ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ނޫސްވެރިންނާ ބައްދަލު ކުރެއްވުން

  • ސިޔާސީ ޙިޔާލުތަފާތުވުންތަކާއެކުވެސް ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަން ކުރަމާ: ރައީސް
  • މިނިސްޓަރ އިމްރާންއާ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ސަމާލުކަމަށް ގެނެސްފައެއް ނުވޭ: ރައީސް
  • ފްލެޓު ކޮމިޓީން ކޮށްފައިވާ މަސައްކަތްތަކަށް ފުރިހަމަ އިތުބާރު އެބައޮތް: ރައީސް
 
Writer Profile Picture
ލައިޝާ އަހްމަދު
ސިޔާސީ ޙިޔާލުތަފާތުވުންތަކާއެކުވެސް ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަން ކުރަމާ: ރައީސް

ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ވަނީ ސިޔާސީ ޙިޔާލުތަފާތުވުންތަކާއެކުވެސް ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަން ކުރެއްވުމަށް އިލްތިމާސް ކުރައްވާފައި، އަދި ދެވަނަ ޑޯޒް ޖެއްސެވުމަށްފަހު، ލުއިތައްވެސް ދެވިގެންދާނެކަން ރައީސް ފާހަގަ ކުރެއްވި

ރައީސް ޞާލިޙް - ރައީސް އޮފީސް
10 މާރޗް 2021 | ބުދަ 17:38
Writer Profile Picture
ލައިޝާ އަހްމަދު
މިނިސްޓަރ އިމްރާންއާ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ސަމާލުކަމަށް ގެނެސްފައެއް ނުވޭ: ރައީސް

މިނިސްޓަރ އިމްރާންއާ ގުޅިގެން ދެކެވެމުންދާ ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން ރައީސް ވިދާޅުވީ، މިހާތަނަށް އެފަދަ މައްސަލައެއް ރައީސްގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށެވެ.

10 މާރޗް 2021 | ބުދަ 17:36
Writer Profile Picture
ލައިޝާ އަހްމަދު
ފްލެޓު ކޮމިޓީން ކޮށްފައިވާ މަސައްކަތްތަކަށް ފުރިހަމަ އިތުބާރު އެބައޮތް: ރައީސް

ފްލެޓާ ގުޅިގެން ހުށައެޅިފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އައު ސަރުކާރު އައިސް ހުވާ ކުރުމުގެ ރަސްމިއްޔާތާ ޖެހެންދެންވެސް ހިޔާ ފްލެޓުގެ ފޯމުތައް ދޫކުރަމުން ދިޔަކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ، އަދި އައު ސަރުކާރު އައިސް ފޯމުތައް ހޯދައި، މައްސަލަތައް ދެނެގަތުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަން ރައީސް ފާހަގަ ކުރެއްވިއެވެ،

ރައީސް ވަނީ ފްލެޓު ކޮމިޓީން ކޮށްފައިވާ މަސައްކަތްތަކަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި ފްލެޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދަނީ ހައުސިންގ މިނިސްޓްރީންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާރު މިނިސްޓްރީން ގެންދަނީ ފަހުގެ މަރުޙަލާ ނިންމަވަމުން ކަމަށެވެ. އަދި މިހާރު ފައިނަލް ލިސްޓު އެކުލަވާލައި، ފްލެޓު ލިބިފައިވާ މީހުންނަށް ފްލެޓު ދިނުމުގެ ކަންކަން މިނިސްޓްރީން ކުރަމުންދާނެކަން ރަޢީސް ފާހަގަ ކުރެއްވިއެވެ.

10 މާރޗް 2021 | ބުދަ 17:34
Writer Profile Picture
ލައިޝާ އަހްމަދު
އެމްޑީއެންއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން: ރައީސް

އެމްޑީއެންއާ ގުޅިގެން ހުށައެޅިފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅާނެކަމަށް އަމިއްލަފުޅަށް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވާފައިވާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ،

ރައީސް ވިދާޅުވީ، އެމްޑީއެންގެ އިސްވެރިން މިވަގުތު ތިއްބެވީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އަދި އެކަމާ ގުޅިގެން ތަހުޤީޤަށް ހުރަސްތަކެއް ހުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ

10 މާރޗް 2021 | ބުދަ 17:30
Writer Profile Picture
ލައިޝާ އަހްމަދު
މަސައްކަތް މި ކުރަނީ ވައުދު ފުއްދުމަށް، އައު ދައުރަކަށް ކުރިމަތިލުމުގެ ވާހަކައަކީ އޭގެ ފަހުގެ ވާހަކައެއް: ރައީސް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ސިޔާސަތުތައް ބަދަލުވެގެންދާއިރު، ދައުލަތަށް އެކަމުގެ އަސަރުތައް ކުރާ ކަމަށެވެ. މިސާލެއްގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމާ ނުހަނު ދެކޮޅަށް މަސައްކަތް ކުރިކަން ފާހަގަ ކުރައްވައި ރަޢީސް ވިދާޅުވީ، އައު ސަރުކާރު އައުމާއެކު، ލާމަރުކަޒީ ނިޒާމަށް ދިއުމަށް މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ.

ރައީސް ވިދާޅުވީ، ވެރިކަމަށް އައިސް، ކުރިއަށް އޮތް ދައުރަށް ކުރިމަތިލާން ވިސްނަވައިގެން ކުރިއަށްދިއުމުގެ ބަދަލުގައި ވިސްނަވަަނީ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ކަމަށެވެ.

10 މާރޗް 2021 | ބުދަ 17:25
Writer Profile Picture
ލައިޝާ އަހްމަދު
އެމްއެމްޕީއާރްސީ ފައިސާވެސް ވަންނަންޖެހޭ އެކައުންޓުތަކަށް ވަދެފައި ހުރިނަމަ، ލޯނުތަކެއް ނަގަން ނުޖެހުނީސް: ރައީސް

މި ސަރުކާރުގެ ދަރަނީގެ ސިޔާސަތުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަރުކާރު އައިއިރު ދައުލަތުގެ އިޤްތިސާދީ ޙާލަތު އޮތީ ނުހަނު ގޯސްކޮށް ކަމަށެވެ. އެއާއެކު ފުރަތަމަ 2 އަހަރު ދަރަނި ނަގައިގެން ޕްރޮޖެކްޓުތައް ހިންގުމަކީ ރައްޔިތުންނަށްވެސް އެނގިގެން ކުރިއަށްދިޔަ ކަމެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެމްއެމްޕީއާރްސީ ޙިޔާނާތުގެ ފައިސާވެސް ވަންނަންޖެހޭ އެކައުންޓުތަކަށް ވަދެފައި ހުރިނަމަ، އަދި ދެކޮޅު ނުޖެހޭ ގިނަ މުއާމަލާތްތަކެއް އޭރު ކުރިއަށް ގެންގޮސްފައި ނެތްނަމަ، އެފަދަ ލޯނުތަކެއް ނަގަން ނުޖެހުނީސް ކަމަށެވެ. ރައީސް ވިދާޅުވީ، މި އަހަރު ނިމޭއިރު ބޮޑު ބަދަލުތަކެއް އިޤްތިސާދަށް އަންނާނެ ކަމަށެވެ.

10 މާރޗް 2021 | ބުދަ 17:18
Writer Profile Picture
ލައިޝާ އަހްމަދު
ވަކި މީހަކަށްވެގެން މައްސަލަ ބެލުމަށް ނުފޫޒެއް ފޯރުވާފައެއް ނޯންނާނެ: ރައީސް

އެމްއެމްޕީއާރްސީ ޙިޔާނާތާ ގުޅިގެން ނޫސްވެެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރުމަށް އަދި ލިއުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި ރައީސް ޔާމީނަށް ސިއްޙީ ފަރުވާއެއް ބޭނުންވެގެން ހުށައަޅައިފިނަމަ އެކަން ކުރައްވާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރްސީ ޙިޔާނާތުގެ ތަހުޤީޤު އެސެޓު ރިކަވަރީ ކޮމިޝަނުން ކުރިއަށްދިޔައިރު ފުރަތަމަ ބަލާފައިވަނީ އެކަން ހިނގާފައިވޭތޯ ކަމަށެވެ. އަދި މިހާރު ބަލަމުންދަނީ ވަކިވަކި ފަރުދުން ޒިންމާވާން ޖެހެނީ ކިހައި މިންވަރަކަށްތޯ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާރު އެ ފައިސާ ދިޔަ ދިމާތައް ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިކަހަލަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ބަލައި، މައިގަނޑު 14 ބަދަލެއް ކުންފުނިތަކާއި ވުޒާރާތަކުގެ ހިންގުމާއި ޤާނޫނުތަކަށް ގެންނަން ނިންމަވާފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

