ޓްރަމްޕްގެ ސަޕޯޓަރުންގެ އަމަލުތަކަށް ދުނިޔޭގެ ލީޑަރުން ބުނީ ތިއީ ހުތުރު އަމަލެއް ކަމަށް
ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަރުހަލާތައް ފެށިގެން ކުރިއަށްދަނިކޮށް އެމެރިކާގެ ގާނޫނުހަދާ މަޖިލީހަށް ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހިންގި ހަމެޖުހުމަކީ ހުތުރުކަން ބޮޑު އަމަލެއް ކަމަށް ބައިނަލްއަގުވާމީ ދުނިޔެއިން ބުނެފިއެވެ.
ޔުނައިޓެޑް ނޭޝަންސް (ޔޫއެން)
ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޝް ވަނީ ހަމަނުޖެހުންތަކާއި ގުޅިގެން ހިތާމަކުރައްވާކަން ހާމަކުރައްވާފައެވެ. ގުޓެރޭޝްގެ ތަރުޖަމާނު ސްޓެފެން ވިދާޅުވީ ސިޔާސީ ލީޑަރުން އެ މީހުންގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށާއި، ބާރު ބަދަލުވުމުގެ މަރުހަލާއަށް އިހްތިރާމްކޮށް ގާނޫނު ނަަހައްޓަން ޖެހޭނެ ކަމަށެވެ.
ނިއުޒިލޭންޑް
ނިއުޒިލޭންޑުގެ ފޮރިން މިނިސްޓަރ ނަނައިއާ މަހުޓާ ވިދާޅުވީ ވޮޝިންގްޓަންގައި ހިނގަައިދިޔަ ކަންކަމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށާއި، އަމާންކަމާއި ސުލްހަވެރިކަމާއެކު ބާރުތައް ބަދަލުކުރުމުގެ މަރުހަލާ ކުރިއަށްދާން ޖެހޭ ކަމަށެވެ. އަދި ޑިމޮކްރަސީގައި ހަމަނުޖެހުމަށް ޖާގައެއް ނެތް ކަމަށެވެ.
އޮސްޓްރޭލިއާ
ކެޕިޓޮލްގެ ހަމަނުހުންތަކަކީ ބަލައިގަނެވޭނެ ކަންތަކެއް ނޫން ކަމަށާއި، އެކަން ކުއްވެރިކުރައްވާ ކަމަށް އޮސްޓްރޭލިއާގެ ޕްރައިމް މިނިސްޓަރ ސްކޮޓް މޮރިސަން ވަނީ ވިދާޅުވެފައެވެ. އަދި އޮސްޓްރޭލިއަން ދެކެން ބޭނުންވަނީ އަމާންކަމާއެކު ބާރުތައް ބަދަލުވުން ކަމަށް ވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
ފްރާންސް
ޓްވިޓަރ މެދުވެރިކޮށް އާންމުކުރެއްވި ވީޑިއޯ މެސެޖެގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ވަނީ ކޮންގްރެސްއަށް ދިން ހަމަލާއަކީ "އެމެރިކާ ނޫން" ކަމަށް ސިފަކުރައްވާފައެވެ. އަދި އެމެރިކާގައި ޑިމޮކްރަސީގެ ހަރުދަނާކަމާއި މެދު ޔަގީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ)
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސެލާ ވަނީ އެމެރިކާގެ ހަމަނުޖެހުންތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިންތިހާބީ ރައީސް ޖޯބައިޑަންއާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވަނީ ވިދާޅުވެފައެވެ.