އިސްރާއީލުގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ އިސްރާއީލް ސިފައިން ޣައްޒާ ސިޓީ ވަށާލާފައިވާ ކަމަށާއި ހަނގުރާމަވެރިންނަށް އެއްވެސް ދިމާއަކުން އެތެރެވެސް އަދި ބޭރުވެސް ނުވެވޭނެކަމަށެވެ.
ތަރުޖަމާނު ޑެނިއަލް ހަގާރީ ވިދާޅުވީ ހަމާސް ރޫޅާލުމަށް އިސްރާއީލުން ކުރަމުންދާ ކެމްޕޭނުގެ ދަށުން ޣައްޒާ ސިޓީގެ ވަށައިގެން އައިޑީއެފްގެ ސިފައިން އެބަތިބި ކަމަށެވެ. އޭނާ ވިދާޅުވީ އިސްރާއީލު ސިފައިން ސީދާ ހަމާސްގެ ހަނގުރާމަވެރިންނާ ދިމާކޮށް ބަލިކުރަމުންދާ ކަމަށެވެ.
ހަގާރީ އިތުރަށް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ ވިސްނުން މުޅިން ބޭރުގައި އޮތް އިރު، އިސްރާއީލުން ވިސްނަނީ ހަނގުރާމަވެރި ޖަމާއަތުގެ ހަރަކާތްތަކުގެ މަރުކަޒުގެ ގޮތުގައި ޣައްޒާ ސިޓީގައި ހުރި ހަމާސްގެ މުދަލާއި ސިފައިން ނައްތާލުމަށެވެ.
ޣައްޒާގެ 35 ހޮސްޕިޓަލްގެ ތެރެއިން 16 ހޮސްޕިޓަލް މިހާރު އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ކަމަށް އެގައުމުގެ އިދާރާތަކުން ވަނީ ހިއްސާކޮށްފައެވެ.
ގިނަ އަދަދެއްގެ ހޮސްޕިޓަލްތައް އިސްރާއިލްގެ ހަމަލާތަކުގެ ސަބަބުން ފުނޑުފުނޑުވެގެން ދިޔަ އިރު، އަނެއް ބައި ހޮސްޕޮޓަލްތަކަކީ ތެޔޮ ނުލިބުމުގެ ސަބަބުން، ކަރަންޓު ކެނޑި، ބޭނުން ނުކުރެވޭ ވަރު ވެފައިހުރި ހޮސްޕިޓަލްތަކެވެ. މީގެ ތެރޭގައި ޣައްޒާގައި ހުރި ހަމަ އެކަނި ކެންސަރު ހޮސްޕިޓަލްވެސް ހިމެނެއެވެ.
މިހާރު ޣައްޒާގައިހުރި އެންމެ ބޮޑު ދެ ހޮސްޕިޓަލަށްވެސް ވަނީ މިބިރު ކުރިމަތިވެފައެވެ.
އަލް ގުދުސް ހޮސްޕިޓަލް ކައިރިއަށް އިސްރާއީލުން ވައިގެ ހަމަލާ އެއް ދީފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހަމަލާ ދީފައި ވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. ރެޑްކްރެސެންޓުން ބުނީ ބުދަ ދުވަހު ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް އެ ސަރަހައްދަށް ދީފައިވާ ކަަމަށެވެ. އަދި އެ ހަމަލާތައް ދެ ގަޑި އިރަށް ދެމިގެން ދިޔަ ކަމަށް ވެސް ވަނީ ބުނެފައެވެ.
ޣައްޒާގެ އިންސާނީ ހާލަތު ދަށްވެ، ހޮސްޕިޓަލްތައް ވަނީ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާ ކަމަށް ފަލަސްތީނުގައި މަސައްކަތް ކުރާ ޑޮކްޓަރުން ބުނަން ފަށައިފިއެވެ.
ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް ޝިފާ ހޮސްޕިޓަލްގައި މަސއްކަތް ކުރާ ޑޮކްޓަރަކާއި ހަވާލާދީ ސީއެންއެންގައި ބުނެފައި ވަނީ ހޮސްޕިޓަލަށް ގެންދާ ކުޑަކުދިންގެ ތެރޭގައި އަތަށާއި މޫނަށް އަދި ފަޔަށް ގެއްލުން ލިބިފައިވާ ކުދިން ގިނަ ކަމަށެވެ. އަދި ބައެއް ކުޑަކުދިން ހޮސްޕިޓަލަށް ގެންދާ އިރު ހަށިގަނޑުގެ ބައެއް ބައިތައް ވަކިވެފައިވާ މަންޒަރު ފެނުމަކީ ހިތަށް ކުޅަދާނަ ވާވަރު ކަމެއް ނޫން ކަަމށް ވެސް އެ ޑޮކްޓަރުން ވަނީ ބުނެފައެވެ.
