ކ. މާލެ
|
11 މެއި 2017 | ބުރާސްފަތި 16:28
ސަރުކާރުގެ ކޯލިޝަނުން ބުދަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި، ހެލްތު މިނިސްޓަރު ނާޒިމް ވާޙަކަ ދައްކަވަނީ.
ސަރުކާރުގެ ކޯލިޝަނުން ބުދަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި، ހެލްތު މިނިސްޓަރު ނާޒިމް ވާޙަކަ ދައްކަވަނީ.
ޓްވިޓަރ
ސިޔާސީ ހަރަކާތް
ކުނޫޒު "ބަންދުކޮށް"، ޕީޕީއެމްގެ ޖަގަހަ ޖަލްސާތައް ފަށައިފި
ކުނޫޒު ބަންދުކުރީ ގާސިމްގެ މައްޗަށް ކުރި ޝަރުތުތަކާ ގުޅިގެން
ގާސިމްގެ މައްޗަށް އަށް ޝަރުތެއް ކޮށްފައިވޭ
ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރުން ޝަރުތުގެ ތެރޭގައި ހިމެނޭ

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒުގައި އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ކުރިއަށް ނުގެންދެވޭ ގޮތަށް ކްރިމިނަލް ކޯޓުން، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރި ޝަރުތުތަކާއެކު ކުނޫޒު ބަންދުކޮށްފައިވާއިރު، ސަރުކާރުގެ ކޯލިޝަންގެ ޖަގަހަ ޖަލްސާތައް ބުދަ ދުވަހުގެ ރޭ ފަށައިފި އެވެ.

ސަރުކާރުގެ ކޯލިޝަންގެ ޖަގަހަ ޖަލްސާތައް   ކުރިއަށް ގެންދަނީ ޕީޕީއެމްގެ އޮފީސް ކައިރީގައި ހުންނަ، އެމްޑީއޭގެ ޖަގަހައިގަ އެވެ.

ބުދަ ދުވަހުގެ ރޭގެ އެ ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި ގޮތުގައި، ކޮންމެ ހަފުތާއެއްގެ ފަސް ރޭ ޖަގަހަ ޖަލްސާ އޮންނާނެ ކަމަށެވެ. ޖަގަހަައިގެ ޕޯޑިއަމް ކޮންމެ ބޭފުޅަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ. ޕޯޑިއަމްގައި ވާހަކަ ދެއްކެވުމަށް ކޮންމެ ބޭފުޅަކަށް ވެސް ފަސް މިނެޓް ލިބިވަޑައިގަންނަވާނެ ކަމަށާއި އެ ފަސް މިނެޓްގެ ތެރޭގައި، ރައީސް ޔާމީން 2018 އަށް ހޮއްވަވަން ޖެހޭ ސަބަބުތައް ކިޔައދި ދިނުމަށް އަބްދުއްރަހީމް އެދިވަޑައިގެންނެވި އެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާތައް ފެށިއިރު، އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ހިންގަމުން ދިޔަ ކުނޫޒު "ބަންދުކުރީ"، ގާސިމް މިނިވަންކުރަން ކްރިމިނަލް ކޯޓުން ބުދަ ދުވަހު ކުރި ޝަރުތުތަކާ ގުޅިގެންނެވެ.

ގާސިމް ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި ޝަރުތުތަކުގެ ތެރޭގައި ތަހުގީގަށް އެއްބާރުލުން ދެއްވުމާއި، ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ވަޑައިނުގަތުމާއި، ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވުމާއި، ހެކި ގެއްލިދާނެ ފަދަ ނުވަތަ ހެއްކަށް ނުފޫޒު ފޯރާ ފަދަ އެއްވެސް ކަމެއް ނުކުރެއްވުމއި، ފިތުނަ އުފެދޭ ވާހަކަތައް ނުދެއްކެވުމާއި، ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުން ހިމެނެ އެވެ. އަދި އެފަދަ ކަންކަމަށް މީހުންނަށް ގާސިމްގެ ތަންތަން ދޫ ނުކުރެއްވުން އަދި ދައުލަތުގެ ތިން ބާރާއި އެ ބާރުގެ ވެރިންނާ ބެހޭ ގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކުމެވެ.

 

- ކޮމެންޓް