ވެޓްލޭންޑްގެ ގޮތުގައި ބެލެވެނީ އަހަރުގެ ދުވަސްވަރެއްގައި ބިންގަނޑު ތެތްކޮށް ނުވަތަ އަބަދުވެސް ފެން ހިލިފައި ހުންނަ ބިމުގެ ސަރަހައްދު ތަކަށެވެ. މިފަދަ ބައެއް ތަންތަން މޫދާ ގުޅިފައި ހުންނަ އިރު މޫދާ ނުގުޅި މުޅިން އެއްގަމުގައި ހުންނަ ތަންތަންވެސް ރާއްޖޭން ފެނެއެވެ. މިއީ އާދަޔާ ޚިލާފް ސިފަތަކެއް ލިބިފައިވާ ގުދުރަތީ މާހައުލެކެވެ. މިފަދަ ސަރަހައްދު ތަކުގައި ބިމުއަޑީގެ ފެންފަށަލަ އޮންނަނީ ތިލަކޮށްނެވެ. ފަސްގަނޑުގެ ކޮލިޓީ ތަފާތެވެ. އެ ސަރަހައްދެއްގައި ހެދިފައިވާ ހުންނަނީ ތަފާތު ބާވަތްތަކުގެ ގަސްގަހާގެއްސެވެ. މިއީ ދޫނި ސޫފާސީގެ ބާވަތްތައް މުއްސަނދި މާހުލެކެވެ. ހަމައެކަނި މި ފަދަ މާހައުލުގައި ނޫނީ ނޫޅޭ ބާވަތްތަކުގެ ދިރޭތަކެތިވެސް މިތަންތާނގައި އުޅެއެވެ. ދިވެހިންގެ ދިރިއުޅުމާ ސަގާފަތާ މިފަދަ ޗަސްބިންތަކާއި ކުޅި، ފާތަކާ އޮތީ ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ. ރާއްޖޭގެ ތިމާވެއްޓަކީ ދިވެހިންގެ ގުދުރަތީ ތަރިކައެއްގެ ގޮތުގައި ބެލެވޭއިރު ކުޅިތަކާއި ޗަސްބިންތަކަކީ އެ ތަރިކައިގެ އެންމެ މުހިންމު އެއް ބައެވެ.
ރާއްޖެއަކީ ބިމުގެ ނިސްބަތް ކުޑަ ގައުމެކެވެ. އެހެން ކަމުން އެއްގަމުގައި ވެޓްލޭންޑްގެ ގޮތުގައި ހުރީ ވަރަށް މަދުތަނެކެވެ. ހޯދުންތަކުން އެނގޭ ގޮތުގައި ފާ ނުވަތަ ކުޅި ނުވަތަ ޗަސްބިން އެކުލެވޭ ރަށްތަކުގެ އަދަދަކީ 75 އެވެ. މިހުރިހާ ތަނެއްގެ އޭރިޔާ އެއްކޮއްލުމުން އެއީ ގާތްގަނޑަކަށް ހަތް އަކަ ކިލޯމީޓަރެވެ. އެއީ ރާއްޖޭގެ ހިކިފަސް އޭރިޔާގެ އެންމެ 3.6 އިން ސައްތައެވެ. އޭގެ ތެރޭގައި ތަނަކަށް ވާކަހަލަ ތަންތަން އަދި މާ މަދެވެ. ބިން ހިއްކުމުގެ ތެރެއިން އެފަދަ އެތައްތަނެއް މިހާރުވެސް ނެތިގެން ހިނގައްޖެއެވެ. އަނެއް ބައެއް ތަންތަންހުރީ ގޮނޑުވެ، ހަޑިވެ، ހަލާކުވެފައެވެ. ރަނގަޅަށް ހުރި ތަންތަންވެސް ހުރީ މަރުގެ ތުންފަތްމަތީގައެވެ. އެއީ "ތަރައްގީ' ގެ ނަމުގައި ގުރުބާން ކުރަން ތައްޔާރުކޮށްފައި ހުރި ތަންތަނެވެ.
