Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

11 މާރިޗު 2020 | 02:34

އެކްޓިވް ކޭސަސް އަދިވެސް އެންމެ ގިނައީ ޗައިނާގައި

ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން އަދިވެސް އެންމެ އެކްޓިވް ކޭސަސް ގިނައީ ޗައިނާގައެވެ. އެ ގައުމުގައި ޖުމްލަ 80،778 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އަދިވެސް 16،139 މީހުން ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

11 މާރިޗު 2020 | 02:32

ކޮވިޑް-19: މަރުވި މީހުންގެ އަދަދު 4,295 ށް، ރަނގަޅުވި މީހުންގެ އަދަދު 66,617 އަށް

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 4295 ށް އަރައިފިއެވެ. އަދި މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދު 66،617 އަށް ވަނީ އަރާފަ އެވެ. ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 119,179 އަށް އަރާފަ އެވެ.

ޗައިނާގައި އަންގާރަ ދުވަހު މިވައިރަސް އަލަށް ޖެހިފައިވަނީ 24 މީހުންނަށެވެ. އަދި މަރުވެފައިވަނީ 22 މީހުންނެވެ. އެންމެ ގިނަ އަދަދަކަށް އިއްޔެ މީހުންނަށް މިވައިރަސް ޖެހުނީ އިޓަލީގައެވެ. އެއީ 977 މީހުންނެވެ. އިޓަލީގައި އިއްޔެ މިވައިރަސް ޖެހިގެން 168 މީހުން ވަނީ މަރުވެފަ އެވެ. އިޓަލީގައި މިހާތަނަށް 10,149 މީހުންނަށް މިވައިރަސް ވަނީ ޖެހިފަ އެވެ. އަދި 631 މީހުންވަނީ މަރުވެފަ އެވެ. ދެން އެންމެ ގިނައިން މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އިރާނުންނެވެ. އެއީ 881 މީހުންނެވެ. އިރާނުގައި އިއްޔެ 54 މީހުން ވަނީ މަރުވެފަ އެވެ. އެއާއެކު އެގައުމުން މިހާތަނަށް 291 މީހުން ވަނީ މަރުވެފަ އެވެ.

ސްޕެއިންގައި އިއްޔެ 464 މީހުންނަށް މިވައިރަސް ޖެހިފައިވެއެވެ. މިހާތަނަށް އެގައުމުން 1,695 މީހުންނަށް މިވައިރަސް ޖެހިފައިވެ އެވެ. އަދި 36 މީހުން ވަނީ މަރުވެފަ އެވެ.

ފްރާންސުން އިއްޔެ 372 މީހުންނަށް ވައިރަސް ޖެހުނުއިރު މިހާތަނަށް އެގައުމުން 1,784 މީހުންނަށް ވަނީ މިވައިރަސް ޖެހިފަ އެވެ.

11 މާރިޗު 2020 | 02:29

ޗައިނާގައި ބަލި ފެތުރުން މަޑުޖެހިލާފައިވާއިރު، ދުނިޔޭގެ އެހެން ގައުމުތަކުގެ ބާރަށް ފެތުރެނީ!

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ޗައިނާގައި ދަށަށް ގޮސްފައިވާއިރު، އެހެން ގައުމުގަތަކުގައި ވައިރަސް ހަލުވި މިނެއްގައި ފެތުރެމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

10 މާރިޗު 2020 | 19:03

ކޮވިޑް-19: ރައްކާތެރިވުމަށް މިސްކިތްތަކުގައި ދިޔާ ސައިބޯނި ބަހައްޓަނީ

ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ގޮތުން މާލޭގެ މިސްކިއްތަކަށް ދާ މީހުން ބޭނުން ކުރުމަށް ދިޔާ ސައިބޯނި ބަހަށްޓަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާސް އާއި މާލެ ސިޓީ ކައުންސިލް އިން ގުޅިގެން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދުﷲ ޖަމީލް ކުރައްވާފައިވާ ޓްވީޓް އެއްގައި ވިދާޅުވެފައި ވަނީ މިސްކިތްތަކަށް ދާ ފަރާތްތަކަށް ރައްކާތެރިކަމުގެ ގޮތުން ދިޔާ ސައިބޯނި ބެހެއްޓުމުގެ ކަންކަން މާލެ ސިޓީ ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދާކަމަށެވެ.

