ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
ކޮވިޑް-19: އެމެރިކާގައި 150 މިލިއަން މީހުންނަށް ވައިރަސް ޖެހޭނެކަމަށް އަންދާޒާކޮށްފި
އެމެރިކާގެ ކޮންގްރެސްގެ އެތެރެހަށީގެ ޑޮކްޓަރ، ރާޝިދާ ތުލާއިބު އަންދާޒާކުރައްވާ ގޮތުގައި އެމެރިކާގެ އާބާދީގެ 20-45 އިން ސައްތަ މީހުން ވައިރަސްއަށް އިންފެކްޓުވާނެއެވެ. އެއީ 70-150 މިލިއަން މީހުންނެވެ. ރާޝިދާ މިހެން ވިދާޅުވީ، ރައީސް ޑޮނާޑް ޓްރަޕމް އެކުލަވާލާފައިވާ ކޮވިޑް-19 ޓާސްފޯސްއާއެކު، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ބޭއްވި ބައްދަލުވުމުގައެވެ. ރާޝިދާ މިފަދައިން އަންދާޒާ ކުރެއްވީ އެމެރިކާގައި މިހާރު ވައިރަސް ފެތުރެމުންދާގޮތުގެ ޓްރެންޑަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
އެމެރިކާއިން މިހާތަނަށް 1,762 ކޭސް ފެނިފައިވާއިރު، އިއްޔެ އެކަނިވެސް އިތުރު 65 ކޭސް ރިކޯޑުކުރެވުނެވެ. 41 މީހުން ބަލީގައިމަރުވެފައިވާއިރު، 31 މީހުން ވަނީ ފަރުވާދިނުމަށް ފަހު ގެއަށް ދޫކޮށްލާފައެވެ. މިހާރުވެސް ޖުމުލަ 1,690 މީހުންނަށް އެކި ފެސިލިޓީސްތަކުގައި ފަރުވާދެމުންދާއިރު، މީގެތެރެއިން 10 މީހެއްގެ ޙާލަތު ވަރަށް ސީރިއަސްކަމަށް ޚަބަރު ލިބެއެވެ.
ކޮވިޑް-19: ދެކުނު އޭޝިޔާގެ ޙާލަތު
ދިވެހި ރާއްޖެ ނިޞްބަތްވާ ޞަރަޙައްދުކަމަށް ދެކުނު އޭޝިޔާއަށް ބަލާލާނަމަ، މިހާރު އެންމެ ހަލުވިކަމާއެކު މި ވައިރަސް ފެތުރެމުން އަންނަނީ އިންޑިއާގައެވެ. އިންޑިއާގެ މައި ސިޓީތަކުން މި ބަލި މިހާރު ފެނިފައިވާއިރު، އެޤައުމުން މިހާރު ވަނީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭޝިޔާގެ އެހެން ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން ދެން މިވައިރަސް ފެނިފައިވަނީ ޕާކިސްތާނުންނެވެ.
ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތަފުޞީލު:
* އިންޑިއާ: 73 ކޭސް/1 މަރު
* ޕާކިސްތާން: 20 ކޭސް
* އަފްޣާނިސްތާން: 07 ކޭސް
* ބަންގްލަދޭޝް: 03 ކޭސް
* ސްރީލަންކާ: 02 ކޭސް
* ނޭޕާލް: 01 ކޭސް
* ބޫޓާން: 1 ކޭސް
ކޮވިޑް-19: ޗައިނާގައި ވައިރަސް ކޮންޓްރޯލް ކުރެވުނަސް ދުނިޔޭގެ 14 ޤައުމެއްގައި އަދިވެސް ވައިރަސް ދަނީ ނުރައްކާތެރި މިންވަރަށް ފެތުރެމުން
ވައިރަސް ފެނުނު ޗައިނާގައި ވައިރަސް ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް ދުނިޔޭގެ 14 ޤައުމެއްގައި އަދިވެސް ހަލުވި ނުވަތަ ނުރައްކާ މިންވަރަކަށް ވައިރަސް ދަނީ ފެތުރެމުންނެވެ. ޗައިނާގެ އިތުރުން މިހާރު އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވުނު ޤައުމުތަކަކީ:
* އިޓަލީ ވިލާތް: 10،149
* އިރާން: 9000
* ދެކުނު ކޮރެއާ: 7،755
* ސްޕެއިން: 2,026
* ޖަރުމަން ވިލާތް: 1،622
* ފަރަންސޭސި ވިލާތް: 1،784
* އެމެރިކާ: 1،039
* ސްވިޒަރލޭންޑް: 613
* ޖަޕާން 581
* ނޯރވޭ: 429
* ނެދަރލޭންޑްސް: 382
* އިނގިރޭސިވިލާތް: 382
* ސްވިޑަން: 355
* ބެލްޖިއަމް: 314
އެންޓާޓިކާގެ ފިޔަވައި ދުނިޔޭގެ ހުރިހައި ބައްރަކަށް މިހާރު މިވައިރަސްގެ އަސަރު މިވަނީ ފޯރާފައެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތަކައް ބަލާލާއިރު، މުޅި ދުނިޔެއިން 134,769 މީހުން މިވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި މި ވައިރަސްގައި 4,983 މީހުން ވަނީ މަރުވެފައެވެ. އަދި ފަރުވާއަށް ފަހު 70,387 މީހުން ވަނީ ގެއަށް ދޫކޮށްލާފައެވެ. އެހެންނަމަވެސް މި ވައިރަސްގައި އަދިވެސް، 59,399 މީހަކަށް ދަނީ ފަރިވުވާދެމުންދާއިރު، މީގެތެރެއިން 5,757ނާޒުކު ޙާލަތްތަކުގައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮވިޑް-19: އިންޑިއާއިން ވައިރަސްގައި އެކަކު މަރުވުމާއި ގުޅިގެން ނިއުދިއްލީގެ ސްކޫލްތައް ބަންދުކޮށްފި
