ވޯޓުލުމަކީ ޒިންމާއެއް ކަމަށާއި، ހުރިހާ ރައްޔިތުން ވެސް ނުކުމެ އަވަހަށް ވޯޓުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށް ފަހުގައި މީޑިއާތަކަށް ވިދާޅުވީ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނީ އަސާސީ ލިބިދީފައިވާ ހައްގެއް ކަމަށާއި، އެ ހައްގުގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.
އެހެންކަމުން ވޯޓުލުން ލަސްނުކޮށް އަވަހަށް ވޯޓުލުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
އަޅުގަނޑު ހަމަ ހުރިހާ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނީ އަސާސީ ލިބިދީފައިވާ ހައްގެއް އަދި ޒިންމާއެއް. އެހެންވީމަ ހުރިހާ ރައްޔިތުން ނުކުމެ ވަޑައިގެން ވީހާ ވެސް އަވަހަށް ވޯޓުލުމުގެ ހައްގު އަދާ ކޮށްދެއްވާށޭ. ކޮންމެހެން ހަވީރުވަންދެން މަޑުނުކުރައްވާ އެބޭފުޅަކު ވޯޓު ލައްވަންޖެހޭ މަރުކަޒަކަށް ވަޑައިގެން ވޯޓު ލެއްވުމަކީ އެބޭފުޅެއްގެ ހައްގެއް އަދި ޒިންމާއެއް ކަމަށްވީމަ އަޅުގަނޑު ހަމަ ވޯޓުލުމަށް އިލްތިމާސްކުރަންރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ވޯޓުލުން ކުރިއަށްދަނީ ހޮނިހިރު ދުވަހުގެ 5:30ށެވެ.
ވޯޓުލުން ފަށައިގެން ކުރިއަށް ގެންދާއިރު، ކޮންމެ ވޯޓު ފޮށްޓަކަށް އެންމެ ގިނަވެގެން ވޯޓު ލާނީ 500 މީހުންކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އީސީން ބުނީ މިފަހަރުގެ އިންތިޚާބުގައި ކޮންމެ ވޯޓު ފޮއްޓަކަށް ވޯޓުލާނީ އެންމެ ގިނަވެގެން 500 މީހުން ކަމަށެވެ. އަވަހަށް ވޯޓުލުމަށް އައުމަށް އީސީން އިލްތިމާސްކޮށްފައިވާއިރު، މިފަހަރުގެ އިންތިޚާބަކީ އެންމެ ގިނަ ދާއިރާތައް ކަނޑައަޅާފައިވާ ފަހަރެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނެނީ 87 ދާއިރާއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވަނީ 6 ދާއިރާ އިތުރުވެފައެވެ.
އިތުރުވާ 6 ދާއިރާއަކީ
• މާލޭ ސިޓީއަށް 2 ގޮނޑި
• އައްޑޫ ސިޓީއަށް 1 ގޮނޑި
• މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި
• މާލެ އަތޮޅަށް 1 ގޮނޑި
• ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި
މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނީ 30 މެއި 2024 އަށެވެ.
ރައްޔިތުން މަޖިލިސް އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން ވަނީ ވަގުތު އޮއްވައި ހުރިހާ ފަރާތްތަކުން ވޯޓުލުމަށް އައުމަށް އެދިފައެވެ.
އިންތިޚާބުގައި ޖުމްލަ 93 ދާއިރާއެއްގެ މެންބަރުން އިންތިޚާބު ކުރާއިރު، އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެއެވެ.
މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.
އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި 181 ފޮށި، ވިލިމާލޭގައި 9 ފޮށި، ހުޅުމާލޭގައި 51 ފޮށި އަދި އަތޮޅުތަކުގައި 319 ފޮށި އަދި ރިސޯޓުތަކުގައި 34 ފޮށި ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން ޖަލުތަކުގައި 5 ފޮށި އަދި ރާއްޖޭން ބޭރުގައި 3 ފޮށި ވަނީ ބަހައްޓާފައެވެ.
ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން ފަށާ ގަޑިއަކީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އަށެވެ. ވޯޓު ފޮށީގެ ކިޔޫގައި މީހަކު ނެތް ނަމަ 5:30 ގައި ފޮށި ބަންދުކުރުމަށް ފަހު، 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެއެވެ.
އެހެން ގައުމުތަކުގައި ވޯޓުލާން ފަށާ ގަޑިއަށް ބަލާއިރު، (އެ ގައުމެއްގެ ގަޑިން) އިންޑިޔާގެ ޓްރިވެންޑްރަމްގައި ހެނދުނު 8:30 ސްރީލަންކާގެ ކޮލަމްބޯގައި ހެނދުނު 8:30 އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ހެނދުނު 11:00 ކަމަށް އީސީން ބުނެއެވެ.
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަކެއްޗާއެކު ވޯޓުލާ މަރުކަޒުތަކަށް ފޮނުވުމުގެ މަސައްކަތުގެ ތެރެއިން. އިންތިހާބުގެ ވޯޓުލުން ފެށޭނީ 8:00 ގައި.