ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
ކޮވިޑް-19: އީރާނުގައި ފާއިތުވި 24 ގަޑިއިރު 63 މަރު
ކޮވިޑް-19 ޖެހިގެން އީރާނުގައި ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރެގައި 63 މީހުން މަރުވެ، އެޤައުމުގައި މިވައިރަސްގަ މަރުވި މީހުންގެ އަދަދު 354 އަށް އަރައިފިއެވެ.
އީރާނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ކިއާނޫޝް ޖަހާންޕޫރު ދައުލަތުގެ މީޑީއާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު 9،000އަށް އަރާފައިވާކަމަށެވެ. އޭނާ ވަނީ ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް، އެންމެހައި ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ކޮވިޑް-19: ބަންދު ނިމުމުގެ ކުރިން ސްކޫލްތައް ހުޅުވުމާމެދު ގޮތެއް ނިންމަނީ
އަންނަ ހަފުތާގެ އާދިއްތަ ދުވަހު ހުޅުވަން ކަލަންޑަރުގައި ހަމަޖެހިފައި އޮތް ސްކޫލްތައް ހުޅުވުމާމެދު، ކުރިޔަށް އޮތް ތިން ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ގިނަ ފަރާތްތަކަކުން ދަނީ ސްކޫލްތައް ބަންދުކުރަން ސަރުކާރަށް ގޮވާލަމުންނެވެ. އޭގެ ތެރޭގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން އަދި ޓީޗަރސް އެސޯސިއޭޝަން ހިމެނެއެވެ. އަދި ބައެއް ބެލެނިވެރިިން ވެސް ދަނީ ސްކޫލްތައް ބަންދުކުރަމަށް ސަރުކާރަށް ގޮވާލަމުންނެވެ.
މިކަމާއި ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ، އެއްވެސް އިރެއްގައި ސްކޫލްތައް ބަންދުނުކުރަން ނިންމާފައިވާ ނުވާނެ ކަމަށެވެ. އަދި ސްކޫލްތައް ބަންދުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިޔަށްދާ ކަމަށާއި، އެއަށް ފަހު އެކަމާއިމެދު ގޮތެއް ނިންމުމަށް ފަހު އިއުލާންކުރާނެ ކަމަށެވެ.
ކޮވިޑް-19: ޖަރުމަނުގެ އާބާދީގެ 70 އިން ސައްތަ މީހުންނަށް ވައިރަސްގެ އަސަރުކުރާނެކަމަށް އެޤައުމުގެ ޗާންސެލަރ ވިދާޅުވެއްޖެ
ވެރިރަށް ބާލިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޖަރުމަންވިލާތުގެ ޗާންސެލަރ އެންގެލަރ މާރކެލް ވިދާޅުވީ އެޤައުމުގެ އާބާދީގެ 70 އިން ސައްތައަށް ކޮވިޑް-19 ގެ އަސަރު ކުރާނެކަމަށް ލަފާކުރެއްވޭ ކަމަށެވެ. އެޤައުމުގައި މިހާތަނަށް އައިއިރު 1،300 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 2 މީހުން ވަނީ ވައިރަސްގައި މަރުވެފައެވެ.
މާރކެލް ވިދާޅުވީ، ވައިރަސް ޖަރުމަނަށް އައިއިރު، އެއިން ސަލާމަތްވާނެ ގޮތެއް ނެތް ކަމަށެވެ. މިކަމަށް ވަކި ފަރުވާއެއް އަދި ވެކްސިން އެއް ނުވަތަ ތެރަޕީއެއް ނެތްކަމީ އެންމެން ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެއްކަން ފާހަގަކުރައްވާ މަރކެލް ވިދާޅުވީ، އެޤައުމުގެ އާބާދީގެ 60-70 އިން ސައްތަ މީހުން މި ވައިރަސްޖެހޭނެ ކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. އެހެންކަމުން މިދަނޑިވަޅު އަހައްމިއްޔަތުކަން ދެނީ ވައިރަސްފެތުރޭ މިންވަރު ދަށްކުރުމަށް ކަމަށެވެ.
ޖަރުމަނު ސަރުކާރުން ވަނީ 1،000އަށް ވުރެ ގިނަ މީހުން ބައިވެރިވާ އެއްވުންތައް ނުބާއްވަން އަންގާ އިއުލާންކޮށްފައެވެ.