ރާއްޖޭގައި ވެޓްލޭންޑްސްގެ ގޮތުގައި ގުނާލެވޭ ތަންތަން މަދު ނަމަވެސް އޭގެ ތެރޭގައި ތިމާވެށީގެ މުހިންމު ކަމުގެ އިތުރުން ތާރީޚީ ގޮތުންނާއި، ސަގާފީ ގޮތުން އަދި ދެމެހެޓެނިވި އިގްތިސާދީ ނަފާގެ ނަޒަރުން ބެލިޔަސް މުހިންމު ތަންތަން އެބަހުއްޓެވެ. ދުނިޔޭގެ ނިސްބަތުން މިނާލެވޭނޭ ތަންތަން އެބަހުއްޓެވެ.
ހދ. ކޭލަކުނުގައި އޮންނަ ފަލަކީ ދުނިޔޭގެ ފެންވަރުގައި ދަރަޖަ ކުރެވިދާނެ މާހައުލެކެވެ. މިއީ ރާއްޖޭގައިވާ އެންމެ މުހިންމު މާހައުލުތަކުގެ ތެރޭގައި ހިމަނަންޖެހޭ ތަނެކެވެ. އެ ރަށުގައި ހެދިފައިވާ ބަރު ގަހަގެ ޖަންގައްޔަކީ އޭގެ ދެވަނައެއް ދުނިޔޭގައި ނެތްފަދަ މާހައުލެކެވެ. ކޭލަކުނުގެ ބަރު ގަސްތައް ނެތި ހިނގައްޖެނަމަ ނެތިގެން އެ ދިޔައީ ދިވެހިންގެ މުހިންމު ތަރިކައެކެވެ. ކޭލަކުނުގެ މި މުހިންމު މާހައުލަށް ގާނޫނީ ހިމާޔަތެއްވެސް އަދި އިންސާނުންގެ ރައްކާތެރި ކަމެއްވެސް ނެތެވެ.
ހއ. ބާރަށުގެ ދެކުނު ކުޅި އަކީވެސް ގުދުރަތީ ގޮތުން އާދަޔާ ޚިލާފު މާހައުލެކެވެ. އެއީ ކަޅުއޮއް ފުންމީގެ ޒަމާނުގެ ތާރީޚާ ގުޅިފައިވާ މުހިންމު ކުޅިއެކެވެ. ގުދުރަތީ ރީތިކަމާ ފުރިހަމަ ކަމާ ދިރޭތަކެތީގެ މުއްސަނދި ކަމުގެ ނަޒަރުން ބެލިއަސް އެއީ އެފަދަ ދެވަނައެއް ނެތް ފަދަ މާހައުލެއްގެ ގޮތުގައި ދެންނެވިދާނެހާ ފުރިހަމަ ގޮތެއްގައި އުފެދިފައިވާ ތަނެކެވެ. ދެރަކަމަކީ އެތަނަކީވެސް ބަޔަކު އަޅާލާ ތަނެއް ނޫނެވެ. އޭގޭ ސަބަބުން އެއީވެސް މާހައުލުގެ ފެންވަރު ދައްވަމުން ފަނޑުވަމުން ދާ ތަނެކެވެ.
ށ، ފަރުކޮޅަކީ ގައުމީ ފެންވަރުގައި ދަރަޖަ ކުރަންޖެހޭ ރަށެކެވެ. މޫދުގައި ދިރިއުޅޭ ކިތަންމެ ބާވަތަކަށް ފަރުކޮޅުގެ ވެޓްލޭންޑަކީ ނާސަރީއެކެވެ. އެކަމަކު ފުނަދޫގެ އެއާޕޯޓާއެކު ގުރުބާން ކޮށްލާ ރަށެއްގެ ގޮތުގައި ފަރުކޮޅު އޮތީ ލިސްޓް ކުރެވިފައި ކަމަށް އަޑު އިވެއެވެ.
