ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެހީވުމަށް ވަރލްޑް ބޭންކުން ރާއްޖެއަށް 7.3 މިލިއަން ޑޮލަރު (112.57 މިލިިއަން ރުފިޔާ) ގެ އެހީދިނުމަށް ނިންމައިފިއެވެ.
ސަރުކާރު މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ހަމަޖައްސަން ނިންމައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އެކި މުއައްސަސާތަކާއި އިދާރާތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތްތަކުގައި އެކި ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް އެބަތިއްބެވެ. އެކަންކަމުގެ ސިޔާސަތުތައް ބައްޓަން ކުރުމުން ފެށިގެންގޮސް، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރަންޖެހޭ އަމަލީ މަސައްކަތްތަކުގައިވެސް ސަރުކާރުގެ ހުރިހާ އިދާރާތަކާއި ދައުލަތުގެ ބާރުތަކުގެ ބައިވެރިވުން ބޮޑެވެ. އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ފެނަކަ ކޯޕަރޭޝަންއިންވެސް މިދަނީ އަމަލީ ގޮތުން ބައިވެރިވަމުންނެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި ސްޕެއިން އިން ވަނީ ކޮވިޑް-19 ޖެހިގެން 950 މީހުން މަރުވެފައެވެ. އެއާއެކު އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ ދިހަހާހަށްވުރެ މައްޗަށް އަރާފަ އެވެ. އަދި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދުވެސް އަންނަނީ އެތައް ގުނައެއް އިތުރުވަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު ހާމަކުރި ތަފާސްހިސާބުތަކާއެކު އެގައުމުގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 102,136 ން 110,238 އަށް ވަނީ އަރާފަ އެވެ.
ސިންގަޕޫރުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ސްކޫލްތަކާއި މަސައްކަތް ކުރާ ގިނަ ތަންތަން 1 މަސް ދުވަހުގެ މުއްދަތައް ބަންދު ކުރަން ސިންގަޕޫރު ސަރުކާރުން ނިންމާ އެކަން ބޮޑުވަޒީރު ލީ ސެންގ ލޫންގް ހުކުރު ދުވަހު އިއުލާން ކުރައްވައިފިއެވެ.
މެދުކަނޑާލާފައި އޮތް ބެލްޖިއަމް ޕްރޯ ލީގު މި ހިސާބުން ކެންސަލްކުރުމަށް ފަހު، ލީގުގެ އެއްވަނައިގައި އޮތް ކްލަބު ބްރޫޖަށް ތަށި ދޭން އެ ގައުމުގެ ފުޓްބޯޅަ ލީގުގެ ބޯޑުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ބެލްޖިއަމް ޕްރޯ ލީގު މެދުކަނޑާލާފައިވާއިރު، ލީގުގެ އެއްވަނައިގައި ބްރޫޖް އޮތީ 15 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ލީގު ހުއްޓާލިއިރު، ފުރަތަމަ ބުރުގެ ބާކީ އޮތީ އެންމެ މެޗެކެވެ. ލީގު ރޭވިފައިވާ ގޮތުން ފުރަތަމަ ބުރުގައި 16 ޓީމު ކުޅޭއިރު، ދެވަނަ ބުރަށް ދަތުރުކުރާނީ ގަދަ 6 ޓީމެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފުރަތަމަ ތިން މީހުން ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެފްރިކާގެ ގައުމެއްކަމަށްވާ މަލާވީން ވައިރަސް ފެނުނުކަން އިއުލާންކޮށްފައިވަނީ އެގައުމުގެ ރައީސް އެވެ.
ކޮވިޑް-19 އަށް މިހާތަނަށް އާއިރު މުޅި ދުނިޔެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1 މިލިއަނަށް އަރައިފި އެވެ.
