ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
މެލޭޝިއާއިން އައި ދިވެއްސަކު އަލާމަތްތައް ފެނިގެން ކަރަންޓީން ކުރަނީ
ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ އެއް އިމާރާތެއްގައި ހުރުމަށްފަހު އެނބުރި ރާއްޖެ އައި ފަހުން ވައިރަސްގެ އަލާމަތްތައް ފެނުނު ދިވެއްސަކު ކަރަންޓީންކުރަން ނިންމައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ އެއް އިމާރާތެއްގައި ހުރުމަށްފަހު މެލޭޝިއާއިން ރާއްޖެއަށް އައި ދިވެއްސެއްގެ ގައިން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިފައިވާ ކަމަށެވެ. އަދި އެމީހާގެ ޓެސްޓްތައް ހެދުމަށް މިހާރު ފަރުކޮޅުފޮއްޓަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދުނިޔޭގެ ހުރިހާ ބައްރެއްގައި ކޮވިޑް-19 ފެނިފައިވާއިރު، މިހާތަނަށް ރާއްޖެއިން 08 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެއީ ކުރެއްދޫ ރިސޯޓުން 04 މީހުން، ސޭންޑީޒް ބަތަލާ ރިސޯޓުން 02 މީހުން، ކުރިމަތި އައިލެންޑް ރިސޯޓުން 02 މީހުންނެވެ.
ކޮވިޑް-19އާ ގުޅިގެން ގާސިމްގެ ވިލާ ކުންފުނިން ހިންގަމުންދާ ރިސޯޓުތަކުގައި މަސައްކަތްކުރާ މުއައްޒަފުންގެ މުސާރަ ކުޑަ ކޮށްފި

ކޮވިޑް-19އާ ގުޅިގެން ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދާ ހުރިހާ ރިސޯޓެއްގެ މުއައްޒަފުންގެ މުސާރަ ކުޑަ ކުރަން ނިންމައިފިއެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ނެރިފައިވާ ސާކިއުލަރގައި ބުނީ ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް މަދުވެފައިވާ ކަމަށެވެ.
ރާއްޖެއިންވެސް މިބަލި ފެނުމާއި ގުޅިގެން އެކަމުގެ ނޭދެވޭ އަސަރު އިތުރަށް ޓޫރިޒަށް ފޯރަމުންދާ ކަމަށާއި، ކުންފުންޏަށް އާމްދަނީ ލިބެނީ ކުންފުނިން ހިންގާ ރިޒޯޓްތަކުން ކަމަށްވެފައި، ރިސޯޓުތަކަށް އަންނަ ގެސްޓުންގެ މަދުވެ އާމްދަނީ ދަށްވަމުންދާ ކަމަށް ވިލާ ކުންފުނިން ބުނެއެވެ.
ވިލާ ކުންފުނިން ބުނީ، ކުންފުނި ދެމެހެއްޓުމަށްޓަކައި ޚަރަދު ކުޑަ ކުރުމުގެ ގޮތުންއަޅާ ފިޔަވަޅު ތަކުގެ ތެރެއިން، ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ކުރިޔަށް އޮތް އެޕްރީލް 2020 އިން ފެށިގެން މުއައްޒަފުންގެ މުސާރަ ކުޑަކުރުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ވިލާއިން ނެރިފައިވާ ސަރކިއުލަރގައި ބުނެފައިވާ ގޮތުން 4،999 ރުފިޔާގެ ދަށުގެ ބައިން 10 އިންސައްތަ، މުސާރައިގެ 5000 ރުފިޔާއިން 9999 ރުފިޔާގެ ބައިން 20 އިންސައްތަ، މުސާރައިގެ 10،000 ރުފިޔާއިން 49،999 ރުފިޔާގެ ބައިން 35 އިންސައްތަ އަދި މުސާރައިގެ 50،000 ރުފިޔާއިން މަތީގެ ބައިން 50 އިންސައްތަ މަދުކުރަން ނިންމާފައިވާ ކަމަށެވެ.
މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކުރައްވާ ނެރިފައިވާ މިސަރކިއުލަރގައި ބުނީ މުސާރަ ކުޑަކުރުމަށް ނިންމި ނިންމުމަކީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ދޫކޮށްލައިފިނަމަ އެފަރާތަކަށް ލިބޭ ގެއްލުން މާބޮޑުވާނެތީއާ، މިވަގުތަށް މުސާރައަށް ކުރާ ޚަރަދު މިހާވަރަށް ކުޑަ ނުކޮށް ކުންފުނި ހިންގޭނެ އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ. އަދި ހާލަތު ރަގަޅުވަމުންދާ ވަރަކުން މުސާރަ އަށް ބަދަލު ގެންނަމުންދާނެ ކަމަށް ވެސް މިސަރކިއުލަރގައި ބުނެފައިވެއެވެ.
ލިބޭ މުސާރަ މަދުވުމަކީ ކޮންމެ މީހަކަށްވެސް ދަތިވާނެ ކަމެއްކަން ފާހަގަކޮށް އެކަމަށް ހުރިހާ މުވައްޒަފުންގެ ކިބައިން މައާފަށް އެދޭ ކަމަށާއި، މިފަދަކޮންމެ ފިޔަވަޅެއްވެސް މިކުންފުނިން މި އަޅަނީ އެންމެ ފަހު ކަމެއްގެ ގޮތުގައި އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށް ވިލާ ކުންފުނީގެ މިސަރކިއުލަރގައި ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ރާއްޖޭގައި ގިނަ ރިސޯޓުތައް ހިންގަމުންދާއިރު، މުއައްޒަފުން އެކަށީގެންވާ މުސާރައާއި ސަރވިސް ޗާގު ނުދޭ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރުކުރާއިރު، ވިލާ ކުންފުންޏަކީ މިހާތަނަށް މުއައްޒަފުންގެ މުސާރަ ކުޑަކުރި ފުތަރަމަ ކުންފުނިކަން ފާހަގަކޮށްލެވެއެވެ.