10 މާރިޗު 2020 | 19:01

ކޮވިޑް-19: ސްޓެލްކޯގެ އޮންލައިންގެ ޚިދުމަތްތައް ބޭނުންކުރުމަށް އިލްތިމާސްކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އޮންލައިންގެ ޚިދުމަތްތައް ބޭނުން ކުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ރާއްޖެއަށް ދިމާވެފައިވާ ހާލަތާއި ގުޅިގެން އެ ކުންފުނީގެ އޮންލައިން ޙިދުމަތްތައް ބޭނުން ކުރުމާއި ​ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19، މި ބަލި ރާއްޖެއަށް ވެސް މިހާރު އައިސްފައި ވުމާއެކު، މި ނުރައްކާތެރި ވައިރަހުން ސަލާމަތްވުމުގެ ގޮތުން އަދި ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ހޯދުމަށް ސްޓެލްކޯއަށް ޒިޔާރަތްކުރުމުގެ ބަދަލުގައި، ކުންފުންޏަށް ކަސްޓަމަރުން އެންމެ ގިނައިން ޒިޔާރަތްކުރާ ކަންކަންކަމުގައިވާ ބިލް ދެއްކެވުންފަދަ ޚިދުމަތްތައް ހޯދުމަށް ކުންފުނީގެ ވެބްސައިޓާއި، އެޕްލިކޭޝަން ބޭނުން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

10 މާރިޗު 2020 | 19:00

ކޮވިޑް-19: ސޭންޑީޒް ބަތަލާ ރިސޯޓުން ޕޮޒިޓިވްވި ދެމަފިރިން ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދަނީ

ސޭންޑީޒް ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމަފިރިން ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ދެމަފިރިންގެ ތެރެއިން އުމުރުން 70 އަހަރުގެ މީހާ ގާތުން މޮނިޓަރ ކުރަން ޖެހޭ ކަމަށް ޑޮކްޓަރުންގެ ޓީމުން ނިންމާފައިވާ ކަމަށެވެ. އަދި އެ ދެމަފިރިން އެއްކޮށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

10 މާރިޗު 2020 | 18:59

ކޮވިޑް-19: ގައުމުގެ މިހާރު ހާލަތާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފި

ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ސަރުކާރުގެ ވުޒާރާތަކުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، ޤައުމުގެ މިހާރުގެ ޙާލަތާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފިއެވެ.

އަންގާރަ ދުވަހު ވަޒީރުންގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 އަށް ޕޮޒިޓިވް 6 މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން، މިހާރުން މިހާރަށް އިތުރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ބަލި ކޮންޓްރޯލް ކުރެއްވުމަށްޓަކައި ޙާލަތައް ބައްލަވާ، އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅއްވަމުން ގެންދަވާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

10 މާރިޗު 2020 | 18:58

ކޮވިޑް-19: ސްރީ ލަންކާގެ 170 މީހަކު ކަރަންޓީނު ކޮށްފި

ފާއިތުވި ހަފުތާއެއްގެ ތެރޭގައި ބޭރު ޤައުމުތަކަށް ދަތުރުކުރުމަށް ފަހު އަނބުރާ ލަންކާ އަށް ދިޔަ 170 މީހަކު ކަރަންޓީނު ކޮށްފިއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުން ކަރަންޓީނު ކޮށްފައިވާ 170 މީހުންނަކީ ކޮވިޑް-19 މިހާރު އެންމެ ބޮޑަަށް ފެތުރެމުންދާ ޤައުމުތަކަށް ކަމަށްވާ ދެކުނު ކޮރެއާ، އިޓަލީގެ އިތުރުން އިރާނަށް ދަތުރުކޮށްފައިވާ މީހުންނެވެ. އެމީހުން ކަރަންޓީނު ކުރަނީ 14 ދުވަހުގެ މުއްދަތަކަށެވެ.

ލަންކާ ސަރުކާރުން ވަނީ މީހުން ކަރަންޓީނުކުރަން ޚާއްޞަ ޞަރަޙައްދުތަކެއްގައި ކަނޑައަޅާފައެވެ.

10 މާރިޗު 2020 | 18:15

ހުރިހާ ބޭފުޅުންވެސް ރަނގަޅު މައުލޫމާތު ހާމަކުރުން މުހިއްމު: ޑރ. ނަޒްލާ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑރ. ނަޒްލާ ވިދާޅުވީ، އެޗްޕީއޭގެ އިތުރުން ސަރުކާރުންދެމުންދާ އިރުޝާދުތަކަށް އަމަލުކުރަން މުހިއްމު ކަމަށެވެ. އަދި ސައްހަ މައުލޫމާތު ފެތުރުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރެއްވުމަށް ޑރ. ނަޒްލާ ގޮވާލެއްވިއެވެ އެޗްޕީއޭ އިން ހުރިހާ މައުލޫމާތުތަކެއް ހާމަކުރަމުންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

10 މާރިޗު 2020 | 18:03

ކޮވިޑް-19 ޕޮޒިޓިވްވި މީހުންގެ ހާލު މި ވަގުތު ރަނގަޅު: ޑރ. ނަޒްލާ

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ހާލު ރަނގަޅުކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވިން މިހާރު ކުރިޔަށްދާ ''ހެޔޮވިންދު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، މިހާރު އެންމެ އިސްކަމެއްދެނީ ބަލި އިތުރަށް ނުފެތުރުމުގެ މަސައްކަތް ކަމަށެވެ.

