ކޮވިޑް-19: އެންމެ ފަހުގެ

29,520,397
  • ކޮވިޑް-19: އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް އިޓަލީން ނިންމައިފި
  • ކޮވިޑް-19: ބިލް ގޭޓްސް އާއި އެހެނިހެން ޗެރިޓީ ފައުންޑޭޝަންތަކުން 125 މިލިއަން ޑޮލަރު ވައިރަސްއަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތަކަށް ދިނުމަށް ނިންމައިފި
  • ކޮވިޑް-19: ސިންގަޕޯރުން ވައިރަސްއަށް ފަރުވާ ހޯދާ އެހެން ގައުމުތަކުގެ މީހުން އަތުން އަގުނަގާގޮތަށް ހަމަޖައްސައިފި
 
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް އިޓަލީން ނިންމައިފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް އިޓަލީން ނިންމައިފި އެވެ.

މިކަން އިއުލާނުކޮށްފައިވަނީ ހޯމަ ދުވަހުގެރޭ އިޓަލީގެ ބޮޑުވަޒީރު ޖުސެއްޕޭ ކޮންޓޭ އެވެ. އިޓަލީގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން އަންނާތީ އިޓަލީ ސަރުކާރުގެ މި ނިންމުމާއެކު، އޭޕްރީލް ތިނެއްގެ ކުރިން ކުޅެން ހަމަޖެހިފައި އޮތް އިޓާލިއަން ލީގުގެ އެއްވެސް މެޗެއް ކުރިއަކަށް ނުގެންދާނެ އެޗެ. އެކަމަކު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވާ އިޓަލީގެ ކްލަބުތަކާއި، ގައުމީ ޓީމުތައް ކުޅޭ މެޗުތައް ކުރިއަށްދާނެ އެވެ.

10 މާރޗް 2020 | އަންގާރަ 10:56
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ބިލް ގޭޓްސް އާއި އެހެނިހެން ޗެރިޓީ ފައުންޑޭޝަންތަކުން 125 މިލިއަން ޑޮލަރު ވައިރަސްއަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތަކަށް ދިނުމަށް ނިންމައިފި

ދަ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނާއި އިތުރު ދެ ޗެރިޓީ ފައުންޑޭޝަނަކުން 125 މިލިއަން ޑޮލަރު ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމަށް ކުރާ މަސައްކަތްތަށް ދިނުމަށް ނިންމައިފި އެވެ. މިއީ މިވައިރަސް އިން ރައްކާތެރިވުމަށް ވެކްސިން އެއް ނުވަތަ ބޭހެއް އުފެއްދުމަށް ކުރާ މަސައްކަތްތަކަށް އިންވެސްޓްކުރުމަށް ކަނޑައަޅާފައިވާ ފައިސާއެވެ. އަދި މިކަމުން އުފައްދާ ބޭސް ނުވަތަ ވެކްސިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ފަގީރު ގައުމުތަކަށެވެ.

10 މާރޗް 2020 | އަންގާރަ 10:37
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ސިންގަޕޯރުން ވައިރަސްއަށް ފަރުވާ ހޯދާ އެހެން ގައުމުތަކުގެ މީހުން އަތުން އަގުނަގާގޮތަށް ހަމަޖައްސައިފި

ސިންގަޕޯރުގައި އެހެން ގައުމުތަކުގެ ރައްޔިތުން ކޮވިޑް-19 އަށް ފަރުވާ ހޯދާ ޓެސްޓްކުރާނަމަ އެމީހުން އަތުން އަގެއްނަގާ ގޮތަށް އެގައުމުން ހަމަޖައްސައިފި އެވެ. އެގައުމުން އެގޮތަށް ހަމަޖައްސާފައިމިވަނީ ވައިރަސް ޖެހޭ މިންވަރު އެގައުމުގައި އިތުރުވަމުން ދިޔުމާ ގުޅިގެންނެވެ. މިކަމަށް އަމަލުކުރަން ފަށާނީ މަރޗް މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކަމަށް އެގައުމުން ބުނެއެވެ. ނަމަވެސް ކުރުމުއްދަތަކަށް އެގައުމަށް އަންނަ ފަރާތްތަކާއި އެގައުމުގެ ރައްޔިތުންނަށް ހިލޭ ފަރުވާ ހޯދޭނެކަމަށް އެގައުމުން ބުނެއެވެ.