ކޮވިޑް-19: ގުއާޓިމާލާއަށް ޔޫރަޕުގެ ޤައުމުތަކުގެ ރައްޔިތުން އެރުން މަނާކޮށްފި
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ޔޫރަޕުގެ ހުރިހައި ޤައުމެއްގެ ރައްޔިތުން ގުއާޓިމާލާއަށް އެރުވުން އެޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.
އެޤައުމުގެ ހެލްތު މިނިސްޓަރ ހޫގޯ މޯންރޯއިއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބުރާސްފަތިދުވަހުން ފެށިގެން ޔޫރަޕުގެ ހުރިހައި ޤައުމެއްގެ ރައްޔިތުން އެޤައުމަށް ނާރުވާނެކަމަށެވެ.
ގުއާޓިމާލާއިން އަދި އެެއްވެސް މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.
ކޮވިޑް-19: ވައިރަސްއާއި ހަނގުރާމަ ކުރުމަށް ކެނެޑާއިން 730 މިލިއަން ޑޮަލަރުގެ ފަންޑެއް ކަނޑައަޅައިފި
ކެނެޑާގައި ކޮވިޑް-19 އިން ސަލާމަތްވުމަށާއި، ވައިރަސް ކޮންޓްރޯލް ކުރުމަށް ޞިއްހީ ޚިދުމަތްތެރިން ކުރަމުންދާ މަސައްކަތައް ހޭދަ ކުރުމަށް ކެނެޑާ ސަރުކާރުން 730 މިލިއަން އެމެރިކާ ޑޮލަރު( 1 ބިލިއަން ކެނެޑާ ޑޮލަރު) ގެ ފަންޑެއް ކަނޑައަޅައިފިއެވެ. މިކަން ރަސްމީ ގޮތުން އިޢުލާންކުރެއްވީ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯއެވެ. މިއީ އެޤައުމުގެ ސަރުކާރުން ކޮވިޑް-19 އާއި ގުޅިގެން އެޤައުމުގެ ސަރުކާރުން މިގޮތައް ކަނޑައެޅި ފުރަތަމަ ފަންޑެވެ.
ކެނެޑާއިން މިހާތަނަށް އައިއިރު 91 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އެކަކު ވަނީ ވައިރަސްގައި މަރުވެފައެވެ.
ކޮވިޑް-19: އިނގިރޭސި ވިލާތުގައި މިއަދު އެކަނި 83 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
އިނގިރޭސި ވިލާތުގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ބޭރުގެ މީޑީއާތަކުން ރިޕޯޓުކުރާ ގޮތުގައި މިއަދު އެކަނި އެޤައުމުގައި 83 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދުވަނީ 456އަށް އަރާފައެވެ.
އެޤައުމުގައި މިހާތަނަށް 6 މީހުން ވަނީ މަރުވެފައެވެ.
ކޮވިޑް-19: ބަލްގޭރިއާއިން ވައިރަސްގައި ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ
ބަލްގޭރިއާގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ވައިރަސްޖެހިގެން މަރުވީ އުމުރުން 66 އަހަރުގެ އެޤައުމުގެ އަންހެނެކެވެ. އޭނާ ނިއުމޯނިއާޖެހި ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފެށީ އިއްޔެކަމަށާއި، އަދި ކޮވިޑް-19 ގެ އަލާމާތްތައް ހަށިގަނޑުން ފެންނަން ހުރުމުން ޓެސްޓްކުރި އިރު ވައިރަސްއަށް ޕޮޒިޓިވްކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަލްގޭރިއާގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދަކީ 6 އެވެ.
ކޮވިޑް-19: އައިވަރީ ކޯސްޓުން ފުރަތަމަ ކޭސް ރިޕޯޓުކޮށްފި
އައިވަރީ ކޯސްޓުގެ ހެލްތު މިނިސްޓްރީން މިކަން ހާމަކޮށް ޢާންމު ކުރި ބާޔާނެއްގައި ބުނެފައިވަނީ، ވައިރަސްއަށް މިއަދު ޕޮޒިޓިވްވީ އެޤައުމުގެ އުމުރުން 45 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ އަކީ އަމިއްލަ ބޭނުމެއްގައި އިޓަލީއަށް ދަތުރުކުރުމަށް ފަހު ޤައުމަށް އެނބުރި އައި މީހެއްކަމަށް ބަޔާނުގައި ވެއެވެ.
ކޮވިޑް-19: ވައިރަސްއައި ގުޅިގެން ފީފާގެ އަހަރީ ބައްދަލުވުން ފަސްކޮށްފި
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާއިން މިރޭ ޢާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން، އެ ޖަމްޢިއްޔާގެ އަހަރީ އާންމު ބައްދަލުވުން ފަސްކުރަން ނިންމާފައިވާކަމަށެވެ.
ކުރިން މި ބައްދަލުވުން ބާއްވަން ތާވަލުކޮށްފައި އޮތީ، ޖޫންމަހުގައެވެ.
70 ވަނަ ފީފާ ކޮންގެރެސް ފަސްކުރީ ސެޕްޓެންބަރު މަހު ބާއްވާ ގޮތަށެވެ. ކޮންގްރެސް އޮންނާނީ އެމަހުގެ 18 ވަނަ ދުވަހު އިތިއޯޕިއާގެ އަޑިސް އަބާބާގައެވެ.
ކޮވިޑް-19: ޖަރުމަނުން މިއަދު އެކަނިވެސް 238 މީހުން ވައިރަސްއަށް ޕޮޒިޓިވްވި
ޤަތަރުގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި މިއަދު އެކަނިވެސް އެޤައުމުން 238 މީހުން ކޮވިޑް-19 އަށް ޕޮޮޒިޓިވްވިއެވެ. އެ މިނިސްޓްރީން ބުނެފައިވަނީ އަލަށް ފެނުނު 238 މީހުންނަކީ ކުރިން މި ވައިރަސްޖެހިފައިވާ މީހުންނާއި ބައްދަލުވެފައިވާ، ބިދޭސީން ކަމަށެވެ.
މިއާއެކު އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 262 އެވެ.