10 މާރިޗު 2020 | 16:56

ރާއްޖެއިން ބޭރަށް ދަތުރުނުކުރުމަށް ފޮރިން މިނިސްޓްރީން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުން!

ކޮންމެހެން ޒަރޫރީ ބޭނުމަކަށް ކުރަންޖެހޭ ދަތުރެއް ނޫނިއްޔާ ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރާ ކަމަށް ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ދަތުރުތައް މިވަގުތު މަޑު ޖައްސާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެގޮތަށް އެކަން ކުރަން އިލްތިމާސްކުރާ ކަމަށެވެ. އަދި ބޭރުގެ ގައުމަކަށް ދަތުރުކުރާނަމަ މިނިސްޓްރީގެ ވެބްސައިޓްގައި ރަޖިސްޓްރީ ވަނީ އެދިފައެވެ. މީގެ އިތުރުން މަބްރޫކް ވިދާޅުވީ ބޭރުގައި ދިރިއުޅޭ ފަރާތްތަކުން އެދިރުއުޅޭ ގައުމަކާ އެންމެކައިރީގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އެދޭ ކަމަށެވެ.

ދަތުރުކުރާ ފަރާތްތަކުން އެއްވެސް ސުވާލެއް އޮތްނަމަ ފޮރިން މިނިސްޓްރީގެ ހޮޓްލައިން 7983400 އަށް ގުޅައި މައުލޫމާތު ސާފުކުރަން ވަނީ އެދިފައިއެވެ.

10 މާރިޗު 2020 | 16:50

ކޮވިޑް-19 މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ

ވަން އެންޑް އޮންލީރިސޯޓުގައި ބިދޭސީ ކުޑަ ކުއްޖެއްގެ ކިބައިން އަލާމަތްތައް ފެނިގެން އެރަށް މިވަގުތުވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި. ލަފާފުރުން މަޑުޖައްސާލާފައި. އެކުއްޖާގެ ސާންޕަލް މިވަނީ ނެގިފައި.

ކުރެއްދޫ: 05 މީހަކު ފަރުކޮޅުފުއްޓަށް ގެނެވިފައި.

ވިލަމެންދޫ: އެއްވެސް އަޕްޑޭޓެއް ނެތް.

ސޭންޑީޒް ބަތަލާ: ކުރިން ރިޕޯޓު ކުރި ދެކޭސް. އައު ކޭސްއަކީ ކްލޯސް ކޮންޓެކްޓް ވެގެން އައިޑެންޓިފައި. އެމީހުންގެ ކިބައިން ރޯގާގެ އަލާމަތްތައް ފެނިގެން ފަރުކޮޅުފޮއްޓަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން. ކުރީގައި ޑިސްކަސްކުރެވިފައިވާ ކޭސްއަކީ އެއީ ދެމަފަރިން. އޭރު ތިބީ ފަރުކޮޅުފުށީގައި. އެދެމަފިރިންގެ ތެރެއިން އެކަކު 70 އަހަރު އުމުރުންގެ ބޭފުޅެއް. އެބޭފުޅާ ގާތުން މޮނިޓަރ ކުރަންޖެހޭ ކަމަށް ޑޮކްޓަރުންގެ ޓީމުން ވަނީ ނިންމާފައި. އެއާ ގުޅިގެން މިދެމަފިރިން އެއްކޮށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރުމަށް ދަނީ މަސައްކަތް ކުރަމުން. ދަރުމަވަންތަ ހޮސްޕިޓަލްގައި އެދެމަފިރިން ތިބޭނީ ޑީއެޗް11 ފެސިލިޓީގައި.

ކުރަމަތި: ފަރުކޮޅުފުއްޓަށް ކުރަމަތިން އެއްބިދޭސީން އެއްމީގެ ކުރިން ގެނެސްފައި. އޭގެ އިތުރުން ކްލޯސް ކޮންޓެކްޓެއްގެ ގޮތުގައި އައިޑެންޓިފައި ކުރެވުނު އެކަކު ކަރަންޓީން ކުރުމަށް ވިލިވަރަށް ގެނައުމުގެ މަސައްކަތް ދަނި ކުރެވެމުން.

