އެންވަޔަރަމެންޓް މިނިސްޓްރީގެ ކޯޑިނޭޓަރުކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި އެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ކޯޑިނޭޓަރު ކަމުގެ މަގާމުން އިއްޒަތު ވަކިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ހޯމަ ދުވަހު އެވެ.
ގދ. ފަރެސްމާތޮޑާ އަށް ނިސްބަތްވެވަޑައިގަންނަވާ އިއްޒަތު މަގާމުން ވަކިކޮށްވަނީ، ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފަރެސްމާތޮޑާގެ ކައުންސިލަށް އެމްޑީޕީގެ ކެނޑިޑޭޓުން ހޮވުމަށް އޭނާގެ ބައްޕަ މަސައްކަތް ކޮށްފައިވާތީ ކަމަށް މައުލޫމާތު ލިބެ އެވެ.
އިއްޒަތުގެ ބައްޕައަކީ ފަރެސްމާތޮޑާގައި އެމްޑީޕީގެ ހަރަކާތްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ.
އިއްޒަތުއަކީ ވޮލީބޯލް އެސޯސިއޭޝަންގެ ކުރީގެ ނައިބު ރައީސް އެވެ.
މިހާރުގެ ނަތީޖާ ދައްކާ ގޮތުން ފަރެސްމާތޮޑާ ކައުންސިލަށް ހޮވެނީ އެމްޑީޕީން ވާދަކުރި ތިން ކެނޑިޑޭޓުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި ފަރެސްމާތޮޑާ ދާއިރާ ތަމްސީލު ކުރައްވަނީ ޕީޕީއެމްގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. އިންތިޚާބުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އެމްޑީޕީ އިންނެވެ. އެގޮތުން މީގެ ކުރިން ޕީޕީއެމްއަށް ތާއީދު އޮތް ބޮޑެތި ދާއިރާތަކެއް މި އިންތިޚާބުގައި އެ ޕާޓީއަށް ވަނީ ގެއްލިފަ އެވެ.