10 މާރޗް 2020 | އަންގާރަ 10:31
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ޓްރަމްޕް އަދި ވައިރަސް އަށް ޓެސްޓެއް ނުކުރައްވާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ކޮރޯނާވައިރަސް އަށް ޓެސްޓް ނުކުރައްވާކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ. އެމެރިކާގައި މިވައިރަސް ފެތުރެމުންދާތީ އެގައުމުގެ އިސްފަރާތްތަކުން އަންނަނީ އަމިއްލައަށް ކަރަންޓީނުގައި ތިއްބަވަމުންނެވެ. އެގޮތުން ޕާލަމަންޓް މެމްބަރުން ގެންދަވަނީ އަމިއްލަ ފުޅަށް ކަރަންޓީނުގައި ތިއްބަވާކަމަށް ހާމަކުރައްވަމުންނެވެ. އެއީ ފާއިތުވި ދުވަސްތަކުގައި މިވައިރަސް ޖެހިފައިވާ މީހުންނާ ކައިރީގައި އުޅެވިފައިވާ ފަރާތްތަކެވެ.

10 މާރޗް 2020 | އަންގާރަ 09:45
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ޒިންމާދާރުކަމާއެކު މައުލޫމާތު ފަތުރައްވާ
10 މާރޗް 2020 | އަންގާރަ 09:29
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ޗައިނާގެ ރައީސް ފުރަތަމަ ފަހަރަށް ވުހާން އަށް ވަޑައިގަންނަވަނީ

ހަލުވިކަމާއެކު މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ވުހާން އަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ފުރަތަމަ ފަހަރަށް ވަޑައިގަންނަވާނެކަމަށް އެގައުމުން ބުނެފި އެވެ.

މިދަތުރުފުޅުގައި ޝީ ވުހާންގައި ހަރަކާތްތެރިވާ ސިއްހީ އެހީތެރިންނާއި އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

10 މާރޗް 2020 | އަންގާރަ 09:26
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: އެމެރިކާގެ ޔުނިވަރސިޓީތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށަނީ

ކޮވިޑް-19 އެމެރިކާގައި ފެތުރެމުންދާތީ އެގައުމުގެ ޔުނިވަރސިޓީތަކާއި ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކްލާސްތައް ގެންދަން ފަށައިފި އެވެ.

10 މާރޗް 2020 | އަންގާރަ 09:22
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ޕެނަމާއިން ވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ ފެނިއްޖެ

ކޮވިޑް-19 ޖެހިފައިވާ ފުރަތަމަ މީހާ ޕެނަމާއިން ފެނިފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

އެގައުމުން ބުނީ މިއީ 40 އަހަރުގެ އަންހެނެއްކަމަށާއި މިމީހާ ސްޕެއިނަށް ދަތުރުކޮށްފައިވާ ކަމަށެވެ.

10 މާރޗް 2020 | އަންގާރަ 09:19
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: މުޅި އިޓަލީ ލޮކްޑައުން ކޮށްފި

ކޮވިޑް-19 މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ މުޅި އިޓަލީ ލޮކްޑައުންކޮށްފި އެވެ. މިއާއެކު އިޓަލީން އެއްވެސް މީހަކު ބޭރަށް ދިޔުމާއި އިޓަލީއަށް އެރުން މިވަނީ މަނާވެފަ އެވެ.

އިޓަލީގެ ބޮޑުވަޒީރު ރައްޔިތުންނާ މުހާތަބު ކުރައްވާ ވިދާޅުވީ ހުރިހާ ރައްޔިތުންވެސް ސަލާމަތްތެރިކަމާއެކު ގޭގައި ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށާއި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރެއް ކުރާނަމަ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދަންވާނެ ކަމަށެވެ.

10 މާރޗް 2020 | އަންގާރަ 09:17
Writer Profile Picture
ދާނިޝް ނިޡާމް
އދ. ވިލަމެންދޫ ރިސޯޓުން ކޮވިޑް 19 ގެ އަލާމަތްތައް ހުރި ދިވެއްސެއް ފެނުމުން ލޮކްޑައުންކޮށްފި

އެޗްޕީއޭއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އދ. ވިލަމަންދޫ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސެއް ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށާއި މޮނިޓަރ ކުރުމަށާއި "ކޮންޓެކްޓް ޓްރޭސިންގ" ހެދުމަށް އެރަށަށް އަރައި ފޭބުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށެވެ.

