ކޮވިޑް-19: އެންމެ ފަހުގެ

29,484,715
  • ކޮވިޑް-19: ކުޅިވަރު ދަނޑުތައް ބަންދުކޮށްފި
  • ކޮވިޑް-19: ވައިރަސް އިން ރައްކާތެރިވުމަށް އިސްރަށްވެހިންގެ ޖަމިއްޔާ އިން ގޮވާލައިފި
  • ކޮވިޑް-19: އީޔޫގެ ގައުމުތަކުގެ ފިނޭންސް މިނިސްޓަރުން ހޯމަ ދުވަހު ވީޑިއޯ ކޯލެއް ކުރައްވަނީ
 
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ކުޅިވަރު ދަނޑުތައް ބަންދުކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ރައްކާތެރި ފިޔަވަޅު އެޅުމުގެގޮތުން މާލޭ ސަރަހައްދުގައި ގާއިމްކޮށްފައިވާ ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނުގައި ބުނީ ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމަށް ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމަށް އެ ވުޒާރާއިން ނިންމައިފައިވާ ކަމަށާއި މި ނިންމުން ނިންމީ ގިނަ މީހުން އެއްތަނަކަށް ޖަމާވެގެން ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާތީ، އެ އެޖެންސީގެ ލަފާގެ މަތިން ކަމަށެވެ.

15 މާރޗް 2020 | އާދީއްތަ 19:36
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ވައިރަސް އިން ރައްކާތެރިވުމަށް އިސްރަށްވެހިންގެ ޖަމިއްޔާ އިން ގޮވާލައިފި

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަން އިސްރަށްވެހިންގެ ޖަމިއްޔާ އިން ދުވަސްވީ މީހުންނަށް ގޮވާލައިފި އެވެ.

ކޮވިޑް-19 އިން އެންމެ ބޮޑަށް އަސަރު ކުރަނީ ދުވަސްވީ މީހުންނަށާއި ކުޑަކުދިިންނަށާއި މާބަނޑު އަންހެނުންނަށާއި ދާއިމީ ބައްޔަށް ފަރުވާ ކުރާ، ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހުންނަށެވެ. އިސްރަށްވެހިންގެ ޖަމިއްޔާ އިން ދުވަސްވީ މީހުންނަށް އިލްތިމާސް ކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މި ބަލިން ރައްކާތެރި ވުމަށްޓަކައި ސިއްހީ އިދާރާތަކުން ކަނޑައަޅާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރާށެވެ.

15 މާރޗް 2020 | އާދީއްތަ 19:22
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: އީޔޫގެ ގައުމުތަކުގެ ފިނޭންސް މިނިސްޓަރުން ހޯމަ ދުވަހު ވީޑިއޯ ކޯލެއް ކުރައްވަނީ

އީޔޫގެ ގައުމުތަކުގެ ފިނޭންސް މިނިސްޓަރުން ހޯމަ ދުވަހު ވީޑިއޯ ކޯލެއް ކުރައްވާ އީޔޫގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުުރުމަށް ހަމަޖެހިފައިވާ ކަމަށް އީޔޫއިން ބުނެފި އެވެ. އެގޮތުން އީޔޫގެ ގައުމުތަކަށް އިގްތިޞާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާއި މިކަންކަމުން އަރައިގަންނާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

15 މާރޗް 2020 | އާދީއްތަ 19:20
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: އެމެރިކާގެ އެއަރޕޯޓްތަކުގައި ސްކްރީންކުރުމަށް ވަގުތުނަގާތީ މީހުންގެ ކަންބޮޑުވުން އިތުރުވަނީ

ކޮވިޑް-19 ހަލުވިމިނުގައި ޔޫރަޕްގެ ގައުމުތަކުގައި ފެތުރެމުންދާތީ އެމެރިކާއަށް ޔޫރަޕްގެ ގައުމުތަކުން އެތެރެވާ އެގައުމުގެ ރައްޔިތުން ސްކްރީން ކުރުމަށް ގިނަ ވަގުތުނަގާތީ އެއަރޕޯޓްތަކުގައި މީހުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ. އެގޮތުން ގިނަ ވަގުތު ކިޔުގައި ތިބެންޖެހުމުން ރައްޔިތުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

