ރައީސް ޔާމީނަކީ ކުށުން ތާހިރުވެގެންވާ އިންސާނަކީތަ؟

ސަރުކާރުގެ މައިބަދަ ބިންދާލައި ރައީސް ސާލިހުގެ ސަރުކާރުގެ ވާގިނައްތާލަން ލައްކަ ސަކަރާތް އެބަޖަހައެވެ. ކޮންމެ ގޮތެއް ހަދައިގެންވެސް މިސަރުކާރު ވައްޓާލުމަކީ ޕީޕީއެމްގެ ނިޔަތެވެ. އަމާޒެވެ. އެކަމަށްޓަކައި ދޮގު ވާހަކަތަކާއި، ފޭކް އޯޑިއޯތައް ފަތުރައެވެ. މަގާމު ގެއްލިފައި ތިބި މީހުންގެ ހިތުގައި ނަފުރަތު އުފައްދައިގެން ވަގުތީ ސިޔާސީ ފައިދާ އެބަނަގައެވެ. ސަރުކާރުގެ އެންމެ ހީވާގި އެންމެ އިޚުލާސްތެރި ބޭފުޅުންގެ އަގު ވައްޓާލަން ލައްކަ ސަކަރާތް އެބަޖަހައެވެ. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަދަ ބޭފުޅުންގެ އަބުރު ކަތިލައިގެން މަގާމުން ވަކިކުރުމަށް އެކުރާ މަސައްކަތަކީ އޭގެ މިސާލެކެވެ.

ރައީސް ސާލިޙަށް ވަފާތެރި ހީވާގި ޓީމެއްް އޮތުމަކީ އިދިކޮޅަށް ހަޖަމުކުރެވޭނެ ކަމެއްނޫނެވެ. މަގާމު ގެއްލިފައި ތިއްބެވި ބައެއް ފަނޑިޔާރުން މީޑިއާއަށް ނެރެ އެބޭފުޅުންގެ އަމިއްލަ ނަފުސު ބަރަހަނާ އެކުރުވަނީ ރައީސް ޔާމީނުގެ ހީލަތްތެރި މަސްލަހަތުގައެވެ. ހައިރާނެއް ނުވާނެހެއްޔެވެ. ފަނޑިޔާރުންނަށް މަގާމުދެނީ ރައީސް އޮފީހަކުން ނޫނެވެ. މަޖިލީހާއި ޖޭއެސްސީންނެވެ. މަޖިލީހުގައި އަދާލަތުގެ އެންމެ މެންބަރަކުވެސް ނެތެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީއަކީ އެމްޑީޕީއެވެ. ޖޭއެސްސީއާއި މަޖިލީހުގައި އެމްޑީޕީގެ ރައީސް އިންނަވައެވެ. އެހެންކަމުން މަޖިލީހާއި ޖޭއެއްސީގެ ކަންކަން ދާނީ އެމްޑީޕީގެ ސިޔާސަތުތަކާ އެއްގޮތަށެވެ.

އެމްޑީޕީއަކީ އަނިޔާވެރިކަމާ ދެކޮޅަށް އިންސާފު ގާއިމު ކުރުމަށް މަސައްކަތްކުރާ ޕާޓީއެވެ. ސަރީއަތުގައި އޮތް ރައީސް ޔާމީނުފަދަ ބޭފުޅެއްގެ މައްސަލައެއްގައި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނަވާ އަދާލަތު ޕާޓީގެ ބޭފުޅަކަށް ކުރެއްވޭނެ ކަމެއް ނުއޮންނާނެކަން ހަމަ ނޭގެނީ ހެއްޔެވެ. އެހެންނޫނަސް ސަރީއަތް ހިނގަމުން ދިޔައިރު ނުފޫޒެއް ފޯރުވި ވާހަކަ ދައްކަން ނުކެރިތިބެފައި ކުއްލިޔަކަށް އެހުރިހާ ގާޒީން އެކުގައި މިހާރު އެއްދިމާއަކުން އެހުރިހާ އެއްޗެއް ނިކުތުމަކީ ކުޑަ އަރަތެއް ހެއްޔެވެ. މިހާރު ފޭކް އޯޑިއޯތައް ނެރެ ނޫސް ކޮންފަރެންސްދީ ހެދުމުގެ ނިޔަތާ މެދު ސުވާލު އުފެދެއެވެ.