ކޮވިޑް-19: ވައިރަސްއާގުޅޭ ހަގީގީ މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި
ރާއްޖޭގެ މީޑިއާތަކުން ވީހާވެސް ތެދު މަޢުލޫމާތު ފެތުރުމަށް ބާރުއަޅުއްވައި އެކަމަށް މަސައްކަތް ކޮށްދެއްވުމަށް ރާއްޖޭގެ މީޑިއާ ކައުންސިލުގެ އިސްބޭފުޅުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.
ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެއްވެސް ކަމެއްގެ ޙަޤީޤަތް އޮޅޭގޮތަށް ޚަބަރުތައް ޝާއިޢު ކުރަމުންގެންދާނަމަ، އެކަމުގެ ސަބަބުން ތަފާތު މައްސަލަތައް ނުކުންނާނެކަން ފާހަގަކުރައްވަމުން، ކޮންމެ ނޫސްވެރިޔަކުވެސް އެ ނޫސްވެރިއެއްގެ ފުރިހަމަ ޒިންމާ އަދާކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ކޮވިޑް-19 ބާރަށް ފެތުރެމުންދާ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ޙަޤީޤީ މަޢުލޫމާތު ފޯރުކޮށްދިނުން ވަރަށް މުހިއްމު ކަމަށާއި، ރައްޔިތުންގެ ތެރޭގައި ހާސްކަން އުފެދޭފަދަ ގޮތްގޮތަށް ތެދުނޫން މަޢުލޫމާތު ފެތުރުމަކީ، ޒިންމާދާރު ގޮތެއްގައި ވާޖިބު އަދާކުރުން ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީޑިއާތަކުން ފަތުރަމުން ގެންދަނީ ތެދު މަޢުލޫމާތުތޯ ބެލުމަށް މީޑީއާ ކައުންސިލުން މިހާރު ކުރަމުން ގެންދާ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.
ކޮވިޑް-19: ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އައިޖީއެމްޗްގެ އައިސީޔޫވެސް ބޭނުން ކުރާނެ
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ޚާއްޞަކޮށްފައިވާ އައިސީޔޫ ފުލްވެއްޖެ ޙާލަތެއްގައި އައިޖީއެމްއެޗްގެ މައި އައިސީޔޫ ބޭނުންކުރަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ކޮވިޑް-19 އާ ގުޅިގެން މިރޭ ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޚާއްޞަ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ، ކޮވިޑް-19 ޖެހޭ މީހުންނަށް ޚާއްޞަކޮށްގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެއްފަހަރާ 10 މީހުންނަށް ފަރުވާދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. ޑރ. މުރާދު ވިދާޅުވީ، ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާ ކަމަށްވާނަމަ، އިތުރު ވަޞީލަތްތައް ބޭނުން ކުރަން ޖެހިދާނެ ކަމަށެވެ.
ކޮވިޑް-19: ސްވިޑަން އިން ފުރަތަމަ ފަހަރަށް ވައިރަސްގައި މީހަކު މަރުވެއްޖެ
ސްވިޑަންއިން ވައިރަސްއަށް ފަރުވާ ހޯދަމުންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ. މިއީ އެޤައުމުގައި ވައިރަސް ޖެހިގެން މީހަކު މަރުވި ފުރަތަމަ ފަހަރެވެ. އެމީހާ މަރުވީ ސްޓޮކްހޯމް ރީޖަންގެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ޙާލު ދެރަވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސްވިޑަން އިން އެންމެ ފުރަތަމަ ވައިރަސް ރިޕޯޓުކޮށްފައިވަނީ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ. މިހާތަނަށް އައިއިރު 460 މީހުން އެޤައުމުން ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑް-19: ކުވައިތުން ކޮމަރޝަލް ފްލައިޓުގެ ޚިދުމަތް މުއްދަތެއް ނެތްގޮތައް ހުއްޓާލަނީ
ގަލްފުގެ ޤައުމެއް ކަމަށްވާ ކުވައިތުން، ހުރިހައި ކޮމަރޝަލް ފްލައިޓް ދަތުރުތައް ހުކުރު ދުވަހުން ފެށިގެން ހުއްޓާލަން ނިންމައިފިއެވެ. އެޤައުމުގެ ދައުލަތުގެ މީޑިއާއިން ޚަބަރު ފަތުރާގޮތުގައި، ކާގޯ އުފުލާ ފްލައިޓުތައް ފިޔަވައި އެހެން ހުރިހައި ފްލައިޓެއް މުއްދަތެއް ނެތްގޮތައް ހުކުރު ދުވަހު ހުއްޓާލާނެކަމަށެވެ.
އަދި އެޤައުމުގެ ސަރުކާރުން ވަނީ މާރޗު މަހުގެ 12-26 އަށް ރަސްމީ ބަންދު ދުވަހުގެ ގޮތުގައި އިޢުލާންކޮށްފައެވެ. އަދި މުވައްޒަފުން ވަޒީފާއަށް ނިކުންނަން ޖެހޭނީ މިމަހުގެ 26 ވަނަ ދުވަހުކަމަށެވެ.
މީގެ އިތުރުން ރެސްޓޯރެންޓުތަކާއި ކެފޭތައް އާންމުނ ދިއުންވެސް ސަރުކާރުން ވަނި މަނާކޮށްފައެވެ.
ކޮވިޑް-19: ލުބްނާނުގެ ޑިޕްލޮމޭޓުން އެނބުރި ޤައުމަށް އައުމަށް އެޤައުމުގެ ސަރުކާރުން 4 ދުވަހުގެ މުހުލަތެއް ދީފި
ލުބްނާނުގެ ބޮޑުވަޒީރު ހަސާން ދިއާބް ވިދާޅުވީ ބޭރު ޤައުމުތަކުގައި ތިބި އެޤައުމުގެ ޑިޕްލޮމޭޓުންނާއި، ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ބޭރު ޤައުމުތަކުގެ މަދަނީ ޖަމްޢިއްޔާތަކުގައި މަސައްކަތް ކުރާ ލުބްނާނުގެ ރައްޔިތުންނަށް އެނބުރި ޤައުމަށް އައުމަށް 4 ދުވަހުގެ މުހުލަތެއް ސަރުކާރުން ދޭކަމަށެވެ.