ކޮވިޑް-19: ކުވައިތުން އިތުރުން 3 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
މިކަން ހާމަަކޮށް، ކުވައިތުގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ މިއަދު އެކަނިވެސް 3 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މިއާއެކު، އެޤައުމުގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 72 އަރާފައެވެ. މީގެތެރެއިން 5 މީހެއްގެ ޙާލަތު ވަރަށް ނާޒުކުކަމަށް ބަޔާނުގައި ވެއެވެ.
ކޮވިޑް-19: ފިލިޕީންސްގައި މިއަދު އެކަނިވެސް 16 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
ފިލިޕީންސްގެ ޑިޕާރޓްމަންތް އޮފް ހެލްތާއި ޙަވާލާދީ އަލްޖަޒިރާއިން ރިޕޯޓުކުރާގޮތުގައި މިއަދު އެޤައުމުން 16 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިއާއެކު، އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 49އެވެ.
ކޮވިޑް-19: ވައިރަސްއިން ސަލާމަތްވުމަށް ޑަބްލިއުއެޗްއޯއިން ކުރަމުންދާ މަސައްކަތައް އެހީތެރިވުމުގެ ގޮތުން ޗައިނާއިން 20 މިލިއަން ޑޮލަރު ހަދިޔާކޮށްފި
ދުނިޔޭގެ އެކި ކަންކޮޅުތަކައް ކޮވިޑް-19 ފެތުރިފައިވާއިރު، އެޤައުމުތަކަށް އެކި ގޮތްގޮތުން އެހީތެރިވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކުރަމުންދާ މަސައްކަތައް އެހީތެރިވެދިނުމުގެ ގޮތުން ޗައިނާއިން ޑަބްލިއުއެޗްއޯއަށް 20 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ. މިއެހީއާއި ގުޅޭ ފަހުމުނާމާގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
ކޮވިޑް-19: ވައިރަސްއިން ސަލާމަތްވުމަށް ޑަބްލިއުއެޗްއޯއިން ކުރަމުންދާ މަސައްކަތައް އެހީތެރިވުމުގެ ގޮތުން ޖަޕާނުން 46 މިލިއަން ޑޮލަރު ހަދިޔާކޮށްފި
ދުނިޔޭގެ އެކި ކަންކޮޅުތަކައް ކޮވިޑް-19 ފެތުރިފައިވާއިރު، އެޤައުމުތަކަށް އެކި ގޮތްގޮތުން އެހީތެރިވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކުރަމުންދާ މަސައްކަތައް އެހީތެރިވެދިނުމުގެ ގޮތުން ޖަޕާނުން ޑަބްލިއުއެޗްއޯއަށް 46 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ.
ޑަބްލިއުއެޗްއޯއިން ވަނީ ކޮވިޑް-19 އަށް ޚާއްޞަކޮށް އެމަރޖެންސީ ރެސްޕޮންޒް ޕްލޭނެއް އެކުލަވާލާފައެވެ. މި ޕްލޭންގެ ދަށުން އެންމެ އަހަމިއްޔަތުކަން ދެނީ ޞިއްޙީ ނިޒާމު ބަލިކަށި ޤައުމުތަކަށެވެ. މި ޕްލޭން ތަންފީޒު ކުރުމަށް މެންބަރު ޤައުމުތަކުގެ އެހީތެރިކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ގޮވާލާފައެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ވަނީ މެންބަރު ޤައުމުތަކުން އިޖާބަދޭ މިންވަރުދަށް ކަމުން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކޮވިޑް-19: މިދުވަސްވަރު ސަލާމް ކުރުން އެހާ ރަނގަޅެއް ނޫން: ޑަބްލިއުއެޗްއޯ
ކޮވިޑް-19 ފެތުރެމުންދާއިރު، އެ ވައިރަސްއިން ސަލާމަތްވުމަށް އަމިއްލަގޮތުން ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. ދިވެހިރާއްޖެއަކީ މުސްލިމް ޤައުމެއްކަމުން، ގާތްތިމާގެ މީހަކު، ނުވަތަ އަޚަކާއި ދިމާވާ ހިނދު ސަލާމްކުރުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުތެރޭގައި އާދަވެފައިވާ ރީތި ސިފައެެކެވެ. އެހެންނަމަވެސް މިދުވަސްވަރު، ވައިރަސް އިން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ސަލާމް ކުރުމުން ދުރުހެލިވުން ހިމެނެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިރުޝާދު ދީފައިވަނީ މިހެންނެވެ.
