ކޮޕް އަކީ ކޮންފަރެންސް އޮފް ދަ ޕާޓީސް އެވެ. މިއީ އދ ގެ ކްލައިމެޓް ޗޭންޖާއި ގުޅޭ ފްރޭމްވޯރކް ކޮންވެންޝަން ގައި ސޮއިކޮށްފައިވާ ހުރިހާ ގައުމަކުންވެސް ބައިވެރިވާ ކޮންފަރެންސްއެކެވެ. އެގޮތުން 197 ގައުމަކުން ވަނީ މިކޮންވެންޝަން ގައި ސޮއިކޮށްފައެވެ. މިކޮންވެންޝަން އެންމެ ފުރަތަމަ އެކުލަވާލީ 1992 ވަނަ އަހަރުއެވެ.
މިކޮންވެންޝަންގެ ދަށުން އެންމެ ފުރަތަމަ ކޮންފެރެންސް އެއް ބާއްވާފައިވަނީ 1995 ވަނަ އަހަރު ބާލިންގައެވެ. އޭގެފަހުން ކޮންމެ އަހަރަކުވެސް އަންނަނީ ކޮޕް ބާއްވަމުންނެވެ. މިއަހަރު ބާއްވަނީ ކޮޕްގެ 26 ވަނަ ކޮންފަރެންސް އެވެ.
މިކޮންފެރެންސްގެ އެންމެ މުހިންމު ބޭނުމަކީ ގައުމުތަކުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން އެއްވެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެގައުމުތަކަށް ކުރިމަތިވާ ކަންކަމާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގައުމުތަކުން ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ. އަދި އެކަންކަމާއި ގުޅޭގޮތުން ދިރާސާކޮށް ދެން ކުރަންވީ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކާ ގައުމުތައް ގުޅިގެން ކުރެވޭނެކަންކަން ނިންމުމެވެ. މީގެއިތުރުން މެމްބަރު ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަކީވެސް މިކޮންވެންޝަންގެ ދަށުން ކުރަންޖެހޭ ކަމެކެވެ.
ކޮޕް26 ކުރިޔަށްދާނީ އޮކްޓޯބަރ މަހުގެ 31ން ނޮވެމްބަރ މަހުގެ 12 އަށެވެ.
ކޮޕް26 ބާއްވާނީ ޔޫކޭގައެވެ. މިއީ ކޮޕްގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޔޫކޭގައި މިކޮންފެރެންސް ބާއްވާ ފަހަރެވެ. ސްކޮޓްލެންޑްގެ އެންމެ ބޮޑު ސިޓީކަމުގައިވާ ގްލާސްގޯ ގައި ކޮންފެރެންސް ކުރިޔަށްދާނީ މައިގަނޑު ދެ ސަރަހައްދެއްގައެވެ. އެއީ ބްލޫ ޒޯން އާއި ގްރީން ޒޯންގައެވެ.
ދެ ހަފްތާގެ މުއްދަތަށް ކުރިޔަށްދާ މިކޮންފެރެންސްގައި ފުރަތަމަ ހަފްތާގައި ސަރުކާރުތަކުގެ އޮފިޝަލުން މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ޓެކްނިކަލް ކަންކަމާއި ގުޅޭގޮތުންނެވެ. އެގޮތުން ކާބަން ކްރެޑިޓްސް، ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކަށް ދޭ ފަންޑު އަދި މޫސުމީ ބަދަލުތަކަށް ގުދުރަތީ ގޮތުން ގެނެވޭނެ ބަދަލުތަކާއި ގުޅޭގޮތުން ވާހަކަތައް ކުރިޔަށް ގެންދާނެއެވެ.
ދެ ވަނަ ހަފްތާގައި ކުރިޔަށްދާނީ ޖިންސީ ހަމަހަމަކަން، ދަތުރުފަތުރު، މޫސުމީ ބަދަލުތަކަށް ސައިންސްގެ ޒަރީޢާއިން ގެނެވޭނެ ހައްލު އަދި މައްސަލަތަކަށް ގެންނާނެ ހައްލުތަކާއި ގުޅޭގޮތުން ވާހަކަދެއްކުމެވެ.