އިސްރާއީލުން ޖަބާލިއާ ރެފިޔުޖީ ކޭމްޕަށް ދިން ހަމަލާގައި ފުރާނަ ގެއްލިގެންދިޔަ މީހުންގެ އަދަދު 195ށް އަރާފައިވާކަމަށް ޣައްޒާ އިން ބުނެފިއެވެ.
އިސްރާއީލުން ވަނީ އަންގާރަ އަދި ބުދަ ދުވަހުވެސް ޖަބާލިއާ ރެފިޔުޖީ ކޭމްޕަށް އަމާޒުކޮށް ހަމަލާދީފައެވެ. ޣައްޒާގެ ސަރުކާރުން ބުނެފައިވަނީ އިމާރާތްތަކުގެ ދަށުގައި 120 މީހުން ވާކަމަށެވެ. އަދި 777 މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށް ޣައްޒާއިން ބުނެއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން އިސްރާއީލު ސިޓިޒެންޝިޕް އޮންނަ ރައްޔިތުންނަށް ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ދެކޮޅަށް ވާހަކަދެއްކުމުގެ ފުރުސަތު ނޯންނަކަމަށް އެފަރާތްތަކުން ބުނެފިއެވެ.
އެގޮތަށް ވާހަކަދައްކާ އަޑުއުފުލާ ފަރާތްތައް ހޯދާ ހައްޔަރުކޮށް އިންޒާރުދެމުންދާކަމަށް އެޑްވޮކޭޓުން ބުނެއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން އިސްރާއީލު ސިޓިޒެންޝިޕް އޮންނަ މީހުންނަކީ އާބާދީގެ 20 އިންސައްތައެވެ.
ޣައްޒާއަށް އިސްރާއީލުން މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންދާއިރު މިހަމަލާތައް ހުއްޓުމަކަށް އައުމަށްފަހު ދެން ކަންކަންވެގެންދާނެ ގޮތެއް ނޭންގޭކަމަށާއި ނަމަވެސް ދެން ހަމާސްއަށް ޣައްޒާގައި ވެރިކަންނުކުރެވޭނެކަމަށް އެމެރިކާގެ ވައިޓްހައުސްގެ ސްޕޯކްސްމަން ޖޯރން ކާރބީ ބުނެފިއެވެ.
އެހެންކޮންމެ ބަޔަކަށް ޣައްޒާގެ ކޮންޓްރޯލް ނެގުނުނަމަވެސް އެބަޔަކީ ހަމާސް އަށް ނުވާނެކަމަށް ކާރބީ ބުންޏެވެ.
ހަމާސްގެ ކޮންޓްރޯލްގެ ދަށަށް ޣައްޒާ ދިޔައީ 2006 ވަނަ އަހަރުގެ އިންތިޚާބު ހަމާސް އިން ކާމިޔާބުކުރުމާއި ގުޅިގެންނެވެ. އެއާއެކު އިސްރާއީލުން އަންނަނީ ޣައްޒާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ހުރިހާ ކަމެއް ކޮންޓްރޯލްކުރަމުންނެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނާގޮތުގައި އެހީގެ ތަކެތި ހިފައިގެން މިއަދު ޣައްޒާއަށް 55 ޓްރަކް ވަދެފައިވެއެވެ. މީގެތެރޭގައި ހިމެނެނީ ފެނާއި ކާނާ އާއި ބޭހެވެ. އަދިވެސް ތެޔޮ އެހީގެ ސާމާނުގެ ގޮތުގައި އެތެރެނުކުރެވެއެވެ.
މިހާތަނަށް 272 ޓްރަކް ޣައްޒާއަށް އެހީ ހިފައިގެން އެތެރެވެފައިވެއެވެ.
އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރިޔަށްދާ ހަނގުރާމައިގައި މިހާތަނަށް 33 ނޫސްވެރިއެއް މަރާލާފައިވާކަމަށް މީޑިޔާ ވޮޗްޑޯގުން ބުނެފިއެވެ. އަދި 8 ނޫސްވެރިއަކަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާއިރު 9 ނޫސްވެރިއެއް ގެއްލިފައިވާކަމަށް ނުވަތަ ހައްޔަރުކޮށްފައިވާކަމަށް ބެލެވޭކަމަށްވެސް ބުނެފައިވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގައި އެ ގައުމުގެ ނުވަ ސިފައިން ޝަހީދުކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.