ކޮވިޑް-19: ޕާކިސްތާނުގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދަު 20އަށް އަރައިފި
ޕާކިސްތާނުގެ ޞިއްޙަތާއި ބެހޭ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މިހާތަނަށް އައިއިރު 20 މީހުން އެޤައުމުން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ކަރާޗީންނެވެ. އެއީ 15 މީހުންނެވެ.
ކޮވިޑް-19: ހޮންޑިއުރާސްއިން އަލަށް ވައިރަސް ރިޕޯޓުކޮށްފި
ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ހޮންޑިއުރާސްގައި ދެމީހަކު މިއަދު ވަނީ ވައިރަސްއަށް ޕޮޮޒިޓިވްވެފައެވެ. ފުރަތަަމަ މީހާއަކީ އުމުރުން 42 އަހަރުގެ އަންހެނެއްކަމަށާއި، އޭނާ ޓްރެކް ކުރީ ސްޕެއިން އިން އެނބުރި ޤައުމަށް އައި ދުވަހު އެއަރޕޯޓުންނެވެ. އޭނާއަށޤ މިހާރު ހޮސްޕިޓަކުގައި ފަރުވާދެމުންދާއިރު، ޙާލަތު ރަނގަޅުކަމަށް ހޮންޑިއުރާސްގެ ޞިއްހީ މަސްއޫލުވެރިންނާއި ޙަވާލާދީ ރޮއިޓަރސް އިން ބުނެއެވެ.
ދެވަނަ މީހާއަކީ އުމުރުން 37 އަހަރުގެ ފިރިހެނެއް ކަމަށާއި، އޭނާއަކ އަމިއްލަ ބޭނުމުގައި ސްވިޓްޒަރލޭންޑަށް ދަތުރުކުރުމަށް ފަހު އެނބުރި ޤައުމަށް އައި މީހެއްކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާއަށް ފަރުވާދެމުންދަނީ ގޭގައި އެކަހެރިކޮށް ބަހައްޓައިގެން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ކޮވިޑް-19: އިންޑިއާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 60އަށް
އިންޑިއާއިން މިއަދު 2 މީހަކު ވައިރަސް އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މިއަދުގެ ކޭސްތައް ފެނުނީ ރާޖެސްތާން ސްޓޭޓުންނާއި، ވެރިރަށް ނިއުދިއްލީންނެވެ.
މިއާއެކު، އިންޑިއާއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 60އެވެ.
ކޮވިޑް-19: ވައިރަސް ފެތުރުމަށް މަގުފަހިވާނެ އެއްވެސް ކަމެއް އެމްޑީޕީން ނުކުރާނެކަމަށް ކެމްޕޭންގެ ތަރުޖަމާނު ވިދާޅުވެއްޖެ
"ރަށްވެހި ފަތިސް" ކެމްޕޭނުގެ ޢަމަލީ މަސައްކަތް ހުއްޓާލާފައިވާކަމަށާއި، ކޮވިޑް-19 ފެތުރުމަށް މަގުފަހިވާނެ އެއްވެސް ޙަރަކާތެއް އެމްޑީޕީން ނުހިންގާނެކަމުގެ ޔަޤީންކަން ކެމްޕޭނުގެ ތަރުޖަމާނު އަފްޝަން ލަޠީފު ދެއްވައިފިއެވެ.
މީހުން އެއްވެގެން ބާއްވާ ހުރިހައި ޙަރަކާތެއް ކެންސަލްކޮށްފައިވާކަން ފާހަގަކުރައްވާ އަފްޝަން ވިދާޅުވީ އެމްޑީޕީގެ 90،000 އަށްވުރެ ގިނަ މެންބަރުންނާ މުވާޞަލާތްކުރެވޭނެ ވިއުގައެއް އެމްޑީޕީން ޤާއިމުކޮށްފައިވާކަމަށެވެ. އަދި އެ ވިއުގައިގެ ޒަރީއާއިން ކޮވިޑް-19 އަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް އެމްޑީޕީން ކުރަމުންދާކަމަށެވެ.