10 މާރޗް 2021 | ބުދަ 17:12
Writer Profile Picture
ލައިޝާ އަހްމަދު
މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ އިޤްތިސާދީ ޙާލަތު އޮތީ ވީދި ކަފާސްވެފައި: ރައީސް

ބިދޭސީން ކުށްތަކަށް އަރައިގަންނަ މައްސަލައާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ އިޤްތިސާދީ ޙާލަތު އޮތީ ވީދި ކަފާސްވެފައި ކަމަށެވެ. އެގޮތުން ގޭންގް މައްސަލަތަކާއި، ތަޅާފޮޅުމާއި، ވައްކަމާއި، މުޖުތަމައުގެ ތެރޭގައި އެނޫންވެސް ބޮޑެތި މައްސަލަތައް ހުރިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް ކުރެވެމުންދާ މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި ރާއްޖޭގެ އާބާދީއަށް ބޭނުންނުވާ މިންވަރަށް ބިދޭސީން އިތުރުވެފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވަނީ ބިދޭސީން ގެންނަ ފަރާތްތަކުންވެސް އަމަލު ކުރަންޖެހޭ އުސޫލުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ރައީސް ޞާލިޙް - ރައީސް އޮފީސް
10 މާރޗް 2021 | ބުދަ 17:04
Writer Profile Picture
ލައިޝާ އަހްމަދު
ކުންފުނިތަކާ ގުޅިގެން ހުށައެޅޭ ކަންކަން ރަނގަޅު ކުރުމަށް ވަގުތުދޭނަން، ފިޔަވަޅު އަޅާނީ އެއަށްފަހު: ރައީސް

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކުންފުނިތަކުގެ ޕްރޮކިއުމަންޓާއި ބިޑިންގ މަރުޙަލާގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަވާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކުންފުނިތަކާ ގުޅިގެން ހުށައެޅޭ ކަންކަން ރަނގަޅު ކުރުމަށް ވަގުތު ދެއްވާނެ ކަމަށެވެ، އަދި ހުރިހާ ކުންފުންޏަކާމެދުވެސް އަމަލު ކުރައްވާނީ އެގޮތަށްކަން ރައީސް ފާހަގަ ކުރެއްވިއެވެ،.

10 މާރޗް 2021 | ބުދަ 16:59
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް އޮފީހުން ފައިސާ ނަގައިގެން ކުށްވެރިއަކު ދޫކޮށްލާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް

ޖަލުގައި ތިބޭ ކުށްވެރިން ދޫކުރުމަށް ރައީސް އޮފީހުގެ ތެރެއިން ލާރި ނަގަމުންދާކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ރައީސް ސޯލިޙު ވިދާޅުވީ، ޖަލުގައި ތިބި ކުށްވެރިންނަށް މާފު ދިނުމުގައި އަމަލުކުރާ ގޮތްތަކެއް ހުންނަ ކަމަށެވެ، ރައީސް ވިދާޅުވީ، ކްލެމެންސީ ބޯޑުން ފޮނުވައިގެން ލުއި ދެއްވާފައިވާ ޤައިދީން ތިބޭނެ ކަމަށެވެ. އަދި އެކަމުގައިވެސް ކަރެކްޝަންސްގެ ލަފާ ހޯއްދަވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ރައީސް އޮފީހުން ފައިސާ ނަގައިގެން ކުށްވެރިއަކު ދޫކޮށްލާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

10 މާރޗް 2021 | ބުދަ 16:56
Writer Profile Picture
ލައިޝާ އަހްމަދު
ކެބިނެޓުގެ ވަޒީރެއްގެ އިތުބާރެއް ނެތްނަމަ އެކަން ފުރަތަމަ ރައީސާ ހިއްސާ ކުރެއްވުމަށް އެދިވަޑައިގަންނަވައިފި