10 މާރިޗު 2020 | 16:31

ކޮވިޑް-19: ބިދޭސީންނަށް ޚާއްސަކޮށް ފުލޫ ކްލިނިކެއް ހުޅުވައިފި

ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މިހާރު ބިދޭސީންނަށް ޚާއްސަކޮށް ހުޅުމާލޭގައި ފުލޫ ކްލިނިކެއް ހުޅުވާފައިވާ ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ މިކްލިނިކް ހުޅުވީ ހުޅުމާލޭގެ ޕްރީ ސްކޫލުގައި ކަމަށާއި، އެއީ ބިދޭސީންނަށް ޚާއްސަކޮށްގެން ހުޅުވުނު ފުލޫ ކްލިނިކެއް ކަމަށެވެ. އަދި މިކްލިނިކުން ހެނދުނު 10 އަކުން ރޭގަނޑު 10އަކަށް ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ ފަރުވާ ހޯދުމަށް އެއްވެސް އައިޑެންޓީއެއް ބޭނުން ނުވާނެ ކަމަށެވެ.

ބިދޭސީންނަށް ޚާއްސަކޮށް ހުޅުމާލޭގައި ފުލޫ ކްލިނިކެއް ހުޅުވާފައިވާއިރު، މާލޭގައި ފްލޫ ކްލިނިކް ވެސް ވަނީ ހުޅުވާފައެވެ. އަދި ޓްރެވަލް ކްލިނިކެއް މިހާރު ދަނީ ޚިދުމަތް ދެމުންނެވެ.

10 މާރިޗު 2020 | 16:17

ކޮވިޑް-19 އަށް ޓެސްޓް ކުރެވުނު 65 މީހުން ނެގެޓިވް: މަބްރޫކް

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓް ކުރެވުނު 65 މީހުން ނެގެޓިވް ކަމަށް ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ކޮވިޑް-19 ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ 73 ސާންޕަލްއެއް ނެގުނު ކަމަށާއި، 65 ކޭސް ނެގެޓިވް ކަމަށެވެ. އަދި 02 ސާންޕަލެއްގެ ނަތީޖާ ނުލިބޭ ކަމަށެވެ. ފަރުކޮޅުފުށީގައި 15 މީހުން އައިސޮލޭޝަންގައި އެބަތިބި ކަމަށެވެ. އަދި ވިލިވަރުގައި ކަރަޓީން ކުރެވިފައި 09 މީހަކު އެބަތިބި ކަމަށެވެ.އަންގާރަ ދުވަހުގެ ރޭ ކޮވިޑް-19 ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ 73 ސާންޕަލްއެއް ނެގުނު ކަމަށާއި، 65 ކޭސް ނެގެޓިވް ކަމަށެވެ. އަދި 02 ސާންޕަލެއްގެ ނަތީޖާ ނުލިބޭ ކަމަށެވެ. ފަރުކޮޅުފުށީގައި 15 މީހުން އައިސޮލޭޝަންގައި އެބަތިބި ކަމަށެވެ. އަދި ވިލިވަރުގައި ކަރަޓީން ކުރެވިފައި 09 މީހަކު އެބަތިބި ކަމަށެވެ.

10 މާރިޗު 2020 | 15:45

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ސްކޫލްތައް ބަންދުކުރުމަށް ގޮވާލައިިފި

ތަންތަނަށް އެއްވެ އުޅުމާއި، ސްކޫލްތައް ވަގުތީ ގޮތުން ބަންދު ކުރުމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ގޮވާލައިފިއެވެ. އެ އެސޯސިއޭޝަނުން މިކަމަށް ގޮވާލާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުންނެވެ.

10 މާރިޗު 2020 | 15:40

ކޮވިޑް-19 އަށް ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައް

10 މާރިޗު 2020 | 15:39

ދިރާގުގެ ހިދުމަތްތައް ވެސް އޮންލައިންކޮށް ހޯދުމަށް އެދިއްޖެ

ދިރާގުން ދެމުން އަންނަ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ. ދިރާގުން ބުނީ ކޮވިޑް-19 އާއި ގުޅިގެން އެ ކުންފުނިން ދެމުން އަންނަ ބައެއް ހިދުމަތްތުގެ ތެރޭގައި ހިމެނޭ ދިރާގު މޮބައިލް އެޕް، ދިރާގު މައިއެޕް އަދި ދިރާގު ޕޭ ބޭނުންކުރަމުން ގެންދިއުމަށެވެ.

އަދި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ފްރަންޓް އޮފީހަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ހޭންޑް ސެނިޓައިޒާއިން އަތް ޑިސްއިންފެކްޓް ކުރެވޭނެ ގޮތަށް ސެނެޓައިޒާ ބެހެއްޓިފައިވާނެ ކަމަށެވެ.

