ލަންކާގެ އައު ރައީސަކު އައްޔަން ކުރުން
ލަންކާގެ ގާނޫނު އަސާސީގައިވާ ގޮތަށް އައު ރައީސަކު އައްޔަން ކުރުމަށް ނަގާ ވޯޓު ގާނޫނު ހަދާ މަޖިލީހުގައި ނެގުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ލަންކާގެ ރައީސްކަމަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުން
ލަންކާގެ ބޮޑުވަޒީރުކަމަށް ދެން އައްޔަނުކުރައްވާނީ ދިނެޝް ގުނަވަރްދަނާކަމަށް ރިޕޯޓުތައް ބުނެފި
ރަނިލް ވިކްރަމަސިންގހަގެ ސިޔާސަތުގައި ލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަނުކުރައްވާނީ ދިނެޝް ގުނަވަރްދަނާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި
ޑެއިލީ މިރޯ ލަންކާއިން ވަނީ ގައުމުގެ ރައީސްކަމުގެ މަގާމާ ވިކްރަމަސިންގހަ ހަވާލުވެވަޑައިގަތުމުން ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަންކުރައްވާނީ މަޖިލިސް މެމްބަރު ދިނެޝް ގުނަވަރްދަނާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ރިޕޯޓުކޮށްފަ

ލަންކާގެ ރައީސްގެ މަގާމަށް ރަނިލް ވިކްރަމަސިންގހަ
ލަންކާގެ ރައީސްކަމުގެ މަގާމަށް ރަނިލް ވިކްރަމަސިންގހަ ހޮވިވަޑައިގަންނަވައިފިއެވެ.
ވިކްރަމަސިންގހަ ލަންކާގެ ރައީސް ކަމަށް ހޮވިވަޑައިގަންނަވާފައިވަނީ ބުދަ ދުވަހުގެ ހެނދުނު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ގެންދިޔަ ވޯޓަށް ފަހުއެވެ. އެވޯޓުލުމުގައި ވިކްރަމަސިންގހައަށް ވަނީ 134 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންފައެވެ.
ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައިވަނީ ދުލަސް އަލަހައްޕެރުމާއަށެވެ. އެއީ 82 މެމްބަރުންގެ ވޯޓެވެ.
އަނޫރާ ކުމާރާ ޑިސަނަޔަކައަށް ލިބިވަޑައިގެންފައިވަނީ 03 ވޯޓެވެ.

ރައީސް ހޮވުމަށް ނަގާ ވޯޓު ގުނަން ފަށައިފި
ލަންކާގެ އައު ރައީސް ހޮވުމަށް ނަގާ ވޯޓު ނިމި ގުނަން ފަށައިފި
ބޮޑުވަޒީރު ރަނިލްގެ ފަރާތްޕުޅުން ވޯޓު ގުނުމުގެ ކަންކަން ބަލަހައްޓަވަނީ ހަރިން ފަރނާންޑޯ
ދުލާސްގެ ފަރާތްޕުޅުން ވޯޓު ގުނުމުގެ ކަންކަން ބަލަހައްޓަވަނީ ދިލަން ޕެރޭރާ
އަނޫރާގެ ފަރާތްޕުޅުން ވޯޓުގެ ކަންކަން ބަލަހައްޓަނީ ވިޖިތަ ހެރަތް

ފޮންސެކާގެ ވޯޓާއެކު މަޖިލީހުގައި ވޯޓުލުން ނިންމާލައިފި
ލަންކާގެ ރައީސް ހޮވުމަށް ގާނޫނު ހަދާ މަޖިލީހުގައި ނަގާ ވޯޓު ނިމުމަކަށް އަތުވެއްޖެ.
ފަހު ވޯޓު ދެއްވީ މެންބަރު ސާރަތު ފޮންސެކާ

ލަންކާގެ ރައީސް އައްޔަނުކުރުމުގެ މަސައްކަތްދަނީ ކުރިއަށް، މަޖިލީހުގެ ބޮޑު ތާއީދެއް ރަނިލްއަށް
ބުދަ ދުވަހުގެ ހެނދުނު ލަންކާގެ މަޖިލީހުން މިކަމުގެ މަސައްކަތް ފަށާފައިވާއިރު، އެގައުމުގެ އައު ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ތިން ބޭފުޅުން.
އެއީ ބޮޑުވަޒީރު އަދި މިހާރުގެ ވަގުތީ ރައީސްކަމުގައި މަޤާމުގައި ހުންނެވި ރަނިލް ވިކްރަމަސިންގހަ އާއި ދުލަސް އަލަހައްޕެރޫމާ އަދި އަނޫރާ ކުމާރާ ޑިސަނަޔަކަ.
ރިޕޯޓުތައް ބުނާގޮތުން މިވަގުތު މަޖިލީހުގެ އެންމެ ބޮޑު ތާއީދެއް އޮތީވެސް ވަގުތީ ރައީސް ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންގހައަށް.

ތަމަޅައިގެން އެންމެ ދުވަސްވީ ޕާޓީން ވެސް ވޯޓުގައި ބައިވެރި ނުވި
ތަމަޅައިގެން އެންމެ ދުވަސްވީ ސިޔާސީ ޕާޓީ އަހިލަ އިލަންކައި ޓަމިލް ކޮންގްރެސް އިން ވެސް ރައީސް ހޮވުމަށް ނަގާ ވޯޓުގައި ބައިވެރި ނުވިއެވެ.