ގދ ދިގުލާބަދޫގެ ފުރިހަމަ ކަމުގެ ވާހަކައަކީ އެރަށް ދުށް ކޮންމެ މީހަކުވެސް ދައްކާ ވާހަކައެކެވެ. އެއީ ގުދުރަތީ ދެވަނަ އެއް ނެތްފަދަ މިސާލެކެވެ. ދާދި ފަހުން އިވިގެން ދިޔައީ އެއާޕޯޓެއް އަޅަން އެރަށް ސާވޭ ކުރަން ފެށި ވާހަކައެވެ. އެތައް ބަޔަކު އެކަމާ ނުރުހުނު ނަމަވެސް އެއަރޕޯޓެއްގެ ރަންވޭ ދަށަށް އެރަށުގެ ވެޓްލޭންޑް ވަދެގެން ނުދާނެ ކަމަށް ދަންނަވާކަށް ނޭނގެއެވެ.
ކުޅުދުއްފުށީ ކުޅިއާއި ޗަސް ބިމަކީ ނައްތާލުމުގެ ލިސްޓުގައި އޮތް ތަނެކެވެ. ކުޅުދުއްފުށީ އެއާޕޯޓާއެކު އެތަނުގެ ނިމުން އައިސް ޖެހުނީއެވެ. އެތަނުގެ ހަނދާންތައް ދެން ހަމައެކަނި ދެމެހެއްޓެން އޮތީ ނަގާފައިވާ ރީތ ފޮޓޯތަކާއި ވީޑިއޯ ތަކުންނެވެ.
މިދަންނަވާލީ ހަމައެކަނި މިސާލު ދަންނަވާލުމުގެ ގޮތުން ފާހަގަކޮށްލި ބައެއް ރަށްތަކެވެ. ނުރައްކަލުގެ ފައްތަރައް ވެއްޓިފައި ނެތް އެންމެ ކުޅިއެއްވެސް، އެންމެ ފަލެއްވެސް އެންމެ ޗަސް ބިމެއްވެސް ނެތޭ ދެންނެވުމަކީ އެކަން އޮތް ގޮތައްވުރެ ބޮޑުކޮށްގެން އެވާހަކަ ދެންނެވީއެއް ނޫނެވެ. ކަނޑޫ ފަލުން ދެވަނަ ބޮޑު ހަނގުރައިމައިގެ ދުވަސްވަރު ބަނޑުފުރާނަ މުއްތި ކުރި ނަމަވެސް އަދި ކަނޑޫ، ރަނޑޫ ލަކުޑިއަކީ އެންމެ މޮޅު ލަކުޑި ކަމުގައި ބަލައިގެން އުޅުނު ޒަމާން ފާއިތުވެ ގޮސް ނިމިއްޖެއެވެ.
ވޯލްޑް ބޭންކުގެ އެހީގައި އައްޑޫ އަތޮޅު އީދިގަލި ކިޅީގެ ސަރައްހަދާއި، ފުވައްމުލަކުގެ ބަންޑާރަ ކިޅި ބެލެހެއްޓުމަށް އެކުލަވާލެވިފައިވާ މަޝްރޫއެއްގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކެއް މެނުވީ ދެންހުރި މުހިންމު މިފަދަ މާހައުލުތައް ހުރީ މަރުގެ ތުންފަތްމަތީގައެވެ. ދުނިޔޭގެ ވެޓްލޭންޑްސް ދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަ ކުރި އިރު، ރާއްޖޭގައި ހުރި މިފަދަ މާހައުލުތައް ހުރީ ވަރަށް ނުރައްކާތެރި ފައްތަރެއްގައެވެ. ގާނޫނީ ގޮތުން އެތަންތަން ހިމާޔަތް ކުރުމަށް މިހާރުވެސް ވަގުތު ފާއިތުވެ ހިނގައްޖެއެވެ. އެކަން ލަސްވާ ސަބަބެއް ދަންނަވަން ނޭގުނަސް އެނގޭ އެއްޗަކީ އެތަންތަން ނެތިގެން ހިނގައްޖެނަމަ އެއީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ރާއްޖޭގެ ތިމާވެއްޓަށް ދެވުނީއެވެ.