10 މާރިޗު 2020 | 15:27

ކޮވިޑް-19: ޗައިނާގެ ރައީސް ޝީ ޖިންގޕިންގ ވުހާން ސިޓީގެ ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރައްވައިފި

ޗައިނާގައި ކޮވިޑް-19 ފެތުރެން ފެށި މައި މަރުކަޒު ވުހާން ސިޓީއަށް ޒިޔާރަތްކުރެއްވުމަށްފަހު މީޑިއާއާއި ވާހަކަ ދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ އެ ޤައުމު މިހާރު ވައިރަސް ކޮންޓްރޯލް ކުރެވޭ ޙާލަތަކަށް ގެނެވިފައިވާ ކަމަށެވެ.

ޗައިނާގައި ވައިރަސް ފެތުރެންފެށި ފަހުން އަންގާރަ ދުވަހަކީ އެޤައުމުގައި އެންމެ މަދުން މި ބަލީގައި މީހުން މަރުވި ދުވަހެވެ. އަންގާރަ ދުވަހު އެޤައުމުން މަރުވެފައިވަނީ 19 މީހުންނެވެ. އަދި މި އެންމެންނަކީ ވުހާން ސިޓީން މަރުވި މީހުންނެވެ. މީގެ ތެރޭގައި އެހެން ޤައުމަކުން އައި 2 މީހަކު ވެސް ހިމެނެއެވެ.

މިހާތަނަށް ޗައިނާއިން އެކަނި 80،754 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، 3،136 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. ޗައިނާއިން މިހާތަނަށް 60،113 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން ޗައިނާގައި މި ބަލީގައި ފަރުވާ ދެމުންދަނީ 20،641 މީހަކަށެވެ.

ޗައިނާގައި ހަލުވިކަމާއެކު ވައިރަސް ފެތުރެން ފެށިފަހުން އެޤައުމުގެ ރައީސް ވުހާން ސިޓީއަށް ޒިޔާރާތްކުރި މިއީ ފުރަތަމަ ފަހަރެވެ. އޭނާ ސިޓީއަށް ވަޑައިގެން ބައްލަވާލައްވާފައިވަނީ ހުބޭ ޕްރޮވިންސްގެ މަސައްކަތްތައްދާ ގޮތެވެ.

10 މާރިޗު 2020 | 15:26

ކޮވިޑް-19: ފާއިތުވި 24 ގަޑިއިރު އިންޑިއާއިން 13 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި، ފާއިތުވެދިޔަ 24 ގަޑިއިރު އެޤައުމުން 13 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިއާއެކު، އެޤައުމުގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ ޢަދަދަކީ 56އެވެ.

10 މާރިޗު 2020 | 14:50

ކޮވިޑް-19: ވައިރަސްއަށް ޕޮޒިޓިވްވި އިޓަލީ މީހާގެ މައްސަލައިގެ ތަހްޤީޤު ފުލުހުން ފަށައިފި

ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، ކޮވިޑް-19 ވައިރަސް ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން ދަނިކޮށް، 2020 ފެބްރުއަރީ 23 ވަނަ ދުވަހުގެ ވަގުތެއްގައި ދިވެހިރާއްޖެ އައިސް، ޅ. ކުރެއްދޫ އައިލެންޑް ރިސޯރޓް އެންޑް ސްޕާ ގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނިފައިވާއިރު، އެކަމުގެ މަޢުލޫމާތު ހުރި ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތުން، އެ ފަތުރުވެރިޔާގެ ގައިގައި ބަލިހުރިކަން ދެނެގަނެވި، އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމާއި، އެކަމުގެ ސަބަބުން ކޮވިޑް-19 ވައިރަސް ދިވެހިރާއްޖޭގައި ފެތުރި، އިތުރު ފަރާތްތަކުގެ ސިއްޙަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިވުމުގައި އިޓަލީގެ ފަތުރުވެރިޔާއާ އެކި ގޮތްގޮތުން މުޢާމަލާތްކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގާ، އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް، އިހުމާލުވެފައިވޭތޯ ބެލުމަށް އެ މައްސަލަ 2020 މާރޗް 10 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޚްޤީޤު ކުރަން ފަށާފައިވާކަމަށެވެ.