އިންޑިއާގ ކަރްނާޓަކާ ސްޓޭޓުން އިއްޔެ އުމުރުން 76 އަހަރުގެ ފިިރިހެނަކު ވައިރަސްގައި ނިޔާވުމާއި ގުޅިގެން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ވެރިރަށް ނިއުދިއްލީގެ ސްކޫލްތަކާއި ސިނަމާތައް ބަންދުކޮށްފިއެވެ. އިންޑިއާގެ މައި ސަރުކާރުން މިގޮތައް ނިންމީ، ވައިރަސް ފެތުރުވުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. މިމީހާ ވައިރަސްގައި މަރުވުމާއި ގުޅިގެން އޭނާއާއި އެކި ޙައިޞިއްޔަތުތަކުން ބައްދަލުވެފައުވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ކޮވިޑް-19: މިޞްރުން އިތުރު 13 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
މިޞްރުގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ބޭރުގެ މީޑީއާތަކުން ރިޕޯޓުކުރާ ގޮތުގައި، އިއްޔެ އެކަނިވެސް މިޞްރުގައި 13 މީހަކު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި އިއްޔެ އެކަކު ވައިރަސްގައި މަރުވެފައިވާކަމަށާއި، މަރުވީ އުމުރުން 60 އަހަރުގެ އަންހެނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮވިޑް-19: ޤަތަރުގެ ސަރުކާރުން ސިނެމާތަކާއި ޕާކުތައް މުއްދަތެއް ނެތްގޮތައް ބަންދުކޮށްފި
ޤަތަރުގެ ސަރުކާރުގެ ކޮމިއުނިކޭޝަން އޮފީހުން މިކަމާއި ގުޅޭގޮތުން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން އެޤައުމުން އަމަލުކުރަމުންދާ އުޞޫލުތަކުގެ ދަށުން، ކުޑަކުދިން ކުޅޭ ޕާކުތަކާއި، ސިނެމާތަކާއި، ޖިމްނޭޝިއަމްތައް ބަންދުކުރަން ޢާންމުކޮށް އަންގާ އިޢުލާންކުރާ ކަމަށެވެ.
މީގެއިތުުރުން ޤަތަރުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ވަނީ މުޖުތަމަޢުގެ ދުޅަހެޔޮ ޞިއްޙަތައް ވިސްނާ، މިދަނޑިވަޅުގައި އާންމު އެެއްވެސް ބައްދަލުވުމެއް އިންތިޒާމު ނުކުރުމަށް އެންމެހައި ރައްޔިތުންނަށް ގޮވާލާފައެވެ.
ކޮވިޑް-19: ކޮސްޓަރީކާގެ ހުރިހާ ޔުނިވަރސިޓީތައް ބަންދުކޮށްފި
ކޮވިޑް-19ގެ ނުރައްކަލާއި ގުޅިގެން ކޮސްޓަރީކާގެ ހުރިހާ ސްކޫލެއް ބަންދުކޮށްފިއެވެ. އެޤައުމުގެ ސަރުކާރުން މިކަމާއި ގުޅޭގޮތުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނި މުއްދަތެއް ނެތް ގޮތައް ޔުނިވަރސިޓީތައް ބަންދުކުރަން ނިންމީ، ވައިރަސް ހަލުވިމިނެއްގައި ފެތުރިދާނެކަމުގެ ބިރު އޮތުމާއެކުގައެވެ. ޔުނިވަރސިޓީ ތަކުގެ އިތުރުން ހުރިހާ ސްކޫލްތައްވެސް ދެހަފުތާގެ މުއްދަތަކައް ބަންދުކުރަން އެޤައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.
ކޮވިޑް-19: ބަލްގޭރިއާއިން ކުއްލި ޙާލަތުގެ އަމުރު އިޢުލާންކުރަން ތައްޔާރުވަނީ
ބަލްގޭރިއާގައި 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެކަ ކުވައިރަސްގައި މަރުވުމާއި ގުޅިގެން އެޤައުމުގެ ސަރުކާރުން ކުއްލި ޙާލަތުގެ އަމުރު އިޢުލާންކުރުމަށް ތައްޔާރުވަމުން އެބަދެއެވެ. އެކަން ހާމަކުރައްވާ ބޮޑުވަޒީރު ބޯއިކޯ ބޮރިސޯފް ވިދާޅުވީ ކުއްލު ޙާލަތުގެ އަމުރު އިޢުލާންކުރުމަށް ސަރުކާރުގެ ފަރާތުން ކުރަންޖެހޭ އެންމެހައި ކަންކަން ނިންމާ، އެ ފާސްކުރުމަށް ޤާނޫނު ހަދާ މަޖިލީހަށް ވަރަށް އަވަހަށް ފޮނުއްވާނެކަމަށެވެ. ކުއްލި ޙާލަތުގެ އަމުރު އިޢުލާން ކުރުމުން ސްކޫލްތަކާިއ ޢާންމު ޚިދުމަތްތައް ދޭ އިދާރާތަކާއި، އޮފީސްތަކުގެ އިތުރުން ބައެއް ވިޔަފާރިތައްވެސް ބަންދުވާނެއެވެ.