ގަޒީ ހައިލަމުގެ އަރިހުގައި ރައީސް ޔާމީނު ޖަލަށްލުމަށް ހުކުމް ކުރަން ވަޒީރަކު ވިދާޅުވާނީ ކޮށްލާ މެސެޖަކުން ހެއްޔެވެ. އަދި އެންމެ ކުޑަމިނުން އެހެން އެވިދާޅުވީ ކޮންވަޒީރެއް ކަންވެސް ވިދާޅު ނުވެވުނުތާ އެ މެސެޖްވެސް އާއްމުކޮށް ލެވުނީކީނޫނެވެ.

ރައީސް ޔަމީނަށް ކޮށްފައިވާ ހުކުމް ބާތިލުކުރުމަށް ކޮންމެ ބަޔަކު ގުރުބާން ކުރަން ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ އިސްމީހުން މަރުދޭނެތާއެވެ. މިއަދު ރައީސް ނަޝީދަށް ވެސް އެންމެ ހެޔޮއެދިގެން އިންސާފު ހޯދާދޭން އުޅޭކަން ދައްކައިގެން އެއުޅެނީވެސް ހީލަތްތެރި ނިޔަތެއްގައެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަ ކުރުމުގެ ޖާގަ ހެދުމަށެވެ. ރައީސް ޔާމީނު ހިންގެވި ބޮޑު ޚިޔާނާތުގެ އިސްބައިވެރިން އެކަމުން ރެކެންވެގެނެވެ. ޕީޕީއެމްގެ ހީލަތްތެރި ކަމުގެ މިމަޅީގައި އެމްޑީޕީގެ ބައެއް މެންބަރުންވެސް ޖެހޭތީ ފެނެއެވެ.

އިދިކޮޅުން ގޮވާލާއިރަށް ރައީސްގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މަގާމުން ވަކިކުރާކަށް ނުޖެހެއެވެ. ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވިއިރު ބެންޗުގައި ތިއްބެވި ފަނޑިޔާރުން ސަސްޕެންޑު ކުރުރާކަށް އަދި އެ ބޭފުޅުންގެ މައްޗަށް ތަހުގީގެއް ހިންގާކަށްވެސް ނުޖެހެއެވެ. ހުކުމާ ހިތްހަމަ ނުޖެހުމުން ދާން އޮތީ މަތީ ކޯޓުތަކަށެވެ. ހަސްމަކު ހިތްހަމަނުޖެހޭ އިރަށް ފަނޑިޔަރުންނަށް ތަހުގީގު ހިންގުމަކީ ދުނިޔޭގައި ކަންކުރާ ގޮތެއް ނޫނެވެ.

އަޖައިބެއް ނުވާނެހެއްޔެވެ. ރައީސް ޔާމީނަކީ ކުށުން ތާހިރު ވެގެންވާ އިންސާނަކީ ހެއްޔެވެ. ފާޅުކަން ބޮޑު ގޮތެއްގައި އެތައް ބިލިޔަން ރުފިޔާގެ ޚިޔާނާތް އޮތީ ސާބިތުކޮށް ފެންނާށެވެ. އަދީބުދެކެ އަރައިގަތް ރުޅިއެއްގައި އެވާހަކަ ދެއްކީ ޚުދު ރައީސް ޔާމީނެވެ. އަދީބުގެ ބޮލަށް މުޅި ޚިޔާނާތް ކަނޑަލައިގެން ބޯދަމައިގަތުމުގެ ބެނުމުގައެވެ. އާއްމު އެތައް އެއްވުމެއްގައި އެތައް ފަހަރަކު އެކިމޭރުމުން އަމިއްލަފުޅަށް އޮތީ އިއުތިރާފުވެ ވަޑައިގެންފައެވެ.

ޚިޔާނާތަށް މަގުފަހިވާ ގޮތަށް އުސޫލުތައް ބަދަލު ކުރެއްވިއެވެ. މާލިއްޔަތުގެ ގާނޫނުއަށް ބަދަލުގެނުވާ މީރާގެ އިހުތިސާސުން އެމްއެމްޕީއާރުސީއަށް ލިބޭފައިސާ ވަކިކުރެއްވިއެވެ. ޓޫރިޒަމަށް ދޫކުރާ ފަޅުރަށްރަށާއި ފަޅުފަޅާއި ބިންބިމާއި ރިސޯޓުތަކުން ލިބޭ ފައިސާ ސީދާ އެމްއެމްޕީއާރުސީއަށް ދައްކަން ކަނޑައެޅުއްވިއެވެ. އޭރުގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބުގެ ސީދާ ބެއްލެވުމުގެ ދަށުން ޚިޔާނަތްތައް ހިންގާ ބައި އަޅައިގެން ދައުލަތް ލޫޓުވާލުމުގެ އިންތިޒާމް ހަމަޖެއްސެވިއެވެ.

