިވާ އަމްޖަދު އިބްރާހީމެވެ.
ސޮއިކުރުމުގެ ހަފްލާގައި ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ވިދާޅުވީ ރާއްޖެ ޓީވީ ކަންޑައެޅި ޖަޖުންގެ ސބަބުން ފެންވަރު ރަނގަޅު އުފެއްދުންތަކެއް ބެލުންތެރިންނަށް ފެނުމުގެ ފުރުސަތު ފަހިވެ ފިލްމު ތައްޔާރު ކުރާ ފަރާތްތަކަށް ވެސް ރަނގަޅު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ރާއްޖެ ޓީވީ ދެމިއޮތްހާ ހިނދަކު ކޮންމެ އަހަރަކު ވެސް މިފިލްމު ފެސްޓިވަލް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ޖަޖުންގެ ޕެނަލުން ބުނީ ރާއްޖެ ޓީވީން މިފަދަ ފެސްޓިވަލެއް ފަށާތީ ޝުކުރު އަދާކުރާ ކަމަށާއި މިކަމުގެ ސަބަބުން ދިވެހި ފިލްމީ ދާއިރާއަށް އިތުރު ކުރިއެރުން ލިބިގެން ދާނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިކުރާ ފިލުމްތަކުގެ ދިގު މިނަކީ ތިން މިނެޓާއި ދިހަ މިނެޓާއި ދޭތެރެއެވެ.
އެންމެ މޮޅު ފިލްމަކަށް 50،000ރ. ހުށަހަޅާފައިވާ މި މުބާރާތުގައި ބެސްޓް ފިލްމްގެ އިތުރުން ބެސްޓް ޑައިރެކްޓަރ، ބެސްޓް އެކްޓަރ، ބެސްޓް އެކްޓްރެސް، ބެސްޓް ސިނަމަޓޯގްރަފީ، ބެސްޓް އެޑިޓަރ، ބެސްޓް ސްކްރީން ޕްލޭ އަދި ބެސްޓް މިއުޒިކް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
އާމިރު ސަލީމް ވިދާޅުވީ ރަމަޟާން މަހުގެ ކޮންމެ ހަފްތާއަކު ފެސްޓިވަލްގެ ޝޯއެއް އޮންނާނެ ކަމަށާއި އެޝޯވތަކުގައި ޖަޖުންގެ ހާޒިރުގައި ރާއްޖެ ޓީވީން އެފިލްމުތައް ދައްކަމުން ގެންދާނެ ކަމަށެވެ. އަދި ރަމަޟާން މަސް ނިމުމުން ފައިނަލް އިއުލާންކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އާމިރު ވިދާޅުވިއެވެ.