ފަލަސްތީނުގެ ޓެލެކޮމިއުނިކޭޝަން ކުންފުނި ޕަލްޓެލް އިން ބުނީ ޣައްޒާގައި އަނެއްކާވެސް މުވާސަލާތީ އަދި އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައިވާ ކަމަށެވެ.
އިޒްރޭލުން ޖެނިންއަށް ދިން ވައިގެ ހަމަލާގައި ދެ މީހަކު ޝަހީދުވެފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު ވަނީ 4 ށް އަރާފައެވެ.
އިސްރާއީލުން އެންމެ ފަހުން ޣައްޒާގެ ޚާން ޔުނިސްއަށް ދިން ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 12 އަށް.
ކޮލަމްބިއާ އާއި ޗިލީއިން އިސްރާއީލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަނބުރާ ގެންނައިރު، ޣައްޒާގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ބޮލީވިއާއިން ވަނީ އިސްރާއީލާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައެވެ.
ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާ އިންސާނީ އެހީދޭ ޖަމާއަތްތަކުން ކުށްވެރިކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގޮވާލުންތައް އާކޮށްފި އެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނުގެ އެންމެ ފަހުގެ އިންޒާރު ވަނީ ދެއްވައިފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެގައުމުގެ ފައިޓާ ޖެޓްތަކުން ހިޒްބުﷲގެ އިންފްރާސްޓްރަކްޗާއަށް ހަމަލާދީފައިވާ ކަމަށާއި އޭގެ ތެރޭގައި "ލުބުނާނުގައި ހުރި ހަތިޔާރާއި ޕޯސްޓުތަކާއި ސައިޓްތައް" ހިމެނޭ ކަމަށެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އިސްރާއީލާއި ލުބްނާނުގެ ބޯޑަރު ހުރަސްކޮށް އިސްރާއީލު ސިފައިންނާއި ހިޒްބުاللهގެ ހަނގުރާމަވެރިން ބަޑީގެ ހަމަލާތައް ބަދަލުކޮށްފައިވާއިރު، ސަރަހައްދީ ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ވިދާޅުވީ ހަމާސް އަށް ދެ ގޮތެއް އެބައޮތް ކަމަށާއި އެއީ "ހަނގުރާމައިން މަރުވުން ނުވަތަ އެއްވެސް ޝަރުތެއް ނެތި އަމިއްލައަށް އަމާން ދިނުން" ކަމަށެވެ.
"ތިން ވަނަ ގޮތެއް ނެތް،" ޣައްޒާގެ "ބިންމަތީގައި ތިބި ހަނގުރާމަވެރިންނާއި ލީޑާޝިޕަށް" ގަލަންޓް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެމީހުންނާ ހަމައަށް ގޮސް، އަޅުގަނޑުމެންގެ މިޝަން ހާސިލްކުރާނަން، އެ ޖަމާޢަތް ނެތްކަން ކަށަވަރު ކުރާނަން،" "އަޅުގަނޑުމެންގެ ގްރައުންޑް އޮޕަރޭޝަން ކާމިޔާބު ކުރާނީ އަޅުގަނޑުމެންގެ ގައިދީން އެނބުރި ގައުމަށް ގެނައުމަށާއި ހަމާސްގެ ގާބިލުކަން ނައްތާލައިގެން." އޭނާ ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ އިޒްރޭލުން އެންކްލޭވްގެ އެކި ސަރަހައްދުތަކަށް ހަމަލާދެމުން އަންނަ ދަނޑިވަޅެއްގައެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ކޮންމެ ދުވަހަކު ވެސް ހަމަލާދިނުމަކީ އެންމެން ގުޅިގެން ދޭ އަދަބެއް ކަމަށާއި އެއީ ފަލަސްތީނުގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ކޭމްޕްގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ޖެނިން ރެފިއުޖީ ކޭމްޕަށް ހިދުމަތް ކުރުމުގައި މަޝްހޫރު ކޮމިޓީގެ މުގައްރިރު މުހައްމަދު އަލް ސަބްބާގް، 50، ވިދާޅުވި ގޮތުގައި އަސްކަރިއްޔާއިން އެ ކޭމްޕަށް ވަދެ މީހުން މަރާލައި ޒަހަމްކޮށްލަ އެވެ.