އެމްއެމްޕީއާރުސީއަކީ ވަކިބޯޑަކުން ހިންގާ މުއައްސަސާއެއް ކަމަށް ސަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީނު ތަކުރަރުކޮށް ވިދާޅުވާ އަޑުއެހީމެވެ. އެހެން ވިދާޅުވާއިރު އެބޯޑަށް މީހުން އައްޔަންކޮށް ވަކިކުރަނީ ރައީސް ނޫންކަމަށް ވާނެހެއްޔެވެ. އެތާތިބީ ރައީސް ޔާމީނުގެ ގޮނޑި ކޮއްކޮއިން ނޫންކަމުގައި ވާނެހެއްޔެވެ. ރައްޔިތުން އިންތިޚާބު ކޮށްފައި ހުންނެވި ނާއިބުރައީސަކު މަގާމުން ވަކިކޮށް ރައީސް ޔާމީނުގެ މަނީލޯންޑަރިން އެޖެންޓަށް ރާއްޖޭގެ ނާއިބުރައީސްކަން ހޯދާދެއްވީ އޮޅުމަކުން ނޫނެވެ. ގާނޫނުއަސާސީއަށް ބަދަލުގެނެސް އަހުމަދު އަދީބަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ހޯދާދެއްވުމުން ދައުލަތުގެ މައްޗަށް ރައީސް ޔާމީނުގެ ނުފޫޒު އޭރު އޮތްވަރު ވަރަށް ބޮޑަށް އެބަ އެނގެއެވެ. މާމައުސޫމު ބޭފުޅަކަށް ވެގެން އިންސާފޭ ނުފޫޒޭ ވިދާޅުވެ ބަޔަކުލައްވާ ތިޔަކުޅުއްވަނީ ކޮން ގޭމެއްކަން އެނގެއެވެ.

އަޖައިބެކެވެ. ރާއްޖޭގެ މުޅި ހަޔާތުގެ ދިގު ތާރީޚުގައި އިސްވިހާ ވެރިން ރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ވިއްކާނުލާ އޮތީ އެތަންތަން ވިއްކައިގެން ފައިސާ ލިބޭނެކަން ނޭނގޭތީއެއް ނޫނެވެ. ރައީސް ޔާމީނުހެން ތަރައްގީގެ ނަމުގައި ދައުލަތް ދަވާލުމުގެ ވިސްނުން އެބޭފުޅުންގެ ނެތީމައެވެ.

ރަޢީސް ޔާމީނު ވައްކަންކޮށްފައި އޮތްނަމަ މިވެނިކަމެއް މިވެނިހެނެއް ވެފައި ނުއޮތީސް ނޫންހޭ ބުނާ މީހުންގެ ވިސްނުމުގެ ކޮށިކަމާމެދު ސުވާލު އުފެދެއެވެ. ނަގަނަގާފައި ތިޔަދައްކާ އުމްރާނީ ތަރައްގީކުރީ ކިހިނެއްހެއްޔެވެ. ބުރިޖުވިޔަސް ރިންގްރޯޑު ވިޔަސް ދަރުމަވަންތަ ހޮސްޕިޓަލް ވިޔަސް ހިޔާފްލެޓްތައް ވިޔަސް އެނޫން ބޮޑެތި ކަންކަން ވިޔަސް ކޮށްފައިވަނީ ހަމައަގަށްވުރެ ބޮޑު ޚަރަދުގައި ދަރަނިވެރި ލޯނުތަކުން ނޫންހެއްޔެވެ.

ކޮންމެ ލޯނަކުންވެސް އަމިއްލަފުޅު ޖީބަށާއި ބައިވެރިންނަށް އެޅިބަޔަށް ވެސް ޒިންމާވަނީ ދިވެހި ރައްޔިތުންނެވެ. ރަށްތަކާއި ފަޅުތައް ވިއްކައިގެން ހޯދި ފައިސާއަކުން ނޫނެވެ. ރަށްތަކާ ފަޅުތަކާއި ބިންތައް ވިއްކަވައިގެން ބިލިޔަން ބިލިޔަނުން ލިބުނު ޑޮލަރު ފަރިއްކުޅުވީ ނޫންތޯއެވެ. އަތޮޅެއް އެއްކޮށް ވިއްކާނުލާ އޮއްވާ ސަލާމަތްވީ ކިރިޔާއެވެ.

14%
0%
0%
21%
0%
64%