އިންޑިއާއިން ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުން
އިންޑިއާއިން ރާއްޖެއަށް މިއަދު ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ލިބޭނެ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއިން ކަށަވަރު ކޮށްދީފައިވޭ
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރައްވަނީ
އިންޑިއާއިން މާލީ ގޮތުންނާއި ވަސީލަތުގެ ގޮތުން ދެމުންދާ އެހީއަށް މިނިސްޓަރ ނަސީމުގެ ޝުކުރު
އިންޑިއާގެ ވެކްސިންއާ ރާއްޖެއިން ޙަވާލު ވުމަށް ބުދަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ، އިންޑިއާއިން ހަމައެކަނި މާލީ އެހީގެ ގޮތުގައިވެސް 250 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާ ކަަމަށާއި، އޭގެ އިތުރުން ވަސީލަތްތަކުގެ ގޮތުންވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ކޮވިޝީލްޑްގެ އިތުރުން އެހެން ވެކްސިން ރާއްޖެއަށް ގެނައުމަށްވެސް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރ ޝާހިދުގެ ޝުކުރު ހިންދީ ބަހުން އިންޑިއާއަށް
އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ވެކްސިން ހަވާލު ކުރުމަށް ބުދަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ރާއްޖޭގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ފާހަގަ ކުރައްވައި ރައީސްގެ މޭސްތިރިކަމުގެ ދަށުން ކުރައްވާފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައި،
މިނިސްޓަރ ވިދާޅުވީ، އިންޑިއާއިން ވެކްސިން ދޭން ފެށިތާ 4 ދުވަސް ތެރޭގައި އަވައްޓެރި ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ފެށުމުން ދޭހަވަނީ އިންޑިއާއިން އަވައްޓެރި ޤައުމުތަކަށް އިސްކަންދޭ މިންވަރު ކަމަށް
މިނިސްޓަރ ވަނީ އިނގިރޭސި ބަހުންނާއި، ހިންދޫ ބަހުން އިންޑިއާއަށް ޝުކުރު ދަންނަވާފައި
ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކޮވިޑް ވެކްސިންގެ 7 ލައްކަ ޑޯޒް ރާއްޖެއަށް ލިބޭނެ: ޑރ ނަޒްލާ
ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން ހޯދުމަށް އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާކަން ފާހަގަ ކުރައްވައި ޑރ ނަޒްލާ ވިދާޅުވީ، އެސްޓްރަޒެނެކާގެ 7 ލައްކަ ވެކްސިން ޑޯޒް ރާއްޖެއަށް ގެނައުމަށް އެއްބަސްވެފައިވާ ކަމަށް.
ވެކްސިން ޖަހާނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް ފަހު: ޑރ ނަޒްލާ
އިންޑިއާއިން ވެކްސިން ގެނައުމާ ގުޅޭގޮތުން ރާއްޖެޓީވީން ގެނެސްދިން ޚާއްސަ ކަވަރޭޖަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވީ، ވެކްސިން ޖަހާނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް ފަހު ކަމަށާއި، ރާއްޖެއިންވެސް ވެކްސިން ރަޖިސްޓަރ ކުރާނީ މިންގަނޑުތަކަށް ބެލުމަށްފަހު ކަމަށެވެ.
އޭގެ އިތުރުން، އިންޑިއާގެ ވެކްސިނަށް ޑަބްލިއުއެޗްއޯގެ ހުއްދަ ހޯދުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ރާއްޖެއިންވެސް ވެކްސިން ޖަހާނީ އެކަމުގެ ތައްޔާރީތައް ވުމަށްފަހުކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.
ކޮންމެ ވެކްސިނެއްގައިވެސް ސައިޑް އިފެކްޓްސް ހުންނަކަން ފާހަގަ ކުރައްވައި ޑރ ވިދާޅުވީ، އެލަރޖިކް ރިއެކްޝަންއެއް އައިސްދާނެ ޙާލަތެއްގައިވެސް އެކަމަށް އެޓެންޑު ވެވޭނެ ކަމަށާއި، ސިއްޙީ އެހީތެރިންވެސް އެކަމަށް ތަމްރީނު ކުރެވިފައިވާ ކަމަށެވެ.
