ކޮވިޑް-19 ގެ މި ހާލަތުގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތީގެ އަސާސީ ބާވަތްތައް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ އިންޑިއާއިން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނ ސަފީރު ސަންޖޭ ސުދީރް ދެއްވައިފި އެވެ. ސަފީރު ވިދާޅުވީ، ރާއްޖެއާ އިންޑިއާ އަކީ ޒަމާންވީ ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމު ކަމަށާއި، ކޮވިޑްގެ ކަންތައްތައްކުގައި ރާއްޖެއާއެކު މަސައްކަތް ކުރަން ފުުރުސަތު ލިބިވަޑައިގަތުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރާއެކު އާމްދަނީ ލިބޭ މިންވަރު މަދުވެފައި ވާތީ ބޭރު އެހީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ 200 މިލިއަން ޑޮލަރުން ހަމަޖެއްސޭނީ މިހާރަށް ކުރަން ހުރި ޚަރަދުތައް އެކަނި ކަމަށާއި އިތުރު އެހީ ހޯދުމަށް ގިނަ ގޮންޖެހުން ތަކަކާއި ކުރިމަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މާލެ ސިޓީގައި އިއުލާނު ކޮށްފައިވާ ފުރަބަންދުގެ އަމުރާ ޚިލާފުވެގެން ހުކުރު ދުވަހު ޖުމުލަ 128 މީހަކު ޖޫރިމަނާ ކޮށް، އިތުުރު 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުރަބަންދު އަމުރާއި ޚިލާފުވެގެން މިހާތަނަށް ޖޫރިމަނާ ކުރި މީހުންގެ ޖުމުލަ ޢަދަދަކީ 4،020 އެވެ. މި އަދަދުތަކާއެކު މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 4،020،000ރ (ހަތަރު މިލިއަން ވިހި ހާސް ރުފިޔާ) އެވެ.
ނ. މަނަދޫގައި ދާއިމީކޮށް ބޭސް ބޭނުން ކުރާ ފަރާތްތަކަށް ބޭސް ލިބުމުގައި ދަތިތައް އެބަހުރި ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ. މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ވިދާޅުވީ، ދާއިމީ ފަރުވާއަށް ބައެއް ބޭސްތައް ބޭނުން ކުރާ ފަރާތްތަކަށް ބޭސް ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި، އެކަން ޙައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ޒާހިރު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 2،480،200ރ (ދެ މިލިޔަން ހަތަރުލައްކަ އަށްޑިހަ ހާސް ދުއިސައްތަ ރުފިޔާ) ލިބިފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދަމުންދާ ކޮވިޑް ވިލެޖް ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސާމާނު ގެނެސްފިއެވެ.
300 އެނދުގެ މި ފެސިލިޓީއަކީ ކޮވިޑް-19 ވައިރަސް ފެތުރި ގިނަ ޢަދަދެއްގެ މީހުންނަށް އެއްފަހަރާ ފަރުވާދޭން ޖެހިއްޖެ ޙާލަތަކަށް ތައްޔާރުވުމަށް ހަދަމުންދާ ތަނެކެވެ. ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލު ކައިރީގައި ޤާއިމުކުރާ މިތަނުގެ މަސައްކަތް ކުރަމުން އަންނަނީ ސިފައިންނާއި ސަރުކާރުގެ ކުންފުނިތައް ގުޅިގެންނެވެ.
ހުކުުރު ދުވަހުގެރޭ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުރި ޓްވީޓެއްގައި ބުނީ، ހުކުރު ދުވަހުގެރޭ 03:00 ގެ ނިޔަލަށް އިތުރު 11 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނެނީ، 8 ދިވެހިންނާއި، ބަނގްލަދޭޝްއަށް ނިސްބަތްވާ 3 މީހެއްކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު އިތުރު 3 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތް މިނިސްޓްރީގެޑޭޝްބޯޑުންދައްކާގޮތުން ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 49ށް އަރާފައެވެ. އެގޮތުން އެއީ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 4.80 އިންސައްތަކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
މިހާތަނަށް ރާއްޖެއިން 49 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މީގެތެރޭގައި ގިނައީ ދިވެހިންނެވެ. އަދި މި އަދަދުގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތަކުން މި ބަލި ފެނުނުއިރު ފާހަގަކުރެވުނު ބިދޭސީން ވެސް ހިމެނެ އެވެ. މިހާރު ރިކަވަރނުވެ ހުރި ކޭސްތަކުގެ ތެރޭގައި ގިނައީ މާލެ ސިޓީއިން ކޮމިއުނިޓީ ޓްރާންސްމިޝަން ދެނެގަނެވުނު ފަހުން ފެންމަތިވެފައިވާ ކޭސްތަކެވެ.