ކޮވިޑް-19: ހުޅުމާލޭގެ ހުރިހާ ޕާކްތަކެއް ބަންދުކޮށްފި
ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދިއުމާއި ގުޅިގެން ސެންޓްރަލް ޕާކް ހިމެނޭ ގޮތައް ހުޅުމާލޭގެ ހުރިހާ ޕާކުތަކެއް ބަންދުކޮށްފި އެވެ.
ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ޢެޗްޑީސީ) އިން ކުރި ޓްވީޓެއްގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޞިއްޙީ ޙާލަތު އިޢުލާން ކޮށްފައިވާތީ ހުކުރު ދުވަހުން ފެށިގެން ސެންޓްރަލްޕާކް ހިމެނޭ ގޮތަށް ހުރިހާ ޕާކްތައް ޢާންމުންނަށް ބަންދުވާނެ ކަމަށެވެ.
ކޮވިޑް-19 މިރެއިން ފެށިގެން ބެލްޖިއަމް ގެ ސްކޫލްތައް ބަންދުކުރަނީ
ކޮވިޑް-19 ގެ ނުރައްކަލާހުރެ ބެލްޖިއަމްގެ ހުރިހައި ސްކޫލްތަކާއި، ބައެއް ކެފޭ/ރެސްޓޯރެންޓް އަދި ފިހާރަތައް ބަންދުކުރަން އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރުމަށް އެޤައުމުގެ ބޮޑު ވަޒީރު ސޯފީ ވިލްމްސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމަނާ ވިދާޅުވީ މިހާރު އޮތް ގޮތުން އެޕްރީލް މަހުގެ 3 ވަނަ ދުވަހާއި ހަމަޔަށް ބަންދިކުރި ނަމަވެސް، ހާލަތައް ބަލާ ސްކޫލް ހުޅުވާނެ ދުވަސް އަލުން މުރާޖަޢާކުރައްވާނެ ކަމަށެވެ. ސޯފީ ވިދާޅުވީ ސަރުކާރުން މިފަދަ ފިޔަވަޅެއް އެޅީ، އިޓަލީގެ ޙާލަތައް ބަލާ، ބެލްޖިއަމްގައި އެފަދަ ޙާލަތެއް ތަޖުރިބާކުރަން ބޭނުން ނުވާތީކަމަށެވެ. ފާމަސީތަކާއި ސުޕަރ މާރކެޓްތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދެއްވި ނަމަވެސް އެހެން ވިޔަފާރިތައް ހަފުތާ ބަންދުގައި ނުހުޅުވާ ގޮތައް ސަރުކާރުން އަނގާކަމަށް ސޯފީ ވިދާޅުވިއެވެ.
ކޮވިޑް-19: ހޯމަ ދުވަހުން ފެށިގެން ޕޯޗުގަލްގެ ސްކޫލްތައް ބަންދުކުރަނީ
ހޯމަދުވަހުން ފެށިގެން ޕޯޗުގަލްގެ ސްކޫލްތައް ބަންދުކުރަން އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. ޤައުމާއި މުޚާޠަބު ކުރައްވާ ދައުލަތުގެ ޓީވީގައި ދެއްވި ބަޔާނެގައި ބޮޑުވަޒީރު އެންތޯނިއޯ ކޯސްޓާ ވިދާޅުވީ އެޕްރީލް މަހުގެ 9 ވަނަ ދުވަހާއި ހަމަޔަށް ޤައުމުގެ ހުރިހާ ސްކޫލްތަކާއި،ޔުނިވަރސިޓީތަކާއި، ކޮލެޖުތައް ބަންދުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.އަދި ސްކޫލް އަލުން ހުޅުވާނީ ކޮވިޑް-19 ގެ އެންމެ ފަހުގެ ޙާލަތައް ރިއާޔަތްކުރުމަށްފަހުގައި ކަމަށް ވިދާޅުވިއެވެ.
އެންތޯނިއޯ ވަނީ، އެޤައުމުގެ ބަނދަރުތަކުގައި ކްރޫސްލައިނަރތައް ބަނދަރުކުރުންވެސް މަނާކޮށްފައެވެ.
ކޮވިޑް-19: ފާއިތުވި 24 ގަޑިއިރު އިޓަލީން 1،016 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
އިޓަލީވިލާތުގެ ސިވިލް ޕްރޮޓެކްޝަން އޭޖެންސީއާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެޤައުމުން 1،016 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ. މިއީ ވައިރަސް ފެތުރޭ މިންވަރަށް ބަލާއިރު 23 އިން ސައްތަ އިތުރު އަދަދެކެވެ. މިއާއެކު އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 15،113 އެވެ.
