ކަންކަން ރަނގަޅުކުރުމަށް މި ސަރުކާރު ބަދަލުކުރަންޖެހޭ އަޅުގަނޑުމެން. ނުވަތަ ސަރުކަރުގެ ފިޔަ ކޮށާލަންޖެހޭ. ފިޔަ ކޮށާލައިގެން ނަމަވެސް ކަންކަން ރަނގަޅުކުރަންޖެހޭ. ޤާނުނުތައް އަލުން ރަނގަޅުކުރަންޖެހޭ. ރަނގަޅުކޮށް ސަރުކަރުން ބަދަލުކުރި ޤާނުނުތަކުން ނަމަވެސް ސަރުކާރު ހަމަ މަގަށް އަޅުވަންޖެހޭ. އެކަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ބަދަލުކުރަންޖެހޭ.
ރައީސް ޔާމީން ދައްކާ ވާހަކައާއި ސަރުކަރުގެ ވަޒީރުންނާއި ސައުދީ ސަރުކާރުން ދައްކާ ވާހަކައެއް ދިމާއެއް ނުވޭ. މުޅިވެސް އޮޅުވާލުމާއި ދޮގުތައް އަޅުގަނޑުމެންނަށް މި ފެންނަނީ. މުޅިވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް. ރައްޔިތުން ގުނބޯ ހެއްދުމަށް. ހިކުރަނީ ރައްޔިތުންނަކީ އެއްވެސް އެއްޗެއް ނޭނގޭ ބައެއް ކަމަށް. އަޅުގަނޑު ގޮވާލަން ފިނޭންސް މިނިސްޓަރުވެސް އިސްތިއުފަ ދެއްވުމަށް. މި ދައްކަނީ ނުފޫޒުގަދަ ޤައުމަކަށް ރާއްޖެއިން ބައެއް މިލްކުކޮށްދޭ ވާހަކަ. އެއަށްވުރެ ބޮޑު ކަމެއް ޤައުމެއްގައި އޮންނާނެތޯ.
ރާއްޖޭގެ ދަރަނި، 60 އިންސައްތައަށްވުރެ ބޮޑުވާކަމުގައިވާނަމަ އެއީ ޤާނޫނީ ކުށެއް. ނަމަވެސް މިހާރު އައިއެމްއެފް އަދި ވޯލްޑް ބޭންކުން ހާމަކޮށްފައިވާ ބައެއް މައުލޫމާތަށް ބަލައިރު، ދަރަނި ވަނީ 60 އިންސައްތައަށްވުރެ މަތީގައި. އެއީ ޤާނޫނީ ބޮޑު މައްސަލައެއް. އެކަން ފިނޭންސް މިނިސްޓަރަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ. އަދި އެކަން ދެންތިއްބެވި މިނިސްޓަރުންނަށްވެސް އެނގޭނެ.
ފ. އަތޮޅުވެސް އަދި ރަށްތައްވެސް ވިއްކާލަންޖެހެނީ އިޤްތިސާދީ ސިޔާސަތެއް ނެތުމުން. އެކަންކަން ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭނެ. ނަމަވެސް އެކަންކަމުގައި މަޖިލީސްވެސް އިހުމާލުވެފައިވަނީ. ހުރިހާ ޤާނޫނުތައް ރައީސް ޔާމީން ބޭނުންވާ ބަދަލުކޮށްދިނީވެސް މަޖިލީހުން. އެކަންތައްތައްކޮށްފައި މަޖިލީހުގެ މެމްބަރުން އެ ތިބެނީ ކުރާނެ މަސައްކަތެއް ނެތިފައި. އެ ހުރިހާ ސަބަބަކާއިހުރެ އިޤްތިސާދީ ސިޔާސަތެއް ނެތި، އިޤްތިާދު ހުރިތަނުގައި އޮތީ ބޮޑު ވަޅުގަނޑެއް.
މިހާރު އެހެން ޤައުމުތަކުން ދީފައިވާ ލޯންތައް ނުހިމަނާ ދައުލަތުގެ ރިޒާވްގައި ހުންނާނީ 25 މިލިއަން ޑޮލަރުވަރު. އެއީ އާދައިގެ ކުޑަ ކުންފުންޏެއްގައިވެސް ހުންނަ އަދަދު. އެހާލަތަށް ދިޔާއިމަ ދައުލަތުގެ އިޤްތިސާދު ހުރި ހާލަތު ވަރަށް ސާފުވޭ.
ޖޫން ޖުލައި ހަމައަށް ސަރުކާރުން އެ ބޭނުންވާ ޓްރެޒަރީ ބޮންޑް ނުވިއްކެއްޖެނަމަ ވަރަށް ނުރައްކާތެރި ހާލަތަކަށް ވެއްޓޭނެ. ހަރަދުކުރާނެ އެއްވެސް ފައިސާއެއް ނުހުންނާނެ. ރިޒާރވްގައިވެސް ބޭނުންކުރާނެ ފައިސާއެއް ނުހުންނާނެ. ސަރުކަރުން އެންމެ ފަހުން ހެދި ރޭޓިންގައިވެސް ލިބުނީ ބީޓޫ ރޭޓިން. އެއީ އިންވެސްޓަރުން އަންނާނެ ފަދަ ތަނެއްގައި ލިބޭނެ ރޭޓިންގެއް ނޫން. މި ބުނާހެން އެ ބޮންޑް ނުވިއްކިއްޖެނަމަ އިޤްތިސާދު އެއްކޮށް ބަނގުރޫޓްވެގެންދާނެ.
މި ސަރުކާރަށް މިހާތަނަށް އެއްވެސް އިންވެސްޓަރަކު ގެނެވިފައެއް ނުވޭ. ބްރިޖަކީ އިންވެސްޓްމެންޓެއް ނޫން. އެއީ ދައުލަތުގެ އެތަށް ދަރަންޏެއް ދައްކައިގެން ކުރާ ކަމެއް. އެހެންކަމުން އެއީ އިންވެސްޓްމެންޓަކަށް ނުވާނެ. އޮޅުވާލަން އުޅޭނެ ކަމެއް ނެތް. ދެން އެ އޮތީ އެއާޕޯޓްގެ ޕްރޮޖެކްޓް. އެއީވެސް އިންވެސްޓްމެންޓެއް ނޫން. އެއީވެސް ރައްޔިތުން ދަރަނިވެރިވެގެން ކުރާ ކަމެއް.
ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ކުރާ އިސްރާފުތައް ބޮޑުކޮށް އަޅުގަނޑުމެންނަށް މި ފެންނަނީ. ބޭކާރު އެތަށް ހަރަދެއް ކުރަމުންގެންދަނީ. ކޮންމެ ޕްރޮޖެކްޓެއް ތިން ހަތަރު ފަހަރު ކުރަންޖެހޭ. އެއީވެސް ހުސް އިސްރާފު. މީގެއިތުރުން ކޮރަޕްޝަން އިންތިހާއަށް އެބައޮތް. އަޅުގަނޑުމެންނަށް އެހުރީ ރިޕޯޓްތަކުގައި އަދަދުތައް ފެންނަން.