އޭގެ އިތުރުން، އިންޑިއާގެ މި ވެކްސިނަކީ ހިލޭ ލިބިގެންދާ ވެކްސިނެއްކަން ފާހަގަ ކުރައްވައި ޑރ ނަޒްލާ ވިދާޅުވީ، ސިންގަޕޫރުގެ އެސްޓްރަޒެނެކާގެ 7 ލައްކަ ވެކްސިން ހޯދުމަށްވެސް އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާ ކަމަށް
އިންޑިއާގެ ވެކްސިން ހިފައިގެން އައި އެއަރ އިންޑިއާގެ ފްލައިޓް އެއަރޕޯޓުގައި ޖައްސައިފި
އިންޑިއާގެ ވެކްސިން ހިފައިގެން އައި ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް ފްލައިޓުގައި ޖައްސާފައިވަނީ ބުދަ ދުވަހުގެ މެންދުރު 2:42 ހާއިރު،
މިއީ ރާއްޖެއިން ކޮވިޑަށް ފަރުވާ ދިނުމަށް ގެނަ ފުރަތަމަ ވެކްސިން، މި ވެކްސިން ގެނައުމާއެކު، ރާއްޖޭގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްޙީ އެހީތެރިންނާއި، އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ޖެހުމުގެ ތައްޔާރީތައް ފެށިގެންދާނެ

އިންޑިއާގެ އެހީއަކީ ވައިރަސްގެ ވަބާ ނެތިދިއުމުގެ ފެށުން: ރައީސް ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ބުދަ ދުވަހު އިންޑިއާގެ ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ލިބޭނެކަން ފާހަގަ ކުރައްވައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައި، ރައީސް ނަޝީދު ވަނީ މިއީ ވައިރަސްގެ ވަބާ ނެތިދިއުމުގެ ފެށުމުގެ ގޮތުގައި ސިފަ ކުރައްވައި، ރާއްޖެއަށް ދިމާވާ ކޮންމެ ދަތި ޙާލެއްގައި އެންމެ ފުރަތަމަ އެހީދޭ އެއް ޤައުމަކީ އިންޑިއާކަން ފާހަގަ ކުރައްވާފައި
އިންޑިއާއިން ގެންނަ ކޮވިޑް ވެކްސިން ރިސީވް ކުރުމަށް ވެލާނާ އެއާޕޯރޓުގައި ތައްޔާރީތައް ވެފައި

ޑޮމިނިކާއިންވެސް އިންޑިއާގެ ވެކްސިން ހޯދުމަށް އެދި މޯދީއަށް ޚާއްސަ ރިއުއެސްޓެއް
އިންޑިއާއިން ފޯރުކޮށްދޭ ކޮވިޑް ވެކްސިން ހޯދައިދެއްވުން އެދި ޑޮމިނިކާގެ ބޮޑުވަޒީރު ރޫސްވެލް ސްކެރިޓް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ސިޓީފުޅެއް ފޮނުއްވާފައެވެ.
ސިޓީގައި ރޫސްވެލް ވަނީ އައު އަހަރެއް ފެށިގެން ދާއިރު، ޑޮމިނިކާގެ 72،100 މީހުންގެ އާބާދީއަށް ވެކްސިނެއްގެ ބޭނުން ނުހަނު ބޮޑުވެފައިވާ ކަމަށާއި، ކޮވިޑްގެ ވަބާއިން ސަލާމަތްވުމަށް އެ ޤައުމުގެ އާބާދީއަށް ބޭނުންވާ ވަރަށް އިންޑިއާގެ ވެކްސިން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
މޯދީ ވަނީ މީގެ ކުރިންވެސް އިންޑިއާއިން އެހެނިހެން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އިންޑިއާއިން ރާއްޖެއަށް ވެކްސިން ޝިޕްމެންޓް ގެންނަ ފްލައިޓް ފުރައިފި
އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުން: ރައީސް
ރައީސް ވިދާޅުވީ، ވޭތުވެ ދިޔަ 10 މަސްދުވަހު، ކޮވިޑްގެ ސަބަބުން ރައްޔިތުން ވަރަށް ގިނަ ދަތި އުނދަގޫތަކެއް ތަޙައްމަލު ކުރި ކަމަށް. އަދި ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށް
އިންޑިއާގެ ވެކްސިން ރާއްޖެއަށް ފޯރުކޮށްދެއްވާތީ ރައީސް ސޯލިޙުގެ ޝުކުރު އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް
ބުދަ ދުވަހު ޤައުމާ މުޚާތަބު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވަނީ އިންޑިއާ ސަރުކާރަށް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރު ދަންނަވާފައި.
ރައީސް ވިދާޅުވީ، މިއަދު މިލިބޭ އައު އުންމީދާއެކީ ވެސް، ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށް، އެގޮތުން އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް ރައީސް ވަނީ ގޮވާލައްވާފައި
ވެކްސިންއާ ގުޅޭގޮތުން ރައީސް ޤައުމާ މުޚާތަބުކުރައްވަނީ
ކޮވިޑް-19ގެ ވެކްސިން ހޯދުމުގައި ރާއްޖެއިން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ޤައުމާ މުޚާތަބު ކުރައްވާނެކަން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް މިއަދު މެންދުރުފަހު 2 ޖަހާއިރު ކޮވިޑް-19ގެ ވެކްސިން ހޯދުމުގައި ރާއްޖެއިން ކުރާ މަސައްކަތްތަކުގެ ތަފްސީލާ ގުޅޭގޮތުން މުޚާތަބުކުރައްވާނެކަމަށެވެ. ރައީސްގެ ޚިތާބު ޕްރެސިޑެންސީ އެމްވީއިން ލައިވް ސްޓްރީމްކުރާނެކަމަށް މަބްރޫކް ހާމަކުރެއްވިއެވެ.
ކޮވިޑް ވެކްސިންއާގުޅޭގޮތުން ރައީސް ޤައުމާ މުޚާތަބުކުރައްވާއިރު، އަވަށްޓެރި އިންޑިއާގެ ކޮވިޑް ވެކްސިން މިއަދު ރާއްޖެއަށް ގެންނަން ވަނީ ހަމަޖެހިފައެވެ.