Raajje.mv

ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ބާއްވާ ޖަލްސާ

03 އެޕްރީލު 2017
7863
ކުނޫޒުގައި ބާއްވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ

ކުނޫޒުގައި ބާއްވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ

03 އެޕްރީލު 2017 | 22:48

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

އިހްލާސްތެރި ނިޔަތެއް ނެތި މަޝްވަރާ ކުރުމަށް ބުންޏަސް ކިހިނެތްތޯ އެކަން ކުރާނީ އެވެ.

ހުރިހާ ސިޔާސީ ލީޑަރުން ހައްޔަރުކުރުމަށްފަހު މަޝްވަރާ އަށް ގޮވުމުން ކޮންބައެއްތޯ ދާނީ އެވެ. ސިޔާސީ މީހަކު ނޫން މީހަކު ހައްޔަރުކުރުމަށް ރައީސް ޔާމީނަށް އެގިލައްވާތޯ އެވެ.

ޑިމޮކްރަސީގެ ވާހަކަ ރައީސް ޔާމީން ދައްކަވާ އިރު ޑިމޮކްރަސީގެ ވަސް ވެސް އެމަނިކުފާނަށް އެގިނުލައްވަ އެވެ. ޑިމޮކްރަސީއަށް އެންމެ ބުރަ މަސައްކަތް ކުރީ، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މި ސަރުކާރުން ދަނީ ގާނޫނު އަސާސީގެ އުސޫލުތަށް ބަދަލު ކުރަމުންނެވެ. ޑިމޮކްރެޓިވް ވެރިއެއް މިގޮތަށް ބަދަލެއް ނުކުރެވޭނެ އެވެ.

އިހްލާސްތެރިކަމެއް ނުވަތަ ގައުމިއްޔަތެއް ހުރި ބޭފުޅަކު ވެރިކަމުގައި ހުރި ނަމަ ގާނޫނުތަކަށް އެފަަދަ ބޮޑެތި ބަދަލުތަކެއް ނުގެންނާނެ އެވެ.

މަޝްވަރާ ކުރުމަށް ކޮން ޕާޓީއަކަށް ތޯއޭ ތި ދައުވަތު ދެނީ. އޮޕޮސިޝަންއާ ވާހަކަދެއްކުމުގެ ހިތްވަރެއް ރައީސް ޔާމީނުގެ އެއް ނެތެވެ.

03 އެޕްރީލު 2017 | 22:33

ހެންވޭރު ދެކުނު ދައިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް

ސަރުކާރުން ރައްޔިތުންނަށް ބިރު ދެއްކުމަށް އަންނަނީ ގިނަ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފުލުސް އޮފީހަށް ހާޒިރުވުމަށް އެކި ފަރާތްތަކަށް އަންނަނީ ޗިޓް ފޮނުވަމުންނެެވެ. އެެހެން ނަމަވެސް ފުލުހަށް ހާޒިރުވާން އެންގި އެއްވެސް ފަރާތެއް ބިރެއް ނުގަންނާނެ އެވެ. ރައީސް ޔާމީން ތިގެންގުޅޭ ފޯމިއުލާ ވަނީ ފެއިލްވެފަ އެވެ.

1700 އަށް ވުރެ ގިނަ ސިޔާސީ ގޮތުން ދައުވާ ކުރެވޭ ފަރާތްތަކުން އެބަ ތިބި އެވެ. މި އެއްވެސް ފަރާތެއް ސަރުކާރު ދެކެ ބިރެއް ނުގަނެ އެެވެ. އަމައެކަނި ބިރު ގަންނަނީ ސަރުކާރުގެ މުއައްސަސާތަކުންނެެވެ. ދިވެހި ރައްޔިތުން ދިވެހި ލީޑަރުން ސަރުކާރުން ކުރާ ކަންކަމަށް ބިރެއް ނުގަނެ އެވެ.

ސޯޝަލް މީޑިޔާގައި ލިޔާ އެއްޗަކުން ފިޔަވަޅު އެޅިޔަސް ބިރެއް ނުގަންނާނެ އެވެ. މީޑިޔާތައް ހަންމަތަ ކުރެވޭތޯ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކޮންމެ ގޮތަކަށް ބުންޏަސް ސަރުކާރަށް ބުނެވޭނީ ތީ ވަގުންނޭ އެވެ.

ރައީސް ޔާމީނުގެ ފޯމިއުލާ ނުބައެވެ. ފޯމިއުލާ ބަދަލުކުރަންޖެހޭ އެވެ. އަޅުގަނޑުމެންގެ އޮޑީގައި އަދިވެސް ޖާގަ އެބަ އޮތެވެ. ކޮންމެ ދުވަހު ސިޔާސީ އިސް ލީޑަރުން މި އޮޑިޔާ އެބަ ގުޅެއެވެ. އަދި އަޅުގަނޑުމެން މިތިބީ ހައްގު ގޮތުގައި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. މިއީ އަޅުގަނޑުމެންނަށް ލިބޭ ހިތްވަރަކެވެ.