ކޮވިޑް-19: ކެނެޑާގެ ބޮޑު ވަޒީރުގެ އަނބިކަނބަލުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
ކެނެޑާ ސަރުކާރުން ޢާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯގެ އަނބިކަނބަލުން ސޯފީ ޓްރޫޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެކަހެރިކޮށްގެން ފަރުވާދެމުންދާއިރު، އެކަމަނާގެ ޢާންމު ޙާލަތު ރަނގަޅުކަމަށް ބަޔާނުގައިވެއެވެ. ސޯފީ ވައިރަސްއަށް ޕޮޒިޓިވްވުމާއި ގުޅިގެން ބޮޑު ވަޒީރު ޓްރޫޑޯވެސް 14 ދުވަސްވަންދެން އައިސޮލޭޓްކުރަން ނިންމަވާފައިވީ ނަމަވެސް، ވައިރަސްގެ އެއްވެސް އަލާމާތެއް އަދި ފެނިފައި ނުވާތީ ވައިރަސްއަށް ޓްރޫޑޯ ޓެސްޓް ނުކުރައްވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
ިމިދުގެ ވަގުތެއްގައި ޓްރޫޑޯ ރައްޔިތުންނާއި މުޚާޠަބު ކުރައްވާ ބަޔާނެއް ދެއްވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮވިޑް-19: ސިޓީގެ ޑިފެންޑަރު މެންޑީ އައިސޮލޭޝަނަށް
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ އަލާމަތްތައް އާއިލާ މެމްބަރެއްގެ ފަރާތުން ފެނުމާއެކު، އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ބެންޖަމިން މެންޑީ ސެލްފް-އައިސޮލޭޝަނަށް ހިނގައްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ދާދިފަހުން މެންޑީގެ އާއިލާ މެމްބަރެއްގެ ފަރާތުން ކޮރޯނާވައިރަސް (ކޮވިޑް-19) ގެ އަލާމަތްތައް ފެނުމާއެކު ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރު މެންޑީ ހުރީ ސެލްފް-އައިސޮލޭޝަނުގައެވެ.
އުމުރުން 25 އަހަރުގެ މެންޑީ ސެލްފް-އައިސޮލޭޝަނަށް ދިޔަ ނަމަވެސް، އޭނާ ވަނީ ބުރާސްފަތި ދުވަހު ސިޓީން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައިވެސް ބައިވެރިވެފައެވެ.
ކޮވިޑް-19: އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ޕޮޒިޓިވްވެއްޖެ އެވެ.
މި ވައިރަހަށް އާޓެޓާ ޕޮޒިޓިވްވިކަން ސްކައިސްޕޯޓްސްއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެއާއެކު މިހާރު އާޓެޓާ އައިސޮލޭޝަނަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އާސެނަލްގެ ކޯޗު އާޓެޓާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، ދާދިފަހުން ވަނީ އާސެނަލްގެ ކުޅުންތެރިންނާއި އޮފިޝަލުންތަކެއް ކަރަންޓީނުކޮށް، އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ އެ ޓީމާއި މެންޗެސްޓާ ސިޓީ ކުޅެން އޮތް މެޗު ފަސްކޮށްފައެވެ.
އާސެނަލުން ޔުރޮޕާ ލީގުގައި މީގެ ދެ ހަފުތާ ކުރިން ގްރީސްގެ އޮލިމްޕިއާކޯސްއާ ބައްދަލުކުރިއިރު، ދާދި ފަހުން އޮލިމްޕިއާކޯސްގެ ވެރިޔާ އެވަންޖެލޯސް މަރިނާކިސް ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައެވެ. ރިޕޯޓުތައް ބުނާގޮތުން ލަންޑަނުގައި ކުޅުނު މި މެޗަށްފަހު އާސެނަލްގެ ބައެއް ކުޅުންތެރިން ވަނީ އޭނާއާ ބައްދަލުކޮށްފައެވެ.
އެކްސްކަރޝަންގެ ގޮތުގައި އެއްވެސް ތަނަކުން މާލެ ސަރަހައްދަށް މީހުން އައުން މަނާކޮށްފި
އެކްސްކަރޝަންގެ ގޮތުގައި އެއްވެސް ތަނަކުން މާލެ ސަރަހައްދަށް މީހުން އައުން މަނާކޮށްފިއެވެ.
އެކްސްކަރޝަންގެ ގޮތުގައި އެއްވެސް ތަނަކުން މާލެ ސަރަހައްދަށް މީހުން އައުން މަނާކުރީ ކޮރޯނާވައިރަސް (ކޮވިޑު-19) އިން ރައްކާތެރިކުރުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ވަނީ އެކްސްކަރޝަންގެ ގޮތުގައި ރިސޯޓުތަކުން، ސަފާރީތަކުން، އަދި ގެސްޓްހައުސްތަކުން މާލެ، ހުޅުމާލެ، އަދި ވިލިމާލެ މީހުން އައުމާއި ދިޔުން މިހާރުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އަންގާފައެވެ. އަދި މިކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާއި ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ސަފާރީތައް އޮޕަރޭޓްކުރާ ފަރާތްތަކާއި އެކްސްކަރޝަންތައް ރާވައި ހިންގާ އެހެނިހެން ފަރާތްތަކުން މި އެންގުމަށް ޢަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން އެޗްޕީއޭ އިން ވަނީ ކޯވިޑް-19 ރޯގާއާ ގުޅިގެން، މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކަރޝަންއަށް ދިއުމާއި، މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިން ރިސޯޓްތަކަށާއި ސަފާރީތައް ފަދަ ތަންތަނަށް އެކްސްކަރޝަންއަށް ދިއުން ވެސް މިހާރުން ފެށިގެން ހުއްޓާލުމަށް އަންގާފައެވެ.
އިންޑިއާއިން ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ
އިންޑިއާއިން ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.
76 އަހަރުގެ މިމީހާއަކީ މިވައިރަސް ޖެހިގެން އެގައުމުން މަރުވި ފުރަތަމަ މީހާއެވެ.