މިފަހަރުގެ ކޮންފެރެންސް މުހިންމުވާ މައިގަނޑު ސަބަބަކީ 2015 ވަނަ އަހަރު ޕެރިސްގައި ބޭއްވި ކޮޕް ކޮންފަރެންސްގައި ގައުމުތަކުން އެއްބަސްވި ޕެރިސް އެގްރިމެންޓްގައިވާ ކަންކަންމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިންމަންޖެހޭތީއެވެ.
ދުނިޔެ ހޫނުވަމުންދާ ދުވެލި 2 ޑިގްރީ ސެލްސިއަސްއަށް ވުރެ ތިރީގައި ބެހެއްޓުމަށް ގައުމުތަކުން އެއްބަސްވި އެއްބަސްވުން ހާސިލުކުރުމަށް ގައުމުތަކުން އެކުލަވާލާފައިވާ ޕްލޭންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވާނީ ކޮޕް26އަށެވެ. އެކަމުގެ ތަފުސީލުތައް ގައުމުތަކުން ކޮޕް26 އަށް ހުށަހަޅަންޖެހޭނެއެވެ.
މިކޮންފަރެންސުން ޕެރިސް އެގްރިމެންޓްގައި ހުރި ކަންކަމުގެ ތެރެއިން މިހާތަނަށް ހާސިލުކުރެވިފައިވާ ކަންކަމާއި ދެންހުރި ކަންކަން ހާސިލުކުރުމަށް އެކަށޭނެ ޕްލޭނެއް އެކުލަވާލުމަށްވެސް މަގުފަހިވެގެންދާނެއެވެ.
ކޮންފަރެންސް ފެށުމުގެ ކުރިން ގިނަ ގައުމުތަކުން ގޭސް ބޭރު ކުރުން މަދު ކުރަން ކުރާނެ ކަންތައްތަކުގެ ޕްލޭން އެކުލަވާލާ ނިންމާނެއެވެ. ކޮންފެރެންސް ކުރިޔަށްދާ ދެ ހަފްތާގެ ތެރޭގައި ލަނޑުދަނޑިތަކަސް ވާސިލުވުމަށް ކުރާނެ އައު ކަންކަން އިއުލާނުކުރާނެއެވެ. އޭގެތެރެއިން ބައެއް ކަންކަމަކީ ޕެރިސް އެގްރިމެންޓްގައި ހުރި ކަންކަމެވެ.
މީގެއިތުރުން ކޮންފަރެންސްގެ ތެރޭގައި ކޯލް ހަކަތަ ބޭނުންކުރުން ހުއްޓާލާނެ ގޮތް އަވަސް ކުރުމާއި، ގަސްތކެނޑުން މަދުކުރުމާއި، ކޯސްޓަލް ޑިފެންސް ސިސްޓަމަށް ފަންޑުކޮށް މޫސުމީ ބަދަލުގެ އަސަރުން ގިނަ ބަޔަކު ރައްކާތެރި ކުރާނެ ގޮތްތައް ހިމެނެއެވެ. އަދި މޫސުމީ ބަދަލުތަކާއި ގުޅިގެން ރާއްޖެފަދަ ކުދި ގައުމުތަކަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ކަންކަންވެސް ނިމިގެންދާނެއެވެ.
ކޮޕް26ގެ ރަސްމީ ވާހަކަތަކުގައި 20،000 މީހުން ބައިވެރިވާނެކަމަށް ބެލެވެއެވެ. އޭގެތެރޭގައި ގައުމުތަކުގެ ވެރިންނާއި ސައިންސްވެރިނާއި ކަމާއިގުޅޭ މާހިރުން ހިމެނެއެވެ. 120 ގައުމެއްގެ އެންމެ އިސް ލީޑަރުން މިފަހަރުގެ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވައެވެ..
ކޮޕް26 ގައި ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ ލީޑަރުންނަށް ބަލާއިރު އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ފްރާންސްގެ ރައީސް މެނުއަލް މެކްރޮން، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އެންމެ ގިނައިން ޖައްވަށް ގޭސް ދޫކުރާ ޗައިނާގެ ރައީސް ޝީ ޖިންޕިން ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނީ އޮންލައިންކޮށެވެ. ހަތަރު ވަނަ އަށް އެންމެ ގިނައިން ގޭސް ދޫކުރާ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންވެސް ބައިވެރިވެވަޑައިގަންނަވާނި އޮންލައިންކޮށެވެ. .
ތިމާވެއްޓާ ގުޅޭގޮތުން އަޑުއުފުލާ އެކްޓިވިސްޓުންވެސް ބައިވެރިވެއެވެ.