"އެމީހުން މިއަދު ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލީ، ދެން އިސްރާއީލުގެ ބުލްޑޯޒަރުން ގެތަކާއި ސާމާނުތައް ހާލުކުކޮށްލި. އެ މީހުން ވަނީ ކޭމްޕުގެ ދޮރާއި އައިކޮނިކް އާޗްޑް ގޭޓަކާއި ޖެނިން ސިޓީގެ ލޭންޑްމާކެއް ކަމަށްވާ "އަސް" ރައުންޑްއަބައުޓް ހަލާކުކޮށްލައިފަ،" ސަބްބާގް ވިދާޅުވި އެވެ.
މި ރައުންޑަބައުޓަކީ 2002 ވަނަ އަހަރު ކޭމްޕަށް އަރައިގަތް މީހުންގެ ރަމްޒެއް ކަމަށާއި އެއީ އެމްބިއުލާންސް ހިމެނޭ ގޮތަށް އޭރު ހަލާކުވި ވެހިކަލްތަކުގެ ސްކްރެޕްތަކުން ހަދާފައިވާ ރައުންޑެކެވެ.
އަދި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެ ކޭމްޕުގައި ތިބި ފަލަސްތީނުގެ 11 މީހަކު ޝަހީދުކޮށް، 75 މީހުން ޒަޚަމްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ހެބްރޮންގެ ބާބް އަލް ޒަވިޔާގައި އިސްރާއީލް ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި 22 މީހަކަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ފަލަސްތީނުގެ މީހެއްގެ ބަނޑަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.
ޖެނިން ސިޓީގައި ހަތަރު މީހަކު މަރުވެފައިވާއިރު، ހޯމަ ދުވަހު ޔައްޓާގައި އެކަކު ވަނީ މަރުވެފަ އެވެ.
ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ސަލާހް އަދްދީން ސްޓްރީޓަށް އާމަރޑް ބުލްޑޯޒަރަކާއެކު ޓޭންކްތަކެއް ވަދެފައިވާ ކަމުގެ ޚަބަރުލިބުމުގެ މާނައަކީ، ހަމާސްގެ ދިފާއީ ސިޔާސަތުތަކާއި، އެމީހުންގެ ރައްދުދިނުމުގެ ޤާބިލުކަން ޓެސްޓް ކުރަން ނުވަތަ ދެނެގަތުމަށް އިސްރާއީލުން ފުރަތަމަ ފަހަރަށް ޑޭލައިޓް އާމަރޑް ރިކޮނިސެންސް ކުރިއަށް ގެންގޮސްފައިވާކަމެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގެ ބައެއް ސަރަހައްދުތަކުގައި ހަރަކާތްތެރިވުން ދެމެހެއްޓުމަށް އެންމެ ޚަރަދު ކުޑަ ގޮތަކީ، އެސަރަހައްދުން ބަރު ހަތިޔާރާއި އެކު ވަދެގަތުން ކަމަށް ބެލެވެއެވެ.
އޭގެ ބަދަލުގައި ޣައްޒާ ސިޓީއަށް ހަމަލާދޭން ނިންމައިފިނަމަ، އެ ސިޓީގެ ސަރަހައްދަށް ވަދެ، އެ ސިޓީއަށް ވަނުމަށް އެކަށީގެންވާ ވަރަށް ސިފައިން ބޭނުންކުރަން ޖެހިދާނެ ކަމަށާއި، އެކަމުގެ ސަބަބުން ހަމާސްގެ ގިނަ ހަނގުރާމަވެރިން އެ ސިޓީއަށް ގެންދާނެ ކަމަށް އިޒްރޭލުން ދެކެއެވެ.
ފަހަތުން އަންނަ ކޮމްބައިންޑް އެޓޭކެއްގައި، އިރުމަތީ ފަރާތުން ހަތިޔާރު އެޅި ފައުޖުތަކާއި، ކަނޑުގެ ސިފައިންގެ ފައުޖުތައް ބޭނުން ކުރުން ކަމަށް ބެލެވިދާނެ އެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ އެތެރޭގެ ލިޔުމެއްގައި ޣައްޒާގައި އެތައް ހާސް ބަޔަކު ލޮނުގަދަ އަދި ތަޣައްޔަރުވެފައިވާ ފެން ބޯންޖެހިފައިވާ ކަމުގެ ތަފްސީލް ދީފައިވާ ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ބުނެފިއެވެ.