މިދިޔަ މަހު އޭނާ ވަނީ ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ.
ކޮވިޑް-19: އަލާމާތްތައް ފެނިގެން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ބިދޭސީއެއް އެކަހެރިކޮށްފި
ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ބިދޭސީއެއް އެކަހެރިކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އެމީހާގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ދަނީ ކުރިއަށްދާ ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހާވަނީ ރިސޯޓުގައި އެކަހެރިކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި 2 ބިދޭސީއަކާއި ކްލޯސް ކޮންޓެކްޓްވި ދިވެއްސެއް އައިސޮލޭޓް ކޮށްފި
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި 2 ބިދޭސީއެއް ސިކްސް ސެންސަސްގައި އައިސޮލޭޓްކޮށް މޮނިޓަރކުރަން ފަށައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސިކްސް ސެންސަސް ލާމު ރިސޯޓުން 2 ބިދޭސީއެއް އެ ރިސޯޓުގައި އައިސޮލޭޓްކޮށް މޮނީޓަރކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ރާއްޖެ އެތެރެވުމުގެ ކުރިން މި ދެ މީހުންވަނީ ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހަކާއި "ކޮންޓެކްޓް" ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކުރަމަތި އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޕޮސިޓިވް ވި ފަތުރުވެރިއަކާއި "ކްލޯސް ކޮންޓެކްޓް' ވެފައިވާ ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓުކުރުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
މާލެސިޓީގެ ޕާކުތައް އާންމުންނަށް ބަންދުކުރުން
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ 13 މާރޗް 2020 ވާ ހުކުރު ދުވަހުން ފެށިގެން މާލޭގެ ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކް އަދި އެހެނިހެން މައިޒާންތަކާއި ޕާކުތައް އާންމުންނަށް ބަންދުކުރުމަށް މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.
ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދަނީ
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކުރަމަތި އައިލެންޑް ރިސޯޓުން#ކޯވިޑް19އަށް ޕޮސިޓިވް ވީ ފަތުރުވެރިއަކާއި "ކްލޯސް ކޮންޓެކްޓް' ވެފައިވާ ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހާވަނީ ގޭގައި އެކަހެރިކުރެވިފައި.
ކޮވިޑް-19: ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު ހެޔޮކުރުން
އެސްޓީއޯއިން ވިއްކާ ޑީސަލްގެ އަގުން ލީޓަރަކުން 50 ލާރި އަދި ޕެޓްރޯލްގެ އަގުން ލީޓަރަކުން 53 ލާރި 13 މާރޗް 2020 އިން ފެށިގެން ހެޔޮ ކުރަން އެކުންފުނިން ނިންމައިފިއެވެ. މި ބަދަލު ގެނެވުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ހެޔޮ ބަދަލާއި ގުޅިގެންނެވެ.
މިއީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އެކުންފުނިން ވިދިވިދިގެން ހެޔޮކުރި ހަތަރު ވަނަ ފަހަރެވެ. މިފަހަރު މި ގެނެވުނު ބަދާލާއެކު 13 މާރޗް އިން ފެށިގެން ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 10.39ރ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 9.60ރ އަށެވެ.
ކޮވިޑް-19: ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ވޭޕް ކުރާ މީހުންނަށް ނުރައްކާ ބޮޑު
ކޮވިޑް-19 ގެ ނުރައްކާ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް މާ ބޮޑު ކަމަށް ސިއްޙީ ތަޖުރިބާކާރުން ބުނެފިއެވެ. އެގޮތުން އޭގެ ތެރޭގައި ސިނގިރޭޓް ބޯ މީހުންނާއި ވޭޕް ބޭނުންކުރާ މީހުންވެސް ހިމެނޭކަމަށް އެ ފަރާތްތަކުން ބުނޭ،
ތަޖުރިބާކާރުން ބުނާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ފުއްޕާމެއަށް އޭގެ އަސަރު ކުރާ ކަމަކަށްވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރާ މީހަކަށް ވައިރަސް ޖެހިއްޖެނަމަ ކުރިމަތިވާ ނުރައްކާ ބޮޑު.
އޭގެ އިތުރުން، ވޭޕް ކުރާ ނަމަ ޅަ އުމުރުގައިވެސް ވައިރަސްގެ ސަބަބުން ކުރިމަތިވާ ނުރައްކާ އިތުރުވެގެންދާނެ ކަމަށާއި، ވައިރަސް ޖެހިގެން ޙާލަތު ގޯސްވާ ނިސްބަތް އިތުރުވާނެ ކަމަށް ސިއްޙީ ތަޖުރިބާކާރުން ބުނޭ.
