ދައުލަތުން ރައީސް ޔާމީނުގެ މައްޗަށް އުފުލި ދައުވާ ފެށުމާ ހިސާބުން "މަކުނުވާ އަޅައި ފުރިފައިވާ ކަމަށާއި މަކުނުވާތައް ސާފުކޮށްގެން ނޫން ގޮތަށް އަސްލު މައްސަލައާ ހަމައަށް ނުދެވޭނެ ކަމަށް" އެމަނިކުފާނު ވިދާޅުވީމާ އަންނަނީ ހިންޏެވެ. އެމަނިކުފާނުގެ މައްޗަށް ބޭއިންސާފުވަމުންދާ ކަމުގެ ގިނަ ވާހަކަ ދެއްކެވުމަށް އެމަނިކުފާނު ލަދުފުޅުގެން ވަޑައިގަންނަވަން ޖެހޭނެއެވެ. މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމަކަށް ފަނޑިޔާރުން ބައްލަވައި ނިންމެވުމުން ނިކުންނާނެ ނަތީޖާއަކީ ކޮބައިކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެއެވެ. ކިތަންމެ އޮޅުވާލުމެއް އޮޅުވާލިޔަސް ކުރައްވާފައިވާ ބޮޑު ވައްކަމުން ރެކިވަޑައި ނުގެންނެވޭނެކަން އެނިކުފާނަށް ވިސްނިވަޑައި ގަނެއެވެ. އެންމެ ފަހު ވަގުތުވެސް ޖަޒްބާތީ ވާހަކަފުޅުތަކެއް ދެއްކެވީ އެހެންވެގެނެވެ.
މައްސަލައިގައި އެއްކޮޅުގައި އޮތީ ދިވެހި ދައުލަތެވެ. އަނެއްކޮޅުގައި ހުރީ އާރާބާރުގައި ހުރެ އެދައުލަތް ލޫޓުވާލި ލުޓޭރެވެ. އާދައިގެ ފަރުދެއް ނޫނެވެ. ދައުލަތުގެ ދައުވާއަކީ ވަަރަށް ބޮޑަށް އޮޅުވާލައިގެން ހިންގާފައިވާ ބޮޑު ޚިޔާނާތެއްގެ ތެރެއިން ކުޑަ މިންވަރެއްގެ މައްޗަށް ބިނާވެފައިވާ އިންސާފުވެރި ދައުވާއެކެވެ.
އެމަނިކުފާނު ވިދާޅުވީ ރަނގަޅަށެވެ. ކަންކަން ހިނގާފައި އޮތް ގޮތް ފަނޑިޔާރުން ބައްލަވަން ޖެހިވަޑައިގަންނަވާނެ އެވެ. އެކަން ފަނޑިޔާރުން ނިކަން ރަގަނޅަށް ކުރައްވައިފިއެވެ. ބަހަނާއެއްގެ ގޮތުގައި ހައިކޯޓުގައި އެމަނިކުފާނުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ފާޑު ވިދާޅުވިޔަސް އެ ފަޑިޔާރުންވެސް ފައިސަލާ ކުރައްވުމުގައި ޖަޒުބާތުގައި ޖެހިވަޑައި ނުގެންނެވިކަން ސާބިތު ވެއްޖެއެވެ.
ސުޕްރީމް ކޯޓުން މި މައްސަލައިގައި ވަށައިގެންވާ ކަންކަން އޮޅުންފިލުވަން އެތައް ސުވާލެއް ކުރެއްވީތީ އުފާ ކުރައްވާ ކަމަށް ވިދާޅުވެ ސްޕްރީމް ކޯޓުގެ ބެންޗު ޅޮސް އުނދޯއްޔަށް އެރުވޭނެ ކަމަށް ހީފުޅު ކުރެއްވިޔަސް އެކަމެއް ނުވި ދޮގެއްތޯއެވެ. ކްރިމިނަލް ކޯޓުން ބެންޗެއް އެކުލަވާލާ ގޮތަކުން މައްސަލައަށް އަސަރެއް ނުކުރާނެކަން އެނގޭއިރުވެސް އެވާހަކަ ދެއްކެވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ވާވެއްދުވޭނެ ކަމަށް ދޮގެއްތޯއެވެ.