މަލީހު މަޤާމުން ވަކި ކުރުމަށް މަޖިލީހުން ނިންމެވި ނިންމެވުމާ ގުޅިގެން ރައީސް ވިދާޅުވީ، މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމާ ގުޅިގެން މަލީހު ރައީސް ސޯލިޙާ މަޝްވަރާ ކުރެއްވި ކަމަށެވެ. މަލީހު ބޭނުންފުޅުވީ މަޖިލީހަށް ވަޑައިގެން ދިފާއުގައި ވާހަކަ ދެއްކެވުމަށްކަން ރައީސް ފާހަގަ ކުރެއްވިއެވެ،

ރައީސް ވިދާޅުވީ، އެމަނިކުފާނަށް އިތުބާރު ނެތްނަމަ އެ ވަޒީރެއް ވަކި ކުރައްވާނެ ކަމަށެވެ، އަދި އެކަމުގައި ކެބިނެޓުގެ ވަޒީރެއްގެ އިތުބާރެއް ނެތްނަމަ ރައީސާ ހިއްސާ ކުރެއްވުމަށް އެދިވަޑައިގަންނަވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މަލީހު ވަކި ކުރުމުގެ މަސައްކަތްވެސް ކުރެއްވީ އެމްޑީޕީ ޕީޖީ ގްރޫޕުގެ ފުރިހަމަ އަޢުލަބިއްޔަތުން ސޮއިކޮށްގެން ރައީސާ އެކަން ހިއްސާ ކޮށްގެން ކަމަށެވެ.

10 މާރޗް 2021 | ބުދަ 16:53
Writer Profile Picture
ލައިޝާ އަހްމަދު
ވަޒީރަކާމެދު އިތުބާރު ގެއްލިއްޖެނަމަ، އެ ވަޒީރަކު މަޤާމުން ވަކި ކުރާނަން، އެއީ ޒާތީވުމެއް ނޫން: ރައީސް

ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ވަޒީރަކާމެދު އިތުބާރު ގެއްލިއްޖެނަމަ، އެ ވަޒީރަކު މަޤާމުން ވަކި ކުރައްވާނެ ކަމަށެވެ. އަދި އެއީ ޒާތީވުން ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

10 މާރޗް 2021 | ބުދަ 16:48
Writer Profile Picture
ލައިޝާ އަހްމަދު
18 ވެހިކަލްއެއްގެ ރަޖިސްޓްރީ ފޯރޖްކޮށްގެން ހަދާފައިވާ ކަމަށް ފާހަގަވެފައިވޭ: ރައީސް

ޓްރާންސްޕޯޓު މިނިސްޓްރީއާ ގުޅިގެން ދެކެވޭ ވާހަކަތަކަށް ރިއާޔަތް ކުރައްވައި ރައީސް ވިދާޅުވީ، އެތަނުގެ ހިންގުމުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަވެފައިވާ ކަމަށެވެ، އޭގެ ތެރެއިން އެއް ކަމަކީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މެންޑޭޓުގެ ފުށުއެރުންތަކެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ،

ރައީސް ވިދާޅުވީ، މިހާރު ނިންމަވާފައިވަނީ ޓްރާންސްޕޯޓް އޮތީރިޓީ އުވާލުމަށް ކަމަށެވެ. އަދި އެކަމުގައި މުވައްޒަފުންނަށް ދެރައެއް ނުވާނެ ގޮތަށް ބައްލަވާނެކަން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ބައެއް އިތުރު މައްސަލަތަކެއްވެސް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން 18 ވެހިކަލްއެއްގެ ރަޖިސްޓްރީ ފޯރޖްކޮށްގެން ހަދާފައިވާ ކަމަށް ފާހަގަވެގެން ކަމާބެހޭ މުއައްސަސާތަކުން އެކަން ބަލަމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާއަށް އިތުބާރު އެބައޮތް ކަމަށެވެ.