އެހެންނަމަވެސް، މިމުހުލަތުގައި ޤައުމަށް ނާންނަނަމަ އަޅުއްވާނެ ފިޔަވަޅެއް ހާމައެއް ނުކުރައްވައެވެ.
މިފަދަ ފިޔަވަޅެއް އެޅުއްވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިމިނެއްގައި ކޮވިޑް-19 ފެތުރެމުންދާތީ ރައްޔިތުންގެ ސަމާލަތާއި ރައްކަލެއްގެ ގޮތުގައި ކަމަށް، ލުބްނާން ސަރުކާރުން ބުނެއެވެ.
ދިއާބް ވަނީ ޢާންމު އެއްވުންތައްވެސް ބޭއްވުންވެސް މަނާކޮށްފައެވެ. އަދި އެއްވެސް ފަރާތަކުން މިފަދަ އެއްވުންތައް ބާއްވާނަމަ ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅާނެކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ޝޮޕިންގ މޯލްތަކާއި، ރެސްޓޯރެންޓުތަކާއި އޮޑީޓޯރިއަމް ފަދަ ތަންތަނުގައި، ސިއްރިއްޔާތުގައި އެއްވެސް އެއްވުމެއް ނުވަތަ ޙަފުލާއެއް ބާއްވާތޯ ވަރަށް ގާތުން ކަމާއި ބެހޭ ފަރާތްތަކުން ބަލާނެކަމަށް ދިއާބްވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 : ވައިރަސް ފެތުރިފައިވާ ބައެއް ޤައުމުތަކުގެ ރައްޔިތުން ލުބްނާނަށް އެރުން މަނާކުރަނީ
ލުބްނާނުގެ ބޮޑުވަޒީރު ހަސާން ދިއާބް ވިދާޅުވީ ވައިރަސް އެންމެ ހަލުވިމިނުގައި ފެތުރެމުންދާ ނުވަތަ އެންމެ ނުރައްކާކަމަށް ފެންނަ ޤައުމުތައް ކަމަށްވާ ދެކުނުކޮރެއާއާއި، އިޓަލީވިލާތާއި، ޗައިނާއާއި، އިރާނަށް ކުރަމުންދާ ތާވަލު ފްލައިޓުތައް ވަގުތީ ގޮތުން ހުއްޓާލާ، އެޤައުމުތަކުގެ ރައްޔިތުންވެސް ލުބްނާނަށް އައުން މަނާކުރަން ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން، ފަރަންސޭސިވިލާތާއި، މިޞްރާއި، ސޫރިޔާއާއި، އިރާޤާއި، ސްޕެއިންއާއި، އިގިރޭސިވިލާތާއި، ޖަރުމަންވިލާތުން ފަސިންޖަރުން އެޤައުމަށް އައުންވެސް މިއަދުން ފެށިގެން މަނާކުރާކަމަށެވެ.
މިފަދަ ނިންމުމެއް ލުންބާނު ސަރުކާރުން ނިންމީ، އެޤައުމަށް ވައިރަސް އަންނަން އޮތް ހިރާސްތައް ކުޑަކުރުމުގެ ގޮތުންނެވެ.
ކޮވިޑް-19: އިންޑިއާއިން މުއްދަތެއް ނެތްގޮތައް ޓުއަރިސްޓް ވިސާ ދޫކުރުން ހުއްޓާލަނީ
މިކަން ހާމަކޮށް އިންޑިއާގެ މައިސަރުކާރުން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މާރޗު މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހުރިހައި ބާވަތެއްގެ ޓުއަރިސްޓް ވިސާ ދޫކުރުން އެޤައުމުން ހުއްޓާލާނެ ކަމަށެވެ.
މީގެތެރެއިން ޑިޕްލޮމެޓިކް، އޮފިޝަލް އަދި އދ ގެ ޖަމާއަތްތަކަށް ދޫކޮށްފައިވާ ވިސާތައް ނުހިމެނެއެވެ. އެހެންނަމަވެސް އިންޑިއާގައި ވަޒީފާއަދާކުރުމަށާއި، އެކި މަޝްރޫޢުތައް ހިންގުމަށް ދޫކުރާ ވިސާތައްވެސް އެޕްރީލްމަހުގެ 15 ވަނަ ދުވަހާއި ހަމަޔަށް ވަގުތީ ގޮތުން ހުއްޓާލާނެކަމަށް އިންޑިއާ ސަރުކާރުގެ ބަޔާނުގައި ވެއެވެ.
ކޮވިޑް-19: ވިލާތުގެ 4 ޤައުމަކަށް ދަތުރުކުރުން ރަޝިޔާއިން ހުއްޓާލަނީ
ވިލާތުގެ ޤައުމުތަކުގެ ތެރެއިން އިޓަލީއާއި، ފްރާންސާއި، ޖަރުމަނާއި، ސްޕެއިންއަށް ދަތުރުކުރުން ހުކުރު ދުވަހުން ފެށިގެން ހުއްޓާލާނެކަމަށް ރަޝިޔާއިން ބުނެފިއެވެ. އެޤައުމުން މިފަދަ ފިޔަވަޅެއް އެޅީ، އެޤައުމަށް ވައިރަސް ފެތުރުނީ ވިލާތުގެ ޤައުމުތަކަށް ދަތުރުކުރުމަށްފަހު ޤައުމަށް އެނބުރި ދިޔަ މީހުންގެ ފަރާތުން ކަމަށްވާތީ، ވައިރަސް އިތުރަށް ފެތުރިޔަ ނުދިނުމުގެ ގޮތުންނެވެ. ރަޝިޔާގެ ހުރިހައި އެއަރލައިނަކުންވެސް ހުކުރު ދުވަހުން ފެށިގެން މި 4 ޤައުމަށް ދަތުރުހުއްޓާލަން މިހާރުވަނީ އެއަރލައިންތަކަށް އަންގާފައެވެ.
ރަޝިޔާއިން ވަނީ އިޓަލީ ރައްޔިތުންނަށް ވިސާ ދޫކުރުންވެސް ހުއްޓާލާފައެވެ. ރަޝިޔާއިން މިހާތަނަށް 28 މީހުން ވައިރަސްއަށް ޕޮޮޒިޓިވްވެފައިވާއިރު، މީގެތެރެއިން 20 މީހުންނަކީ އިޓަލީއަށް ދަތުރުކުރި މީހުންނެވެ.