10 މާރޗް 2020 | އަންގާރަ 08:24
Writer Profile Picture
އަމަން ހަލީމް
ޗައިނާއިން އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެންމެ 19 މީހަކު

ޗައިނާ ސަރުކާރުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވެފައި ވަނީ އެންމެ 19 މީހެކެވެ.

މިއީ މި ބަލި އެންމެ ފުރަތަމަ ފެނުނު އިރާ އަޅާ ބަލާއިރު، އެންމެ މަދުން ބަޔަކު ޕޮޒިޓިވްވީ ކަމަށް ދެއްކި ދުވަހެވެ. ޗައިނާގައި މި ބަައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 70 އިންސައްތަ މީހުން ރިކަވަރވެފައިވާ ކަމަށްވެސް އެ ގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ޖުމްލަ 80،754 މީހަކު މި ވައިރަސްއަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދާފައިވާއިރު، އޭގެ ތެރެއިން 60،000 މީހުން އެއްކޮށް ރަނގަޅުވެގެން ވަނީ ދޫކޮށްލާފައެވެ. މިހާރު އެކްޓިވް ކޭސަސްގެ ގޮތުގައި އެ ގައުމުން ފާހަގަކުރެވިފައިވަނީ، 17،713 އެވެ. އޭގެ ތެރެއިން 4،794 މީހެއްގެ ހާލު ސީރިއަސްކަމަށް ޗައިނާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

10 މާރޗް 2020 | އަންގާރަ 08:09
Writer Profile Picture
އަޒްލިފާ އަބްދުﷲ
ކޯވިޑް-19: 8 ބިދޭސީއަކު ކަރަންޓީން ކުރަނީ

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ "ކޮންޓެކްޓް" ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 8 ބިދޭސީން ކަރަންޓީން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

10 މާރޗް 2020 | އަންގާރަ 03:25
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސައުދީގެ މިސްކިތްތަކައް ކާ އެއްޗެހި ވެއްދުން މަނާކޮށްފި

މިކަމާއި ގުޅޭ ގޮތުން، ސައުދީގެ ރަސްކަމުގެ ދަރުބާރުން ބުނެފައިވަނީ، އަންގާރަދުވަހުން ފެށިގެން އެޤައުމުގެ ހުރިހައި މިސްކިތްތަކަށާއި ޤަދީމީ ބިނާތަކައް ކާބޯތަކެތި ވެއްދުން މަނާކަމަށެވެ. ޙަރަމްފުޅު ފަދަ ތަންތަނަކީ، ގިނަ ބަޔަކު އަޅުކަމުގައި ވަކިން ޚާއްޞަކޮށް ރޭ އަޅުކަމަށް ގިނަ ވަގުތު ތަކެއް ހޭދަކުރާ ތަނެކެވެ. އެހެންނަމަވެސް ކޮރޯނާވައިރަސްގެ ބަލިމަޑުކަމާހުރެ، އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން، އަންގާރަ ދުވަހުން ފެށިގެން، ކާބޯތަކެތި މިސްކިތްތަކަށާއި، ބިނާ ތަކަށް ވެއްދުން ވަނީ މަނާކޮށްފައެވެ.

10 މާރޗް 2020 | އަންގާރަ 02:21
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ދަތުރުތަކުގެ މައުލޫމާތު ސިއްރުކުރާ ފަރާތްތައް ސައުދީގައި ޖޫރުމަނާ ކުރަން ނިންމައިފި

ދަތުރު ކުރުމަށް ފަހު އެކަމާއި ބެހޭ މައުލޫމާތު ހާމަނުކޮށް، ސިއްރުކުރާ މީހުން ބޮޑު ޢަދަދަކުން ޖޫރިމަނާ ކުރުމަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ. އެޤައުމުގެ ރަސްކަމުގެ ދަރުބާރުން މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ، މަޢުލޫމާތު ފޮރުވާ، އޮޅުވާލާ މީހުން ގިނަ ވެގެން 133،000 ޑޮލަރުން ޖޫރިމަނާ ކުރާނެކަމަށެވެ.