10 މާރޗް 2021 | ބުދަ 16:47
Writer Profile Picture
ލައިޝާ އަހްމަދު
އެއް ކޮޓަރީގެ ފްލެޓު އެޅުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ނުހިމެނޭ: ރައީސް

އެއްކޮޓަރީގެ ފްލެޓުތަކާ ގުޅިގެން ރައީސް ވިދާޅުވީ، އެއް ކޮޓަރީގެ ފްލެޓު އެޅުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ނުހިމެނޭ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން އެކި އެސްއޯއީތަކަށް އެގޮތަށް ފްލެޓު އެޅުމަށް ޙަވާލު ކުރިނަމަވެސް، އޭގެ ތެރެއިންވެސް ކުރިއަށްދަނީ މަދު މަޝްރޫއުތަކެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

10 މާރޗް 2021 | ބުދަ 16:44
Writer Profile Picture
ލައިޝާ އަހްމަދު
އަލީ ވަޙީދުގެ މައްސަލަ މިހާރު ބަލަމުންދަނީ ފްރޭމްކޮށްގެން ކުރި ކަމެއްކަމަށް ބަލައިގެނެއް ނޫން: ރައީސް

އަލީ ވަޙީދާއި ގުޅިގެން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އަލީ ވަޙީދު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރަކީ ކޮވިޑާ ގުޅިގެން އެންމެ ބުރަ މަސައްކަތްތަކެއް ކުރެވުނު ދުވަސްވަރު ކަމަށެވެ. އެ ދުވަސްވަރު މިނިސްޓްރީގެ މުވައްޒަފުންނާއި ޖެންޑަރ މިނިސްޓަރުވެސް އަލީ ވަޙީދާ ގުޅިގެން ހުރި ޖިންސީ ފުރައްސާރައިގެ ތަފްސީލުތައް ހިއްސާ ކުރެއްވިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އަލީ ވަޙީދު ފުރި މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ

ރައީސް ވިދާޅުވީ، އަލީ ވަޙީދާ ގުޅިގެން ހުށައެޅިފައިވާ މުޅި މައްސަލަތައް ތަހުޤީޤު ކުރުމަށް ފުލުހުންނަށް އަންގަވާފައިވާ ކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަލީ ވަޙީދުގެ މައްސަލަ މިހާރު ބަލަމުންދަނީ ފްރޭމްކޮށްގެން ކުރި ކަމެއްކަމަށް ބަލައިގެނެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

10 މާރޗް 2021 | ބުދަ 16:40
Writer Profile Picture
ލައިޝާ އަހްމަދު
މި ސަރުކާރުގެ ޕްލޭންގެ ދަށުން މާލޭ ސަރަޙައްދުގައި 15،222 ހައުސިންގ ޔުނިޓު އެޅިގެންދާނެ: ރައީސް

ބޯހިޔާވަހިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްލޭންއެއް އެބައޮތް ކަމަށް، އެގޮތުން މާލޭ ސަރަޙައްދުގައި 10،000 ފްލެޓު އެޅުމަކީ ސަރުކާރުގެ ވައުދެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މާލޭ ސަރަޙައްދަށް 17000 އާއިލާއަކަށް ބޯހިޔާވަހިކަން ބޭނުންވެފައި އެބަތިބި ކަމަށް

އަދި މިހާރުވެސް ހައުސިންގ ޔުނިޓުތަކާ ގުޅޭ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މާލޭ ސަރަޙައްދުގައި 13،222 ހައުސިންގ ޔުނިޓާއި އިތުރު 2000 ޔުނިޓާއެކު މި ސަރަޙައްދުގައި 15،222 ހައުސިންގ ޔުނިޓް އެޅިގެންދާނެ ކަމަށް

ރައީސް ވިދާޅުވީ، ލަސްތަކެއްނުވެ، ބިން ހިއްކައިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގެންގުޅޭ މަޝްރޫއުތަކުގެ ތަފްސީލުތައް ހިއްސާ ކުރައްވާނެ ކަމަށް

10 މާރޗް 2021 | ބުދަ 16:36
Writer Profile Picture
ލައިޝާ އަހްމަދު
ރަމަޟާން މަސް ތެރޭގައި ކިންގ ސަލްމާން މިސްކިތް ހުޅުވުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސް

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ ކުރީ ސަރުކާރުގެ ބައެއް މަޝްރޫއުތައް ލަސްވަމުންދާ ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވާފައި، އެގޮތުން ރައީސް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތްތައް ނިމި މިހާރު ގިނަ ޚިދުމަތްތައްވެސް ދެމުން ގެންދާ ކަމަށް، އަދި ކުރިން އެ މަސައްކަތްތައް ލަސްވީ އެތަނާ ގުޅޭ ކޮރަޕްޝަން މައްސަލަތަކެއްގެ ސަބަބުންކަން ރައީސް ފާހަގަ ކުރެއްވި

އޭގެ އިތުރުން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެތަނުގެ ޚިދުމަތްތައް ހުރީ އެންމެ ބޭނުންވާ ގޮތަކަށް ނޫން ކަމަށެވެ. ނަމަވެސް މިހާރު އެތަނުން ޚިދުމަތް ދެމުން ގެންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ކިންގ ސަލްމާން މިސްކިތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މަސައްކަތް ކުރައްވަމުން ގެންދަަވަނީ ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި އެ މިސްކިތް ހުޅުވުމަށް ކަމަށެވެ.

10 މާރޗް 2021 | ބުދަ 16:33
Writer Profile Picture
ލައިޝާ އަހްމަދު
ކޯލިޝަން ރޫޅާލައި، ކޯލިޝަން ބައިބައި ވުމުގެ އެއްވެސް ވިސްނުމެއް ނެތް: ރައީސް

މިވަގުތު ރައީސް ގެންދަވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެގޮތުން ކޯލިޝަން އުވާލައްވަފާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކޯލިޝަން ރޫޅާލައި، ކޯލިޝަން ބައިބައި ވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް، ނަމަވެސް ކޮވިޑުގެ މި ޙާލަތުގައި ކޯލިޝަން ބައްދަލުވުންތައް ބާއްވަމުން ނުގެންދެވޭކަން ރައީސް ފާހަގަ ކުރެއްވި

ރައީސް ވިދާޅުވީ، ސަރުކާރުގެ ކަންކަން ނިންމަމުން ގެންދަވަނީ ކޯލިޝަންގެވެސް މަޝްވަރާއާއެކު ކަމަށް

10 މާރޗް 2021 | ބުދަ 16:28
Writer Profile Picture
ލައިޝާ އަހްމަދު
ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްތައްވެސް ހުރީ ޓެންޑަރިންގ މަރުޙަލާގައި: ރައީސް

ފެނާއި ނަރުދަމާއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށިގެންދާނެ ކަމަށް، އަދި ހުރިހާ ރަށެއްގެ މަސައްކަތްތައްވެސް ހުރީ ޓެންޑަރިންގ މަރުޙަލާގައިކަން ރައީސް ފާހަގަ ކުރެއްވި

އޭގެ އިތުރުން، 5 ޓަރޝަރީ ހޮސްޕިޓަލް ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް އިތުރަށް ފުޅާކުރެވިފައިވާކަން ރައީސް ފާހަގަ ކުރެއްވި

10 މާރޗް 2021 | ބުދަ 16:26
Writer Profile Picture
ލައިޝާ އަހްމަދު
މިހާތަނަށް ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް 10،000 ދަރިވަރަކަށް ފުރުސަތު ދެވިފައިވޭ: ރައީސް

ރައީސް ވިދާޅުވީ، ކޮވިޑާ ގުޅިގެން ވަރުބަލިކަމެއް ނެތި ގިނަ ބަޔަކު މިންނެއް މަސައްކަތްތަކެއް ކުރަމުންދާކަމަށް، އަދި ވެކްސިން ޖަހަމުންދާއިރުވެސް، އެންމެ އެދެވޭ ގޮތެއްގައި އަދިވެސް އަދަދުތައް ކޮންޓްރޯލް ވަމުން ނުދާކަން ރައީސް ފާހަގަ ކުރެއްވި

ރައީސް ވިދާޅުވީ، ކޮވިޑާ ގުޅިގެން ތަރައްޤީގެ މަޝްރޫއުތަކުގެ ތަރުތީބަށް ބަދަލުތަކެއް ގެންނަން ޖެހުނުކަމަށް، އަދި މި ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓަކީ ތައުލީމާ ގުޅޭ މަޝްރޫއުތައްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މިހާތަނަށް ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް 10،000 ދަރިވަރަކަށް ފުރުސަތު ދެވިފައިވާ ކަމަށް

10 މާރޗް 2021 | ބުދަ 16:24