15 މާރޗް 2020 | އާދީއްތަ 19:12
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ސްޕެއިންގައި އަލަށް 2000 މީހުންނަށް ވައިރަސް ޖެހި 100 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

ކޮވިޑް-19 ސްޕެއިންގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު އެގައުމުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި މިވައިރަސް އަލަށް 2000 މީހުންނަށް ޖެހިއްޖެ އެވެ. އަދި ސަތޭކައަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުން ބުނެއެވެ. މިހާތަނަށް އާއިރު އެގައުމުން 7,753 މީހުންނަށް މިވައިރަސް ޖެހިފައިވެ އެވެ. އަދި 288 މީހުން ވަނީ މަރުވެފަ އެވެ. އެއާއެކު ކޮންމެހެން ބޭރަށް ނިކުންނަންޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް ސްޕެއިންގައި ވަނީ އަންގާފަ އެވެ.

15 މާރޗް 2020 | އާދީއްތަ 18:49
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ސްޕެއިން އައި ދިވެއްސެއް ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓް ކުރަނީ

ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި، ސްޕެއިން އިން ރާއްޖެ އައި ދިވެއްސެއް، ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

15 މާރޗް 2020 | އާދީއްތަ 18:30
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: އިނގިރޭސިވިލާތުގެ ރައްޔިތުން އެމެރިކާއަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެގައުމުން އެދެފި

ކޮވިޑް-19 އެމެރިކާގައި ފެތުރެމުންދާތީ އިނގިރޭސިވިލާތުގެ ރައްޔިތުން އެމެރިކާއަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެގައުމުން އެދެފި އެވެ.

15 މާރޗް 2020 | އާދީއްތަ 18:28
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ދިވެހިންނަށް ލަންކާއިން ދެމުން އަންނަ އޮން-އެރައިވަލް ވިސާދިނުން ހުއްޓާލައިފި

ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ސްރީލަންކާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ޚަރުދަނާކުރުމުގެ ގޮތުން 15 މަރޗްގެ ރޭގަނޑު 23:30 އިން ފެށިގެން އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ގައުމަކަށްވެސް ރާއްޖެހިމެނޭގޮތަށް މި ޚިދުމަތް ދިނުން ހުއްޓާލާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެހެންކަމުން އޮފިޝަލް އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކާއި ސްރީލަންކާގެ ރެޒިޑެންޓް ވިސާ އޮންނަ ފަރާތްތައް ފިޔަވައި ހުރިހާ ދިވެހިންނަށްވެސް ލަންކާއަށް ޒިޔާރަތްކުރުމުގައި އޮންނަ އޮން އެރައިވަލް ވިސާގެ ޚިދުމަޔް ވަގުތީގޮތުން މެނދުކަނޑާލާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސްރީލަންކާއަކީ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނަ އަދި އާންމުކޮށް ދަތުރުކޮށް އުޅޭ ޤައުމަކަށްވެފައި އަދި ޚާއްސަކޮށް ސިއްހީ ފަރުވާ ހޯދުމަށް ދިވެހިން އެންމެ ގިނައިން ޚިޔާރުކުރާ އެއް ގައުމަކަށްވާތީ ކޮންމެހެން ސްރީލަންކާ އަށް ޒިޔާރަތްކުރަން މަޖުބޫރުވާ ފަރާތްތަކުން އެގައުމުގެ އިލެކްޓްރޯނިކް ވިސާ އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ވިސާ ނަގަންޖެހޭނެކަމަށް މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން އެވަގުތެއްގައި ދަތުރުފަށާ ގައުމެއްގެ ހާލަތަށްބަލާ ހުރިހާ ދަތުރުވެރިންވެސް 14 ދުވަހުގެ ކަރަންޓީނުގައި ތިބެންޖެހުން އެކަށީގެންވާކަމަށްވެސް ލަންކާ ސަރުކާރުން އަންގާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