ސައުދީ ސަރުކާރުން މިގޮތައް ނިންމީ އެޤައުމުން، ވައިރަސް ފެނި، އެ ހިފަހައްޓަން މަސައްކަތް ކުރަމުންދާއިރު، ބައެއް ފަރާތްތަކުން ދަތުރުކޮށްފައިވާ ތަންތަނާއި، އަދި ބައެއް އެފަދަ މަޢުލޫމާތު ހޯދަމުން ދާއިރު، ބައެއް ފަރާތްތަކުން ސިއްރު ކުރަމުންދާތީއެވެ.

10 މާރޗް 2020 | އަންގާރަ 02:17
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް19: ސަޕްރަސްއިން ވައިރަސް ފެނިއްޖެ، މިއާއެކު ޔޫރަޕުގެ ހުރިހައި ޤައުމަކުން މިވަނި ވައިރަސް ފެނިފައި

ބޭރުގެ މީޑިއާތަކުން ޚަބަރުފަތުރާ ގޮތުގައި، ސައިޕްރަސްއިން ހޯމަ ދުވަހު ވަނީ ކޮވިޑް-19 އަށް ދެމީހަކު ޕޮޒިޓިވްވެފައެވެ.

މިއާއެކު، ޔޫރަޕުގެ 27 ޤައުމުން މިހާރު ވަނީ ވައިރަސް ފެނިފައެވެ.

10 މާރޗް 2020 | އަންގާރަ 02:13
Writer Profile Picture
ޒިހްނަތު ހަސަން
ކޯވިޑް-19: ވައިރަސްއާއި ގުޅޭ މަޢުލޫމާތު ގެނެސްދިނުމުގައި ޒިންމާދާރުވުމަށް ބްރޯޑްކޮމް އިން އިލްތިމާސްކޮށްފި

ކޯވިޑް-19 ގެ ބަލިމަޑުކަމާއި ބެހޭ މަޢުލޫމާތު ގެނެސްދިނުމުގައި ޒިންމާދާރު ވުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ އެ ކޮމިޝަނުން ނެރެފައިވާ ސަރކިއުލަރ އެއްގައި ވަނީ މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19 ރާއްޖެއިންވެސް ފެނިފައިވާ މި ދަނޑިވަޅުގައި، ޢާންމުންގެ މެދުގައި ބިރުވެރިކަން އުފެދި، ނުތަނަވަސްކަން އަންނަ ގޮތަށް ސާބިތު ނުހިފޭ މަޢުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، މިކަމާއި ގުޅޭ އެންމެހާ ކޮންޓެންސް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގައި، ސާފު ސީދާ ތެދު މަޢުލޫމާތު ގެނެސްދިނުމަށާއި ކަމާއި ގުޅޭ އިދާރާތަކުގެ ބަސް ހޯދައި، އެފަރާތްތަކާއި ޙަވާލާދީ ކޮންޓެންޓް ގެނެސްދިނުމަށް ބްރޯޑްކާސްޓަރުން މަސައްކަތް ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

10 މާރޗް 2020 | އަންގާރަ 02:08
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސްގައި މަރުވީ މީހުންގެ އަދަދު 4،000 އަށް ވުރެ މައްޗަށް އަރައިފި

ނޮވެލް ކޮރޯނާ ވައިރަސްގައި މަރުވީ މީހުންގެ އަދަދު 4،003 އަށް އަރައިފިއެވެ. ކޮވިޑް-19 ގެ މައޫލުމާތު އެންމެ ޞައްޙަކަމާއެކު ބަލަހައްޓަމުން އަންނަ "ވަރލްޑޯމީޓަރސް"ގެ ޑޭޓާ ބޭސްއަށް ބަލާއިރު، މިއަދު އެކަނިވެސް މުޅި ދުނިޔެއިން 198 މީހުން ވައިރަސްގައި މަރުވެފައިވެއެވެ.

މިހާތަނަށް 114,045 މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު، މިއަދު އެކަނިވެސް 4,094 ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ.

ވައިރަސްއަށް 47,208 ފަރުވާ ހޯދަމުންދާއިރު، ސީރިއަސް ޙާލަތުގައި 6,042 މީހުން އެބަތިބި ކަމަށް އެޑޭޓާ ބޭސްއިން ދައްކައެވެ.