މިހާތަނަށް އާއިރު 1000115 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. މަރުވި މީހުންގެ އަދަދު ވަނީ 51530 މީހުންނަށް އަރާފަ އެވެ. ރަނގަޅުވެފައިވާ މީހުންވަނީ 211351 އަށް ވަނީ އަރާފަ އެވެ. މުޅި ދުނިޔެއިން 207 ގައުމަކާއި ސަރަހައްދަކުން ވަނީ މިހާތަނަށް އާއިރު ވައިރަސް ފެނިފަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ބުރާސްފަތި ދުވަހުން ފެށިގެން މާލެ ހިމެނޭ ސަރަހައްދުގައި ހިންގަންފަށާފައިވާ ކާފިއުގެ ފުރަތަމަ ދުވަހު އެގަޑީގައި ބޭރަށް ނިކުމެ އުޅުނު 95 މީހަކަށް ފުލުހުން ނަސޭހަތްދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކޮންމެ ދުވަހެއްގެ ހަވީރު 5 ން ރޭގަނޑު 8 ޖެހުމާހަމަައަށް ކާފިއު ހިންގުމަށް ނިންމާފައިވާއިރު މިއަދު އެގަޑީގައި ބޭރަށް ނިކުމެ އުޅުނު 95 މީހުންގެ ތެރޭގައި ހިމެނެނީ 13 ބިދޭސީއަކާއި 82 ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.
މިހާރު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ގިނަ ބައެއްގެ ކަރަންޓީނުގެ މުއްދަތު ހަމަވާން ކައިރިވެފައިވާކަމަށާއި އެހެންކަމުން އެމީހުން ދޫކޮށްލުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދާކަމަށް ޑޮކްޓަރ މޫސާ މުރާދު ވިދާޅުވެއްޖެ އެވެ. އެމަސައްކަތް ކުރިޔަށްދަނީ 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރާއިރު ކަރަންޓީނުގެ 14 ދުވަސް ގުނަނީ ކަރަންޓީނަށް މީހުންލާ ދުވަސް ނުގުނާކަމަށް ޑޮކްޓަރ ވިދާޅުވި އެވެ. ކަރަންޓީނަށް ލާ ދުވަހަކީ ފުރަތަމަ ދުވަސްކަމަށް ނުގުނާކަމަށާއި އެގޮތަށް 14 ދުވަސް ހަމަކޮށް 15 ވަނަ ދުވަހު ޓެސްޓް ހަދާނެކަމަށް ޑޮކްޓަރ ވިދާޅުވި އެވެ. އެގޮތުން ސާމްޕަލް ނަގާ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެއްޖެނަމަ އެމީހުން ދޫކޮށްލާނެކަމަށް ޑޮކްޓަރ ވިދާޅުވި އެވެ. އެހެންނަމަވެސް ނެގެޓިވް ވި ނަމަވެސް އެމީހުންގެ ސޭފްޓީ ކަށަވަރުކުރުމުގެ ގޮތުން ކުޑަ އެގްޒިޓް ސްކްރީނިންގ އެއް ހަދާނެކަމަށް ޑޮކްޓަރ ވިދާޅުވި އެވެ. އޭގަމާނައަކީ އެމީހުން ދޫކޮށްލާ ވަގުތު އެމީހުންގެ ގައިގައި އެއްވެސް އަލާމާތެއް ހުރިތޯ ބަލާނެކަމަށް ޑޮކްޓަރ ވިދާޅުވި އެވެ. ހުންހުރިތޯ އާއި ރޯގާ ހުރިތޯ އެމީހުން ކައިރީގައި އަހާނެކަމަށް ޑޮކްޓަރ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 4 މީހުންގެ ހާލު ރަނގަޅުކަމަށް ޑރ މޫސާ މުރާދު ވިދާޅުވެއްޖެ އެވެ. މިރޭ ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑޮކްޓަރ ވިދާޅުވީ ސިއްހީގޮތުން މާބޮޑު މައްސަލަތަކެއް ނުވަތަ ކޮމްޕްލިކޭޝަންތަކެއް ނޫޅޭކަމަށް ޑޮކްޓަރ ވިދާޅުވި އެވެ. އަދި ނެގެޓިވް މީހުންގެ ތެރެއިން 4 މީހަކު ދޫކޮށްލެވިފައިވާ ކަމަށް ޑޮކްޓަރ ވިދާޅުވި އެވެ. ނެގެޓިވް ވިއަސް ސަޝްޕިއަސް ބޮޑު މީހުން ބަލަހައްޓަމުން ގެންދާކަމަށް ޑޮކްޓަރ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ހަފްތާއަކު ދެދުވަހު ޕޭމަންޓްތައް ޕްރޮސެސްކުރުމުގެ ކަންކަން ކުރިޔަށްގެންދާނެކަމަށް އެމިނިސްޓްރީން މައުލޫމާތު ދީފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި މިކަމާއި ބެހޭ މައުލޫމާތު ބަނޑޭރި ޕޯޓަލް އަށް ވަނުމުން އޮންލައިންކޮށް ލިބޭނެކަމަށް މަބްރޫކް ވިދާޅުވި އެވެ. ބަނޑޭރި ޕޯޓަލްގައި ޖަހަންޖެހޭނީ އެމީހެއްގެ ވެންޑަރ ނަންބަރުކަމަށާއި އަދި ވެންޑަރ ނަންބަރު ނޭންގޭކަމަށްވާނަމަ އެބަޔަކަށް ލިބިފައިވާ ޕާޗޭސް އޯޑަރުތަކުގައި ވެންޑަރ ނަންބަރު ލިޔެފައި އޮންނާނެކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.
އެސްޓީއޯއިން 6.2 ޓަނުގެ ބޭސް އިންޑިޔާއިން ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް މަބްރޫކް ވިދާޅުވި އެވެ. އެސްޓީއޯ އެގްރި ސެންޓަރ މެއި މަހުގެ 1 ން ފެށިގެން ރާއްޖޭގައި ހުންނާނެކަމަށާއި ރާއްޖޭގައި ހެއްދޭ ކާބޯތަކެތި ގަންނާނެ ފެސިލިޓީއެއްގެ ގޮތުގައި މަސައްކަތްކުރާނެކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި މިކަމަށް ރަޖިސްޓްރީ ކުރުމަށް އެސްޓީއޯއިން އެދޭކަމަށް މަބްރޫކް ވިދާޅުވި އެވެ.
ކަރަންޓީނު ފެސިލިޓީތަކުގައި ތިބޭ މީހުންނަށް ތަކެތި ފޮނުވާ ގަޑިތަކަށް ބަދަލުގެނެވިފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ. 1624 ޕާރްސަލް މިހާތަނަށް އާއިރު އެކި ކަރަންޓީނު ފެސިލިޓީތަކަށް ގެންދެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންނާމެދު ސުވާލުތަކެއް އުފެދިގެން އުޅޭކަމަށާއި މާލެއަށް އާދެވުނު މީހުންނާއި ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންނާމެދު ސުވާލު ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވި އެވެ. މަރޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުން ރާއްޖެ އައި އެންމެން ވަނީ އެއްވެސް މީހަކު އިސްތިސްނާއެއް ނުކޮށް ކަރަންޓީނު ފެސިލިޓީތަކަށް ގެންގޮސްފައިކަމަށް މަބްރޫކް ވިދާޅުވި އެވެ. މަރޗް މަހުގެ 19 ވަނަ ދުވަހުގެ ކުރިން ރާއްޖެ އައި މީހުން ގޭގޭގައި އައިސޮލޭޝަންގައި ނޯޓިސްދެވިފައި ކަމަށް މަބްރޫކް ވިދާޅުވި އެވެ. މިކަމުގައި ވަކި މީހަކަށް ވީތީ ވަކިގޮތެއް ހެދިފައި ނޯންނާނެކަމަށާއި ވަކި ނުފޫޒެއް ފޯރުވައިގެން ކަރަންޓީނަށް ނުގޮސް ގެއަށް ދެވިފައި އަދި އައިސޮލޭޝަންގައި ހުންނަ މީހަކި އެހެން ނުހުންނާނެ ގޮތަކަށް މަސައްކަތްކޮށްފައި ނޯންނާނެކަމަށް މަބްރޫކް ވިދާޅުވި އެވެ. އެކަހަލަ ގޮތަކަށް ކުރާނަމަ ފިޔަވަޅު އެޅިފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.