10 މާރިޗު 2020 | 14:41

ކޮވިޑް-19: ކުރަމަތި އައިލެންޑް ރިސޯޓްގައި މަސައްކަތްކުރާ ދިވެއްސަކު ވައިރަސްއަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކުރަމަތި އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސަކު ވައިރަސްއަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އޭނާ ޓެސްޓްކުރަނީ، ކޮވިޑް19އަށް ޕޮޒިޓިވް ވެފައިވާ މީހަކާ "ކޮންޓެކްޓް" ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށެެވެ. އެގޮތުން އޭނާ ކަރަންޓީން ފެސިލިޓީއަކަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާކަަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

10 މާރިޗު 2020 | 14:25

ކޮވިޑް-19: ޕްރެސްކޮންފެރެންސް މިރޭ 21:00 ގައި

ކޮވިޑް-19 އާ ގުޅޭ އެންމެފަހުގެ މައުލޫމާތު ދިނުމަށް ބާއްވާ ނޫސްކޮންފެރެންސް މިރޭ 21:00 ގައެވެ.

10 މާރިޗު 2020 | 14:22

ކޮވިޑް-19: ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ހުރި ބިދޭސީއެއް ކަރަންޓީނުކޮށްފި

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން، ކަރަންޓީނުކޮށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތްވަނީ ފަށައިފި އެވެ. އަދި، އެ ރިސޯޓަށް އަރައިފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލެވިފައެވެ.

10 މާރިޗު 2020 | 12:57

ކޮވިޑް-19: ދެ ބިދޭސީއެއް ޝައްކުކުރެވިގެން އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް

ސޭންޑީޒް ބަތަލާ އައިލެންޑް (އއ. އަތޮޅު) ގައި ތިބި 2 ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން، އެ 2 މީހުން އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ދެ މީހުންނަކީ ކުރިން ޕޮޒިޓިވްވެފައިވާ ކޭސްއެއްގެ "ކްލޯސް ކޮންޓެކްޓްސް." އެވެ.

10 މާރިޗު 2020 | 12:31

ކޮވިޑް-19: ރާއްޖޭގައި އަރައިފޭބުން ވަގުތީ ގޮތުން ހުއްޓާލެވިފައިވަނީ

ރާއްޖޭގައި އަރައިފޭބުން ވަގުތީ ގޮތުން ހުއްޓާލެވިފައިވަނީ:

- ކުރެއްދޫ އައިލެންޑް ރިސޯޓް (ޅ. އަތޮޅު)

- ސޭންޑީޒް ބަތަލާ އައިލެންޑް (އއ. އަތޮޅު)

- ވިލަމެންދޫ އައިލެންޑް ރިސޯޓް (އދ. އަތޮޅު)

- ކުރަމަތި މޯލްޑިވްސް (އއ. އަތޮޅު)

މިނޫން އެއްވެސް ރަށަކަށް އަރައިފޭބުން ހުއްޓައިލާފައެއް ނުވޭ

10 މާރިޗު 2020 | 11:46

ޗެމްޕިއަންސް ލީގުގައި ބާސާ އަދި ނާޕޮލީ ބައްދަލުކުރާ މެޗަށް ސަޕޯޓަރުން ނުވައްދަން ނިންމައިފި

ޔޫރަޕުގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބާސެލޯނާގެ ދަނޑުގައި ބާސާ އަދި ނާޕޮލީ ބައްދަލުކުރާ މެޗަށް ސަޕޯޓަރުން ނުވައްދާ ކުޅެން ނިންމައިފިއެވެ.

ސްޕެއިންގެ ކެޓަލޯނިއާ ސަރުކާރުގެ ސިއްހަތާބެހޭ ވަޒީރު ވިދާޅުވީ މި ނިންމުން ނިންމީ އާންމުންގެ ސިއްހަތައް ބެލުމުގެ ގޮތުން ކަމަށެވެ.

ބާސާ އަދި ނާޕޮލީ މެޗުގެ އިތުރުން ޕީއެސްޖީ އަދި ޑޯޓުމުންޑް ބައްދަލުކުރާ މެޗަށް ވެސް ސަޕޯޓަރުން ނުވެއްދުމަށް ނިންމައިފައިވާ ކަމަށް ޔޫއެފާއިން ބުނެއެވެ.

10 މާރިޗު 2020 | 11:27

ކޮވިޑް-19: ކްލޯޒް ކޮންޓެކްޓް އާއި ކޮންޓެކްޓް ޓްރޭސިން އަކީ ކޮބާ؟

10 މާރިޗު 2020 | 11:24

މޯލްޑިވިއަނުން ޓިކެޓް ގަންނަ ފަރާތްތަކުން އޮންލައިންކޮށް ޓިކެޓް ގަތުމަށް އިލްތިމާސްކޮށްފި

ކޮވިޑް-19 ފެތުރެމުންދާތީ މީހުން އެއްވެއުޅޭ ތަންތަނަށް ނުދިޔުމަށް ބާރު އެޅުމުގެ ގޮތުން ކަސްޓަމަރުން ޓިކެޓް ގަތުމަށް ޓިކެޓް އޮފީހަށް ދިޔުމުގެ ބަދަލުގައި ވެބްސައިޓާއި ވައިބަރ ޕްލެޓް ފޯމާއި މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ގަތުމަށް މޯލްޑިވިއަނުން އިލްތިމާސްކޮށްފި އެވެ.