ކޮވިޑް-19: ވައިރަހުގެ ބިރަށް އިންތިގާލީ އިންސާފުގެ ބިލަށް ޚިޔާލު ހޯދުން ފަސްކޮށްފި
އިންތިޤާލީ އިންސާފުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ފަސްކޮށްފިކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ބައްދަލުވުން ކެންސަލް ކުރެވުނީ މިހާރު ދުނިޔޭގައި ފެތުރެމުންދާ އަދި ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް އާއި ގުޅިގެން ކަމަށެވެ.
ކޮވިޑް-19: ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވައިރަސް ފެތުރެމުންދާގޮތާއި، ޑަބްލިއުއެޗްއޯއިން ނިންމާ ނިންމުން ހާމަކުރުމަށް ދެންމެއަކު ބޭއްވި ޕްރެސް
ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާ (ޑަބްލިއުއެޗްއޯ) އިން ކޮވިޑް-19 ގެ ޙާލަތާއި، އެޖަމާޢަތުން އަމަލުކުރަމުންދާ އުޞޫލުތައް، ވަކިން ޚާއްޞަކޮށް ނިންމާ ނިންމުންތައް ހާމަކުރަން ކޮންމެ ދުވަހަކުވެސް ދަނީ ބްރީފިންގ ބައްދަލުވުމެއް ބާއްވަމުންނެވެ.
މި ބައްދަލުވުމުގައި އިސްކޮށް މަޢުލޫމާތު ދެއްވަނީ އެޖަމާއަތުގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޯސް އެދަނޯމް ގެބްރިއޭސިއަސް އެވެ. އަދި ކަމާއި ގުޅުން ހުރި ފަންނީ އިސް މަސްއޫލުވެރިންވެސް ބައިވެރިވެއެވެ. ދެންމެ ބޭއްވި ބައްދަލުވުމުގައި ޓެޑްރޯސް ވަނީ ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް އޮތް ބޮޑު ރޯގާއެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
ބަންގްލަދޭސް އިން އެނބުރި ރާއްޖެ އައި ދިވެއްސެއް، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރަނީ
ކޮވިޑް-19: ވައިރަސްއަކީ މުޅި ދުނިޔެއަށް އޮތް ބޮޑު ރޯގާއެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅައިފި
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރި 120 އަށްވުރެ ގިނަ ޤައުމުން ފެނިފައިވާއިރު، ބުދަ ދުވަހުގެރޭ ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވީ، ފާއިތުވި 2 ހަފްތާއެއްގެ ތެރޭގައި ކޮވިޑް-19 ހަލުވި މިނެއްގައި އެކި ޤައުމުތަކުގައި ފެތުރިފައިވާ ކަމަށާއި، ވައިރަސްގެ އަސަރުކުރި ޤައުމުތަކުގެ އަދަދު 3 ގުނައަށް އިތުރުވެފައިވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު އިތުރުވެގެންދާނެ ކަމަށް ބަލައި، އަދި މިހާރު ދުނިޔޭގެ ޙާލަތަށް ބަލައި ވައިރަސް އަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޓެޑްރޯސް އިތުރަށް ވިދާޅުވީ، ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައެޅުމުގެ ވާހަކަދައްކާއިރު، ފަރުވާކުޑަ ކޮށްގެން ނުވާނެ ކަމަށާއި، އޭގެ ސަބަބުން އާންމުންގެ މެދުގައި އުފެދެން ނުޖެހޭ މިންވަރެއްގައި ބިރުވެރިކަމާއި ހާސްކަން އުފެދިދާނެ ކަމަށެވެ. އަދި މިއީ ބަލިމަޑުކަމެއްގެ ގޮތުގައި އިއުލާނު ކުރި ނަމަވެސް ޑަބްލިއުއެޗްއޯއިން ކުރަމުންދާ މަސައްކަތަށް ބަދަލެއް ނާންނާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އޭގެ އިތުރުން، ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނުފެންނަ 81 ވަރަކަށް ޤައުމު އޮތްކަން ފާހަގަކުރައްވައި ޓެޑްރޯސް ވިދާޅުވީ، ވައިރަސް ފެނުނު ޤައުމުތަކުގެ ތެރެއިން 57 ވަރަކަށް ޤައުމުން ފެނިފައިވާ ކޭސްތަކުގެ އަދަދު 10 އަށްވުރެވެސް ދަށް ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި ވައިރަސް ބޮޑަށް ފެތުރުނީ އިޓަލީއާއި އިރާންގައިކަން އޭނާ ފާހަގަކުރެއްވިއެވެ.
ޓެޑްރޯސް ވިދާޅުވީ، ބުރަ މަސައްކަތާއެކު މި ވައިރަސްއިން ސަލާމަތް ވެވިދާނެކަން ބައެއް ޤައުމުތަކުން ސާބިތުކޮށްދީފައިވާ ކަމަށާއި، ކުރީބައިގައި ބަލި ދެނެގަނެ، ޓެސްޓުކޮށް، ފަރުވާކުރެވި އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ ވައިރަސްގެ ނުރައްކާ ކުޑަ ކުރެވޭނެ ގޮތެއްކަމަށެވެ.
އެއްވެސް ދިވެއްސަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެފައެއް ނުވޭ!
