އިންތިޚާބީ ރައީސް ޖޯ ބައިޑެން މަޤާމުގެ ހުވާ ކުރެއްވުން
އިންތިޚާބީ ރައީސް ޖޯ ބައިޑެން މަޤާމުގެ ހުވާ ކުރެއްވުން

އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި ނައިބްރައީސާ ކަމަލާ ހެރިސް
"ޕޯޓަސް" އެކައުންޓުން ބައިޑެން ކުރެއްވި ފުރަތަމަ ޓްވީޓު: ވަގުތު ބޭކާރު ކުރެވޭކަށް ނެތް
އެމެރިކާގެ ރައީސްކަމުގައި ހުންނަވާ ބޭފުޅަކު ބޭނުން ކުރައްވާ ޓްވިޓަރ އެކައުންޓް "ޕޯޓަސް" (ޕްރެޒިޑެންޓް އޮފް ދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ) އިން ކުރެއްވި ފުރަތަމަ ޓްވީޓުގައިވެސް ބައިޑެން ވިދާޅުވީ، ވަގުތު ބޭކާރު ކުރެވެން ނެތް ކަމަށް، އަދި މިވަގުތުން ފަށައިގެން ކުރައްވަން ޖެހޭ މުހިއްމު ކަންކަން ފައްޓަވާނެ ކަމަށް ބައިޑެން ވިދާޅުވި،
ޚިދުމަތަށް ތައްޔާރު: ކަމަލާ ހެރިސް
އެމެރިކާގެ ފުރަތަމަ ނައިބްރައީސާ މަޤާމުގެ ހުވާ ކުރެއްވުމަށްފަހު ބުދަ ދުވަހު ވަނީ ކުރު އަދި މާނަފުން ޓްވީޓެއް ކުރައްވާފައި، އެކަމަނާ ވިދާޅުވީ، "ޚިދުމަތް ކުރަން ތައްޔާރު" ކަމަށް
ޤާނޫނީ ވަކީލުކަމުގެ ދާއިރާއިން ޑިގްރީ ޙާސިލު ކުރައްވާފައިވާ ކަމަލާ ހެރިސްއަކީ އެކި ގޮތްގޮތުން ތަފާތު ބޭކަނބަލެއް، އެގޮތުން އެކަމަނާ ވަނީ ކެލިފޯނިއާގެ ފުރަތަމަ އަންހެން އެޓަރނީ ޖެނެރަލްކަން ކުރެއްވުމުގެ އިތުރުން، ކަލު ނަސްލުގެ ފުރަތަމަ އެޓަރނީ ޖެނެރަލްކަން ލިބިވަޑައިގެންނެވުމުގެ ޝަރަފުވެސް ހާސިލު ކުރައްވާފައި.
ބައިޑެންގެ ޔަޤީންކަން- ޤާނޫނު އަސާސީ ދިފާއު ކުރާނަން، ޑިމޮކްރަސީ ދަމަހައްޓާނަން
އެމެރިކާގެ ޤާނޫނުއަސާސީ ދިފާއު ކުރައްވައި، ޑިމޮކްރަސީ ދަމަހައްޓަވާނެކަމުގެ ޔަޤީންކަން އެމެރިކާގެ އައު ރައީސް ޖޯ ބައިޑެން ވަނީ ދެއްވާފައި.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ނިންމާލައިފި
އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ނައިބްރައީސާ ކަމަލާ ހެރިސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ނިންމާލައިފި، މި ރަސްމިއްޔާތު ބާއްވާފައިވަނީ ކޮވިޑުގެ މި ޙާލަތުގައި ސިއްޙީ ގޮތުން ބަލަންޖެހޭ މިންގަނޑުތަކާއެކު، އެގޮތުން ރަސްމިއްޔާތުގެ ހުރިހާ ބައިވެރިންވެސް ތިއްބެވީ މާސްކް އަޅުއްވައިގެން.
ހުވާ ކުރެއްވުމާއެކު އެތައް ބަޔަކު ދަނީ ބައިޑެންއާއި ކަމަލާއަށް މަރުޙަބާ ކިޔަމުން



ހުވާ ކުރެއްވުމުގެ ރަސްމިއްޔާތެއްގައި ވާހަކަ ދައްކާ އެންމެ ހަޤު ޝާއިރު- އަމަންޑާ ގޯރމަން
22 އަހަރުގެ އަމަންޑާ ގޯރމަން ގެންދަނީ ފަށުވި އިބާރަތްތަކަކުން އެމެރިކާގެ ޙާލަތުގެ ވާހަކަ ދައްކަވަމުން، އަމަންޑާއަކީ އެމެރިކާގެ ރައީސަކު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ވާހަކަ ދައްކާ އެންމެ ހަޤު ޝާއިރު ކަމަށް ރިޕޯޓުތައް ބުނޭ، އަމަންޑާގެ ޅެންތަކަކީ އެމެރިކާގައި މަޝްހޫރު އަދި ގިނަ ބައެއްގެ މަޤުބޫލުކަން ލިބިފައިވާ ޅެންތަކެއް،

ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު


ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ރައީސް ބައިޑެން އަލިއަޅުވާލައްވައިފި
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބައިޑެން ވަނީ އެމެރިކާއަށް މިދަނޑިވަޅުގައި ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް އަލިއަޅުވާލައްވާފައި، އެގޮތުން ކޮވިޑުގެ ބަލިމަޑުކަމާއި، އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިއުމުގެ އިތުރުން، ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ނަސްލީ ގޮތުން ކުރިމަތިވާ ތަފާތު ކުރުން ނައްތާލުމުގެ އިތުރުން، ސިޔާސީ މައްސަލަތަކަށް ބައިޑެން އަލިއަޅުވާލައްވާފައިވޭ

މިއަދު ޑިމޮކްރަސީ ގަދަވެ، އެމެރިކާއަށް އުއްމީދު އާވެއްޖެ: ބައިޑެން
ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ޤައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ، މިއަދަކީ އެމެރިކާގެ ދުވަސްކަމަށް، އަދި މިއަދު ޑިމޮކްރަސީގެ އަގު ފެނިގެން ގޮސްފައިވާކަން ފާހަގަ ކުރައްވައި ބައިޑެން ވިދާޅުވީ، ޤައުމުގެ ކުރިއެރުމަށް ދިމާވެފައި ހުރި ހުރަސްތައް ނައްތާލާނީ އެންމެން އެކަތިގަނޑަކަށް ވެގެން ކަމަށް

ބައިޑެންވެސް މަޤާމުގެ ހުވާ ކުރައްވައިފި
އެމެރިކާގެ 46 ވަނަ ރައީސް ކަމުގެ ހުވާ ޖޯ ބައިޑެން ކުރައްވައިފި، ބައިޑެންއަށް މަޤާމުގެ ހުވާ ލައިދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޖޯން ރޮބަރޓްސް، މިވަގުތު ބައިޑެން ގެންދަވަނީ ޤައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން

ނައިބްރައީސް ކަމަލާ މަޤާމުގެ ހުވާ ކުރައްވައިފި
އެމެރިކާގެ ނައިބްރައީސް ކަމަލާ ހެރިސް މަޤާމުގެ ހުވާ ކުރައްވައިފި. ކަމަލާއަށް ހުވާ ލައިދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސޯނިއާ ސޮޓޯމަޔާ،
އިންޑިއާ-ޖެމެއިކާއަށް ނިސްބަތްވެވަޑައިގަންނަވާ ކަމަލާ އަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބްރައީސްއަކަށް ވެވަޑައިގަތުމުގެ އިތުރުން، "މިކްސްޑް ރޭސް" އަކަށް ނިސްބަތްވެވަޑައިގަންނަވާ ފުރަތަމަ ނައިބްރައީސްވެސް މެއެވެ. ހަމައެއާއެކު، އުމުރުފުޅުން 55 އަހަރުގެ ކަމަލާއަކީ އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ނައިބްރައީސްއެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ލޭޑީ ގާގާ ޤައުމީ ސަލާމް ކިޔަނީ
ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ވަނީ ފެށިފައި، މިވަގުތު މަޝްހޫރު ޕޮޕްސްޓަރ ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ގެންދަނީ އެމެރިކާގެ ޤައުމީ ސަލާމް ކިޔަމުން،
ހަނދާނުން ފިލުވާ ނުލުމަށް އިލްތިމާސް ކުރައްވަމުން ޓްރަމްޕް ވައިޓްހައުސްއިން ނުކުމެވަޑައިގެންފި
ބުދަ ދުވަހު ޓްރަމްޕް ވައިޓްހައުސްއިން ނުކުންނަވަމުން ދެއްވި ފަހު ސްޕީޗުގައި ވަނީ އެމަނިކުފާނު މަތިން ހަނދާން ކުރެއްވުމަށް އެމެރިކާގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. ޓްރަމްޕް ވިދާޅުވީ، ވަދާއުގައި ދުރަށް ވަޑައިގަންނަވަނީ މާ ގިނަ ދުވަހަކަށް ނޫން ކަމަށެވެ.
ފަހު ސްޕީޗު ދެއްވުމަށްފަހު ޓްރަމްޕް ވަނީ މެރިން ވަން ހެލިކޮޕްޓަރަށް އަރާވަޑައިގެންފައެވެ. ރަތް ދޫލައިގައި ޓްރަމްޕް ވަޑައިގެންއިރު، 21 ބަޑީގެ ސަލާމެއްވެސް އަރުވާފައިވާ ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.