03 އެޕްރީލު 2017 | 22:23

އެމްއެމްޕީއާރްސީ ރިޕޯޓް އަޅުގަނޑުމެން އަދި ނެރޭނަން- އަލީ ޒާހިރު

ރާއްޖޭގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލައިގެ ރިޕޯޓް ނުނެރެވިގެން ސަރުކާރަށް އުޅޭ މަންޒަރު ފެނިގެން ދެ އެވެ. އެމްއެމްޕީއާރްސީގެ ކޮރަަޕްޝަނުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ބޭފުޅެއް ރާއްޖޭގެ ރައީސް ޔާމީނަށް ވެސް. އެކަންކަން ކޮންމެވެސް ދުވަހަކުން ބެލޭނެ އެެވެ.

03 އެޕްރީލު 2017 | 22:19

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު

ކިތައްމެ ވަރެއް ދެއްކިޔަސް ބަންދުން މީހުން ދޫކުރަން ޖެހޭނީ އެވެ. ސަރުކާރުން ޑިމޮކްރަސީ ހިމާޔަތް ކުރަނީއޭ ވާހަކަދެއްކިޔަސް ކާކުތޯ އެކަން ގަބޫލު ކުރާނީ އެވެ. ތިޔަބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅެއް ބޭނުންފުޅުވޭތޯ މާފިޔާ ގޭންގް އަކާ ވެރިކަން ހަވާލު ކުރުމަށް؟

އެއްވެސް ބޭފުޅަކު އެގޮތަށް ބޭނުމެއް ނުވާނެ އެވެ.

ސިޔާސީ ނުފޫޒް ފުލުހަށް ވަންދާ މަންޒަރެވެ. ފުލުހުންގެ އަގު ވައްޓާލީވެސް މި ރައީސެވެ. އެއްވެސް ޣައިރު ގާނޫނީ އަމުރަކަށް ތަބާނުވުމަށް ފުލުހުންނަށް ގޮވާލަމެވެ.

03 އެޕްރީލު 2017 | 22:09

ތޮއްޑޫ ދައިރާގެ މެންބަރު އިބްރާހިމް ހަސަން

އިދިކޮޅު ފަރާތްތަކުން ފަށާފައިވާ އިސްލާހީ މަސައްކަތުގައި ބައިވެރިވާ ހުރިހާ އެންމެންނަށް ޝުކުރު އަދާކުރަމެވެ.

ރައީސް ޔާމީނު ފެކްޝަނުގެ ހުރިހާ މަޖިލީސް މެންބަރުން އިސްލާހީ މަސައްކަތުގައި ބައިވެރިވުމަށް އަޅުގަނޑު ގޮވާލަމެވެ. މިނިވަން މުއައްސަސާތަކާއި ފުލުހުން މިހާރު ކުރަމުން މިގެންދާ މަސައްކަތްތައް ހުއްޓާލަންޖެހެ އެވެ.

މި ސަރުކާރުން ނޫހުގެ ފާނުގެ ނަވާ އެއްފަދަކޮށް ވާހަކަ ދައްކަވާ މި ސަރުކާރުގެ ނަވަށް އަރައިފި ނަމަ ޣަރަގުވާނެ އެވެ. ކުރިން މި ސަރުކާރަށް ތާއީދު ކުރިއަސް މިހާރު ބުނާނީ މިއީ ޖާހިލު ސަރުކާރެކޭ އެވެ.

ގާސިމް އާއި މިތިބަ ވެރިންގައިގާ އަތްލުމަކީ އަލިފާނާ އަތްލުމެވެ. މިބޭފުޅުންގެ މޫނުގައި ކޮޅުފައިން ޖަހާފައި ކުރެވޭނެ ވެރިކަމެއް ނޯންނާނެ އެވެ. ފުރަތަމަ އެއް އަހަރު ވީ އިރު އަޅުގަނޑުމެން ތިބީ ސަރުކާރުން ކުރި މަސައްކަތް ބަލާށެެވެ.

ހަވާ ފަޓާސް ބަރިއެއްހެން މަޖިލީހުގައި ކަންކަން ނިންމާތަން ބަލަން ތިބެނީ ކަމެއް ނެތިގެނެތް ނޫނެވެ. ތާއީދާ ލޯއިބަކީ ގަނެގެން ހޯދޭނެ އެއްޗެއް ނޫނެެވެ.

މަޖިލީސް މެންބަރުންގެ އަތުގައި ހުރިހާ ޒިންމާއެއް އެބަ އޮތެވެ. މިއަދު އަޅުގަނޑުމެން އިހްމާލުވެއްޖެ ނަމަ ގައުމުގެ މުސްތަގްބަލް ވަަރަށް ހިތިވާނެ އެވެ.