މިހާތަނަށް އެއްވެސް ދިވެއްސަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެފައެއް ނުވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވި
ކޮވިޑް-19: ޕޮޒިޓިވްވި މީހުންގެ ޙާލު ރަނގަޅު
ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި 70 އަހަރުގެ މީހާއާއި، އިތުރު މީހުންނާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ޑޮކްޓަރު ވިދާޅުވީ، އޭނާ ސްޓޭބަލް ކަމަށާއި، ނަމަވެސް އޭނާއަކީ އުމުރުން ދުވަސްވީ މީހަކަށްވެފައި ފުއްޕާމޭގައި މައްސަލަތަކެއް ހުރުމުން "ކްރިޓިކަލް" ވެދާނެތީ ކަމަށް އޭނާ ދަރުމަވަންތަ ހޮސްޕިޓަލަށް ގެނައީ،
އޭގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލުގައި 10 އައިސީޔޫގެ ކެޕޭސިޓީ އެބަހުރި ކަމަށް ނަމަވެސް އިތުރުވެއްޖެ ޙާލަތެއްގައި އިތުރު ވަސީލަތްތަކަށް ބަލާނެ ކަމަށް، އެގޮތުން ކޭސްތައް ކުރިއަށްދާ މިންވަރަކުން އައިޖީއެމްއެޗްގެ މެއިން އައިސީޔޫވެސް ބޭނުން ކުރަން ޖެހިދާނެ ކަމަށް ޑޮކްޓަރު ވިދާޅުވި،
މަބްރޫކް: ޕޮޒިޓިވްވި އެންމެންގެ ޙާލުވެސް ރަނގަޅު އަދި 70 އަހަރުގެ މީހާ ސްޓޭބަލް
ސަރވެއިލެންސް ސާމްޕްލިންގްގެ މަސައްކަތް ފަށައިފި
ސަރވެއިލެންސް ސާމްޕްލިންގްގެ މަސައްކަތް ފަށާފައިވާ ކަމަށް މަބްރޫކް ވިދާޅުވި. ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބި ޕައިލެޓުން ފަދަ ފަރާތްތައް 'ރެންޑަމް'ކޮށް ސާމްޕްލިންގް ކުރެވެމުން ކަަމަށް. އެއީ މުޖުތަމައުގައި އެހެން ގޮތްގޮތަށް ބަލިފެތުރިދާނެ ތޯ ބެލުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް
ސަރވެއިލެންސް ސާމްޕްލިންގްގެ މަސައްކަތް ފަށައިފި
ސަރވެއިލެންސް ސާމްޕްލިންގްގެ މަސައްކަތް ފަށާފައިވާ ކަމަށް މަބްރޫކް ވިދާޅުވި. ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބި ޕައިލެޓުން ފަދަ ފަރާތްތައް 'ރެންޑަމް'ކޮށް ސާމްޕްލިންގް ކުރެވެމުން ކަަމަށް. އެއީ މުޖުތަމައުގައި އެހެން ގޮތްގޮތަށް ބަލިފެތުރިދާނެ ތޯ ބެލުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް
ކޮވިޑް-19: ސޭންޑީޒް ބަތަލާ، ކުރެއްދޫ އަދި ކުރަމަތީގައި ތިބި ފަތުރުވެރިން ސެގްރިގޭޓް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން
ޑޮކްޓަރުންގެ ޓީމަކުން ދަނީ ސޭންޑީޒް ބަތަލާ، ކުރެއްދޫ އަދި ކުރަމަތީގައި ތިބި ފަތުރުވެރިންގެ ތެރެއިން ހައި ރިސްކް ފަތުރުވެރިންނާއި ލޯ ރިސްކް ފަތުރުވެރިން ވަކި ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް މަބްރޫކް ވިދާޅުވި. އަދި ވަކި ކުރުމަށްފަހު ލޯ ރިސްކު ފަތުރުވެރިންނަށް 'އެގްޒިޓް ސްކްރީނިންގް' އަކަށް ފަހު ޝެޑިއުލް ފްލައިޓްތަކުން ރާއްޖެއިން ދެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް މަބްރޫކް ވިދާޅުވި.
ކޮވިޑް-19: ޓީސީ ޓީމު ބުރާސްފަތި ދުވަހު ހެނދުނު ލަންކާއަށް ދާނެ، އެކޮޅުގައި 14 ދުވަހު މަޑުކުރާނެ
ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރެމުންދާ ގައުމެއް ކަމަށްވާ ބަންގްލަދޭޝްގައި މިވަގުތު ތިބި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު ބުރާސްފަތި ދުވަހު ހެނދުނު ސްރީލަންކާއަށް ގޮސް، އެކޮޅުގައި 14 ދުވަހު ކަރަންޓީނުގެ މުއްދަތު ހަމަކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ޓީސީން ބަންގްލަދޭޝަށް ދިޔައީ އޭއެފްސީ ކަޕުގައި ބުދަ ދުވަހު އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުމަށެވެ.
ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ މިހާރު ހަމަޖެހިފައި އޮތީ ޓީސީ ޓީމު ބުރާސްފަތި ދުވަހު ލަންކާއަށް ގޮސް، އެކޮޅުގައި ކަރަންޓީނުވުމަށް ކަމަށެވެ. ލަންކާގައި ޓީސީން 14 ދުވަހު މަޑުކުރާއިރު، އެ 14 ދުވަހު ލަންކާގައި ޓީސީން ފަރިތަކުރުންތައް ކުރިއަށްގެންދާނެއެވެ.
ކޮވިޑް-19: ސުކޫލުތައް ބަންދުކުރުން:
މަބްރޫކް ވިދާޅުވީ، ހުރިހާ ގޮތަކަށް ބަލަމުންދާކަމަށް، އެގޮތުން މިވަގުތާ ހަމައަށް 1 ހަފްތާއަށް ސުކޫލުތައް ހުޅުވުން ލަސް ކުރުމަށް ނިންމާފައިވާކަމަށް، އަދި އެއަށްފަހު ރާއްޖޭގެ ޙާލަތައް ބަލައި އިތުރަށް މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށް،
ކޮވިޑް-19: ބަންގްލަދޭޝްގައި ތިބި ދިވެހިން
މަބްރޫކް ވިދާޅުވީ، ބަންގްލަދޭޝްގައި ތިބި ދިވެހިންނާ ކޮންޓެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް، ނަމަވެސް އަދި އެމީހުން އެނބުރި އަންނާނެ ގޮތަކާމެދު ވަކި ގޮތެއް ނިންމާފައި ނުވާކަމަށް، އެ މަސައްކަތް ކުރެވެމުންދާކަމަށް، އަދި އެކަމުގެ ތަފްސީލު ހާމަކުރައްވާނެ ކަމަށް ވިދާޅުވި.