ކޮވިޑް-19: އާސެނަލްގެ ކުޅުންތެރިން ކަރަންޓީނުކޮށް، މެޗު ފަސްކޮށްފި
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އާސެނަލްގެ ކުޅުންތެރިންނާއި އޮފިޝަލުންތަކެއް ކަރަންޓީނުކޮށް، އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ އެ ޓީމާއި މެންޗެސްޓާ ސިޓީ ކުޅެން އޮތް މެޗު ފަސްކޮށްފި އެވެ.
އާސެނަލުން ޔުރޮޕާ ލީގުގައި މީގެ ދެ ހަފުތާ ކުރިން ގްރީސްގެ އޮލިމްޕިއާކޯސްއާ ބައްދަލުކުރިއިރު، ދާދި ފަހުން އޮލިމްޕިއާކޯސްގެ ވެރިޔާ އެވަންޖެލޯސް މަރިނާކިސް ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައެވެ.
ރިޕޯޓުތައް ބުނާގޮތުން ލަންޑަނުގައި ކުޅުނު މި މެޗަށްފަހު އާސެނަލްގެ ބައެއް ކުޅުންތެރިން ވަނީ އޭނާއާ ބައްދަލުކޮށްފައެވެ.
އެހެންކަމުން އާސެނަލްގެ ކުޅުންތެރިން ކަރަންޓީނުކުރިއިރު، ކަރަންޓީނުގައި އެޓީމުގެ ކުޅުންތެރިން 14 ދުވަސް ވަންދެން ބަހައްޓާނެއެވެ.
ކޮވިޑް-19: އެންއީއޯސީގައި ކޮވިޑް-19 އަށް ޚާއްސަ މީޑިއާ ރޫމެއް ހަދަނީ
ނޭޝަނަލް އެމަރެޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މީޑިއާތަކަށް މަޝްވަރާ ކުރުމަށް އަދި ސުވާލު ކުރުމަށް ފުުރުސަތު ދިނުމަށް މީޑިއާ ރޫމްއެއް ތައްޔާރު ކުރެވެމުންދޭ، މިއަދު އެކަން ހަމަޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވި.
ދިވެއްސަކަށް މެނޭޖްމަންޓުން އިހުމާލު ވުމުގެ ފުރުސަތެއް ނުދޭނަން: މަބްރޫކް
ކުރަމަތީގެ މެނޭޖްމަންޓުން ފަތުރުވެރިން ބިރުގަންނާނެތީ މާސްކް އަދި އަންގި ނުލުމަށް އަންގާފައިވާ ކަމަށް ދެކެވޭ ވާހަތަކާ ގުޅޭގޮތުން މަބްރޫކް ވިދާޅުވީ، އެއްވެސް ބައެއްގެ އިހުމާލެއް އޮތް ކަމެއް ނަމަ އެކަން ބަލާނެ ކަމަށް
މަބްރޫކް ވިދާޅުވީ، މާސްކް އަޅަންޖެހޭ މީހުން ފިޔަވައި އިތުރު މީހުން މާސްކް އަޅަން ކޮންމެހެން ނުޖެހޭކަން މި ވައިރަސްއިން ސަލާމަތް ވުމަށް، ކްލޯސް ކޮންޓެކްޓް އެއް ގޮތަށް އައިޑެންޓިފައި ނުވާނަމަ ކޮންމެހެން ނުޖެހޭ. ދިވެއްސަކަށް މެނޭޖްމަންޓުން އިހުމާލު ވުމުގެ ފުރުސަތެއް ނުދޭނަން،
ޑޮކްޓަރު: ކެއްސާ ކިނބިހި އަޅާ މީހުންނާއި، އޭނާގެ އެހީތެރިންނާއި، ސިއްޙީ އެހީތެރިން މާސްކް އަޅަން އެދެނީ، ރަށުގެ އެންމެން މާސްކް އަޅައިގެން އުޅުން އެއީއެއް ނޫން ކަމަށް އެންމެ އެދެވޭ ގޮތަކީ، ގިނަ ފަހަރު އެންމެ އެކަށީގެންވާ ގޮތުގައި މާސްކް ނައްތާ ނުލެވޭތީ އިތުރު މައްސަލަތައް ފެންމަތިވޭ،
ލާރީގެ ދަތިކަމެއް އޮވެގެން ނުވެ އޮތް ކަމެއް ނެތް: މަބްރޫކް
ވައިރަސްއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ލާރި ނެތިގެން ނުވެ އޮތް އެއްވެސް ކަމެއް ނެތް، އެހީ ހޯދައިގެން އެކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ސަރުކާރުން ދަނީ ކުރަމުން- މަބްރޫކް
އެލަރޓް ލެވެލް
3 ރިސޯޓެއް މިހާރު މޮނިޓަރިންގ ގަ އޮތީ، ކުރެއްދޫއާ، ބަތަލާ އަދި ކުރަމަތި
ކޭސްތައް ފެންނަ ރަށްތައް ދަނީ މޮނިޓަރ ކުރަމުން، ފުރާ މީހުން ޗެކް ކުރުން އަދި މިވަގުތު ކުރިއަކަށް ނުދޭ
ސުކޫލުތައް ބަންދުކުރުން
ސުކޫލުތައް ބަންދުކުރުމާ ގުޅޭގޮތުން މަބްރޫކް ވިދާޅުވީ، ކޮންމެ ފިޔަވަޅެއް އަޅަންވެސް ސަރުކާރުން ތައްޔާރު ކަމަށް، ސަރުކާރުން ސުކޫލުތައް ބަންދު ނުކުރާނަމޭ ނުބުނޭ. މި އޮތް 3 ދުވަސް ތެރޭ ޕަބްލިކް ސޭފްޓީއަށް ވިސްނާފައި ގޮތެއް ނިންމާނެ،
އެއްވެ އުޅުން ފަދަ ކަންކަން އެސްއޯޕީގެ ދަށުން ކުރެވެމުންދާނެ،- މަބްރޫކް
ކުރިންވެސް ދަރުމަވަންތައިގެ 11 ވަނަ ފްލޯރ ޚާއްސަ ކޮށްފައިވަނީ ބޮޑަށް ބަލިވާ މީހުންނާއި، ކްލޯސް މޮނިޓަރިންގ މީހުންނަށް
އެންމެ ކުރިންވެސް ދަރުމަވަންތައިގެ 11 ފްލޯރއަކީ ބޮޑަށް ބަލިވާ މީހުންނާއި، ކްލޯސް މޮނިޓަރިންގ ގަ ބަހައްޓަންޖެހޭ މީހުން ގެންދިއުމަށް ސެޓަޕް ކޮށްފައިވާ ފެސިލިޓީއެއް، އޭނައާއެކު އޭނާގެ އަނބިމީހާއާއި އިތުރު މީހަކު ގެންދިޔައީ އޮންނަ ޕްރޮސިޖަރ ގެ ތެރެއިން، ނަމަވެސް އޭނާގެ ހާލު ރަނގަޅު- ޑޮކްޓަރު
ދަރުމަވަންތަ ހޮސްޕިޓަލަށް ޕޮޒިޓިވްވި މީހަކު ގެންދިއުން
ދަރުމަވަންތަ ހޮސްޕިޓަލަށް ޕޮޒިޓިވްވި މީހަކު ގެންދިއުމާ ގުޅޭގޮތުން މަބްރޫކް ވިދާޅުވީ، ފަރުކޮޅުފުށީގައި ހުރި ފެސިލިޓީއާއި ވިލިވަރުގައިވެސް ހުރީ ކަރަންޓީންއަށް އެންމެ ރަނގަޅު ފެސިލިޓީތަކެއް ކަމަށް، ލެވެލް 11 އަށް އެކަކު ދިޔައިރު އެއީ އުމުރުން ދުވަސްވީ މީހަކަށްވާތީ ޑޮކްޓަރުން ޓީމުން ބޭނުންވީ އެއީ "ކްލޯސް މޮނިޓަރިންގ" ކޭސްއަކަށް ވާތީ ބަދަލު ކުރުމަށް، އޭނާގެ ހާލަތު ގޯހެއް ނޫން، އޭނާގެ ފުއްޕާމޭގަ ކޮންމެސް ވަރަކަށް "ކޮންޖެޝަން" ހުރުމާއެކު އިތުރަށް ޑޮކްޓަރުން ބޭނުންވީ މޮނިޓަރ ކުރުމަށް
އުމްރާއިން އަންނަ މީހުން ސްކްރީން ކުރެވޭނެ
ސްކްރީނިންގ ގަ ޕޮޒިޓިވްވާނަމަ ގެންދާނީ ޓްރެވަލް ކްލިނިކަށް، އެއަށްފަހު ޓެސްޓުތައް ހެެދުމަށްފަހު ކެޓެގަރައިޒް ކުރެވޭނެ، އަލާމާތެއް ނެތް ނަމަވެސް ބޭރު ތެރެއަށް އެއްވެ ނޫޅުމަށް 2 ހަފްތާ ވަންދެން އަންގާނަން. އެ މުއްދަތުގައި އަލާމާތެއް ފެނޭތޯ ބަލަމުންދާނެ އަދި ގޭގެ މީހުންގެ ހާލުވެސް ބަލަމުންދާނެ.
ރިސޯޓުތައް
ޑޮކްޓަރުންގެ ޓީމެއް ބަތަލާއަށް އަދި ކުރަމައްޗަށް ދިއުމުގެ މަސައްކަތް ދަނީ ކުރަމުން، ކުރަމަތީގައި ޕޮޒިޓިވްވި 2 ކޭސް ވަނީ ފަރުކޮޅުފުށީގައި، ކްލޯސް ކޮންޓެކްޓެއް ވިލިވަރުގައިވޭ،
ފަރުކޮޅުފުށީގައި ތިބި ސަމަރ އައިލެންޑް 2 މީހުން އެ ރިސޯޓަށް ވަނީ ފޮނުވާލެވިފަ ރޫމް އައިސޮލޭޝަނަށް
ކުރެއްދޫ: ހާލު ރަނގަޅު ފަތުރުވެރިން ފުރުވާލެވޭނެ ނަމަ އެކަން ކުރުމާއި، ކޮންޓެކްޓް ޓްރޭސިންގ ދަނީ ކުރިއަށް، އަދި ރަށް ހުޅުވިދާނެ ތޯ އިންސްޕެކްޓް ކުރެވެމުންދޭ
ވަންއެންޑް އޮންލީ އަދި ވިލަމެންދޫ: އާންމު ޙާލަތަށް ގެނެވިފައި.
އުމްރާއިން މީހުން ގެނައުމުގެ ކުރިންވެސް ބަލީގެ އަލާމާތެއް ހުރިތޯ ބެލުނު،
އުމްރާއިން މިއަދު މާލެއައި ފްލައިޓް ރާއްޖެއައި، 50 މީހުން ތިބި، ގެނައުމުގެ ކުރިންވެސް ބަލީގެ އަލާމާތެއް ހުރިތޯ ބެލުނު، އެ މީހުން ބޭލުމަށްފަހު އެއްވެސް އަލާމާތެއް ހުރިތޯ ބެލުނު، ދެވަނަ ފްލައިޓެއް 13 ވަނަ ދުވަހު އަންނާނެ، އެ ފްލައިޓާ މެދުވެސް އެގޮތަށް އަމަލުކުރެވޭނެ
ބަންގްލަދޭޝްގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުން: މަބްރޫކް
ބަންގްލަދޭޝްގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މަބްރޫކް ވިދާޅުވި. މަބްރޫކު ވިދާޅުވީ، ޗައިނާގައި ތިބި ދިވެހިން ގެނަ އުސޫލުން އެކަން ކުރިއަށްދާކަމަށް
އިންނަހުރާއިން ކޯލެއް އައި، އެއްވެސް ރިސްކެއް ހުރި ފަރާތެއް އެ ރަށަކު ނެތް
އިންނަހުރާއިން އެޗްޕީއޭއިން ގާއިމްކޮށްފައިވާ ހޮޓްލައިނެއް ކޯލެއް އައިސްފައިވޭ، ކޮންޓްރެކްޓް ޓްރޭސިންގ ހެދިއިރު އެއްވެސް ރިސްކެއް ހުރި މީހެއް ކަމަށް ފާހަގަކުރެވިއެއް ނުވޭ: މަބްރޫކް
މާދަމާ ހެނދުނުގެ ނިޔަލަށް އޮމަދޫއިން ސެނިޓައިޒަރ ލިބޭނެ
ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، މާދަމާ ހެނދުނުގެ ނިޔަލަށް އޮމަދޫއިން ސެނިޓައިޒަރ ލިބޭނެކަމަށް،
ކޮވިޑް-19: ފަތުރުވެރިންނާއި ޢާއްމުންނަށް އުތީމު ގަނޑުވަރު ދައްކާލުން ވަގުތީ ގޮތުން މެދުކަނޑާލައިފި
އުތީމު ގަނޑުވަރު ފަތުރުވެރިންނާއި ޢާއްމުންނަށް ދައްކާލުމުގެ ޚިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.
ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެފައިވަނީ ރައްކާތެރިމުގެ ފިޔަވަަޅެއްގެ ގޮތުން ހއ. އުތީމު ގަނޑުވަރުން ދޭ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
ކޮވިޑް-19: ޗައިނާއިން އައި ދިވެއްސަކު ކަރަންޓީނު ކޮށްފި
ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ޗައިނާއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި ދިވެއްސަކު، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް-19: ނޫސްވެރިންގެ ބައްދަލުވުން 14:30 ގައި
ކޮވިޑް-19 އާ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު 14:30 ގައި ދަރުބާރުގޭގައި އޮންނާނެކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
ކޮވިޑް-19: ކުރަމަތި އައިލެންޑް ރިސޯޓުން ޓެސްޓް ކުރި ދެމީހުން ޕޮޒިޓިވް
ކޮވިޑް-19 އަށް ކުރަމަތި އައިލެންޑް ރިސޯޓުން ޓެސްޓް ކުރި ދެ ބިދޭސީން ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އެއާއެކު ރާއްޖެއިން މިވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 8 ށް އަރާފަ އެވެ.
ކޮވިޑް-19: އިންޑޮނޭޝިޔާއިން ފުރަތަމަ މީހާ މަރުވެއްޖެ
ކޮވިޑް-19 ޖެހިގެން އިންޑޮނޭޝިޔާއިން ފުރަތަމަ މީހާ މަރުވެއްޖެކަމަށް އެގައުމުން ބުނެފި އެވެ. މިއީ 53 އަހަރުގެ އަންހެނެއްކަމަށް އެގައުމުން ބުނެއެވެ. އިންޑޮނޭޝިޔާއިން މިހާތަނަށް 26 މީހަކަށް ވަނީ މިވައިރަސް ޖެހިފަ އެވެ.
ކޮވިޑް-19: ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓް ކުރި މީހާ ނެގެޓިވް
ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރި މީހާ ވަނީ ނެގެޓިވް ވެފައިކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އަދި ޓެސްޓްގެ ނަތީޖާއާއި ވިދިގެން، އަދި "ކޮންޓެކްޓް ޓްރޭސިންގ" ނިމުމާއި ގުޅިގެން މިރަށަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތްކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް-19: ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރަންޖެހޭ ފަދަ ހާލަތެއް އަދި ނާދޭ- އީސީ
އަންނަ މަހު 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބް ލަސްކުރަން ޖެހޭ ފަދަ ހާލަތެއް އަދި އައިސްފައި ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އީސީން މިހާރު ބާއްވަމުން ގެންދާ ގައުމީ ލަފާދޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެއްވެސް އިންތިހާބެއް ލަސްކުރުމުގެ ގާނޫނީ ބާރެއް އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި އިންތިހާބް ބާއްވަން ކަނޑައަޅާފައިވާ ތާރީހަށް ބަދަލު ގެނެވޭނީ ކޯޓުން ކަމަށެވެ.
ކޮވިޑް-19: ޕެނަމާއިން ފުރަތަމަ މީހާ މަރުވެއްޖެ
ކޮވިޑް-19 ޖެހިގެން ފުރަތަމަ މީހާ ޕެނަމާއިން މަރުވެފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެގައުމުން މިހާތަނަށް 8 މީހަކަށް ވަނީ މިވައިރަސް ޖެހިފަ އެވެ. ވައިރަސް ފެތުރޭތީ އެގައުމުގެ ސްކޫލްތައް އޭޕްރީލްމަހުގެ 7 ވަނަ ދުވަހާ ހަމައަށް ވަނީ ބަންދުކޮށްފަ އެވެ.
ކޮވިޑް-19: ތުރުކީން ވައިރަސް ޖެހުނު ފުރަތަމަ މީހާ ފެނިއްޖެ
ކޮވިޑް-19 ތުރުކީގެ މީހަކަށް ޖެހިފައިވާކަމަށް އެގައުމުން ބުނެފިއެވެ. މިމީހާއަކީ ދާދިފަހުން ޔޫރަޕަށް ދަތުރުކޮށްފައިވާ މީހެއްކަމަށް އެގައުމުން ބުނެއެވެ. ނަމަވެސް އެމީހާއާ ބެހޭ އިތުރު މައުލޫމާތެއް ތުރުކީން ހާމައެއް ނުކުރެ އެވެ.
ކޮވިޑް-19: ޖަމައިކާއިން ވައިރަސް ޖެހުނު ފުރަތަމަ މީހާ ފެނިއްޖެ
ކޮވިޑް-19 ޖެހިގެން ފުރަތަމަ މީހާ ޖަމައިކާއިން ރިޕޯޓްކޮށްފި އެވެ. މިމީހާއަކީ ޖަމައިކާގެ އަންހެނެއްކަމަށާއި މިމީހާ ދާދިފަހުން ވަނީ އިނގިރޭސިވިލާތަށް ދަތުރުކޮށްފައިކަމަށް އެގައުމުން ބުނެއެވެ.
ކޮވިޑް-19: ވިލަމަންދޫ އިން ސާމްޕަލް ނެގި މީހާ ނެގެޓިވް
ވިލަމަންދޫ އިން ޓެސްޓް ކުރުމަށް ސާމްޕަލް ނެގި މީހާ ވައިރަސް އަށް ނެގެޓިވް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އެއާއެކު ވިލަމަންދޫއިން އަރައިފޭބުން މަނާކޮށްފައި އޮތްއޮތުން ވަނީ މިހާރު ނިމުމަކަށް ގެނެވިފަ އެވެ.
ކޮވިޑް-19: އިޓަލީން އައި ދެ ދިވެއްސަކު ކަރަންޓީނު ކޮށްފި
އިޓަލީ އައިން ދިވެހިރާއްޖޭގެ ދެ މީހުން މިއަދު ހެނދުނު ކަރަންޓީނު ކޮށްފައިވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އެޗްޕީއޭއިން ބުނީ މި ދެ މީހުން ކަރަންޓީނުކޮށްފައިވަނީ ޕްރޮޓޮކޯލްއަށް އަމަލުކުރުމުގެ ގޮތުން ކަމަށެވެ.
ކޮރޯނާވައިރަސްގެ ސަބަބުން ދިމާވާ ގެއްލުންތަކުން އަރައިގަންނަން އީޔޫއިން 28 ބިލިއަން ޑޮލަރު ހަރަދުކުރަނީ
ކޮރޯނާވައިރަސްއާ ގުޅިގެން އައިސްފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް 28 ބިލިއަން ޑޮލަރުގެ ފަންޑެއް ގާއިމްކޮށްފައިވާނެ ކަމަށް ޔޫރަޕިއަން ކޮމިޝަނުން ހާމަކޮށްފިއެވެ.
ޔޫރަޕުގެ އިއްތިހާދުގެ ލީޑަރުންނާއެކު ބޭއްވެވި ވީޑިއޯ ކޮންފަރެންސެއް ނިންމަވާލެއްވުމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް އަރސަލާ ވޮން ޑަރ ލޭން ވިދާޅުވީ، ކޮރޯނާވައިރަސްގެ ސަބަބުން އަސަރުކޮށްފައިވާ ދާއިރާތަކަށް 7.5 ބިލިއަން ޔޫރޯ ހަރަދުކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި އަދަދު 25 ބިލިއަން ޔޫރޯ (28 ބިލިއަން ޑޮލަރު) އަރާނެ ކަމަށް ވިދާޅުވަމުން އަރސަލާ ވަނީ އަންނަ ހަފުތާގެ ތެރޭގައި 7.5 ބިލިއަން ޑޮލަރު ދޫކޮށްދެއްވުމަށް ކައުންސިލާއި ޕަރލިމަންޓަށް ހުށައަޅުއްވާނެ ކަމަށެވެ.