އުރީދޫ ސާފް ޗެމްޕިއަންޝިޕް - ރާއްޖެ 2-0 ބަންގްލަދޭޝް
ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާއިރު، މިއީ ރާއްޖެއަށް މޮޅުވުން މަޖުބޫރު މެޗެކެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގެ ތެރެއިން
ފުރިހަމަ ވަގުތު: ރާއްޖެ 2-0 ބަންގްލަދޭޝް
ބަންގްލަދޭޝް 2-0 ގެ ނަތީޖާއަކުން ބަލިކޮށް ރާއްޖޭން ވަނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުރިއަށްދިޔުމަށް މުހިންމު މޮޅެއް ހޯދާފައެވެ.

ރާއްޖެ 2-0 ބަންގްލަދޭޝް
މެޗުގެ 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ދަގަނޑޭ ރާއްޖެއަށް ލީޑު ފުޅާކޮށްދީފިއެވެ. މިއީ އޭރިއާ ތެރެއިން ދާދުއަށް ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.

ރާއްޖެ 1-0 ބަންގްލަދޭޝް
މެޗުގެ 55 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ފޮނުވާލި އޯވަހެޑް ކިކަކުން ހަމްޒާ މުޙައްމަދު (ހަމްޕު) ރާއްޖެއަށް ލީޑު ނަގައިދީފިއެވެ.
ފުރަތަމަ ހާފު: ރާއްޖެ 0-0 ބަންގްލަދޭޝް
މެޗުގެ ފުރަތަމަ ހާފު ފަށައިގެން ބަންގްލަދޭޝްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުގެ ބިޕްލޯ އަޙްމަދު ފޮނުވާލި ހަމަލާއެއް ރާއްޖޭގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ ދިފާއުކޮށްފައެވެ.
މި ހާފުގެ 27 ވަނަ މިނެޓުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ރާއްޖޭގެ އަސްހަދު އަލީ (އަޑުބަރޭ) ބަދަލުކުރަން ޖެހުނެވެ.
މި ހާފުގައި ރާއްޖެއަށް ލަނޑެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނޫ ހުސެއިން ނިހާން (ނިހާޓް) އަށެވެ. އެކަމަކު އޭރިއޭ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އަލީ އަޝްފާގު (ދަގަނޑޭ) ފޮނުވާލި ހިލޭ ޖެހުމެއް ބަންގްލަދޭޝްގެ ގޯލްކީޕަރު އަނީސުރް ރަހްމާން ވަނީ ދިފާއުކޮށްފައެވެ.

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާއިރު، މިއީ ރާއްޖެއަށް މޮޅުވުން މަޖުބޫރު މެޗެކެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ނޭޕާލް އަތުން ބަލިވެފައިވާއިރު، ބަންގްލަދޭޝްއިން ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައެވެ.
ބަންގްލަދޭޝްގެ ފުރަތަމަ އެގާރަ:
އަނީސުރް ރަހްމާން (ގޯލްކީޕަރު)، ޖަމާލް ބުޔާން (ކެޕްޓަން)، ޔާސީން އަރަފާތު، އެމްޑީ ރަހުމަތު މިއާ، ޓޯޕޫ ބަރްމަން، ބިޕްލޯ އަޙްމަދު، އެމްޑީ މަތީން މިއާ، ސޮހޭލް ރަނާ، ތާރިގު ރައިހާން ކާޒީ، މުޙައްމަދު އިބްރާހީމް، އެމްޑީ ސާދުއްދީން
ރާއްޖޭގެ ފުރަތަމަ އެގާރަ:
މުޙައްމަދު ފައިސަލް (ގޯލްކީޕަރު)، އަކުރަމް އަބްދުލް ޣަނީ (ކެޕްޓަން)، ސަމޫހް އަލީ، ހުސެއިން ސިފާއު ޔޫސުފް، އަލީ އަޝްފާގު، ހަމްޒާ މުޙައްމަދު، އަލީ ފާސިރު، އަސްހަދު އަލީ، ހައިޝަމް ހަސަން، އިބްރާހީމް މަހުދީ ހުސެއިން، ހުސެއިން ނިހާން