ކޮވިޑް-19: ސްކްރީންކުރުމަށް ފަހު 37 މީހަކު ރާއްޖެ އެތެެރެވިއަނުދީ ފޮނުވާލައިފި
ދިވެހިރާއްޖެއަށް އެތެރެވާ ބަނދަރުތަކުން ކޮވިޑް-19 އަށް ސްކްރީން ކުރި މީހުންގެ ތެރެއިން 37 މީހަކު ރާއްޖެ ވަނަނުދީ ފޮނުވާލެވިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ބުރާސްފަތި ދުވަހުގެރޭ ދަރުބާރުގެގައި ސަރުކާރުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ސަރުކާރުން އެކުލަވާލާފައިވާ ކޮރޯނާ ޓާސްކްފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް 91 ސާމްޕަލް ނަގާފައިވާ ކަމަށާއި، އަދި 243 މީހެއްގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ބަނދަރުތަކުން ދެ ލައްކައަށްވުރެ ގިނަ މީހުން ސްކްރީން ކުރެވިފައިވާ ކަމަށާއި، އޭގެތެރެއިން 38 މީހަކު ރާއްޖެއަށް އައުން މަނާކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ފެނުނު ރިސޯޓުގެ ތެރެއިން މޮނިޓަރިން ގައި ތިބި ތިން ރިސޯޓު ކަމަށްވާ، ކުރެއްދޫ އައިލެންޑް ރިސޯޓް، ބަތަލާ އައިލެންޑް ރިސޯޓްގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓުގައި ތިބި ފަތުރުވެރިން އަނބުރާ ގެންދިޔުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ދަނީ ސަރުކާރާއި ގުޅިގެން ކުރަމުންނެވެ. މަބްރޫކް ވިދާޅުވީ، ކުރެއްދޫ އައިލެންޑް ރިސޯޓުގެ 107 ފަތުރުވެރިންނާއި، ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުން 15 ފަތުރުވެރިންގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓުން 127 މީހަކު މިހާތަނަށް ގައުމަށް ފޮނުވާލެވިފައިވާ ކަމަށެވެ.
ކޮވިޑް-19: ޗެމްޕިއަންސް ލީގުގެ ބައެއް މެޗުތައް ފަސްކޮށްފި
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗާއި ޔުވެންޓަސް އަދި ލިޔޯން ބައްދަލުކުރާ މެޗު ފަސް ކުރުމަށް ޔުއެފާއިން ނިންމައިފި އެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު ިއިއުލާނު ކުރިޔަސް ޤައުމުތަކުން ފަތުރުވެރިން އައުން މަނައެއް ނުވާނެ
ރާއްޖޭގައި 30 ދުވަހަށް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފައިވާއިރު، އެކަމުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އައުން މަނާވެގެން ނުދާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ ޤައުމުތައް އޭގެން އަދިވެސް އިސްތިސްނާވާނެ ކަމަށް އެޗްޕީއޭއިން ބުނޭ.
އެގޮތުން 12 މާރޗުގެ ނިޔަލަށް މަނާކޮށްފައިވާ ޤައުމުތަކަކީ، ޗައިނާ، އިޓަލީ، ބަނގްލަދޭޝް، އިރާން އަދި ސައުތު ކޮރެއާގެ ބައެއް ހިސާބުތައް
މި ދުވަސްވަރު އެކްސްކަރޝަންއަށް ދިއުން ހުއްޓާލުމަށް އަންގައިފި
ފެތުރެމުންދާ ކޯވިޑް-19 ރޯގާއާ ގުޅިގެން، މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކަރޝަންއަށް ދިއުމާއި، މީހުން ދިރިއުޅޭ ރަށްރަށުންފަތުރުވެރިން ރިސޯޓްތަކަށާއި ސަފާރީތައް ފަދަ ތަންތަނަށް އެކްސްކަރޝަންއަށް ދިއުން މިހާރުން ފެށިގެން ހުއްޓާލުމަށް ދަންނަވަމެވެ.
މިހާލަތުގައި، މިބަލި ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އާއްމު ފަރުދުންނާއި، ކުންފުނިތަކުންނާއި ފަތުރުވެރިންވެސްސަމާލުވެ، އެންގުންތަކާއި އެއްގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ. އަދި މިކަމުގައި މިހާތަނަށް ހުރިހާ ފަރާތްތަކުން ލިބިފައިވާއެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
މި ދުވަސްވަރު އެކްސްކަރޝަންއަށް ދިއުން ހުއްޓާލުމަށް އަންގައިފި
ފެތުރެމުންދާ ކޯވިޑް-19 ރޯގާއާ ގުޅިގެން، މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކަރޝަންއަށް ދިއުމާއި، މީހުން ދިރިއުޅޭ ރަށްރަށުންފަތުރުވެރިން ރިސޯޓްތަކަށާއި ސަފާރީތައް ފަދަ ތަންތަނަށް އެކްސްކަރޝަންއަށް ދިއުން މިހާރުން ފެށިގެން ހުއްޓާލުމަށް ދަންނަވަމެވެ.
މިހާލަތުގައި، މިބަލި ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އާއްމު ފަރުދުންނާއި، ކުންފުނިތަކުންނާއި ފަތުރުވެރިންވެސްސަމާލުވެ، އެންގުންތަކާއި އެއްގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ. އަދި މިކަމުގައި މިހާތަނަށް ހުރިހާ ފަރާތްތަކުން ލިބިފައިވާއެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
ކުރެއްދޫ ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވިގެން އިތުރު 10 މީހެއްގެ ސާމްޕަލްތައް ނަގަނީ
ކުރެއްދޫ އައިލަންޑް ރިސޯޓުގައި އެކަހެރިކޮށްފައިވާ 10 މީހެއްގެ ގައިން#ކޯވިޑް19އަށް ޝައްކުރެވޭ އަލާމާތްތަކެއް ފެންނާތީ އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ކޮވިޑް-19: ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ޕޮޒިޓިވްވެއްޖެ އެވެ.