ޣައްޒާގައި 52،000 އެއްހާ މާބަނޑު އަންހެނުންނާއި ހަ މަސް ނުފުރޭ 30،000 އަށް ވުރެ ގިނަ ތުއްތު ކުދިންނަށް ލޮނު ނުވަތަ ތަޣައްޔަރުވެފައިވާ ފެން ބޯން މަޖުބޫރުވެފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ރިޕޯޓްކޮށްފައިވާ ކަމަށް ހާރެޓްޒް ނޫހުގައި ބުނެފައިވެ އެވެ.
އިސްރާއީލުން ވަނީ ޣައްޒާގެ ރައްޔިތުންނަށް ފެން ހޯދުމަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ކަނޑާލާފައެވެ.
ފެނުގެ ދަތިކަމުގެ ސަބަބުން ބަނޑުހައިހޫނުކަމާއި ކޮލެރާ ފަދަ ގައިންގަޔަށް އަރާ ބަލިތައް ޖެހުމުގެ ބިރު އެބައޮތް ކަމަށް ސިއްހީ ހިދުމަތްތެރިން ބުނެ އެވެ.
ޣައްޒާއަށް އިޒްރޭލުން މިހާރު ދެމުން ގެންދާ ވައިގެ ހަމަލާތަކުގައި 47 މިސްކިތަކާއި ހަތް ފައްޅިއެއް ހަލާކުވެފައިވާ ކަމަށް ޣައްޒާގެ ސަރުކާރުން ބުނެފިއެވެ.
ޣައްޒާގެ މީޑިއާ އޮފީހުން ބުނީ ފާއިތުވި ތިން ހަފުތާގެ ތެރޭގައި 203 ސްކޫލަކާއި ސަރުކާރުގެ 80 އޮފީހެއް ވެސް ހަލާކުވެފައިވާ ކަމަށެވެ.
އެ އޮފީހުގެ ޑިރެކްޓަރު ސަލާމާ މާރޫފްއާ ހަވާލާދީ އަލްޖަޒީރާ އަރަބިކް އިން ބުނީ ބޮމުގެ ހަމަލާތަކުގެ ސަބަބުން 220،000 ހައުސިން ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި 32،000 އިމާރާތް މުޅިން ހަލާކުވެފައިވާ ކަމަށެވެ.
މީގެ ކުރިން ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އޯތޮޑޮކްސް ކަލްޗަރަލް ސެންޓަރަކާއި ގެދޮރު ގެއްލިފައިވާ 1500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސްކޫލަކަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި މިހާތަނަށް 8،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 3،000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2،000 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ. އަދި 20،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
އަލްޖަޒީރާއިން ނަގާފައިވާ ހާއްސަ ވީޑިއޯއަކުން ފެންނަ ގޮތުގައި އިސްރާއީލުން ދިން ވަރުގަދަ ބޮމުގެ ހަމަލާތަކަށް ފަހު ޣައްޒާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޖަބާލިއާ އަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ޖަބާލިއާ ރެފިއުޖީ ކޭމްޕަކީ ޣައްޒާގެ އެންމެ އާބާދީ ބޮޑު އެއް ސަރަހައްދަށް ވާއިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ހަމާސް އިން ދިން ހަމަލާއަށް ފަހު އިޒްރޭލު ސިފައިން އަންނަނީ ތަކުރާރުކޮށް ބޮމުގެ ހަމަލާތައް ދެމުންނެވެ.
ފާއިތުވި ތިން ހަފުތާގެ ތެރޭގައި ޣައްޒާގެ އެކި ހިސާބުތަކުގައި 8،000 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ބައިނަލްއަޤުވާމީ މައްސަލަތަކުގައި ނުވަތަ ހަމަނުޖެހުންތަކުގައި، މިދިޔަ 4 އަހަރު ކުޑަކުދިން ނިޔާވި އަދަދަށް ވުރެ ގިނަ ކުދިން ޣައްޒާގައި ވަނީ ނިޔާވެފަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ފާއިތުވި 3 ހަފްތާގައި ޣައްޒާގައި ނިޔާވި ކުޑަކުދިންގެ އަދަދު 3000 އަށް ވުރެ އިތުރެވެ. ތަފާސްހިސާބުތަކަށް ބަލާ އިރު 2022ގައި 24 ޤައުމުން ޖުމްލަ 2985 ކުޑަކުދިން އެކި މައްސަލަތަކުގައި މަރުވެފައިވެއެވެ. 2021ގައި 2515 ކުދިން އަދި 2020ގައި 2674 ކުދިން ވަނީ މަރުވެފައެވެ. 2019ގައި 4019 ކުދިން މަރުވެފައިވާ އިރު މިއީ އެ އަހަރުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ކުޑަކުދިން މަރުވި މީހުންގެ އަދަދުކަން ފާހަގަކޮށްލެވެއެވެ.
ލުބުނާނުގެ ހިޒްބުالله އިން ބުނީ ލުބުނާނުގެ އިރުދެކުނުން އިސްރާއީލުގެ ޑްރޯން އެއް ވައްޓާލީ ވައިގެ މަގުން ފޮނުވާލި މިސައިލަކުން ކަމަށާއި އެ ޑްރޯން ވައްޓާލާފައިވަނީ އިޒްރޭލުގެ ސަރަހައްދުގެ ތެރޭގައި ކަމަށެވެ.
ހިޒްބުالله އިން ބުނީ މި ޑްރޯން ވައްޓާލީ އިޒްރޭލުގެ ބޯޑަރާ ގާތްގަނޑަކަށް 5 ކިލޯމީޓަރު (3 މޭލު) ދުރުގައި އޮންނަ ކިއާމް ކައިރީގައި ކަމަށެވެ.
ލުބުނާނުގެ ސަލާމަތީ ދެ އޮފިޝަލަކު އެ އެޖެންސީއަށް މައުލޫމާތު ދިން ގޮތުގައި މިއީ ހިޒްބުالله ޖަމާއަތުން އިސްރާއީލުގެ ޑްރޯނެއް ވައްޓާލިކަން އިއުލާނުކުރި ފުރަތަމަ ފަހަރެވެ.
އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގެ އެންމެ ފަހުގެ ޝިކާރައަކަށްވީ އުދޭ އަބޫ މޮހްސެން އެވެ.
އިސްރާއީލު ސިފައިން ޣައްޒާގައި ހިންގާ ޤަތުލް ޢާއްމުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުއްވަމުން ގެންދަވާ ފަލަސްތީނުގެ ފޮޓޯ ޖާނަލިސްޓް ބެލާލް ޚާލިދު ވަނީ ކަފުންކޮށްފައިވާ ކުޑަކުއްޖެއްގެ ފޮޓޯއެއް ހިއްސާކޮށްފައެވެ.
"އުދޭ އަބީ މޮހްސެން، އޭނާގެ އުމުރަކީ އެއް ދުވަސް. އުފަންދުވަހުގެ ސެޓްފިކެޓް ނުދީ އެކުއްޖާއަށް ދޫކުރީ މަރުގެ ސެޓްފިކެޓް."
ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. ޝަހީދުވި ފަލަސްތީނުގެ 7،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ގާތްގަނޑަކަށް 40 ޕަސެންޓަކީ ކުޑަކުދިން ކަމަށްވާއިރު، އެތައް ސަތޭކަ ބަޔަކު ވަނީ ގެއްލިފައެވެ.
ފަލަސްތީނު ލިބަރޭޝަން އޯގަނައިޒޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން އަލް ޝެއިޚް ވަނީ ޖަރުމަނުގެ ސަފީރު ޑެއިކޭ ޕޮޓްޒެލްއާ ބައްދަލުކުރައްވާފައެވެ.
"ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާ ހުއްޓުވުމަށާއި، ޣައްޒާއާ ދެކޮޅަށް މިހާރު ހިނގަމުންދާ ހަމަލާތައް ވަގުތުން ނިމުމަކަށް ގެނެވޭނެ ގޮތްތައް ހޯދުމާއި، އެ ސަރަހައްދުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައްކާތެރި މަގުތައް ފަހިކޮށްދިނުމާއި، ޒަޚަމްވި މީހުން ސަލާމަތްކޮށް ފަރުވާ ދިނުމަށް ޓަކައި ކޮރިޑޯތައް ރައްކާތެރިކުރަން ޖެހޭ ކަމަށް ވެސް ޝެއިހް ވިދާޅުވި އެވެ.
ޕޮޓްޒެލް އަކީ ޖަރުމަނުގެ ފެޑެރަލް ފޮރިން އޮފީހުގެ ކްރައިސިސް ޕްރިވެންޝަން، ސްޓެބިލައިޒޭޝަން، ޕީސްބިލްޑިން އަދި ހިއުމެނިޓޭރިއަން އެސިސްޓެންސްގެ ޑިރެކްޓަރ ޖެނެރަލް އެވެ.