Advertisement
ކ. މާލެ
|
11 މެއި 2017 | ބުރާސްފަތި 02:44
ކުނޫޒު ޖަލްސާއެއްގެ ތެރެއިން
ކުނޫޒު ޖަލްސާއެއްގެ ތެރެއިން
ޓްވިޓަރ
ކުނޫޒު ޖަލްސާ
ޤާސިމަށް ކުރި ޝަރުތުތަކާއި އެކު ކުނޫޒު ޖަލްސާ އެމްޑީޕީ ހަރުގެއަށް
ޤާސިމްގެ މައްޗަށް 7 ޝަރުތު ކޮށްފައިވޭ
3 ޝަރުތެއްގެ ސަބަބުން ޤާސިމްއަށް ސިޔާސީ ހަރަކާތް ހިންގުމަށް ހުރަސްއެޅޭ
1 ޝަރުތުގެ ސަބަބުން ކުނޫޒުގައި ސިޔާސީ ބައްދަލުވުމާއި، ޖަލްސަ ބޭއްވުމަށް ހުރަސްއުޅޭ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ފުލުހުންގެ ބަނqދުން ދޫކޮށްލުމުގެ ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުތުތަކުގެ ސަބަބުން އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބާއްވަމުންދިޔަ ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާތަކުގެ ތެރެއިން ބުދަ ދުވަހުގެރޭ ބާއްވަން ހަމަޖައްސާފައި އޮތް ޖަލްސާ އެމްޑީޕީގެ ހަރުގޭގައި ބާއްވަން ނިންމައިފިއެވެ.

ޤާސިމް ހައްޔަރުކޮށް، ދެފަހަރެއްގެމަތިން ބަންދުގެ މުއްދަތު އިތުރުކޮށް، ތިންވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް އޭނާ ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ 7 ޝަރުތަކާއި އެކު ޤާސިމް ދޫކޮށްލާފައެވެ. އެ ޝަރުތު ތަކުގެ ތެރޭގައި ތަހުގީގަށް އެއްބާރުލުން ދިނުމާއި، ހެއްކަށް ނުފޫޒު ފޯރަފާނެ ފަދަ ކަންކަން ނުކުރުން ފަދަ އަސާސީ ކަންކަން ހިމެނޭ އިރު ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ ހައިސިއްޔަތުން ޤާސިމް ކުރަން ޖެހިވަޑައިގަންނަވާ ބައެއް މަސައްކަތްތަކާއި، ޖުމްހޫރީ ޕާޓީއާއި، ގުޅިފައިވާ ސިޔާސީ ހަރަކާތުގެ ބައިވެރިންގެ ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅިދާނެ ފަދަ ޝަރުތުތައްވެއެވެ.

އެގޮތުން ޤާސިމްގެ މައްޗަށް ޝަރުތު ކޮށްފައިވަނީ،

  • ތަހުގީގަށް އެއްބާރުލުން ދިނުން
  • ފުލުހުންގެ ހުއްދަ ލިބިގެން މެނުވީ ރަށުން ބޭރަށް ނުދިއުން
  • ފިތުނަ އުފެދޭ ކަހަލަ ވާހަކަތައް ދައްކާ މީހުންނާއެކު ބައްދަލުވުންތައް ނުބޭއްވުން
  • ހެކި ގެއްލިދާނެ ފަދަ، ނުވަތަ ހެއްކަށް ނުފޫޒު ފޯރަފާނެ ފަދަ އެއްވެސް ކަމެއް ނުކުރުން
  • ފިތުނަ އުފެދޭ ފަދަ ވާހަކަތައް ނުދެއްކުން
  • ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދެއްކުމަށް ގާސިމްގެ ގޯތި ގެދޮރު ބޭނުން ނުކުރުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫނުކުރުން
  • ދައުލަތުގެ ތިން ބާރާއި، އެ ބާރުތަކުގެ ވެރިންނާ މެދު ނުތަނަވަސްކަން އުފެދޭ ކަހަލަ ވާހަކަ ނުދެއްކުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އޮފިޝަލަކު ވިދާޅުވީ، މި ޝަރުތުތަކުގެ ތެރޭގައި "ފިތުނަ އުފޭދޭ ފަދަ ވާހަކަ" އާއި ގުޅޭ ތިން ޝަރުތެއް ހިމެނޭ އިރު، އެފަދަ ވާހަކައަށް ވާނީ ކޮން ކަހަލަ ވާހަކައެއްކަން ބަޔާން ކޮށްފައި ނުވާތީ ސިޔާސީ ގޮތުން ދައްކާ ވާހަކައަކީވެސް މިފަދަ ވާހަކަކަމަށް، ކަމާއިބެހޭ ފަރާތްތަކުން ދޭހަ ކޮށްފާނެކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން، އެފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށް، ޖަލްސާ ހަރުގެއަށް ބަދަލުކުރީކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، ޖަލްސާ ހަރުގެއަށް ބަދަލުކުރި ނަމަވެސް، ޖަލްސާގެ ފޯރިއާއި ރައްޔިތުންގެ ފަރާތުން ލިބެމުންދާ ތާއީދަށް ބަދަލު އަންނާނެ ކަމަށް ޤަބޫލުނުކުރެއްވޭ ކަމަށެވެ.  

މި ތިން ޝަރުތުގެ އިތުރުން، ދައުލަތުގެ ތިން ބާރާއި، އެ ބާރުތަކުގެ ވެރިންނާ މެދު ނުތަނަވަސްކަން އުފެދޭ ކަހަލަ ވާހަކަ ނުދެއްކުންވެސް ޝަރުތެއްގެ ގޮތުގައި ހިމަނާފައިވާއިރު، ސިޔާސި ފަރާތްތަކުން ސިފަކުރައްވާ ގޮތުގައި މި ޝަރުތުގެ ސަބަބުން، ދައުލަތުގެ ތިން ބާރު ޒިންމާދާރު ކުރުވުމުގެ މަޤުޞަދުގައިވެސް ޤާސިމްއަށް ވާހަކައެއް ނުދެއްކޭނެއެވެ.

އަދި ޚާއްސަކޮށް، 60 ދުވަހުގެ މުއްދަތަށް ކޮށްފައިވާ މި ޝަރުތުތަކާއި ގުޅިގެން ޤާސިމް އިބްރާހިމްއަށް ސިޔާސީ ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަރަށް ބޮޑަށް ހަނިވެގެން ގޮސްފައިވާކަމަށް ސިޔާސީ ފަރާތްތަކުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް