ޔޫރަޕުގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބާސެލޯނާގެ ދަނޑުގައި ބާސާ އަދި ނާޕޮލީ ބައްދަލުކުރާ މެޗަށް ސަޕޯޓަރުން ނުވައްދާ ކުޅެން ނިންމައިފިއެވެ.
ސްޕެއިންގެ ކެޓަލޯނިއާ ސަރުކާރުގެ ސިއްހަތާބެހޭ ވަޒީރު ވިދާޅުވީ މި ނިންމުން ނިންމީ އާންމުންގެ ސިއްހަތައް ބެލުމުގެ ގޮތުން ކަމަށެވެ.
ބާސާ އަދި ނާޕޮލީ މެޗުގެ އިތުރުން ޕީއެސްޖީ އަދި ޑޯޓުމުންޑް ބައްދަލުކުރާ މެޗަށް ވެސް ސަޕޯޓަރުން ނުވެއްދުމަށް ނިންމައިފައިވާ ކަމަށް ޔޫއެފާއިން ބުނެއެވެ.
ކޮވިޑް-19 ފެތުރެމުންދާތީ މީހުން އެއްވެއުޅޭ ތަންތަނަށް ނުދިޔުމަށް ބާރު އެޅުމުގެ ގޮތުން ކަސްޓަމަރުން ޓިކެޓް ގަތުމަށް ޓިކެޓް އޮފީހަށް ދިޔުމުގެ ބަދަލުގައި ވެބްސައިޓާއި ވައިބަރ ޕްލެޓް ފޯމާއި މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ގަތުމަށް މޯލްޑިވިއަނުން އިލްތިމާސްކޮށްފި އެވެ.
ޅ. ކުރެއްދޫގައި ތިބި ފަތުރުވެރިންގެ ތެރެއިން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނުފެންނަ ފަތުރުވެރިން ފުރުވާލުމުގެ އިންތިޒާމްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ
އެގޮތުން މިހާރު ކުރެވެމުންދާ މަސައްކަތަކީ އެ ފަރާތްތައް އެކަހެރިކޮށް ފުރުވާލެވޭނެ މަގެއް ފެނޭތޯ ބެލުން ކަމަށާއި، މިހާރު ހިނގަމުންދާ ހާލަތަށް ބެލުމަށް ފަހު އެކަމުގައި ގޮތެއް ނިންމަވާނެ ކަމަށް ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވި މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.
ކުރަމަތި އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވިގެން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވަނީ ބިދޭސީ ފަތުރުވެރިއެކެވެ.
އެ ރިސޯޓަށް އަރާ ފޭބުން މިހާރު މަނާކޮށްފައިވާއިރު، ވައިރަސް އެ މީހާ ގައިގައި ހުރިތޯ ޓެސްޓް ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. އަންދާޒާކުރެވޭ ގޮތުގައި މިއަދުގެ ވަގުތެއްގައި އެ މީހާގެ ޓެސްޓުތަކުގެ ނަތީޖާ ލިބޭނެއެވެ.
ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ވިލަމެންދޫ ރިސޯޓުން އައިސޮލޭޝަނަށް ގެންދެވުނު މީހާ ކުރެއްދޫ އައިލެންޑް ރިސޯޓަށް ދަތުރުކޮށްފައިވާ ކަން ހާމަވެއްޖެއެވެ.
އެ މީހާ ކުރެއްދޫއަށް ދަތުރުކޮށްފައިވަނީ ޗުއްޓީއެއް ހޭދަކޮށްލުމަށެވެ. އޭނާއަކީ ވިލަމެންދޫގައި މަސައްކަތްކުރާ ދިވެހި މުވައްޒަފަކެވެ. އަދި އޭނާ ދެނެގަނެވިފައި ވަނީ ކުރެއްދޫއިން ބައްޔަށް ޕޮޒިޓިވްވީ މީހާގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ ތެރޭގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގާއިމްކޮށްފައިވާ ޓްރެވަލް ކްލިނިކުން 24 ގަޑިއިރުގެ ހިދުމަތް ލިބޭނެ ކަމަށް ސަރުކާރުން މައުލޫމާތު ދީފިއެވެ.
މި ޓްރެވަލް ކްލިނިކަކީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނަ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ކްލިނިކެކެވެ. އެގޮތުން އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން ކްލިނިކްގެ ހިދުމަތްތައް ލިބިގެންދާނެކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. މި ކްލިނިކް ގާއިމް ކުރެވިފައިވަނީ ސެނަހިޔާ-2 ފުރަގަހުގައި އޮންނަ ޖާގައިގައެވެ.
ކޮވިޑް-19 އާ ގުޅިގެން އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސެނަހިޔާ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ގާއިމްކޮށްފިއެވެ.
މި ފްލޫ ކްލިނިކަކީ ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ކޮވިޑް-19 ފެތުރެމުންދާ ހޮޓް ސްޕޮޓެއް ނުވަތަ ގައުމަކަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ތެރެއިން އަރިދަފުސް ރޯގާގެ އަލާމާތްތައް ފެންނަ ފަރާތްތަކަށް ހާއްސަކޮށްގެން ގާއިމްކޮށްފައިވާ ކްލިނިކެކެވެ.
ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހުން އައިސޮލޭޓް ކުރުމަށް ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީތަކުގައި މިހާރު ތިބީ 19 މީހުންކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އޭގެ ތެރެއިން 10 މީހަކު ތިބި ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައެވެ. އަދި އަނެއް 9 މީހުން ތިބީ ވިލިވަރު ބިޔާދޫގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައެވެ.
ކޮވިޑް-19 އަށް ޝައްކުކުރެވިގެން ޓެސްޓްކުރި 71 ސާމްޕަލްގެ ތެރެއިން 65 ސާމްޕަލެއްގެ ނަތީޖާ ނެގެޓިވް ކަމަށް ސަރުކާރުން މައުލޫމާތު ދީފިއެވެ.
ސަރުކާރުގެ ފަރާތުން އުފައްދާފައިވާ ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިހާތަނަށް ޓެސްޓްކުރެވި ނަތީޖާ ނުލިބިވާ އެއްވެސް ސާމްޕަލްއެއް ނެތް ކަމަށެވެ.
ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 3 މީހަކު ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ކުރެއްދޫއިން ޖުމްލަ 4 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން އެކަކު މިހާރުވެސް ހުރީ ފަރުކޮޅުފުށީގައި ގާއިމްކުރެވިފައިވާ އައިސޮލޭޝަން ފެސިލިޓީގައެވެ. ޕޮޒިޓިވްވީ 3 މީހުންނާއެކު، ބަލީގެ އަލާމާތްތަކަށް ޝައްކުކުރެވޭ އިތުރު 2 މީހަކުވެސް ފަރުކޮޅުފުއްޓަށް ގެންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފިލިޕީންސް އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 35 ށް އަރާފައިވާކަމަށް އެގައުމުން ބުނެފި އެވެ.
މިއަދު އެގައުމުން ވަނީ 11 މީހުންނަށް މިވައިރަސް ޖެހިފައެވެ. ފިލިޕީންސްގައި ވަނީ ޕަބްލިކް ހެލްތު އެމަރޖެންސީއެއް އިއުލާންކޮށްފަ އެވެ. އަދި އެގައުމުގެ ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ.
ކޮވިޑް-19 އާއި ގުޅިގެން އެމްޑަބްލިޔުއެސްސީގެ އޮންލައިންގެ ޚިދުމަތްތައް ބޭނުންކުރުމަށް އިލްތިމާސްކޮށްފި އެވެ. އެކަމާއި ގުޅިގެން އެމްޑަބްލިޔުއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކަސްޓަމަރ ސަރވިސް ކައުންޓަރަށް ވަޑައިގަތުމުގެބަދަލުގައި، މިކުންފުނީގެ މޯބައިލް އެޕް އަދި އޮންލައިން ޚިދުމަތުގެ ބޭނުން ހިފުމަށް މިކުންފުނިން ކަސްޓަމަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލޭގެ މިސްކިއްތަކަށް ދާ މީހުން ބޭނުން ކުރުމަށް ދިޔާ ސައިބޯނި ބަހަށްޓަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާސް އާއި މާލެ ސިޓީ ކައުންސިލް އިން ގުޅިގެން ނިންމައިފިއެވެ.މި ވައިރަސް އާއި ގުޅިގެން މާލޭގެ މިސްކިއްތަކަށް ދާ މީހުން ބޭނުން ކުރުމަށް ދިޔާ ސައިބޯނި ބެހެއްޓިގެން ދާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާސް ގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދުﷲ ޖަމީލް ކުރައްވާފައިވާ ޓްވީޓް އެއްގައި ވިދާޅުވެފައި ވެއެވެ.
ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުންދާ 10 ގައުމަކީ:
ޗައިނާ: 80،754 މީހުންނަށް ވައިރަސް ޖެހިފައި، 3136 މީހުން މަރުވެފައި
އިޓަލީ: 9,172 މީހުންނަށް ޖެހިފައި، 463 މީހުން މަރުވެފައި
ސައުތު ކޮރެއާ: 7,513 މީހުންނަށް ޖެހިފައި، 54 މީހުން މަރުވެފައި
އިރާން: 7,161 މީހުންނަށް ޖެހިފައި، 237 މީހުން މަރުވެފައި
ޖަޕާން: 1,210 މީހުންނަށް ޖެހިފައި، 16 މީހުން މަރުވެފައި
ފްރާންސް: 1,116 މީހުންނަށް ޖެހިފައި، 30 މީހުން މަރުވެފައި
ޖަރމަނީ: 1,112 މީހުންނަށް ޖެހިފައި، 2 މީހުން މަރުވެފައި
އެމެރިކާ: 728 މީހުންނަށް ޖެހިފައި، 26 މީހުން މަރުވެފައި
ސްޕެއިން: 647 މީހުންނަށް ޖެހިފައި، 28 މީހުން މަރުވެފައި
އިނގިރޭސިވިލާތް: 273 މީހުންނަށް ޖެހިފައި، 5 މީހުން މަރުވެފައި
ތައިލެންޑުން އިތުރު 3 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ. އެއާއެކު އެގައުމުން މިވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 53 ށް އަރާފަ އެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 33 ގައެވެ.
ރާއްޖެއިން މިހާރު ފެނިފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ކްލަބު މޯލްޑިވްސް ކަޕް ފަސްކުރަން ނިންމައިފި އެވެ.
މި މުބާރާތް ފެށުމަށް ކުރިން ތާވަލުކޮށްފައިވަނީ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހު އެވެ. އެކަމަކު ކޮރޯނާވައިރަސް (ކޮވިޑް-19) ރާއްޖެއިން ފެނުމާއި ގުޅިގެން، މުބާރާތް އަންނަ ޖުލައި މަހުގެ މެދަކާއި ހަމައަށް ފަސްކުރަން ވަނީ ނިންމާފައެވެ.
ކޮވިޑް-19 ފެތުރެމުންދާތީ އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި ތިބޭ ބަލި މީހުންނަށް ޒިޔާރާތް ކުރުން ވަގުތީގޮތުން ހުއްޓުވައިފި އެވެ.
މިކަމާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން މީހުންނަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން މަރޗް މަހުގެ 9 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލާފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް ޓެސްޓް ކުރި 3 މީހުންވެސް އެވައިރަސް އަށް ނެގެޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މީގެ ތެރޭގައި ށ.ފޯކައިދޫ އާއި ޔުނިވަރސަލް ޓިކެޓް އޮފީހުގައި ހުރި މީހާގެ ސާމްޕަލްވެސް ހިމެނޭ ކަމަށެވެ.
ރާއްޖެއިން މިހާރު ފެނިފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ރިޒޯޓުތަކުގެ މެދުގައި ބާއްވަމުން އަންނަ ރިސޯޓު ލީގު 2020 ގެ ހަތަރު ޒޯނުގެ މުބާރާތްތައް ފަސްކޮށްފި އެވެ.
މިހާތަނަށް މި މުބާރާތުގެ ދ. ޒޯނުގެ ކުޅުން ނިމިފައިވާއިރު، ފަސްކޮށްފައިވަނީ ނޯތު މާލެ ޒޯނާއި، ބ. ޒޯނާއި، ސައުތު އަރި ޒޯން އަދި ސައުތު މާލެ ޒޯނުގެ މުބާރާތްތަކެވެ.