އަޖައިބެކެވެ. އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި ނާއިބުރައީސް މުއައްވިޒު ރަޝީދު ދެއްވި ބަޔާނުގެ ވާހަކާގައި ގާނޫނީ ބުރަދަނެއް ނެތެއް ނޫންތޯއެވެ. އެދެބޭފުޅުންނަކީ މަނިކުފާނު އިސްކޮށްފައި ތިއްބެވި ބޭފުޅުން ވީމާ މަނިކުފާނު ކުރެއްވި ވައްކަން ފޮރުވާދެއްވުމަށް ތަހުގީގަކާ ނުލާ އެސްކްރޯ އެކައުންޓު ހުޅުވާދެއްވައި ޒަމީރު އަތްޕުޅުން ހޯއްދެވި ފައިސާ ޖަމާކޮށް ދެއްވި ބޭފުޅުން ނޫންތޯއެވެ.
އޭސީސީން ބަޔާނޭ ޔައުމިއްޔާއޭ ރައީސް އޮފީހުގެ އެޕޮއިންޓްމެންޓްތަކުގެ ލޮގޭ ކިޔުއްވުމުގެ ބޭނުމެއްނެތެވެ. އަދި އަމިއްލަފުޅު އެކައުންޓަށް ޖަމާކުރީ ވޮޑަމުލާގެ ފައިސާ ކަމާއި އެއީ ދައުލަތުގެ ފައިސާއެއްކަން އެންމެ ރަނގަޅަށް އެގިވަޑައިގަންނަވަނީ ރައީސް ޔާމީނަށް ނޫންތޯއެވެ. ތިން ފަނޑިޔާރެއްގެ ފޭކު އޯޑިއޯ ނެރެގެން ޖައްސަވަން އުޅުއްވި ސަކަރާތަކީ ހައްގެއް ގެއްލި ވަޑައިގެން ކުރެއްވި ކަމެއްނޫނެވެ. ސަރީއަތުގެ އިތުބާރު ކަނޑުވާލާ ނުފޫޒު ފޯރުވަން ކުރެއްވި ކަންކަމެވެ.
އިސްތިއުނާފީ ނުކުތާތަކާ ބެހޭ ގޮތުން ވާހަކަފުޅު ނުދައްކަވާ އެނުކުތާތަކުގެ ބޭރުން ކިތަންމެ ވާހަކައެއް ދެއްކެވިޔަސް އެކަމަށް ނުބެއްލެވޭނެ ކަން އެގިވަޑައިގެން ހުންނަވާ ފަނޑިޔާރުން ގޮތް ނިންމެވުމުން ހުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާނީ އެމަނިކުފާނުކަން ފާހަގަ ކުރައްވައި އުފެދޭ ޝުއޫރުތައް ފާޅުކުރެއްވީ ފަނޑިޔާރުން އަސަރުގައި ޖެއްސެވޭނެ ކަމަށެވެ.
އާދޭހެވެ. މައްސަލައިގައި ބަލާނީ އިސްތިއުނާފީ ނުކުތާތަކަށެވެ. ޝަރީއަތުން ކުރަން އުޅޭ ކަމަކީ މީހެއްގެ މައްޗަށް އަދުލު ގާއިމް ކުރުމެވެ. މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަން ހިނގާފައި ވަނީ ކިހިނެއްތޯ ބެލުން މުހިންމު ވަނީ އެހެންވެގެނެވެ. މުޅި ކަންތަކުގައި އޮތީ މަކުނުވާ ފުރާ ފުރިފައެވެ. އެމަކުނުވާ ފެށުނީއްސުރެ ފުރުއްވީ ރައީސް ޔާމީނެވެ. ކުށް ކުރައްވައިގެން ހުންނަވާ އެކަމުން ރެކިވަޑައިގަތުމަށެވެ. އެހެންވީމާ މަކުނުވާތައް ސާފުވާވަރަކަށް ރައީސް ޔާމީނުގެ ކުށްވެރިކަން ބޮޑަށް ސާފުވުން ނޫންކަމެއް ނުވެއެވެ.