އުމުރުން 28 އަހަރުގެ މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. ރިޕޯޓުތައް ބުނާގޮތުން މަނޯލޯ ގަބިއަޑިނީ މި ވައިރަހަށް ޕޮޒިޓިވްވުމާއެކު، މިހާރު އޭނާ ވަނީ އައިސޮލޭޝަނަށް ލާފައެވެ. އަދި މުޅި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ކަންކަންވެސް މިހާރު ބަލަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، މިއީ މި ވައިރަސް ޕޮޒިޓިވްވި ދެވަނަ ފުޓްބޯޅަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ ވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19: ލެސްޓާ ސިޓީގެ ތިން ކުޅުންތެރިން އައިސޮލޭޝަނަށް
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ އަލާމަތްތައް ފެނުމާއެކު، އިނގިރޭސި ކްލަބު ލެސްޓާ ސިޓީގެ ތިން ކުޅުންތެރިއަކު ސެލްފް-އައިސޮލޭޝަނަށް ގޮސްފައިވާ ކަމަށް އެޓީމުގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.
ލެސްޓާގެ ތިން ކުޅުންތެރިއަކު ސެލްފް-އައިސޮލޭޝަނަށް ގޮސްފައިވާ ކަމަށް ރިޖާސް ބުނި ނަމަވެސް، އެއީ ކޮން ތިން ކުޅުންތެރިންނެއް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. ރޮޖާސް ބުނީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ އަލާމަތްތައް ފެނުމާއެކު އެ ތިން ކުޅުންތެރިން ސްކޮޑުގެ އެހެން ކުޅުންތެރިންނާ ދުރުކޮށްފައިވާ ކަމަށެވެ. އަދި މިހާތު އެ ތިން ކުޅުންތެރިން ސެލް-އައިސޮލޭޝަނަށް ގޮސް، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުންދާ ކަމަށެވެ.
ކޮވިޑް-19: ސްޕެނިޝް ލީގުގެ މެޗުތައް ފަސްކޮށްފި
ސްޕެނިޝް ލީގުގެ މެޗުތައް ފަސްކުރުމަށް ސްޕެއިންގެ ފުޓްބޯޅައިގެ މައި އިދާރާއިން ނިންމައިފިއެވެ.
ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑަރޭޝަނާއި ލަލީގާ އޮފިޝަލުން އަދި އެސޯސިއޭޝަން އޮފް ސްޕެނިޝް ފުޓުބޯލާސް އިން ބޭއްވި ކުއްލި ބައްދަލުވުމުގައި މި ނިންމުން ނިންމިއިރު، ސްޕެނިޝް ލީގުގެ ބައެއް މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅުމަށް މީގެ ކުރިންވަނީ ނިންމައިފައެވެ.
ސްޕެނިޝް ލީގުގެ މެޗުތައް ފަސްކުރުމުގެ އިތުރުން ސްޕެއިންގެ ސްކޫލުތައް ބަންދު ކުރުމަށް ސްޕެނިޝް ސަރުކާރުން ވަނީ ނިންމައިފައެވެ. ސްޕެނިޝް ލީގު ފަސްކުރިއިރު، ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުން، ރެއާލްގެ ފުޓްބޯޅަ ޓީމުވެސް މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ.
މެލޭޝިއާއިން އެނބުރި އައި ދިވެހިމީހާ ކޮވިޑް-19 އަށް ނެގެޓިވް
އޭނާއަކީ މެލޭޝިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ހުރި އިމާރާތެއްގައި ހުރުމަށްފަހު އެނބުރި ޤައުމަށް އައި ދިވެއްސެއް، އޭނާ އައުމާއެކު އެޗްޕީއޭއިން ވަނީ އޭނާގެ ޓެސްޓުތައް ހަދާފައި، އަދި އޭނާގެ ނަތީޖާ ނެގެޓިވްކަމަށް އެޗްޕީއޭއިން ބުނޭ،
ކައުންސިލް އިންތިހާބު ފަސްކޮށްފި
ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކައުންސިލް އިންތިހާބު ފަސްކުރީ، އަންނަ މަހުގެ 18 ވަނަ ދުވަހަށެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހަކީ އިންތިހާބު ފަސްކުރެވޭނެ އެންމެފަހުގެ ތާރީހް ކަމަށެވެ.
ރާއްޖޭގައި މި ބަލީގެ ޙާލަތު އޮތް ގޮތްވެސް، އެއްވެސް ފޮރުވުމެއް ސިއްރު ކުރުމެއް ނެތި ހާމަކުރަމުން ދާނެ: ރައީސް
އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މި ބަލިން ރައްޔިތުން ރައްކާތެރިކުރުމުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ވެސް، އަދި ރާއްޖޭގައި މި ބަލީގެ ޙާލަތު އޮތް ގޮތްވެސް، އެއްވެސް ފޮރުވުމެއް ސިއްރު ކުރުމެއް ނެތި ހާމަކުރަމުން ދާނެކަން.
މިފަދަ ކޮންމެ މުޞީބާތެއްގެ ވަގުތުގައި، އަޅުގަނޑުމެންގެ އެންމެ ބޮޑު ހިތްވަރަކީ، އަޅުގަނޑުމެންގެ އީމާންތެރިކަން. އެހެންކަމުން އަޅުގަނޑުމެންގެ އެންމެ މުހިންމު ކަމަކަށް ހައްދަވަންވީ، މި ނުރައްކާތެރި ބަލިމަޑުކަމުން ރައްކާތެރިކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުން.
