ޓުވީޓް ކޮށްގެން އެމްޑީޕީ "ގުއި ރޯނު" ގައި ޖެއްސުމަކީ ވަރަށް ގިނަ ކުރައްވާ ކަމެއް ކަމަށާއި އެގޮތުން ކައުންސިލް އިންތިހާބާ ގުޅިގެން ކުރެއްވި ޓުވިޓާ ގުޅިގެން ވެސް އެމްޑީޕީ ރަނގަޅަށް ގުއި ރޯނުގަ ޖެހިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް ވިދާޅުވެއްޖެއެވެ.
އެމްޑީއޭއާއެކު ޕީޕީއެމްއިން ކުރިއަށް ގެންދާ ސިލްސިލާ ޖަލްސާތައް ފެށުމަށް ބުދަ ދުވަހުގެ ރޭ އެމްޑީއޭ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ސިޔާސީ ގޮތުން އެމްޑީޕީ މެމްބަރުން ހާވިޔާކޮށްލުމަކީ އޭނާ އާއްމުކޮށް ކުރައްވާ ކަމެއް ކަމަށެވެ. އެކަން ކުރުމަށް އޭނާ ކުރައްވާ ކަމަކީ ޓްވީޓްތައް ކުރެއްވުން ކަމަށާއި އެ ޓުވީޓްތަކުން އެމްޑީޕީ މެންބަރުން ހަމަ ރަނގަޅަށް ވެސް "ގުއި ރޯނުގައި ޖެހި ބޮލަށް ފިތިފަވާ ތާވަޅެއް އޫޅެމުންދާ ހެން އުޅޭ ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ، އޭނާ ކުރެއްވި ޓްވީޓް މާނަކުރާނެ ގޮތެއް ނޭނގިގެން އެމްޑީޕީ "ބޮލަށް ފިތިފައިވާ ތާވަޅަތަކެއްހެން" އެނބުރުން ދަނިކޮށް ޕީޕީއެމް އިން 2018 ގެ ރިޔާސީ އިންތިހާބް ރައީސް އަބްދުﷲ ޔާމީންއާއެކު ކާމިޔާބް ކުރައްވާނެ ކަމަށެވެ.
ނިހާން ވިދާޅުވީ މީގެކުރިން ބޭއްވި ހުރިހައި އިންތިހާބެއް ވެސް ކާމިޔާބް ކުރީ ޕީޕީއެމް އިން ކަމަށެވެ. އެގޮތުން 2013ގެ ރިޔާސީ އިންތިހާބާއި 2014 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބް ނިހާން ފާހަގަ ކުރެއްވިއެވެ.
މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބަށް އިޝާރާތް ކުރައްވާ ނިހާން ވިދާޅުވީ އެ އިންތިހާބް ބަލަނީ އެއީ ފެންދީފައި ކެތިލުން ކަމަށާއި އަދި ފެންދީފައި ކަތި ލުމަކީ ވަރަށް ގިނައިން ކުރާ ކަމެއް ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ އާންމުގޮތެއްގައި ކައުންސިލް އިންތިހާބުގެ ނަތީޖާއަކީ ވަރަށް ބޮޑަށް އާއިލާތަކާ ގުޅިފައިވާ އިންތިހާބެއް ކަމަށެވެ. ނަމަވެސް މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީގެ ބޮޑެތި ކިއްލާތަކުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ތަންތަން ޕީޕީއެމް އިން ކާމިޔާބް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހުގެ ދާއިރާ ނިހާން ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ބައިނާޅިއަކުން ބަލިވެގެން މާޔޫސް ވާން ނުޖެހޭ ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ ކައުްނސިލް އިންތިހާބުގައި އޭނާ އަށް ވެސް ގޯސްތަކެއް ހެދިފައި ހުރެދާނެ ކަމަށާއި އެގޮތުން ވިލިމާލެ ދާއިރާއިން ޕީޕީއެމް އަށް ތާއިދު ކުރާ ބައެއް މީހުން އެމްޑީޕީ އަށް ވޯޓް ދިނީ އޭނާ އަށް ހެދުނު ގޯސްތަކެއްގެ ސަބަަބުން ކަމަށްވެދާނެ ކަމަށެވެ. ނަމަވެސް އެހުރިހައި ކަމެއް އެއްފަރާތް ކުރުމަށް ފަހު ކުރިއަށް އޮތް ރިޔާސީ އިންތިހާބް ރައީސް އަބްދުﷲ ޔާމީން އަށް ކާމިޔާބް ކޮށްދިނުމަށް އެއުމަށް ނިހގާން ގޮވާލެއްވިއެވެ.
މީގެއިތުރުން އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބިގެން ކުރިއަށް ދާން ޖެހޭ ކަމަށް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ބަސްފުޅަށް އިޝާރާތް ކުރައްވާ ނިހާން ވިދާޅުވީ އެކަކު އަނެކެއްގެ ކިބައި ހިތްވަރި ހޯދަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ހިތްވަރު ހޯދަން ޖެހޭނީ މާތްﷲގެ ހަޒުރަތުން ކަަމށް ނިހާން ވިދާޅުވިއެވެ. އަދި އެކަން 2012 ވަނަ އަހަރުގެ ހަތެއް ފެބްރުއަރީ ހާމަވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.