10 މާރިޗު 2020 | 10:55

ކުރެއްދޫގައި ތިބި ފަތުރުވެރިންގެ ތެރެއިން ވައިރަސްއަށް ޕޮޒިޓިވް ނުވާ މީހުން ފުރުވާލުމުގެ މަޝްވަރާތައް ކުރިއަށް

ޅ. ކުރެއްދޫގައި ތިބި ފަތުރުވެރިންގެ ތެރެއިން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނުފެންނަ ފަތުރުވެރިން ފުރުވާލުމުގެ އިންތިޒާމްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ

އެގޮތުން މިހާރު ކުރެވެމުންދާ މަސައްކަތަކީ އެ ފަރާތްތައް އެކަހެރިކޮށް ފުރުވާލެވޭނެ މަގެއް ފެނޭތޯ ބެލުން ކަމަށާއި، މިހާރު ހިނގަމުންދާ ހާލަތަށް ބެލުމަށް ފަހު އެކަމުގައި ގޮތެއް ނިންމަވާނެ ކަމަށް ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވި މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

10 މާރިޗު 2020 | 10:52

ކުރަމަތި ރިސޯޓުން ބަލީގެ އަލާމާތްތައް ފެނުނީ ބިދޭސީ ފަތުރުވެރިއެއް ގައިން

ކުރަމަތި އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވިގެން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވަނީ ބިދޭސީ ފަތުރުވެރިއެކެވެ.

އެ ރިސޯޓަށް އަރާ ފޭބުން މިހާރު މަނާކޮށްފައިވާއިރު، ވައިރަސް އެ މީހާ ގައިގައި ހުރިތޯ ޓެސްޓް ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. އަންދާޒާކުރެވޭ ގޮތުގައި މިއަދުގެ ވަގުތެއްގައި އެ މީހާގެ ޓެސްޓުތަކުގެ ނަތީޖާ ލިބޭނެއެވެ.

10 މާރިޗު 2020 | 10:49

ކޮވިޑް-19 އަށް ޝައްކުކުރެވިގެން ވިލަމެންދޫއިން އެކަހެރި ކޮށްފައިވާ ފަރާތުން ކުރެއްދޫއަށް ދަތުރުކުރި!

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ވިލަމެންދޫ ރިސޯޓުން އައިސޮލޭޝަނަށް ގެންދެވުނު މީހާ ކުރެއްދޫ އައިލެންޑް ރިސޯޓަށް ދަތުރުކޮށްފައިވާ ކަން ހާމަވެއްޖެއެވެ.

އެ މީހާ ކުރެއްދޫއަށް ދަތުރުކޮށްފައިވަނީ ޗުއްޓީއެއް ހޭދަކޮށްލުމަށެވެ. އޭނާއަކީ ވިލަމެންދޫގައި މަސައްކަތްކުރާ ދިވެހި މުވައްޒަފަކެވެ. އަދި އޭނާ ދެނެގަނެވިފައި ވަނީ ކުރެއްދޫއިން ބައްޔަށް ޕޮޒިޓިވްވީ މީހާގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ ތެރޭގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

10 މާރިޗު 2020 | 10:45

ޓްރެވަލް ކްލިނިކްގެ ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގާއިމްކޮށްފައިވާ ޓްރެވަލް ކްލިނިކުން 24 ގަޑިއިރުގެ ހިދުމަތް ލިބޭނެ ކަމަށް ސަރުކާރުން މައުލޫމާތު ދީފިއެވެ.

މި ޓްރެވަލް ކްލިނިކަކީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނަ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ކްލިނިކެކެވެ. އެގޮތުން އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން ކްލިނިކްގެ ހިދުމަތްތައް ލިބިގެންދާނެކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. މި ކްލިނިކް ގާއިމް ކުރެވިފައިވަނީ ސެނަހިޔާ-2 ފުރަގަހުގައި އޮންނަ ޖާގައިގައެވެ.

10 މާރިޗު 2020 | 10:41

ސެނަހިޔާގައި ފްލޫ ކްލިނިކެއް ގާއިމްކޮށްފި

ކޮވިޑް-19 އާ ގުޅިގެން އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސެނަހިޔާ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ގާއިމްކޮށްފިއެވެ.

މި ފްލޫ ކްލިނިކަކީ ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ކޮވިޑް-19 ފެތުރެމުންދާ ހޮޓް ސްޕޮޓެއް ނުވަތަ ގައުމަކަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ތެރެއިން އަރިދަފުސް ރޯގާގެ އަލާމާތްތައް ފެންނަ ފަރާތްތަކަށް ހާއްސަކޮށްގެން ގާއިމްކޮށްފައިވާ ކްލިނިކެކެވެ.

10 މާރިޗު 2020 | 10:38

އައިސޮލޭޝަންގައި ޖުމްލަ 19 މީހުން

ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހުން އައިސޮލޭޓް ކުރުމަށް ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީތަކުގައި މިހާރު ތިބީ 19 މީހުންކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އޭގެ ތެރެއިން 10 މީހަކު ތިބި ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައެވެ. އަދި އަނެއް 9 މީހުން ތިބީ ވިލިވަރު ބިޔާދޫގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައެވެ.

10 މާރިޗު 2020 | 10:36

ކަރަންޓީނުގައި ތިބި ދެ މީހުން ދޫކޮށްލުމުން މިހާރު އެކަކުވެސް ކަރަންޓީނުގައި ނެތް

ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލީޓިގައި ތިބި ދެ މީހުން ދޫކޮށްލައިފިއެވެ. އެ މީހުން ދޫކޮށްލުމާއެކު މިހާރު ކަރަންޓީނުގައި އެއްވެސް ބަޔަކު ނެތެވެ.

10 މާރިޗު 2020 | 10:35

ޓެސްޓުކުރި 71 ސާމްޕަލްގެ ތެރެއިން 65 ސާމްޕަލް ނެގެޓިވް

ކޮވިޑް-19 އަށް ޝައްކުކުރެވިގެން ޓެސްޓްކުރި 71 ސާމްޕަލްގެ ތެރެއިން 65 ސާމްޕަލެއްގެ ނަތީޖާ ނެގެޓިވް ކަމަށް ސަރުކާރުން މައުލޫމާތު ދީފިއެވެ.

ސަރުކާރުގެ ފަރާތުން އުފައްދާފައިވާ ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިހާތަނަށް ޓެސްޓްކުރެވި ނަތީޖާ ނުލިބިވާ އެއްވެސް ސާމްޕަލްއެއް ނެތް ކަމަށެވެ.

10 މާރިޗު 2020 | 10:32

ކުރެއްދޫއިން ޕޮޒިޓިވްވީ 3 މީހުން ފަރުކޮޅުފުއްޓަށް ގެންދަނީ

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 3 މީހަކު ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ކުރެއްދޫއިން ޖުމްލަ 4 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން އެކަކު މިހާރުވެސް ހުރީ ފަރުކޮޅުފުށީގައި ގާއިމްކުރެވިފައިވާ އައިސޮލޭޝަން ފެސިލިޓީގައެވެ. ޕޮޒިޓިވްވީ 3 މީހުންނާއެކު، ބަލީގެ އަލާމާތްތަކަށް ޝައްކުކުރެވޭ އިތުރު 2 މީހަކުވެސް ފަރުކޮޅުފުއްޓަށް ގެންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

10 މާރިޗު 2020 | 08:48

ކޮވިޑް-19: ޗައިނާއިން އައި ދެ ދިވެހިން ކަރަންޓީނުގައި ބައިތިއްބުމަށްފަހު ދޫކޮށްލައިފި

ޗައިނާ އިން އައި ދެ ދިވެހިން ކަރަންޓީނުގައި 14 ދުވަސް ވަންދެން ބޭތިއްބުމަށްފަހު ދޫކޮށްލާފައިވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

10 މާރިޗު 2020 | 08:46

ކޮވިޑް-19: ފަލަސްތީނުން އިތުރު މީހުންނަށް ވައިރަސް ޖެހިއްޖެ

ފަލަސްތީނުން ކޮވިޑް-19 ޖެހިފައިވާ އިތުރު މީހުން ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެއާއެކު ވެސްޓް ބޭންކުން މިވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 26 ށް އަރާފަ އެވެ.

10 މާރިޗު 2020 | 08:43

ކޮވިޑް-19: ފިލިޕީންސްއިން ވައިރަސް ޖެހުނު މީހުންގެ އަދަދު 35 ށް އަރައިފި

ފިލިޕީންސް އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 35 ށް އަރާފައިވާކަމަށް އެގައުމުން ބުނެފި އެވެ.

މިއަދު އެގައުމުން ވަނީ 11 މީހުންނަށް މިވައިރަސް ޖެހިފައެވެ. ފިލިޕީންސްގައި ވަނީ ޕަބްލިކް ހެލްތު އެމަރޖެންސީއެއް އިއުލާންކޮށްފަ އެވެ. އަދި އެގައުމުގެ ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ.

9 / 81