މިވަގުތުވެސް ހުރިހާ ފަރާތްތަކުން އިސްކަން ދެއްވަންވީ، މި ކަމާ ގުޅޭ ގޮތުންވެސް ކަށަވަރު ޞައްޙަ މަޢުލޫމާތު ހާމަކުރެއްވުމަށް: ރައީސް
ރާއްޖެއިން މި ބަލީގެ ނުރައްކާތެރިކަން ނައްތާލުމަށާއި ފެތުރުނަ ނުދިނުމަށް ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް، ދިވެހި ލޮބުވެތި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރެއިން ވެސް އައި.ޖީ.އެމް.އެޗްގެ ޑޮކްޓަރުންނާއި ނަރުހުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، މޯލްޑިވްސް ރެޑް ކްރެސެންޓް އަދި ސިފައިންނާއި ފުލުހުންގެ ނަން، ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން.
މިބަލީގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްސާ ކުރުމުގައި ނޫސްވެރިން އަދާކުރާ ދައުރު ފާހަގަކޮށް، ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. މިވަގުތުވެސް ހުރިހާ ފަރާތްތަކުން އިސްކަން ދެއްވަންވީ، މި ކަމާ ގުޅޭ ގޮތުންވެސް ކަށަވަރު ޞައްޙަ މަޢުލޫމާތު ހާމަކުރެއްވުމަށް.
މިއީ ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާ އެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު: ރައީސް ސޯލިހް
ކޯވިޑް19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް. ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫން. މިއީ ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާ އެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު. ވަކިން ޚާއްޞަކޮށް، ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އަޅުގަނޑު އިލްތިމާސްކުރަން.
މި ބަލިން ސަލާމަތްވުމަށް، ސަރުކާރުން ކުރަމުން މިއަންނަ މަސައްކަތުގައި ހުރިހާ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ބޭނުންވޭ. ޚާއްޞަކޮށް ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން މިވަގުތު ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވޭ. މިކަމުގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަޤީންކަން، ރާއްޖޭގައި މިވަގުތު ހުރި އަމިއްލަ ދެ ހޮސްޕިޓަލުން، އާދެ، އޭ.ޑީ.ކޭ އާއި ޓްރީޓޮޕް ހޮސްޕިޓަލުން މިހާރު ވަނީ ދީފައި.
ރާއްޖޭން ބޭރުން ލޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް މިއަންނަނީ މަސައްކަތް ކުރަމުން: ރައީސް ސޯލިހް
ސަރުކާރުން ހިންގާ ޕީ.އެސް.އައި.ޕީގައި ނުހިމެނޭ ޚަރަދުތައް ކުޑަކުރަން މިހާރު ވަނީ ނިންމާފައި. އަދި ސަރުކާރުން ކުރާ ދަތުރުތަކާއި މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތާއި އެފަދަ ބައެއް ޚަރަދުތައް ވެސް މިވަގުތަށް ވާނީ ކުޑަކޮށްލާފައި.
އޭގެ އިތުރުން ވިޔަފާރިތަކަށް، ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް، ރާއްޖޭގައި ހިންގާ ބޭންކްތަކާ އެކު މަރުކަޒީ ބޭންކު އެމް.އެމް.އޭ އިން އަންނަނީ މަސައްކަތް ކުރަމުން. އޭގެ އިތުރުން ރާއްޖޭން ބޭރުން ލޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް މިއަންނަނީ މަސައްކަތް ކުރަމުން. މިކަމުގައިވެސް އެކުވެރި ޤައުމުތަކުންނާއި މާލީ އިދާރާތަކުން އަޅުގަނޑުމެންނަށް ވަނީ ފެހި ސިގްނަލް ލިބިފައި.
ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން އަޅުގަނޑު ޤަޞްދު ނުކުރަން: ރައީސް
މިވަގުތު އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ، ކޯވިޑް19ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައި ވިޔަސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން އަޅުގަނޑު ޤަޞްދު ނުކުރާ ވާހަކަ.
އަދި ސަރުކާރުން މަސައްކަތް މިކުރަނީ، ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް މެދުކަނޑާނުލައި ކުރިއަށް ގެންދަން. ތަރައްޤީގެ މަޝްރޫޢުތައް މިހާރުވެސް ރޭވިފައި ހުރި ގޮތަށް ކުރިއަށް ދާނެ. އެހެން ނަމަވެސް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އަޅަން ސަރުކާރުން މިހާރުވަނީ ފަށާފައި.
ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް، ހުއްޓުމެއް އަޔަ ނުދިނުމަށް: ރައީސް ސޯލިހް
މި ދަތިތައް ކުރިމަތިވިޔަސް، މާތް ﷲގެ ވާގިފުޅާ އެކު ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް، ހުއްޓުމެއް އަޔަ ނުދިނުމަށް. ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް، އިރާދަކުރެއްވިއްޔާ ހުސް ނުވާނެކަމުގެ ޔަޤީންކަން ދެން. STO އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި.
އަދި ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމްތައް މިހާރު ހުރީ ހަމަޖެހިފައި. ރާއްޖެއަށް ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދޭން އަވައްޓެރި އިންޑިޔާއިން މިހާރު ވަނީ ނިންމާފައި. އަދި ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ފޮނުވުމަށް ވެސް އިންޑިޔާއިން ވަނީ ނިންމާފައި. އޭގެ އިތުރުން ރަޙްމަތްތެރި އެހެން ޤައުމުތަކުން ވެސް، ކޯވިޑް19 އާ ދެކޮޅަށް ރާއްޖެއަށް އެހީތެރިވެދޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި.