Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

09 މާރިޗު 2020 | 18:06

ކޮވިޑް-19: ވައިރަސްއަކީ ދުނިޔެއަށް އޮތް ނުރައްކަލެއްކަމަށް ޑަބްލިއުއެޗްއޯއިން ބުނެފި

ކޮވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރުމަށް ޑަބްލިއުއެޗްއޯއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޖަމާޢަތުގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯޒް އެދެނޯމް ގެބްރިޔޭސަސް ވިދާޅުވީ ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މިހާރު މިއޮތް ޙާލަތައް ބަލާނަމަ، މިއީ މުޅި ދުނިޔެއަށް ފެތުރިދާނެ ރޯގާއެއްގެ ގޮތުގައި ބެލެވިދާނެކަމަށެވެ. އެހެންނަމަވެސް އެޖަމާއަތުން އަދި ރަސްމީކޮށް އެގޮތައް ކަނޑައެއް ނާޅައެވެ.

ޓެޑްރޯސް ވިދާޅުވީ، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ފުރުޞަތު އަދިވެސް ބޮޑު ކަމަށެވެ.

ޓެޑްރޯސް މިހެން ވިދާޅުވެފައި މިވަނީ، ވައިރަސްއާއި ގުޅިގެން އެ ޖަމާއަތުގެ މަސައްކަތް ކުރިޔަށްގެންދާ ގޮތާމެދު ގިނަ ބައެއްގެ ފާޑިކިޔުން އާމާޒުވެފައިވަނިކޮށްނެވެ.

މީގެ ކުރިން ބޭއްވި ޕްރެސް އެއްގައި ޓެޑްރޯސް ވިދާޅުވެފައިވަނީ ކޮވިޑް-19 އަކީ މަދަނީ ދުޝްމަނެއް ކަމަށެވެ.

09 މާރިޗު 2020 | 18:01

ކޮވިޑް-19: ވައިރަސްއާއި ބެހޭގޮތުން ދޮގު މަޢުލުމާތު ފެތުރި 2 މީހަކު އިންޑިއާ ފުލުހުން ހައްޔަރުކޮށްފި

އިންޑިއާގެ ކެރެލާ ސްޓޭޓުގައި އަނެއްކާވެސް ކޮރޯނާ ވައިރަސްއަށް މީހުން ޕޮޒިޓިވްވެގެން އެ ސްޓޭޓް އެލަރޓަށް އައިސްފައިވާ މި ދަނޑިވަޅުގައި، ވައިރަސްއާއި ބެހޭ ގޮތުން ހަޤާޤަތާއި ޚިލާފު ދޮގު މަޢުލޫމާތު ފެތުރި 2 މީހަކު އެ ސްޓޭޓުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ކޮވިޑް-19 ޖެހިފައިވާ ބަލި މީހުންނާއި ބޭހޭ ގޮތުންނާއި، އެމީހުންނަށް ފަރުވާ ދެމުންދާ ހޮސްޕިޓަލްތަކާއި ބެހޭ ގޮތުންނާއި، ފަރުވާދެމުންދާ ގޮތާއި މެދު މި 2 މީހުން ސޯޝަލް މީޑިއާގައްޔާއ ބައެއް ފޯރަމްތަކުގައި ދޮގު ޚަބަރު ފަތުރާފައިވާތީ މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު ތަޙުޤީޤު ކުރަމުންދާކަމަށް ކެރަލާ ސްޓޭޓް ފުލުހުން މިކަމާއި ގޫޅޭގޮތުން ޢާންމުކޮށްފައިވާ ބަޔާނުގައި ވެއެވެ.

ކެރަލާ ސްޓޭޓުގެ މައި ސަރުކާރުން ވަނީ، މި ދަނޑިވަޅުގައި ޢާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ވެރިވާފަދަ އެއްްވެއް މަޢުލޫމާތެއް، ވަކިން ޚާއްޞަކޮށް ޙަޤީޤަތް އޮޅޭ ފަދަ ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް އެންމެހައި ފަރާތްތަކައް ގޮވާލާފައެވެ.

09 މާރިޗު 2020 | 17:56

ކޮވިޑް-19: ސްޕެއިން އިތުރު 2 މީހަކު ވައިރަސް ޖެހިގެން މަރުވެއްޖެ

އެމެރިކާގެ ޓީވީ ނެޓްވަރކް ސީއެންއެންއިން ޚަބަރު ފަތުރާ ގޮތުގައި މިއަދު ސްޕެއިންގައި ދެމީހަކު ވަނީ ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.

މަރުވެފައިވަނީ އުމުރުން 97 އަހަރުގެ ފިރިހެނަކާއި، 88 އަހަރުގެ އަންހެނެއް ކަމަށް ސީއެންއެންއިން ރިޕޯޓުކުރެއެވެ.

މިއާއެކު، ވައިރަސްގައި ސްޕެއިން އިން މަރުވީ މީހުންގެ އަދަދު ވަނީ 28 އަށް އަރާފައެވެ.

09 މާރިޗު 2020 | 17:54

ކޮވިޑް-19: އިންޑިއާގެ ޕޫނާއިން ފުރަތަމަ ކޭސް ރިޕޯޓުކޮށްފި

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި، އިންޑިއާގެ ޕޫނާ ސިޓީން މިއަދު ވަނީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއީ މަހާރާޝްތްރާ ސްޓޭޓުގެ ސިޓީއަކުން މި ވައިރަސް ފެނުނު ފުރަތަމަ ފަހަރެވެ. އޭނާގެ ވަނަވަރު އަދި ހާމަކޮށްފައި ނުވިނަމަވެސް، އޭނާއަކީ ދާދި ފަހުން ދުބާއީއަށް އަމިއްލަ ބޭނުމަކު ދަތުރުކޮށްފައިވާ މީހެއްކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

09 މާރިޗު 2020 | 17:48

ކޮވިޑް-19: 9 ޤައުމަކަށް ކަނޑާއި ވައިގެ ދަތުރުތައް ކުރުން ސައުދީން ހުއްޓާލައިފި

ސައުދީ ރަސްކަމުގެ ދަރުބާރުން ހާމަކުރާގޮތުގައި، ދުނިޔޭގެ 9 ޤައުމަކަށް މިއަދުން ފެށިގެން ކަނޑާއި، ވައިގެ ދަތުރުތައް މެދުކަނޑާލަން ތަޚުތުން ވަނީ ނިންމާފައެވެ.

ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލި 9 ޤައުމަކީ:

* ބަހްރައިން

* މިޞްރު

* އިރާޤް

* ކުވައިތު

* އިޓަލީ

* ލުބްނާން

* ދެކުނު ކޮރެއާ

* ސޫރިޔާ

* ޔޫއޭއީ

ސައުދީޢަރަބިއްޔާއިން މީގެކުރިން ވަނީ ވަށައިގެންވާ އެއްގަމު ބޯޑަރުތައްވެސް ބަންދުކޮށްފައެވެ. އަދި އުމްރާވެރިން އެޤައުމަށް ދަތުރުކުރުންވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

09 މާރިޗު 2020 | 17:43

ކޮވިޑް-19: ސައުދީއަރަބިއްޔާއިން ޑަބްލިއުއެޗްއޯއަށް 10 މިލިއަން ޑޮަލަރު ހަދިޔާކޮށްފި

ކޮވިޑް-19 އާއި ހަނގުރާމަކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ(ޑަބްލިއުއެޗްއޯ) އިން ކުރަމުންދާ މަސައްކަތައް އެހީތެރިވުމުގެ ގޮތުން ސަޢުދީ ރަސްގެފާނު 10 މިލިއަން ޑޮލަރު މާލީއެހީގެ ގޮތުގައި ދިނުމަށް ނިންމަވައިފިއެވެ.

ސައުދީ ރަސްކަމުގެ ދަރުބާރުގެ މުޝީރު ޑރ. ޢަބްދުﷲަ އަލް ރަބީޙާއި ޙަވަލާދީ ސައުދީ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ޚަބަރުގައި ބުނެފައިވަނީ، މިއީ ދުނިޔޭގައި ވައިރަސް ފެތުުރުން ހުއްޓުވުމަށް މިހާރުން މިހާރަށް ޑަބްލިއުއެޗްއޯ އިން ކުރަމުންދާ މަސައްކަތައް އެހީތެރިވުމުގެ ގޮތުން ދެއްވި މާލީ އެހީއެއް ކަމަށެވެ، އެގޮތުން، ވައިރަސް ފެތުރުން ހުއްޓުވުމަށާއި، ޞިއްޙީ ނިޒާމު ނާޒުކު ޙާލަތެއްގައިވާ ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ވަރަށް ގާތުން ސައުދީ ސަރުކާރުން ކޮވިޑް-19 ގެ ކަންކަމުގައި މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

09 މާރިޗު 2020 | 17:24

ކޮވިޑް-19: ރަށްތަކުން ފެނުނު ކޭސްތަކުގެ ތަފްސީލުތައް

(9 މާރޗު 2020 ގެ 10:00 ގެ ނިޔަލަށް)

ސަމަރ އައިލެންޑްއާ ބަތަލާ: އިތުރު އަޕްޑޭޓެއް ނެތް. އާ އެއްވެސް ކަމެއް ފާހަގަވެފައެއް ނެތް.

ފޯކައިދޫ: ހޯމް އައިސޮލޭޝަންގައި ކުރިން ތިބީ 9 މީހުން، އެކަކު އަލާމަތްތައް ހުރުމާއެކު އޭނާ ވަކިން ފޯކައިދޫގައި އައިސޮލޭޝަން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި، ނަމަވެސް މިހާރު އޭނާ ވަނީ ފަރުކޮޅުފުއްޓަށް ގެނެވިފައި،

ކުރެއްދޫ: 90 ފަރާތެއް އައިސޮލޭޝަންގައި، އޭގެ ތެރެއިން 69 ފަރާތެއް ވަނީ ކުރެއްދޫގައި، 25 ފަރާތެއް އެމީހުން އެވަގުތު ތިބި ތަނެއްގައި އައިސޮލޭޓް ކުރުމުގެ އިންތިޒާމް ރޭވިފައި، މި 90 މީހުންގެ ކިބައިން ވައިރަސްގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވޭ

މާގިރި: ކުރެއްދޫގައި ހުރި ފަތުރުވެރިއަކު މާލެއައިސް ޓިކެޓިންގ އޮފީހަކަށް ދިޔަކަން އަދި އޭގެ އަނެއް ދުވަހު ފުރައިގެން ދިޔަކަން މަބްރޫކު ފާހަގަކުރެއްވި، އެކަމާ ގުޅޭގޮތުން އެކި ފަރާތްތަކުން މައުލޫމާތު ދެނީ އެކި ގޮތަށް، އެހެންވެ ގެންދިޔަ އިދާރީ ތަހުޤީޤު އެހެން މަރުޙަލާއަކަށް ގޮސް ޕީޖީ އޮފީހުން މިވަނި މި މައްސަލަ ތަހުޤީޤު ކުރަން ފުލުހުންނަށް އަންގާފައި، އެހެންވީމާ މިހާ ހިސާބުން އެ ކޭސް ކުރިއަށް ގެންދާނީ ފުލުހުން. ނަމަވެސް ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް،

09 މާރިޗު 2020 | 17:14

އެއާޕޯޓުތަކާއި ޕޯޓުތަކުގައި ހަމަޖެހިފައިވާ އިންތިޒާމްތައް

09 މާރިޗު 2020 | 17:08

ކޮވިޑް-19: ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގަ މިރޭ ބޭއްވި ޕްރެސް ކޮންފަރެންސް

ކޮވިޑް-19 ގެ ޙާލަތު ސަރުކާރުގެ ފަރާތުން ބަޔާންކުރުމަށް، ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ، ސަރުކާރުން ކޮވިޑް-19 އަށް ކަނޑައަޅުއްވާފައިވާ ސްޕޯސް ޕަރސަން މަބްރޫކް އަޒީޒާއި އެޗްޕީއޭގެ ސީނިއަރ މެޑިކަލް އޮފިސަރ، ޑރ. ނަޒްލާ ރަފީޤެވެ.

މި ބައްދަލުވުމުގައި ވަނީ އިތުރު 2 މީހަކު ކުރެއްދޫއިން ޕަޮޒިޓިވްވިކަން ހާމަކުރައްވާފައެވެ.

އަދި ކޮވިޑް-19 ފެތުރުމުގައި އިހުމާލުވީ ފަރާތްތަކެއް ވާނަމަ، ސަރުކާރުން ފަސް ޖެހުމެއް ނެތި ފިޔަވަޅު އާޅާނެކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.

މި ނޫނަސް ކޮވިޑް-19 ގެ ރާއްޖޭގެ ޙާލަތާއި ގުޅިގެން ނޫސްވެރިން ކުރިމަތި ކުރުވި ސުވާލުތަކަށް ވަރަށް ތަފުޞީލުކޮށް ދެ ބޭފުޅުން ވަނީ ޖަވާބުދާރީވެފައެވެ.

09 މާރިޗު 2020 | 17:04

ކުރިން ޕޮޒިޓިވްވި 4 މީހުންގެ ޙާލުވެސް ރަނގަޅު: މަބްރޫކް

ރާއްޖެއިން މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 4 މީހުންގެ ޙާލުވސް ރަނގަޅުކަމަށް މަބްރޫކް ވިދާޅުވި. މަބްރޫކް ވިދާޅުވީ، އެ ފަރާތްތަކަށް ދޭންޖެހޭ ސިއްހީ އެހީތެރިކަމާއި، ސައިކޯ ސޯޝަލް ސަޕޯޓް ދެމުންދާ ކަމަށް.

އޭގެ އިތުރުން، ފަރުކޮޅުފުއްޓާއި އެކި ރަށްރަށުގައި އައިސޮލޭޝަންގައި ބައިތިއްބާފައި ތިބި މީހުންގެ އާއިލާތަކާއި ގުޅިގެން އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ކަންކަން އިންތިޒާމް ކުރަމުންދާ ކަމަށް.

09 މާރިޗު 2020 | 16:50

ކޮވިޑް-19: ޑަބްލިއުއެޗްއޯއިން ވައިރަސްއާއި ގުޅޭ ގޮތުން ބާއްވާ ބައްދަލުވުން

ކޮވިޑް-19 އާއި ގުޅިގެން ޑަބްލިއުއެޗްއޯއިން ކޮންމެ ދުވަހަކު ތަފުޞީލީ މަޢުލޫމާތު ހާމަކުރެއެވެ. މި ބައްދަލުވުމުގައި މައުލޫމާތު ހާމަކުރައްވަނީ އެޖަމާޢަތުގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯޒް އެދެނޯމް ގެބްރިޔޭސަސް އެވެ.

09 މާރިޗު 2020 | 16:31

އިހުމާލުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން: މަބްރޫކް

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އިހުމާލުވާ ފަރާތްތަކާމެދު އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމުގެ ޔަޤީންކަން ދެން: މަބްރޫކް

09 މާރިޗު 2020 | 16:30

ކޮވިޑް-19: ކުރެއްދޫ ކޭސްއާ ގުޅިގެން ޖިނާއީ ތަހުޤީޤެއް ހިންގުމަށް ޕީޖީ އަމުރު ކުރައްވައިފި

ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ދިޔަ ގޮތާ ގުޅޭގޮތުން ޖިނާޢީ ތަޙުޤީޤެއް ހިންގުމަށް ފުލުހުންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ޢަމުރު ކުރައްވައިފިއެވެ.

ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން މި ޢަމުރު ނެރުއްވާފައިވަނީ ހޯމަ ދުވަހުއެވެ.

އެގޮތުން ޕީޖީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ދިޔަ ގޮތާމެދު ކުރެވެމުންދާ ތުހުމަތުތަކުގެ ސަބަބުން އެކަން އިތުރަށް ތަހުޤީޤުކޮށް އެކަންކަމުގެ މައްޗަށް ޖިނާޢީ ތަހުޤީޤެއް ހިންގުމަށް ފުލުހުންގެ މައްޗަށް ޢަމުރެއް ނެރުއްވާފައިވާ ކަމަށެވެ.

ޕީޖީ އެހެން ވިދާޅުވެފައިވާއިރު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ ކިބައިން ވައިރަސްގެ އަލާމަތްތައް ފެނިގެން އޭނާ ފްލައިޓުން ބޭލި ކަމަށާއި، އޭނާ އެއަށްފަހު މާލޭގައި ހުންނަ މާގިރި ހޮޓަލަށް ދިޔަ ކަމަށް މީސްމީޑިއާގައި އަޑުފެތުރިފައިވެއެވެ. ނަމަވެސް އެކަން އެއްވެސް ރަސްމީ އިދާރާއަކުން ކަށަވަރުކޮށެއް ނުދެއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، ޅ ކުރެއްދޫ ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކު ކުރެވުނު މީހާގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކަށް ހާމަ ނުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި އެ މައްސަލައިގެ ވަށައިގެންވާ ކަންކަމުގައި ޖިނާޢީ އެއްވެސް ކުށެއް ހިމެނޭކަން ނުވަތަ ނޫންކަން ބަލަމުންދާ ކަމަށެވެ.

09 މާރިޗު 2020 | 16:29

މާދަމާ ޓްރެވަލް ކްލިނިކް ހުޅުވޭނެ: މަބްރޫކް

މާދަމާ ހެނދުނު 10 ޖަހާއިރު ޓެރަވަލް ރިލޭޓެޑް ކްލިނިކެއް ހުޅުވޭނެ ކަމަށް ޓާސްކް ފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއިގުޅޭގޮތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެކްލިނިކްގެ މަގުސަދަކީ ރާއްޖެއިން ބޭރަށް ދަތުރުކުރައްވާފައިވާ ބޭފުޅުން އަދި ރާއްޖޭގައި މިކަމުގެ އަލާމަތްތައް ހުރި ކަމަށް އަމިއްލައަށް ޝައްކުރެވޭ މީހުންނަށް ގޮސް ޓެސްޓު ކުރެވޭނެ ވަސީލަތެއް ގާއިމްކޮށްދިނުން ކަމަށެވެ. އަދި ހުރިހާ އެންމެނަށް ވެސް އެތަނަށް އެކްސެސް އޮންނާނެ ކަމަށެވެ.

މިކްލިނިކް ހުޅުވަނީ މާލެހިޔާ ފްލެޓްގެ 02 ފުރަގަހުގެ އޮންނަ ޖާގައިގައިގައެވެ.

09 މާރިޗު 2020 | 16:29

ކުރެއްދޫއިން އިތުރު 2 މީހުން ކޮވިޑް-19 އަށް މިރޭ ޕޮޒިޓިވްވެއްޖެ

ކުރެއްދޫ އައިލެންޑް ރިސޯޓުން އިތުރު 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ ސްޕޯކްސްޕާރސަން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިއުލާނު ކުރައްވާފައިވާއިރު، އެއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 6 އަށް އަރާފައެވެ.

އާދިއްތަ ދުވަހުގެރޭ އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ވަނީ ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި 3 މީހުންގެ ތެރެއިން 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން އެއީ 2 ބިދޭސީން ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފުންނެވެ.

09 މާރިޗު 2020 | 15:34

ކޮވިޑް-19: ފާއިތުވި 14 ދުވަސްތެރޭ ބަނގްލަދޭޝްއަށް ދިޔަ މީހުންވެސް ރާއްޖެއައުން މަނާ ކުރަނީ

ފާއިތުވެދިޔަ 14 ދުވަހުގެތެރޭގައި ބަނގްލަދޭޝަށް ދަތުރުކޮށްފައިވާ މީހުން، ރާއްޖެއައުން މަނާކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފާއިތުވެދިޔަ 14 ދުވަހުގެތެރޭގައި ބަނގްލަދޭޝަށް ދިޔަ މީހުން ރާއްޖެއައުމާއި، ޓްރާންސިޓް ކުރުން މިހިނގާ މާރޗު މަހުގެ 10 އިން ފެށިގެން 24 ގެ ނިޔަލަށް މަނާކޮށްފައިވާކަމަށެވެ.

ނަމަވެސް ބަނގްލަދޭޝް ރައްޔިތުންގެ ތެރެއިން އެހެން ޤައުމެއްގައި ދިރިއުޅޭ މީހުން ނުވަތަ ފާއިތުވި 14 ދުވަހުގެތެރޭގައި އެހެން ޤައުމެއްގައި ދިރިއުޅެފައިވާ މީހުން އޭގެން އިސްތިސްނާވާނެ ކަމަށް އިމިގްރޭޝަން އޮފީހުން ނެރުނު ދަތުރުފަތުރުގެ ސަމާލު (ޓްރެވަލް އެޑްވައިސަރީ) ގައި ވަނީ ބުނެފައެވެ.

ބަނގްލަދޭޝްގެ އިތުރުން މި ލިސްޓުގައި ޗައިނާ، އީރާން، އަދި އިޓަލީގެ އިތުރުން ސައުތު ކޮރެއާގެ ޖިއޮންގސަންގ އާއި ޖިއޮންގނަމް ޕްރޮވިންސްވެސް ވަނީ ހިމެނިފައެވެ.

ޤައުމުތަކަށް ރާއްޖެއިން ދަތުރުފަތުރުގެ ސަމާލު ނެރިފައިވާ ތާރީޚުތައް

ޗައިނާ: 4 ފެބްރުއަރީން ފެށިގެން

އީރާން: 26 ފެބްރުއަރީން ފެށިގެން

ސައުތް ކޮރެއާގެ 2 ޕްރޮވިންސް: 3 މާރޗުން ފެށިގެން

އިޓަލީ: 8 މާރޗުން ފެށިގެން

ބަނގްލަދޭޝް: 10 މާރޗުން ފެށިގެން

09 މާރިޗު 2020 | 15:33

ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ މާގިރި ހޮޓަލާއި، ޔުނިވަރސަލްގެ ޓިކެޓު އޮފީހަށް ދިޔަ

ރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ މާގިރި ހޮޓަލާއި، ޔުނިވަރސަލްގެ ޓިކެޓު އޮފީހަށް ދިޔަކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެ ކޭސްއާ ގުޅިގެން ކުރިއަށް ގެންދިޔަ "ކޮންޓެކްޓް ޓްރޭސިންގ" އަށްފަހު، ދެ ދުވަހު ( 1 މާރޗުން 2 މާރޗަށް) އެ ފަތުރުވެރިޔާ މާލޭގައި ހުންނަ މާގިރި ހޮޓަލުގައި މަޑުކޮށްފައިވާކަން އެނގިފައިވާ ކަމަށާއި، އެ ފަތުރުވެރިޔާއާ "ކޮންޓެކްޓް" ވެފައިވާކަމަށް ޤަބޫލު ކުރެވޭ 13 މީހަކު މިހާރު ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެ ފަތުރުވެރިޔާ ޔުނިވަރސަލްގެ ޓިކެޓިންގ އޮފީހަކަށް ޒިޔާރަތް ކޮށްފައިވާތީ އެތަނުގައި މަސައްކަތް ކުރާ އެކަކު ފަރުކޮޅުފުށީގައި ކަރަންޓީން ކުރެވިފައިވާ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، ށ ފޯކައިދޫގައި ހުރި ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދިވެއްސެއްވެސް އެކަހެރިކޮށް، ޓެސްޓު ކުރުމަށް ފަރުކޮޅުފުއްޓަށް ގެނެވިފައިވާ ކަމަށެވެ.

09 މާރިޗު 2020 | 13:52

ކޮވިޑް19: ވައިރަސްއިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކައް ޑަބްލިޔުއެޗްއޯގެ ތަޢުރީފް

މުޅި ދުނިޔޭގައި ހަލުވި މިނެއްގައި ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކާއި، މިބަލިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯއިން ތަޢުރީފުކޮށްފިއެވެ.

ރާއްޖޭގެ ޙާލަތައް ރިޢާޔަތްކޮށް ހޯމަ ދުވަހު ޑަބްލިޔުއެޗްއޯއިން ނެރުނު ނޫސްބާޔާނުގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުނަށް ފަރުވާ ދިނުމާއި، ކޮންޓެކްޓިވި މީހުން ދެނެގަތުމާއި، އެ ބައްޔަށް ސްކްރީން ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީއާއެކު އެޖަމްޢިއްޔާއިން މަސައްކަތް ކުރަމުންދާ ކަމަށް ބަޔާނުގައިވެއެވެ.

ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރަވިންދު މާތުރުއާ ޙަވާލާދެއްވާ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 ފެނިފައިވާ މިދަނޑިވަޅުގައި މިވައިރަސް ނައްތާލުމުގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސާފުތާހިރުކަން އިސްކޮށް، ކަމާބެހޭ މުއައްސަސާތަކުން އަންގާފައިވާ ގޮތަށް ޢަމަލުކުރުމަށް ޑަބްލިޔުއެޗްއޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

09 މާރިޗު 2020 | 13:47

ކޮވިޑް-19 : އެއަރ އިންޑިއާއިން އިތުރު ފީއެއް ނުނަގާ ދަތުރުކުރާ ދުވަސް ބަދަލުކޮށްދޭން ނިންމައިފި

ކޮވިޑް-19 އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާތީއާއި، އެއަރ އިންޑިއާއިން ތާވަލު ދަތުރުތައް ކުރާ ބައެއް މަންޒިލލްތަކުންވެސް ވައިރަސް ރިޕޯޓުކުރަމުންދާތީ ކުރިން ޓިކެޓް ނަގާފައިވާ ފަރާތްތަކައް އިތުރު ފީއަކާ ނުލާ ދަތުރު ކުރާ ދުވަސް ބަދަލުކޮށްދޭން އެ އެއަލައިނުން ނިންމައިފިއެވެ. އެ އެއަރލައިނުން ތާވަލު ފްލައިޓުތައް ކުރާ 13 މަންޒިލަށް ދަތުރުކުރަން މިހާރު ޓިކެޓް ނަގާފައިވާ މީހުން، ދަތުރުކުރުމުގެ 3 ދުވަސް ކުރިން އެކަމަށް އެދުމުން އެއްވެސް ފީއެއް ނެތި ދަތުރު ކުރާ ތާރީޚު ބަދަލުކޮށްދޭނެކަމަށް އެއަރ އިންޑިއާއިން ބުނެއެވެ. ފީއަކާއި ނުލާ ޓިކެޓު ބަދަލުކޮށްދޭން ނިންމާފައިވަނީ 12 މާޗުން-31 މާރޗް އާއި ދޭތެރޭ ދަތުރުކުރަން ޓިކެޓް ނަގާފައި ތިބި މީހުންނަށެވެ. އަދި ޓިކެޓް ބަދަލުކޮށްދޭނީ އެޕްރީލް 30 ގެ ނިޔަލަށެވެ.

09 މާރިޗު 2020 | 13:42

ކޮވިޑް-19 : ޞިއްހީ ޚިދުމަތްތެރިންގެ ޓީމެއް ތާޖްމަހަލްއަށް ގޮސްފި

ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ އިންޑިއާގެ ތާޖްމަހަލްއަށް އެޤައުމުގެ ސަރުކާރުން ޞިއްހީ މަސައްކަތްތެރިންގެ ޓީމެއް ފޮނުވައިފިއެވެ.

ޞިއްޙީ އެހީތެރިންގެ ޓީމެއް ފޮނުވީ، އާގްރާއިން ވައިރަސްއަށް އެކަކު ޕޮޒިޓިވްވެ، ޝައްު ކުރެވޭ 3 މީހަކަށް ޝައްކު ކުރެވިގެން ފަރުވާ ދެމުންދާތީ އެވެ. މި ޓީމުން ތާޖްމަހަލް އަށް ޒިޔާރަތްކުރާ ފަރާތްތަކައް ތާރމަލް ސްކްރީން ކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ތާޖުމަހަލް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރަކު އެތައް މިލިޔަން މީހުން ޒިޔާރަތް ކުރާ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލެކެވެ.

09 މާރިޗު 2020 | 13:38

ކޮވިޑް-19: މޯދީގެ ބަންގްލަދޭޝްގެ ދަތުރު ފަސްކުރައްވައިފި

ބަންގްލަދޭޝް އިން އިއްޔެ ކޮވިޑް-19 ރިޕޯޓުކުރުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެޤައުމަށް ކުރައްވަން ރާވާފައިވާ ދަތުރު ފަސްކުރައްވައިފިއެވެ.

ބަންގްލަދޭޝުން 3 މީހުން އިއްޔެ ވައިރަސްއަށް ޕޮޒިޓިވްވިކަން އިޢުލާންކުރުމާއި ގުޅިގެން މޯދީގެ ދަތުރުފުޅު ފަސްކުރެއްވި ނަމަވެސް، ފަހުގެ ތާރީޚެއްގައި ދަތުރުފުޅު އަލުން ތާވަލުކުރައްވާނޭކަމުގެ ޔަޤީންކަން މޯދީ ދެއްވާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

09 މާރިޗު 2020 | 13:35

ކޮވިޑް-19: އިންޑިއާގެ މުންބާއީއިން 15 މީހަކު ވައިރަސްއަށް ޝައްކުވެގެން ޓެސްޓްކޮށްފި

އިންޑިއާގެ ވިޔަފާރި މަރުކަޒީރަށް މުމްބާއީއިން ކޮވިޑް-19 އަށް ޝައްކުކުރެވިގެން 15 މީހުން ޓެސްޓުކޮށްފިއެވެ. މި މީހުންގެ ލޭގެ ސާމްޕަލްތައް މިހާރުވަނީ ޕޫނާގެ އިންސްޓިޓިއުޓް އޮފް ވައިރޯލޮޖީއަށް ފޮނުވާފައެވެ. މިމީހުންގެ ހަޑިގަނޑުން ވައިރަސްގެ އަލާމާތްތައް ފެންނާތީ މަހާރާޝްތްރާ ސަރުކާރުގެ ބެލުމުގެ ދަށުގައި ކަރަންޓީންކޮށްގެން މިހާރުދަނީ ފަރުވާ ދެމުންނެވެ.

އިންޑިއާގެ އެކި ސްޓޭޓުތަކުން ކޮރޯނާ ވައިރަސްއަށް ޕޮޒޮޓިވްވީ ނަމަވެސް އަދި މުމްބާއީ އިން އެކަކުވެސް އަދި ވައިރަސްއަށް ޕޮޒިޓިވްވެފައެވެ ނުވެއެވެ.

09 މާރިޗު 2020 | 13:32

ކޮވިޑް-19: އިންޑިއާގެ ކެރަލާ ސްޓޭޓުގެ ސްކޫލް، ކޮލެޖް، ޔުނިވަރސިޓީތައް ބަންދުކޮށްފި

އިންޑިއާގެ ކެރަލާ ސްޓޭޓުގެ ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ކުރިޔަށް އޮތް 3 ދުވަހަށް ބަންދުކޮށްފިއެވެ.

މިގޮތައް ނިންމީ އެ ސްޓޭޓުން 5 މީހަކު އިއްޔެ އަލަށް ވައިރަސްއަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.

ކެރެލާ ސްޓޭޓުން އަަލަށް ފެނުނު 5 މީހުންނާއެކު އިންޑިއާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 39 އަށް އަރާފައެވެ.

09 މާރިޗު 2020 | 13:25

ކޮވިޑް-19: އިގިރޭސި ވިލާތުން މިއަދު އިތުރު 64 މީހުން ވައިރަސްއަށް ޕޮޒިޓިވް، 1 މަރު

އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮގް ހެލްތު އެންޑް ސޯޝަލް ކެއަރ އިން ރިޕޯޓުކުރާގޮތުގައި، މިއަދު އެޤައުމުގައި 273 މީހުން ވަނީ އަލަށް ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެޤައުމުން ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 273 އަށް އަރާފައެވެ.

އަދި ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު ޙާލު ދެރަވެ މިއަދު މަރުވެފައިވާކަމަށްވެސް އެ ޑިޕާޓްމެންޓުން ބުނެއެވެ. މިއާއެކު މަރުވީ މީހުންގެ އަދަދު ވަނީ 3އަށް އަރާފައެވެ.

09 މާރިޗު 2020 | 13:22

ކޮވިޑް-19: ވުހާން ސިޓީގެ 11 "މޭކްޝިފްޓް" ހޮސްޕިޓަލް ބަންދުކޮށްފި

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން މިކަން ހާމަކޮށް ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަލަށް ފެތުރުނު އިރު ހޮސްޕިޓަލްތައް ފުރި، ފަރުވާދޭނެ ޖާގައެއް ނެތިގެން، ވަގުތީ 14 ހޮސްޕިޓަލެއް ވުހާން ސިޓީގެ އެކި ކަންކޮޅުތަކުގައި ޤާއިމު ކުރި ކަމަށެވެ. އަދި މި ތަންތަން ބޭނުން ކުރަމުން ދިޔައީ އެމަރޖެންސީ ޙާލަތްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށާއި، ވައިރަސް ޖެހުނު މީހުންގެ ތެރެއިން، ޙާލަތު ރަނގަޅު މީހުން އެކަހެރިކޮށްގެން ފަރުވާ ދިނުމަށް ކަމަށެވެ.

އަދި މި ވަގުތު އެ 14 ހޮސްޕިޓަލްތަކުގެ ތެރެއިން 11 ތަނެއް ބަންދުކުރަން ސަރުކާރުން ނިންމާފައިވާކަމަށް ބަޔާނުގައި ވެއެވެ. މިގޮތައް ނިންމީ ވައިރަސް ޖެހޭ މީހުންގެ އަދަދު ނިޞްބަތުން މަދުވަމުން އަންނާތީކަމަށްވެސް ބަޔާނުގައި ވެއެވެ.

09 މާރިޗު 2020 | 13:18

ކޮވިޑް-19: ދެކުނު ކޮރެއާއިން އިތުރު 69 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ދެކުނު ކޮރެއާގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން މިއަދު ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، އެ ޤައުމުގައި މިއަދު 69 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިއާއެކު، ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 7،382އަށް އަރާފައެވެ.

އެޤައުމުގައި ވައިރަސްޖެހިގެން މިހާތަނަށް 51 މީހުން ވަނީ މަރުވެފައެވެ.

09 މާރިޗު 2020 | 13:16

ކޮވިޑް-19: އަލްބޭނިއާއިން ފުރަތަމަ ފަހަރަށް ވައިރަސް ރިޕޯޓުކޮށްފި

އަލްބޭނިއާގެ މަސްދަރުތަކާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މިއަދު އެޤައުމުގައި ދެމީހަކު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިދެ މީހުންނަކީ އެއް އާއިލާއަށް ނިޞްބަތްވާ ދެ ފިރިހެނުންކަމަށާއި، މި ދެމީހުންނަކީ ޒަރޫރީ ބޭނުމެއްގައި ދާދި ފަހުން އިޓަލީއަށް ދަތުރުކޮށްފައިވާ ދެމީހުންކަމަށް ރިޕޯޓުތައް ބުނެއެވެ.

09 މާރިޗު 2020 | 13:14

ކޮވިޑް-19: އިންޑިއާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 43 އަށް އަރައިފި

އިންޑިއާގައި މިއަދު 150 މީހުން ވައިރަސްއަށް ޓެސްޓްކޮށްފައިވާއިރު، އޭގެ ތެރެއިން 4 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު ވައިރަސްއަށް ޕޮޒިޓިވްވީ، ކެރަލާ މީހަކާއި، ކަޝްމީރުން މީހަކާއި، ދިއްލީ އަދި އުއްތަރް ޕްރަދޭޝުން އެކަކެވެ. މިއާއެކު އިންޑިއާގައި ވައިރަސް ޖެހުނު މީހުން އަދަދު ވަނީ 43 އަށް އަރާފައެވެ.

އިންޑިއާ ސަރުކާރުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވީ މީހުންނާއި އެކި ޙައިޞިއްޔަތުތަކުން ބައްދަލުވެފައިވާ މީހުން ހޯދުމަށް ޚާއްޞަ ސަރވައިލެންސް ޕްރޮގުރާމެއް ފަށާފައެވެ.

09 މާރިޗު 2020 | 13:11

ކޮވިޑް-19: ފިލިޕީންސްގައި ޞިއްޙީ ކުއްލި ޙާލަތުގެ އަމުރު އިޢުލާންކޮށްފި

ފިލިޕީންސްގައި ޞިއްޙީ ކުއްލި ޙާލަތު އެޤައުމުގެ ސަރުކާރުން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

މިކަން ހާމަކޮށް ޢާއްމުކޮށްފައިވާ ރިޔާސީ ޤަރާރުގައި ވަނީ، މިފަދަ ފިޔަވަޅެއް ތަންފީޒުކުރަން ސަރުކާރުން ނިންމީ، މުޖުތަމަޢުގައި ހިފެހެއްޓުމެއްނެތި ވައިރަސް ފެތުރިދާނެކަމުގެ ބިރު އޮތުމާއެކުގައި ކަމަށެވެ.

ފިލިޕީންސްގައި 10 މީހަކު މިހާރު ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އެކަކު ވަނީ މަރުވެފައެވެ.

09 މާރިޗު 2020 | 13:08

ކޮވިޑް-19: ޤަތަރުގެ ސްކޫލްތައް މާދަމާއިން ފެށިގެން ބަންދުކުރަނީ

ޤަތަރުގެ މައި ސަރުކާރުން މިކަން ހާމަކޮށް ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާރޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހުރިހައި ސްކޫލަކާއި ޔުނިވަރިސިޓީތައް ބަންދުކުރަން ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި މިފަދަ ފިޔަވަޅެއް އަޅަން ޖެހުނީ، ވައިރަސް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

އަދި ވައިރަސްގެ ފެތުރެމުންދާ ގޮތް ބެލުމަށްފަހު އަލުން ހުޅުވާނެ ތާރީޚެއް ކަނޑައަޅާނެކަމަށެވެ.

09 މާރިޗު 2020 | 13:07

ކޮވިޑް-19: ޤަތަރުން 14 ޤައުމަކަށް ދަތުރުފަތުރުގެ ސަމާލެއް ނެރެފި

ޤަތަރުގައި 15 މީހަކު ވައިރަސްއަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެޤައުމުން ދުނިޔޭގެ 14 ޤައުމަކަށް ދަތުރުފަތުރުގެ ސަމާލު ނެރެފިއެވެ. އެއީ، އިންޑިއާ، ބަންގްލަދޭޝް، ޗައިނާ، މިޞްރު، ނޭޕާލް، ޕާކިސްތާން، ދެކުނު ކޮރެއާ، ލުބްނާން، އިރާޤް، އިރާން، ސްރީލަންކާ، ސީރިއާ، ފިލިޕީންސް އަދި ތައިލޭންޑެވެ. މި ޤައުމުތަކުގެ ފަތުރުވެރިން މިއަދުން ފެށިގެން އެޤައުމަށް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. މީގެ ކުރިން ޤަތަރުން ވަނީ އިޓަލީ ފްލައިޓުތައް ވެސް ކެންސަލްކޮށްފައެވެ.

09 މާރިޗު 2020 | 13:07

ކޮވިޑް -19: އިންޑިއާގެ ކެރެލާ ސްޓޭޓުގައި އުމުރުން 3 އަހަރުގެ ކުއްޖަކު ވައިރަސްއަށް ޕޮޒިޓިވް ވެއްޖެ

އިންޑިއާގެ ނޫސްތަކުން ޚަބަރު ފަތުރާ ގޮތުގައި މިއަދު ވައިރަސްއަށް ޕޮޒިޓިވްވި އުމުރުން 3 އަހަރުގެ ކުއްޖާއަކީ ދާދީ ފަހުން އާއިލާއާއެކު، އިޓަލީއަށް ދަތުރުކޮށްފައިވާ ކުއްޖެކެވެ. މިހާރު މިކުއްޖާ ކެރަލާގެ އެރްނާކުލަމް މެޑިކަލް ކޮލެޖުގައި ކަރަންޓީންކޮށްގެން ފަރުވާދެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

09 މާރިޗު 2020 | 12:59

ކޮވިޑް-19: ބިދޭސީންނަށާއި، ބިދޭސީން ގެންގުޅޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދީފިން: ރެޑް ކްރެސެންޓް

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)އާ ގުޅިގެން މިދިއަ ޖެނުއަރީ މަހުން ފެށިގެން ވައިރަސްއާ އަދި އެ ވައިރަސްއިން ރައްކާތެރިވުމާ ގުޅޭ ގޮތުން ލިބެންހުރި މަޢުލޫމާތު ޢާންމުންނަށާއި ރާއްޖޭގައި ދިިރިއުޅޭ ބިދޭސީންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ)އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދަރުބާރުގޭގައި ޤާއިމުކޮށްފައިވާ، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ރެޑް ކްރެސެންޓުން ބުނީ، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 6000 އަށްވުރެ ގިނަ މީހުންނާ ވަކިވަކި ބައްދަލުކޮށްގެން މަޢުލޫމާތު ދީފައިވާ ކަމަށާއި، ބިދޭސީން ގެންގުޅޭ ފަރާތްތަކައް ވެސް އެކަމުގެ މަޢުލޫމާތު ފޯރުކޮށްދީފައިވާކަމަށެވެ. އެމްއާރްސީން ވަނީ މާލޭ ސިޓީގެ އެކި ޞަރަޙައްދުތަކުގައި ހުރި ޕާކް ފަދަ، ޢަންމު ތަންތާނގައި ބިދޭސީންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

އެމްއާރުސީން ބުނީ، އަދިވެސް ކުރަން ހުރި މަސައްކަތް ގިނަކަމަށެވެ. ދިވެހިންނާއި، ބިދޭސީންނަށް އެއްފަހަރު މަޢުލޫމާތު ދިނުމަކުންނުފުދޭކަން ފާހަގަކުރައްވާ، އެމްއާރްސީން ވަނީ ހުރިހާ އެންމެވެސް ވައިރަސްއިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަން ކުރުމާއެކު، އެހެން މީހުންނަށް ވެސް މެސެޖް ފޯރިކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ.

09 މާރިޗު 2020 | 12:44

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ސާރފިންގ ގެ ހުރިހާ ހަރަކާތެއް ފަސްކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ސާރފިންގ އެސޯސިއޭޝަނުން ކުރިޔަށް ގެންދާން ނިންމައިފައިވާ ހުރިހާ ހަރަކާތެއް ފަސްކުރުމަށް އެ އެސޯސިއޭޝަނުން ނިންމައިފިއެވެ.

ސާރފިންގ އެސޯސިއޭޝަނުން ބުނީ މިގޮތައް ނިންމީ ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ކަމަށެވެ.