އަދި ފަރުވާއަށް ފަހު 62,834 މީހުން މުޅިން ރަނގަޅުވެފައިވާކަމަށްވެސް އެ ޑޭޓާ ބޭސްއިން ދައްކައެވެ.

10 މާރޗް 2020 | އަންގާރަ 00:34
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ކެނެޑާއިން ފުރަތަމަ ފަހަރަށް މީހަކު ވައިރަސް ޖެހިގެން މަރުވެއްޖެ

ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ވައިރަސްގައި ހޯމަދުވަހު މަރުވީ، އެ ޤައުމުގެ އުތުރު ވެންކޫވާގެ ރައްޔިތެކެވެ. މިއީ އެޤައުމުން ވައިރަސް ޖެހިގެން މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

10 މާރޗް 2020 | އަންގާރަ 00:27
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފްރާންސްގެ ޕެރިސްގެ އެއަރޕޯޓުގެ ސީއީއޯ ވައިރަސްއަށް ޕޮޒިޓިވް ވެއްޖެ

ފްރާންސްގެ ޕެރިސްގެ މައި އިންޓަރނޭޝަނަލް ދެ އެއަަރޕޯޓު ހިންގާ ކުންފުނި ގްރޫޕޭ އޭޑީޕީ ސީއީއޯ، އޮގަސްޓިން ޑި ރޮމަނެޓް ވައިރަސްއަށް ޕޮިޓިވްވެއްޖެއެވެ.

ވައިރަސްއަށް ޕޮޒިޓިވްވި ނަމަވެސް އޭނާގެ ޞިއްޙީ ހާލަތު ރަނގަޅުކަމަށާއި، ދެހަފުތާ ވަންދެން ގޭގައި އެކަހެރިކޮށް މަޑުކުރުމަށް އޭނާ ނިންމާފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އޮގަސްޓިން ވައިރަސްއަށް ޕޮޒިޓިވްވުމާއި ގުޅިގެން ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާއާއި ބައްދަލުކޮށްފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

10 މާރޗް 2020 | އަންގާރަ 00:25
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: "ޓްރެވެލް ރިލޭޓެޑް" ކްލިނިކެއް މާލޭގައި ހުޅުވަނީ

ކޯވިޑް-19 އާއި ގުޅިގެން ޓެރެވަލް ރިލޭޓެޑް ކްލިނިކެއް މާލޭގައި ހުޅުވަން ނިންމައިފިއެވެ.

ކޯވިޑް-19 އާއިގުޅޭގޮތުން ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާލަތާއި ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މި ކްލިނިކް ހުޅުވިގެންދާނީ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ކަމަށެވެ.

މި ކްލިނިކް ހުންނާނީ މާލެ ހިޔާ ފުރަގަހުގައި އޮންނަ ޖާގައިގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކްލިނިކްގެ މަޤްސަދަކީ ރާއްޖެއިން ބޭރަށް ދަތުރުކުރައްވާފައި ތިބި ފަރާތްތަކުން އަދި ރާއްޖޭގައި ވެސް މިކަމުގެ އަލާމާތްތައް ހުރި ކަމަށް އަމިއްލައަށް ޝައްކު ކުރެވޭ ފަރާތްތަކަށް ގޮސް ޓެސްޓް ކުރެވޭނެ ވަސީލަތެއް ޤާއިމްކޮށްދިނުން ކަމަށެވެ.

އަދި ހުރިހާ ފަރާތްތަކަށްވެސް އެ ކްލިނިކަށް ދިއުމުގެ ފުރުޞަތު އޮންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

10 މާރޗް 2020 | އަންގާރަ 00:13
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މަދަނީ އެއްވުންތައް ބޭއްވުން އިރާޤުގައި މަނާކޮށްފި

އިރާޤުގެ ރައީސް މިއަދު އާންމު ކުރެއްވި ރިޔާސީ ޤަރާރެއްގައި ވަނީ، ހޯމަ ދުވަހުން ފެށިގެން ޢާންމު އެއްވުންތައް އިންތިޒާމު ކުރުމާއި، މަދަނީ އެއްވުންތައް ރާވާ ހިންގުމާއި، އަދި މިފަދަ ޙަރަކާތްތަކުގައި ބައިވެރިވުން މަނާކުރާކަމަށެވެ. މީގެ އިތުރުން މިދުވަސްވަރު ޤަދީމީ އަދި އާޘާރީ ބިނާތަކާއި ފަތުުރުވެރި މަންޒިލްތަކައް ދަތުރުކުރުން ވެސްވަނީ މަނާކޮށްފައެވެ.