އިސްތިއުފާ ދެއްވި ގޮތަބަޔާގެ ބޭބޭފުޅު މަހިންދަ ވޯޓު ދެއްވައިފި
ލަންކާގެ ކުރީގެ ރައީސް އަދި ދާދި ފަހުން ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވި މަހިންދަ ރާޖަޕަކްސަ ވޯޓު ދެއްވައިފި.
މިހާރު އޮތް ސަރުކާރުގެ ބޮޑުވަޒީރުކަން އަދާކުރެއްވުމަށްފަހު ލަންކާގެ ހަމަނުޖެހުންތަކާއި ގުޅިގެން މަހިންދަ ވަނި އިސްތިއުފާ ދެއްވާފައި.

ތަމަޅަައިންގެ އަގުލަބިއްޔަތު އޮންނަ ޓީއެންއެފްޕީގެ މެންބަރު ސެލްވަރަސަ ވޯޓު ނުދެއްވި
ލަންކާގެ ރައީސް ހޮވުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނަގަމުންދާ ވޯޓުގައި، ޓަމިލް ނެޝަނަލް ޕީޕަލްސް ފްރަންޓުގެ މެންބަރު ސެލްވަރަސަ ގަޖެންދްރަން ވޯޓު ނުދެއްވާ އެއްފަރާތްވެވަޑައިގެންފި
ތަމަޅައިންނަކީ ލަންކާގައި މިހާރު އޮތް ސަރުކާރާ ދެކޮޅު ބައެއް.

ރައީސްކަމުގެ މަގާމަށް ވާދަކުރައްވާ އަނޫރާ ވޯޓު ދެއްވައިފި
އަނޫރާ ކުމާރާ ޑިސަނަޔަކަގެ ނަން ހުށަހަޅުއްވާފައި ވަނީ ވިޖިތާ ހެރަތު.

ވަގުތީ ރައީސްކަމުގައި ހުންނެވި ރަނިލް ވޯޓު ދެއްވައިފި
ލަންކާގެ ވަގުތީ ރައީސް ރަނިލް ވިކްރަމްސިންގހަ ވޯޓު ދެއްވައިފި. އެމަނިކުފާނަކީ ލަންކާގެ ބޮޑުވަޒީރުކަންވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅާ.

ރައީސްކަމުގެ މަގާމަށް ވާދަކުރައްވާ ދުލާސް ވޯޓުލައްވައިފި
ރައީސްކަމަށް ދުލާސްގެ ނަން ހުށަހަޅުއްވާފައިވަނީ އިދިކޮޅު ސިޔާސީ ލީޑަރު ސަޖިތް ޕްރެމަދަސާ.

ވޯޓުލެއްވުމަށްފަހު ކަރުދާސްކޮޅު ނުދެއްކެވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފި
ގާނޫނު ހަދާ މަޖިލީހުގައި މެންބަރުން ވޯޓު ކަރުދާހުގައި ފާހަގަ ޖެއްސެވުމަށްފަހު ކަރުދާސްކޮޅު ދައްކަވަމުން ގެންދަވާތީ އެކަން ނުކުރެއްވުމަށް މަޖިލީހުގެ ރައީސް ޔާޕާ ވަނީ މެންބަފުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ލަންކާގެ ރައީސް ހޮވުމަށް ވޯޓުލާން ފަށައިފި
ލަންކާގެ އައު ރައީސަކު އައްޔަން ކުރުމަށް މަޖިލީހުގެ މެންބަރުން ވޯޓުލާން ފަށައިފި.
ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ 11:30 އާއި ހަމައަށް ކުރިއަށްދާނެކަމަށް ބެލެވޭ.

ލަންކާގައި އައު ރައީސަކު އައްޔަން ކުރުމުގެ މަސައްކަތް މަޖިލީހުން ފަށައިފި
ލަންކާގެ ގާނޫނު އަސާސީ ބުނާގޮތުން، ވެރިކަމުގައި ހުންނަވާ ރައީސަކު މަގާމުން އިސްތިއުފާ ދެއްވައިނަމަ، ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު 30 ދުވަހުގެ ތެރޭގައި ރައީސަކަމަށް އައްޔަން ކުރަންޖެހެއެވެ.
ލަންކާގެ ރައީސްކަމަށް 3 ނަމެއް ވަނީ ހުށަހަޅާފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލަންކާގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަކީ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ އާއި އަނޫރާ ކުމާރާ ޑިސަނަޔަކަ އަދި ދުލަސް އަލަހައްޕެރުމާއެވެ. މި ތިން ބޭފުޅުން މިމަގާމަށް ކުރިމަތިލައްވާފައިވާކަން ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވަނީ އިއުލާނުކޮށްފައެވެ.
އަލަހައްޕެރުމާގެ ނަން ހުށަހަޅުއްވާފައި ވަނީ އިދިކޮޅު ސިޔާސީ ލީޑަރު ސަޖިތު ޕްރެމަދަސާއެވެ. ރަނިލް ވިކްރަމަސިންގހަގެ ނަން ހުށަހަޅުއްވާފައި ވަނީ ދިނެޝް ގުނަވަރްދެނާއެވެ. އަދި، އަނޫރާ ކުމާރާ ޑިސަނަޔަކަގެ ނަން ހުށަހަޅުއްވާފައި ވަނީ ވިޖިތާ ހެރަތުއެވެ.