ސަރުކާރަކީ މިހާރު އިދުކޮޅު ފަރާތާކެެވެ. ހުރިހާ މަޖިލީސް މެންބަރުން ގައުމު އިސްލާހު ކުރުމަށް ކުރާ މަސައްކަތުގައި ގުޅުމަށް ގޮވާލަމެެވެ.

03 އެޕްރީލު 2017 | 21:53

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު އަދި އެމްޑީޕީގެ ލީގަލް ޑައިރެކްޓަރ ހިސާން ހުސައިން

ހުރިހާ ޕާޓީތައް ގުޅިގެން ރައްޔިތުންގެ ހައްގުގާ ނިންމެވި ނިންމެވުމަކީ ވަރަށް މުހިއްމު ނިންމުވުމެކެވެ. މިއީ ދިވެހި ގައުމުގެ ދިފާއުގައި ހުރިހާ ޕާޓީތައް ގުޅިގެން ފެށި މަސައްކަތެކެވެ.

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާ ގުޅިފައިވާ ތަނެކެވެ. ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގެ ވިންދަކީ ރައްޔިތުންގެ މަޖިލީހެވެ. އެތަނުގައި ތިބެނީ ރައްޔިތުންގެ ހައްގުގާ މަސައްކަތް ކުރަންޖެހޭ ރައްޔިތުންގެ މަންދޫބުންނެވެ. އެހެން ނަމަވެސް ފެނިގެންދަނީ، މަޖިލީސް މެންބަރުން އެބޭފުޅުންގެ އަމިއްލަ ޖީބަށް މަސައްކަތް ކުރަމުންދާ މަންޒަރެވެ.

މަޖިލީހުގެ ރައީސް ފެނިގެންދަނީ މިނިވަން މުއައްސަސާތަކުގެ ވެރިންނާއި، ރައީސް ޔާމީންގެ ކެބިނެޓް މެންބަރުންވެސް ޖަވާބުދާރީ ނުކުރެވޭނެ ގޮތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސައްކަތް ކުރައްވަމުންދާ މަންޒަރެވެ. މުޅި ގައުމުގައި އެޗްވަންއެންވަން ފެތުރިގެން ދިއަ އިރު އެކަން ހެލްތް މިނިސްޓަރު ވަނީ، ސިއްރުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސައްކަތް ކުރަނީ، ރައްޔިތުންނަށްޓަކާއި ނުވަތަ ގައުމަށްޓަކާ އެއްނޫނެވެ. އެހެން ނަމަވެސް މިހާރުގެ މަޖިލީހުގެ ރައީސް މަސައްކަތް ކުރަނީ ރައީސް ޔާމީނަށްޓަކަ އެވެ.

މަޖިލީހުގެ މަސައްކަތްތަކުގައި މަޖިލީހުގެ ރައީސުގެ ދައުރު ވަރަށް ފުޅަލެވެ.

ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ބަޔާންތައް ނެރުއްވަނީ، ޑިމޮކްރަސީގެ މަގަށް ރައީސް ޔާމީނުގެ ވެރިކަން ރުޖޫއަވުމަށެވެ. ރައީސް ޔާމީނަށް ތާއީދު ނުކުރާ ފަރާތްތަކަށް ރައީސް ޔާމީން ކަންތައް ކުރައްވާގޮތް އަޅުގަނޑުމެންނަށް ވަރަށް ރަގަޅަށް ފެނިގެންދެ އެވެ.

ރައީސް ޔާމީންގެ ޑިމޮކްރަޓިކް ވެރިކަމުގައި އެމަނިކުފާނާ ދެކޮޅު ހަދާ އެންމެންނަށް ފިއްތުންތައް ކުރިމަތިކޮށް، ޖަލަށްލާތަން ފެނިގެންދަނީ އެވެ. މިފަދަ ޑިމޮކްރެޓިވް ވެރިކަމެއް ބޭނުމެއްނޫނެވެ. އަޅުގަނޑުމެން ބޭނުންވަނީ ގާނޫނީ ވެރިކަމެކެވެ.

ރައީސް ޔާމީން ހަމައެކަނި ކުރާ ކަމަކީ އެމަނިކުފާނުގެ އަމިއްލަ ނާޖައިޒް ފާއިދުތަކެއްގެ ހާސިލް ކުރުމަށްޓަކާއި ފުލުހުންގެ ބޭނުން ކުރަމުންދަނީ އެވެ. މިކަމަށް ފުލުހުން ސަލަމާލުވާން ޖެހެ އެވެ.

03 އެޕްރީލު 2017 | 21:31

ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ބާއްވާ ޖަލްސާ

ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ބާއްވާ ޖަލްސާގައި ޕަޓީތަކުގެ އިސްވެރިން ވާހަކަދައްކަވާނެ އެވެ.