މީގެ އިތުުރުން އިރާޤު ސަރުކާރުން ވަނީ އިރާން، ޗައިނާ، ދެކުނު ކޮރެއާ، އިޓަލީ، ޖަޕާން، ތައިލޭންޑް، ސިންގަޕޫރު، ކުވައިތު،އަދި ބަހްރައިން އަށް ދަތުރުކޮށްފައި އެނބުރި ޤައުމަށޤ އަންނަ ރައްޔިތުންވެސް 14 ދުވަސްވަންދެން އަމިއްލައަށް ކަރަންޓީންވެގެން ތިބުމަށް އަންގާފައެވެ.

10 މާރޗް 2020 | އަންގާރަ 00:05
Writer Profile Picture
އަޒްލިފާ އަބްދުﷲ
ކޮވިޑް:19 ވަގުތީ ގޮތުން އަރާފޭބުން ހުއްޓާލެވިފައިވަނީ ދެ ރިސޯޓެއްކަމަށް އެޗްޕީއޭއިން ބުނެފި

ރާއްޖޭގައި އަރާ ފޭބުން ވަގުތީ ގޮތުން މިވަގުތު ހުއްޓާލާފައިވަނީ ޅ. ކުރެއްދޫ އައިލަންޑް ރިސޯޓާއި، އއ. ސޭންޑީސް ބަތަލާގައި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. މިނޫން އެއްވެސް ރަށަކަށް އަރާ ފޭބުން ހުއްޓާލަން އަންގާފައި ނުވާނެ ކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.

10 މާރޗް 2020 | އަންގާރަ 00:03
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިރާނުގައި 70،000 އަށް ވުރެ ގިނަ ޤައިދީން ވަގުތީ ގޮތުން މިނިވަންކޮށްފި

އީރާނުގެ ދައުލަތުގެ މީޑިއާއިން ޚަބަރު ފަތުރާ ގޮތުގައި ހިފެހެއްޓުމެއް ނެތި، ވައިރަސް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދު ވަނީ 70،000 ޤައިދީން ވަގުތީ ގޮތުން މިނިވަންކޮށްފައެވެ. އެހެންނަމަވެސް، ބަލިމަޑުކަން ނިމުމުން އެމީހުންނާމެދު އަމަލުކުރާނެ ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.

އީރާނުގައި މިއަދު އެކަނިވެސް ވައިރަސްއަށް ފަރުވާ ހޯދަމުންދިޔަ 43 މީހުން ވަނީ މަރުވެފައެވެ. މިއާއެކު، މަރުވީ މީހުންގެ އަދަދު ވަނީ 237 އަށް އަރާފައެވެ.

9 މާރޗް 2020 | ހޯމަ 23:56
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިޓަލީން މިއަދު އެކަނިވެސް 97 މީހުން ވައިރަސްގައި މަރުވެއްޖެ

އިޓަލީ ވިލާތުގެ ނޫސް އޭޖެންސީތަކުން ޚަބަރުފަތުރާގޮތުގައި، މިއަދު އެކަނިވެސް އެޤައުމުން 97 މީހުން ވަނީ ވައިރަސްޖެހިގެން މަރުވެފައެވެ. މިހާރު މަރުވީ މީހުންގެ ޖުމުލަ އަދަދަކީ 463 އެވެ.

ވައިރަސް ޖެހުނު މީހުންގެ އަދަދު 9،000 އަށް އަރާފައިވާއިރު، ހަ މިލިޔަނަށްވުރެ ގިނަ މީހުންވަނީ ކަރަންޓީންކޮށްފައެވެ.

9 މާރޗް 2020 | ހޯމަ 23:51
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިރާނުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 237 އަށް

އީރާނު ސަރުކާރުން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ވައިރަސް ޖެހުނު މީހުންގެ އަދަދަކީ 237 އަދި މަރުވި މީހުންގެ އަދަދަކީ 43 އެވެ.

9 މާރޗް 2020 | ހޯމަ 23:34