15 މާރޗް 2020 | އާދީއްތަ 18:25
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ރާއްޖެއަށް އެންމެ ބޭނުންވާ ތަކެތީގެ އެހީތެރިކަން ޗައިނާއިން ފޯރުކޮށްދެނީ

ކޮވިޑް-19 ކޮންޓްރޯލުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޗައިނާއިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމަށް ރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ދާދި ފަހުން ބުނެފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސަފީރު ޒަންގް ލިޖޮންގް ވަނީ ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ. ޝާހިދު ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމަށާއި އިތުބާރުކުރެވޭ އެކުވެރިއެއް ކަމަށެވެ.

15 މާރޗް 2020 | އާދީއްތަ 17:59
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19: ގަތަރުއެއާވޭސްގެ ފްލައިޓެއް މޮނިޓަރިންގެ ހާލަތަށް

އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ގަތަރު އެއާވޭޒްގެ ފްލައިޓަކުން ކޮވިޑް-19 އިގެ އަލާމާތްތަކެއް ހުރި މީހަކު ފެނުމާއި ގުޅިގެން އެ ފްލައިޓް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ މަބްރޫކް އަޒީޒް ވަނީ ފްލައިޓެއް މޮނީޓަރިންގެ ހާލަތަށް ގެންދެވިފައިވާކަން ''ރާއްޖެ.އެމްވީ'' އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ މީހާ ވަނީ މިހާރު އެކަހެރި ކޮށްފައެވެ. އަލާމާތްތައް ފެނުނީ ކޮން ގައުމެއްގެ މީހެއް ކަމެއް ނުވަތަ އެމީހާގެ ވަަނަވަރެއް މަބްރޫކް ހާމައެއް ނުކުރައްވައެވެ. އޭނާ ވިދާޅުވީ، އެކަމާއި ގުޅޭގޮތުން ފަހުން މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.

15 މާރޗް 2020 | އާދީއްތަ 17:55
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: އުރީދޫގެ ބިލް މިމަހު ނުދެއްކުނަސް ޚިދުމަތް ކަނޑާނުލާނެ

އުރީދޫގެ ބިލް މިމަހު ނުދެއްކުނަސް ޚިދުމަތް ކަނޑާނުލާނެ ކަމަށް އުރީދޫން ބުނެފި އެވެ. ފޯނު ބިލާއި، ފައިބަރ އަދި ވަޔަރލަސް ބްރޯޑްބޭންޑްގެ ބިލު ހިމެނޭހެން އަދި ކުދި ވިޔަފާރިތަކުން އުރީދޫއަށް ދައްކަންޖެހޭ ބިލްތަކަށް މި މަހު ފައިސާ ނުދެއްކުނަސް ހިދުމަތް ކަނޑާނުލާނެ ކަމަށް ބުނެފައިވެއެވެ.

އަދި މި މަހުގެ ނިޔަލަށް އުރީދޫ ކަސްޓަމަރުންނަށް، އެހެން ނެޓްވޯކްތަކުގެ ނަމްބަރުތައްވެސް ހިމެނޭހެން ހިލޭ އެސްއެމްސް ކުރެވޭނެއެވެ. އަދި އެޗްޕީއޭއިން އަންގައިގެން ގޭގައި މަޑުކުރަން ޖެހޭ އާއިލާތަކަށް ސުޕަރނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ. ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ގުޅިގެން އެ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

15 މާރޗް 2020 | އާދީއްތަ 17:03
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19:ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފަނޑިޔާރުން ޢަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ކޮވިޑް-19 ރޯގާގެ ނުރައްކަލާ ގުޅިގެން އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެޙާލަތުގައި ފަނޑިޔާރުން ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި މިއަދު ބޭއްވުނު ކޮމިޝަނުގެ ޖަލްސާގައި މަޝްވަރާކޮށްފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ން ބުނެފި އެވެ.

އެގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ސެލްފް އައިސޮލޭޝަންއަށް ނުވަތަ އައިސޮލޭޝަންއަށް ފޮނުވާ ނުވަތަ ކަރަންޓީންކުރާ ފަރާތްތައް ވަޒީފާއަށް ނުނިކުމެ ހުންނަ މުއްދަތު އަހަރީ ޗުއްޓީއާއި އެހެނިހެން ޗުއްޓީތަކުން ނުކެނޑޭ ގޮތަށް އަދި މުސާރައާ ޢިނާޔަތްތައް ލިބޭގޮތަށް މިދުވަސްތަކުގައި ދޫކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކޮމިޝަނުން ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

15 މާރޗް 2020 | އާދީއްތަ 17:00
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ސަރކް ލީޑަރުންގެ ކޮންފަރެންސް ފަށައިފި

ސަރކް ލީޑަރުންގެ ކޮންފަރެންސް ފަށައިފި އެވެ. މިހާރު ވާހަކަދައްކަވަމުން ގެންދަވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެވެ.

15 މާރޗް 2020 | އާދީއްތަ 16:44
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: އުޒްބަކިސްތާނުން ވައިރަސްއަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފެނިއްޖެ

އުޒްބަކިސްތާނުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފުރަތަމަ މީހާ ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ. މިމީހައަކީ ފްރާންސުން އައި މީހެއްކަމަށް އެގައުމުން ބުނެއެވެ.

15 މާރޗް 2020 | އާދީއްތަ 16:23
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ކޮންގޯއިން ވައިރަސްއަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފެނިއްޖެ

ކޮންގޯއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފުރަތަމަ މީހާ ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ. މިމީހާއަކީ 50 އަހަރުގެ މީހެއްކަމަށް އެގައުމުން ބުނެއެވެ.

15 މާރޗް 2020 | އާދީއްތަ 16:21
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ކަޒަކިސްތާނުން ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފި

ކޮވިޑް-19 ފެތުރެމުންދާތީ ކަޒަކިސްތާނުގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފި އެވެ. އެގައުމުން މިހާތަނަށް މިވައިރަސް އަށް ޕޮޒިޓިވް ވެފައިވާ 8 މީހަކު ވަނީ ފެނިފަ އެވެ.

15 މާރޗް 2020 | އާދީއްތަ 16:19
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ކުޅިވަރު ކުޅޭ ހުރިހާ ތަންތަނާއި މަރުކަޒުތައް ބަންދުކުރުމަށް ނިންމައިފި

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެންޕަވަޔަމެންޓްގެ ދަށުގައިވާ ހުރިހާ ކުޅިވަރުކުޅޭ ތަންތަނާއި މަރުކަޒުތައް ބަންދުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

" އެޗްޕީއޭގެ ލަފާގެ މަތިން ކުރިއަށް އޮތް ދެ ހަފްތާއަށް، މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ކުޅިވަރުކުޅޭ ތަންތަން ބަންދުކުރަން ނިންމާފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަން." މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

15 މާރޗް 2020 | އާދީއްތަ 16:09
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު އެލަވަންސް ދެ މަހަށް

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މަރޗް އަދި އޭޕްރީލް މަހުގައި %30 ހިލޭ އިތުރު އެލަވަންސެއް ދިނުމަށް ނިންމައިފި އެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމަށް ދިރާގުން ނިންމި ނިންމުމެކެވެ.

މީގެއިތުރުން ދިރާގުން ވަނީ އެކުންފުނީގެ މޯބައިލް ކަސްޓަމަރުންނާއި ވިޔަފާރި ކަސްޓަމަރުންނަށްވެސް އިތުރު ލުއި ފަސޭހަތަކެއް ދިނުމަށް ނިންމާފައިކަމަށް އެކުންފުނިން ބުނެއެވެ.

15 މާރޗް 2020 | އާދީއްތަ 16:06
Writer Profile Picture
އާއިޝަތު ޝިއުރާ
ރާއްޖެއިން ޕޮޒިޓިވް މީހުންގެ އަދަދު 13 އަށް

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތް ފެނިގެން ސަފާރީއެއްގައި ތިބި 2 ބިދޭސީއެއްގެ ސާމްޕައިލް ނަގާ އުޅަނދު މޮނިޓަރ ކުރަމުންދާކަމަށް ހޮނިހިރު ދުވަހު އެޗްޕީއޭއިން ހާމަކޮށްފައިވާއިރު އެކަމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ކޮވިޑް-19 ގެ ޓާސްކްފޯސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ސަފާރީއިން ޓެސްޓްކުރި ދެމީހުންވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި 2 ބިދޭސީން ސަފާރީ އުޅަނދެއްކަމުގައިވާ ވައިޓް ވޭވްސްގައި އެކަހެރިކޮށް، އެފަރާތް ތަކުގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައި، ސަފާރީ އުޅަނދު މޮނީޓަރިންގ ހާލަތަކަށް ގެނެވިފައިވަނީ ހޮނިހިރު ދުވަހުގައެވެ. މަބްރޫކް ވިދާޅުވީ، އެ ސަފާރީ އެންމެ ފަހުން ހަރަކާތްތެރިވެފައިވަނީ ފުވައްމުލަކު ސަރަހައްދުގައިކަމަށެވެ.

މިހާތަނަށް ފެނުނު ޕޮޒިޓިވް ކޭސްތައް

ކުރެއްދޫ އައިލެންޑް ރިސޯޓް: 5

ސޭންޑީޒް ބަތަލާ: 2

އަނަންތަރާ ދިގު: 2

ކުރަމަތި ރިސޯޓް: 2

ވައިޓް ވޭވްސް ސަފާރީ: 2

15 މާރޗް 2020 | އާދީއްތަ 15:59
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ފަސްކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ މުބާރާތްތައް ފަސްކޮށްފި އެވެ.

އެފްއޭއެމުން މިގޮތަށް ނިންމިއިރު، މިމަހުގެ 12 ވަނަ ދުވަހު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު މިވަގުތު ވަނީ ލަންކާގައި ކަރަންޓީނުކޮށްފައެވެ.

މިހާތަނަށް މި ސީޒަނުގައި ބާކީ އޮތީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕެވެ. އެފްއޭއެމުން މި ދެ މުބާރާތްވެސް ފަސްކުރިއިރު، ހޯމަ ދުވަހު އެފްއޭ ކަޕްގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް އޮތީ ހަމަޖެހިފައެވެ.

އެފްއޭ ކަޕް ފަސްކުރުމާއެކު، ޕްރެޒިޑެންޓްސް ކަޕްވެސް ވަނީ ފަސްކޮށްފައެވެ. މީގެ ކުރިން ޕްރެޒިޑެންޓްސް ކަޕްގެ ކުޅުން ފަށަން ކުރިން ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އެވެ.

15 މާރޗް 2020 | އާދީއްތަ 14:36
Writer Profile Picture
އަމްނާ އިމާދު
އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަމެއްދޭންޖެހޭ: މިނިސްޓަރު އަމީން

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މިމަސައްކަތްތަކުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އެގޮތުން ހާލަތުގައި ޚާއްސަ ގޮތެއްގައި އުމުރުން ދުވަސްވީ މީހުންނަށް ބެލުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ. އުމުރުން ދުވަސްވީ މީހުން ކޮންމެހެން ދާންޖެހޭ ތަންތަނަށް ނޫނީ ނުދިއުމަށް އެދޭ ކަމަށެވެ.

އަދި ވިދާޅުވީ އެބޭފުޅުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުގެ މައުލޫމާތާއެކު އިރުޝާދުތަކަށް އަމަލު ކުރުން މުހިންމު ކަމަށެވެ.

15 މާރޗް 2020 | އާދީއްތަ 13:35
Writer Profile Picture
އަމްނާ އިމާދު
ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާ ކުރި ޓެސްޓް ކިޓްތައް ހަދިޔާކޮށްފި

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާ ކުރި ކޮވިޑް-19އަށް ޓެސްޓްކުރެވޭ ކިޓްތައް ހަދިޔާކޮށްފިއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މާއުލޫމާތު ހިއްސާކުރަމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި

މިޓެސްޓް ކިޓްތަކާއި ހަވާލުވެޑައިގެންނެވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންނެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ޓެސްޓްކުރުމުގެ ކެޕޭސިޓީ އިތުރުކުރުމާއި ގާބިލްކަންފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ.

އެގޮތުން ޑަބްލިއުއެޗްއޯއިން 5000 ޓެސްޓް ކިޓް ހަދިޔާކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

15 މާރޗް 2020 | އާދީއްތަ 13:21
Writer Profile Picture
އަމްނާ އިމާދު
ޝަހީދުންގެ ދުވަހުގެ ޖަލްސާ މިއަހަރު ނުބާއްވާނެ: ހޯމް މިނިސްޓްރީ

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ މިއަހަރު ނުބާއްވާގޮތަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒުން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ މީހުން ބައިވެރިވާ ހަރަކާތްތައް ނުބޭއްވުމަށް ކަމާގުޅުންހުރި މުއައްސަސާތަކުން ބާރުއަޅަމުންދާތީ، ކޮންމެ އަހަރަކު ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ މިއަހަރު ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީގެ އެކްޒެކްޓިވް ކޮމިޓީގެ ލަފާގެ މަތިން މިގޮތަށް ނިންމި ނަމަވެސް ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދަން ރާވާފައިވާ ގިނަ މީހުންގެ އެއްވުން ނުހިމެނޭ ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ.

15 މާރޗް 2020 | އާދީއްތަ 11:06
Writer Profile Picture
ޒިހްނަތު ހަސަން
އަނަންތަރަ ދިގުން ވައިރަސްއަށް ޓެސްޓުކުރި ބިދޭސީއަކު ކޮވިޑް-19އަށް ޕޮޒިޓިވް

އަނަންތަރަ ދިގުން ވައިރަސްއަށް ޓެސްޓުކުރި ބިދޭސީއަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއާއެކު ރާއްޖެއިން ވައިރަސް ޖެހުނު މީހުންގެ އަދަދަކީ 11 އެވެ. މިހާރު އޭނާ ވަނީ ފަރުކޮޅުފުށީގެ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައެވެ.

15 މާރޗް 2020 | އާދީއްތަ 10:36
Writer Profile Picture
އަމަން ހަލީމް
ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނިކުތުން ސްޕެއިންގައި މަނާކޮށްފި

ހޯމަ ދުވަހުން ފެށިގެން، ކޮންމެހެން ބޭރަށް ދާން ޖެހިއްޖެ ހާލަތެއް މެދުވެރިވެގެން ނޫނީ ގެއިން ބޭރަށް ނިކުތުން ސްޕެއިން ސަރުކާރުން މަނާކޮށްފިއެވެ.

ޒަރޫރީ ބޭނުންތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ކާބޯތަކެތި ގަންނަށް ދިއުމާއި، ބޭސް ފިހާރައަށް ދިއުމާއި، ވަޒީފާއަށް ނުވަތަ ހޮސްޕިޓަލަށް ދިއުމެވެ. އެ ނޫނަސް ކުއްލި ހާލަތެއް ދިމާވެގެން ގެއިން ބޭރަށް ދެވޭނެ ކަމަށް ސްޕެއިން ސަރުކާރުން ވަނީ އަންގާފައެވެ.

ވިލާތުގެ ގައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑަށް ކޮރޯނާވައިރަސް ފެތުރިފައިވާ ގައުމަކީ ސްޕެއިންއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގެ 6391 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 611 މީހަކު މަރުވެފައިވާއިރު، ފަރުވާ ދިނުމަށް ފަހު ބަލި ފަސޭހަވަގެން ދޫކޮށްލާފައިވާ މީހުންގެ އަދަދަކީ 517 އެވެ.

15 މާރޗް 2020 | އާދީއްތަ 08:30