09 މާރިޗު 2020 | 12:42

ވޯލްޑްކަޕް ކޮލިފިކޭޝަން މެޗުތައް ފަސްކޮށްފި

ވޯލްޑްކަޕް ކޮލިފިކޭޝަން އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގެ މެޗުތައް ފަސްކުރަން ނިންމައިފިއެވެ.

މިގޮތައް ނިންމީ ފީފާ އަދި އޭއެފްސީ އިން މަޝްވަރާކުރުމަށްފަހުގައެވެ.

ޗައިނާއިން ޑިސެމްބަރު މަހު ފެނުނު ކޮރޯނާވައިރަސް (ކޮވިޑް-19) މިހާރު ވަނީ ރާއްޖެއިން ވެސް ފެނިފައެވެ. އަދި މި ބައްޔަށް ރާއްޖެއިން 4 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

09 މާރިޗު 2020 | 12:04

ފިޔާ، އަލުވި އަދި ބިސް ރޯދައަށް ލިބޭނެ: އަމްރު

އަގު ކޮންޓްރޯލްކުރުމުގެ ގޮތުން ރޯދައަށް ޚާއްސަކޮށް ފިޔާ ބިސް އަދި އަލުވި ޝިޕްމެންޓް ގެންނަ ކަމަށާއި، މިއަހަރުގެ ރޯދަމަހަށް ވެސް ޝިޕްމެންޓް ގެންނާނެ ކަަމަށް (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ވިދާޅުވީ ފިޔާ ބިސް އަދި އަލުވި ރޯދައަށް އާންމުކޮށް ގެންނަ ކަމަށެވެ. ރޯދައަށް ޚާއްސަކޮށް ތިން ޝިޕްމެންޓެއް ގެންނަ ކަމަށެވެ. ރޯދާގެ ކުރިން ދެޝިޕްމެންޓް ލިބޭއިރު، ރޯދަމަހު އެއްޝިޕްމެންޓް ލިބޭނެކަން އަމްރު ފާހަގަކުރެއްވިއެވެ.

އަމްރު ވިދާޅުވީ އާންމުންގެ ބައެއް ފަރާތްތަކުން ކަންތައްތައް ކުރާ ގޮތުން އަގު އުފިގެންދާ ކަމަށާއި، މީގެ ގެއްލުން ލިބެނީ ހުރިހާ ރައްޔިތުންނަށް ކަމަށެވެ. އަދި އެއްޗެހީގެ އަގު އެސްޓީއޯއިން ކޮންޓްރޯލްކުރާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

09 މާރިޗު 2020 | 11:44

ކާބޯތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިނުވޭ: މިނިސްޓަރު ފައްޔާޒު

ކާބޯތަކެތި ލިބުމުގައި ދަތިތަކާ ކުރިނުވާ ކަމަށާއި، ބައެއް ފަރާތްތަކުން އެއްފަހަރާ އެއްޗެހިތައް ގަންނަން ފެށުމާއެކު ކުޑަ ޝޯޓޭޖެއް މިވަގުތަށް އައިސްފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކުއްލިއަކަށް މީހުންތައް އެއްޗެހިތައް ގަންނަން ފެށުމުން މިވަގުތަށް ޝޯޓޭޖެއް އައިސްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އޯޑަރު އިތުރުކުރަން ޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ އާންމު ކަންބޮޑުވުން ދިމާވި ގޮތެއް ކަމަށާއި، ނަމަވެސް ކާބޯތަކެތި ގުދަން ކުރާ ހާލަތަށް ނުދާ ކަމަށެވެ. އަދި ވިދާޅުވީ މުދާ ލިބުމުގައި ދަތިތަކެއް ކުރިމަތިނުވާ ކަމަށާއި، އެޕްރޮސަސް ކުރިއަށްދާ ކަމަށެވެ.

09 މާރިޗު 2020 | 11:39

ކުދި ސެނެޓައިޒަރ ފުޅި އާންމުންނަށް ވިއްކާނަން: އަމްރު

ކުދި ސެނެޓައިޒަރ ފުޅި ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެސްޓޮކް ލިބުމާއެކު އާންމު ރައްޔިތުންނަށް އެވިއްކަން ފަށާނެ ކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވިދާޅުވީ ރާއްޖޭގައި ހުރީ ސެނިޓައިޒަރގެ އެންމެ ބޮޑެތި ފުޅިކަމާއި، އެ މިވަގުތަށް އެންމެ މުހިންމީ ހޮސްޕިޓަލްތަކާއި އިންސްޓިއުޓްތަކަށް ކަމަށެވެ. އަދި ކުދި ފުޅި ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެލިބުމާއެކު އާންމުންނަށް ދޫކުރެވޭނެ ކަމަށެވެ.

09 މާރިޗު 2020 | 11:32

ކޮވިޑް-19: ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޤައުމީ ދާރުލްއާސާރާއި، ހއ. އުތީމި ގަނޑުވަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި

ޤައުމީ ދާރުލްއާސާރާއި، ހއ. އުތީމި ގަނޑުވަރާއި، ގދ، ތިނަދޫގައި ހުންނަ ހުވަދޫ ޞަރަޙައްދީ ދާރުލްއާސާރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ސަޤާފީ ތަރިކަ ރައްކާތެރި ކުރާ ޤައުމީ މަރުކަޒުން މިކަން އަންގާ ޢާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މި ގޮތައް ނިންމީ، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. މިއަދުން ފެށިގެން ޚިދުމަތް މެދުކަނޑާލިކަމަށް އިޢުލާނުގައި ބުނެފައިވި ނަމަވެސް، އަލުން ޚިދުމަތް ފަށާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

09 މާރިޗު 2020 | 11:30

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވާ ސަޕްލައި ކަންކަން ހިއްސާ ކުރެއްވުމަށް އިކޮނޮމިކް މިނިސްޓްރީން ބާއްވާ ޕްރެސް

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވާ ސަޕްލައި ކަންކަން ހިއްސާ ކުރެއްވުމަށް އިކޮނޮމިކް މިނިސްޓްރީން ބާއްވާ ޕްރެސް ކަސްޓަމްސް ބިލްޑިންގގައި މިހާރު ކުރިޔަށް އެބަދެއެވެ. މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ގެ އިތުރުން، މައި ސަޕްލަޔަރުންވެސް ބައިވެރިވެއެވެ.

11 / 81