ކޮވިޑް-19: ވައިރަސްއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމަށް އެންއީއޯސީގައި މިރޭ 2100ގައި ބައްދަލުވުމެއް އޮންނާނެ
ކޮވިޑް-19އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ނޭޝަނަލް އެމަރެޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި، މިރޭ 2100ގައި ބައްދަލުވުމެއް އޮންނާނެއެވެ. މިބައްދަލުވުމުގައި، ކޮވިޑް-19 ތަރުޖަމާނުގެ އިތުރުން ކަމާއި ގުޅެ އިސް މަސްއޫލުވެރިއަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޕްރެސް ރާއްޖެ ޓީވީން ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ކޮވިޑް-19: ޓީސީ ރާއްޖެ އަންނާނީ ލަންކާގައި ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު
ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރެމުންދާ ގައުމެއް ކަމަށްވާ ބަންގްލަދޭޝްގައި މިވަގުތު ތިބި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު އެނބުރި ރާއްޖެ އަންނާނީ ސްރީލަންކާގައި 14 ދުވަހު ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ކަމަށް ސަރުކާރުން ބުނެފި އެވެ.
ޓީސީން ބަންގްލަދޭޝަށް ދިޔައީ އޭއެފްސީ ކަޕުގައި ބުދަ ދުވަހު އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުމަށެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ މިކަމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު، ޓީސީއާ ވާހަކަދައްކަވާފައިވާ ކަމަށާއި މިހާރު ހަމަޖެހިފައި އޮތީ ލަންކާގައި ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަކޮށްފައި ރާއްޖެ އަންނަ ކަހަލަ ގޮތަކަށް ކަމަށެވެ.
ކޮވިޑް-19: ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށްދިނުމަށް އެމްއާރްއެމުން އެދިއްޖެ
ކޮވިޑް-19 އަށް ޕޮޒިޓިވްވި 8 މީހަކު ރާއްޖެއިން ފެނުމާއި ގުޅިގެން، ކުރިޔަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކޮށް ދިނުމަށް މަޝްވަރާ ކޮށްދިނުމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން އިލެކްޝަން ކޮމިޝަން (އީސީ) ގައި އެދިއްޖެ އެވެ.
އިންތިޚާބު ފަސްކޮށްދިނުމަށް އެދި އެމްއާރްއެމުން އީސީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، މި ވަގުތަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވަމުންދާ ވަގުތު ކަމަށެވެ. ނަމަވެސް މިވަގުތު ޙާލަތު އޮތް ގޮތުން ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ބާއްވާ މި ދެ އިންތިޚާބުގައި ވޯޓުލުމަށް އެކަށޭނަ ޢަދަދަކަށް ރައްޔިތުން ނުނިކުމެ، އިންތިޚާބަކީ ރައްޔިތުންގެ އެއްބާރުލުން ނުލިބޭ، މާލީ ގޮތުން ކުރެވޭ އިޞްރާފަކަށް ވެދާނެކަމަށް އެ ޕާޓީން ދެކޭކަމަށެވެ.
ކޮވިޑް-19: ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ވަގުތީގޮތުން ބަންދުކުރަނީ
ކޮވިޑް-19 އާ ގުޅިގެން ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ވަގުތީގޮތުން ބަންދުކުރަން ނިންމައިފިއެވެ.
ޤައުމީ ކުތުބުޚާނާއިން ބުނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އިން ކުޑަކުދިން ރައްކާތެރި ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބުރާސްފަތި ދުވަސް (މާދަމާ) އިން ފެށިގެން ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ވަގުތީގޮތުން ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ލައިބްރަރީން ދެމުން ގެންދާ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލެވޭނެ ކަމަށްވެސް ޤައުމީ ކުތުބުޚާނާއިން ބުނެއެވެ.
ކޮވިޑް-19: އެމެރިކާގެ ދިފާޢީ ވަޒީރުގެ އޭޝިއާ ދަތުރުފުޅު ފަސް ކުރައްވައިފި
އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓެގަން އިން މިކަން ހާމަކޮށް ޢާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ދެކުނު އޭޝިޔާގެ އިތުރުން އިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކައް ދިފާއީ ވަޒީރު މާރްކް އެސްޕަރ ކުރައްވަން ތާވަލުކޮށްފައިވާ ދަތުރު ފަސްކުރައްވާފައިވާކަމަށެވެ. މާރޗު މަހުގެ 16 އިން 20 އަށް އެމަނިކުފާނު ކުރައްވަން ހަމަޖެހިފައިވާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ޕާކިސްތާން އަިދ އަފްޣާނިސްތާނު ހިމެނެއެވެ. އޭޝިޔާގެ ޤައުމުތަކުގައި ކޮވިޑް-19 ފެތުރެމުންދާތީ ދަތުރުފުޅު ފަސްކުރެއްވިކަން އިޢުލާންކުރެއްވި ނަމަވެސް، އަލުން ތާވަލުކުރައްވާނެ ތާރީޚެއް އިޢުލާންކުރައްވާފައެއް ނުވެެއެވެ.
ކޮވިޑް-19: ބަހްރައިނުން އިތުރު 77 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
ބަހްރައިނުގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ގަލްފުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި ފާއިތުވެ ދިޔަ 24 ގަޑިއިރު 77 ކޭސް ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފައިވެއެވެ. މިހާތަނަށް އެޤައުމުން 189 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، ފަރުވާދީގެން 30 މީހުން ވަނީ ރަނގަޅުވެފައެވެ.
ކޮވިޑް-19: ތައިލޭންޑުން އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލައިފި
ތައިލޭންޑުން އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލައިފިކަން އެޤައުމުން އިޢުލާންކޮށްފިއެވެ. މިހާރު އެޤައުމުގެ އިމިގްރޭޝަނުން އޮން-އެރައިވަލް ވިސާ ދެމުން އަންނަ ހުރިހައި ޤައުމަކަށް މިއަދުން ފެށިގެން މުއްދަތެއް ނެތްގޮތައް ވަނީ އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައެވެ. އަދި ދެކުނު ކޮރެއާ، އިޓަލީ، އަދި ހޮންގކޮންގ ގެ ރައްޔިތުންނަށް އެއްވެސް ބާވަތެއްގެ ވިސާއެއް ދޫނުކުރަންވެސް ވަނީ ނިންމާފައެވެ.
