ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ބޮޑެތި ޝަރުތުތަކެއްކޮށް ޖަލު ބަންދުން ދޫކޮށްލާފައިވަތީ އާއި ގާސިމް އިބްރާހީމްގެ ހިތްވަރަށް ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމް އާއި މުހައްމަދު ނަޝީދު ތައުރީފް ކުރައްވައިފި އެވެ.
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ ޖަލު ބަންދުން ގާސިމް ދޫކޮށްލާފައިވާތީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށާއި ގާސިމްގެ ހިތްވަރަށް ކުރުނީސް ކުރައްވާ ކަމަށެވެ. އަދި ގާސިމްއަށް ހެޔޮގޮތް މެދުވެރިކުރެއްވުމަށްއެދި ދުއާ ކުރައްވާކަމަށްވެސް ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
Extremely relieved and happy that Hon @qasimibrahim has been released. I salute his courage & wish him every success insha Allah.
— Maumoon Abdul Gayoom (@maumoonagayoom) May 10, 2017
ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ލީޑަރ ނަޝީދު ކުރައްވާފައިވާ ޓްވީޓްގައި ވަނީ ޝަރުތުތަކާއެކުވެސް ގާސިމް ޖަލުގެ ކުޑަގޮޅިން ސަލާމަތްވާގޮތް ވުމަކީ ލިބުނު އުފަލެއްކަމަށާއި އަދި އެއީ ލިބުނު ހިތްވަރެއް ކަމަށެވެ.
Sharuthuthakaa ekuves Hon. Gasim Ibrahim jaluge kuda golhin salaamaiy vaagoiy vumakee libune ufaleh adhi hivvareh
— Mohamed Nasheed (@MohamedNasheed) May 10, 2017
ގާސިމް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ބަންދާއި މެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުންނެވެ.
ގާސިމް ދޫކޮށްލާފައިވަނީ ހަތް ޝަރުތެއް ކުރުމަށް ފަހު އެވެ. އެ ޝަރުތުތައް ކޮށްފައިވަނީ 60 ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތުގެ ތެރޭގައި އޭގެން ޝަރުތަކާ ގާސިމް ޚިލާފްވެއްޖެނަމަ ހައްޔަރުކުރާނެ އެވެ.
ގާސިމަށް ކުރި ޝަރުތުތަކަކީ:
- ތަހުގީގަށް އެއްބާރުލުން ދެއްވުން
- ފުލުހުންގެ ހުއްދަ ލިބިގެން މެނުވީ ރަށުން ބޭރަށް ވަޑައިނުގަތުން
- ފިތުނަ އުފެދޭ ކަހަލަ ވާހަކަތައް ދައްކާ މީހުންނާއެކު ބައްދަލުވުންތައް ނުބޭއްވުން
- ހެކި ގެއްލިދާނެ ފަދަ ނުވަތަ ހެއްކަށް ނުފޫޒު ފޯރަފާނެ ފަދަ އެއްވެސް ކަމެއް ނުކުރެއްވުން
- ފިތުނަ އުފެދޭ ފަދަ ވާހަކަތައް ނުދެއްކެވުން
- ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދެއްކުމަށް ގާސިމްގެ ގޯތި ގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫނުކުރެއްވުން
- ދައުލަތުގެ ތިން ބާރާއި، އެ ބާރުތަކުގެ ވެރިންނާ މެދު ނުތަނަވަސްކަން އުފެދޭ ކަހަލަ ވާހަކަ ނުދެއްކެވުން
ކޯޓު އަމުރެއްގެ ދަށުން ގާސިމް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އެދިވަޑައިގަތުމުގެ މަތިން ގާސިމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ނެރުއްވި އަމުރުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މި މަހުގެ 10 ގައި ފާސްކުރުމާ ގުޅިގެން، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށްޓަކައި 42 މެމްބަރުންގެ ސޮއި ހޯއްދެވުމަށް މެމްބަރުންނަށް ގާސިމް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވުމާއި ރައްޔިތުންގެ މެދުގައި ފިތުނަ އާއި ބިރުވެރިކަން އުފެއްދެވުމަށް ގާސިމް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ވެސް ކޯޓު އަމުރުގައި ކޮށްފައިވެ އެވެ.
ގާސިމްގެ މައްޗަށް ކުރި އެޝަރުތުތަކާއެކު ޖުމްހޫރީ ޕާޓީގެ ޖަގަހަ އަދި ގާސިމްގެ އިބްރާހީމްގެ އަމިއްލަ ގެއެއް ކަމަށްވާ މ. ކުނޫޒުގައި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ސިލްސިލާކޮށް ބާއްވަމުން ގެންދާ ޖަލްސާތައް މިވަނީ އެމްޑީޕީގެ ހަރުގެއަށް ބަދަލުކޮށްފަ އެވެ.