ކޮވިޑް-19 : ބެއިޖިންއަށް ބޭރުގެ ޤައުމުތަކުން އަންނަ އެންމެން ދެހަފުތާއަށް ކަރަންޓީން ކުރަނީ
ޗައިނާގެ ދައުލަތުގެ މީޑިއާއިން ޚަބަރު ފަތުރާ ގޮތުގައި، ވެރިރަށް ބެއިޖީންއަށް، އެއްގަމާއި، ކަނޑާއި، ވައިގެ މަގުން އަންނަ ބޭރު ޤައުމުތަކުގެ މީހުން ދެހަފުތާގެ މުއްދަތައް ކަރަންޓީން ކުރުމަށް މައި ސަރުކާރުން ވަނީ ނިންމާފައެވެ.
ޗައިނާ ސަރުކާރުން މިގޮތައް ނިންމީ، އެޤައުމުގައި މިހާރު ކޮވިޑް-19 ކޮންޓްރޯލް ކުރުމާއި ގާތްވެފައިވާތީ، އެ ޤައުމަށް އިތުރު ޤައުމަކުން ވައިރަސް އަޔަ ނުދިނުމުގެ ބޭނުމުގައެވެ.
ބެއިޖިން އިން މީގެކުރިންވެސް ދިޔައީ ވައިރަސް އެންމެ ވަރުގަދަޔަށް ފެތުރެމުންދާ ޤައުމުތައްކަމަށްވާ، ދެކުނު ކޮރެއާ، އިރާން، އިޓަލީ، އަދި ޖަޕާނުން އަންނަ މީހުން ކަރަންޓިން ކުރަމުންނެވެ. މ ިހާރު މި ނިންމީ ހުރިހައި ޤައުމަކުން އަންނަ މީހުން ކަރަންޓީންކުރުމަށެވެ.
ކޮވިޑް-19: ބެލްޖިއަމްއިން ފުރަތަމަ ފަހަރަށް މީހަކު ވައިރަސްޖެހިގެން މަރުވެއްޖެ
ބެލްޖިއަމްގެ ހެލްތު މިނިސްޓަރ މެގީ ޑެބްލޮކްއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މިއަދު ބެލްޖިއަމުން ވަނީ ވައިރަސްޖެހިގެން އެކަކު މަރުވެފައެވެ. އޭނާ މަރުވީ ވައިރަސްއަށް ފަރުވާދެމުން ދަނިކޮށް ޙަލުދެރަވެގެންކަމަށް ވިދާޅުވެފައިވެއެވެ. ބްރަސެލްސްގެ މައި ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ އުމުރުން 90 އަހަރުގެ މީހެކެވެ
ކޮވިޑް-19 : މާދަމާއިން ފެށިގެން ޔޫކްރޭންގެ ބައެއް ސްކޫލްތައް ބަންދުކުރަނީ
ޔޫީކްރެއިންގެ ވެރިރަށް ކިއޭވްގެ ހުރިހައި ސްކޫލެއްގެ ކިޔެވުން މާދަމާއިން ފެށިގެން ބަންދުކުރަން ނިންމައިފިއެވެ.
މިކަން ހަމަކުރައްވާ ކިއޭވް ސިޓީގެ މޭޔަރ ވިޓަލީ ކްލިޝްކޯ ވިދާޅުވެފައިވަނީ، މާރޗު މަހުގެ ނިޔަލަށް ކިއޭވްގެ ހުރިހައި ސްކޫލެއް ބަންދުކުރަން ނިންމާފައިވާކަމަށެވެ. އަދި އަލުން ހުޅުވުމގެ ކުރިން ޙަލަތު މުރާޖަޢާކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ. މިގޮތައް ނިންމެވީ ކޮވިޑް-19 ފެތުރުވުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ކިއޭވް ސިޓިގައި މަދަނީ އެއްވުންތަކާއި، ކޮންސަޓްތަކާއި ކޮންފަރެންސްތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ، އަދި ބޮޑެތި ޝޮޕިންގ މޯލްތަކުގެ ތެރޭގައި ޤާއިމުކޮށްފައިވާ ސިނަމާތަކާއި ކުޅިވަަރު އޮޑިޓޯރިއަމްތައްވެސް ބަންދުކުރުމަށް މޭޔަރވަނީ އަންގަވާފައެވެ.
ޔޫކްރެއިން މިހާތަނަށް ވައިރަސްއަށް ޕޮޒިޓިވްވެފައިވަނި އެންމެ މީހެކެވެ.
ކޮވިޑް-19: އަންނަ ހޯމަ ދުވަހުން ފެށިގެން ޕޮލެންޑުގެ ސްކޫލްތައް ބަންދުކުރަނީ
އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ޕޮލެންޑުގެ ސްކޫލްތައް ބަންދުކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާ ދައުލަތުގެ މީޑިއާގައި ދެއްވި ބަޔާނެއްގައި އެޤައުމުގެ ބޮޑުވަޒީރު، މެތެއުޒް މިރާވިއޭކީ ވިދާޅުވީ، އެޤައުމުގެ ހުރިހައ ސްކޫލެއްގެ ކިޔެވުން ހޯމަ ދުވަހުން ފެށިގެން ބަންދުކުރަން ނިންމަވާ އެކަން ޢާންމުކޮށް އިޢުލާންކުރައްވާކަމަށެވެ. އެމަނިކުފާނުގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ސްކޫލްތަކުގެ އިތުރުން ކޮލެޖުތަކާއި، ޔުނިވަރިސިޓީތަކާއި، މިއުޒިއަމްތަކާއި، ސިނެމާތައްވެސް ބަންދުކުރަން ސަރުކާރުން އަންގާކަމަށެވެ. ސްކޫންތަކާއި، ބަންދުކުރަން އެންގިތަންތަން އަކުން ހުޅުވާނެ ތާރީޚެއް އަދި ޕޮލެންޑުގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ޕޮލެންޑުން މިހާތަނައަށް އައިއިރު، 26 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.