ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އަށް ބަގީތަކެއް ޓޫރިޒަމް މިނިސްޓްރީން ހަދިޔާކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ބަގީތައް ހަދިޔާ ކުރީ އެންއީއޯސީގެ ރެޕިޑް ރެސްޕޮންސް ޓީމަށް ކަމަށެވެ. އަދި ހަ އިލެކްޓްރިކް ބަގީތަކަކީ އެެންއީއޯސީން އެދުމުން ހަދިޔާ ކުރިތަކެތި ކަމަށެވެ.
ސިފައިންގެ ތެރެއިން އޮފިސަރުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވިޔަސް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭ ވަރަށް ސިފައިން އެބަތިބި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިހާތަނަށް 40 އަށް ވުރެ ގިނަ ސިފައިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ޑިފެންސް މިނިސްޓަރު ވިދާޅުވީ، ސިފައިންނާ ގުޅުވައި އެކި ކަހަލަ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އެގޮތުން އެކަހެރި ކޮށްފައިވާ ސިފައިންގެ އަދަދުތަކާއި ބެހޭ ގޮތުންވެސް ވާހަކަތައް ދެކެވެމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ސިފައިންގެ އަދަދުތައް ހާމަނުކުރަނީ އެއީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށާއި، އެއްވެސް ވަރަކަށް މައުލޫމާތު ފޮރުވުމުގެ ބޭނުމުގައެއް ނޫން ކަމަށެވެ.
ކޮވިޑް-19 ވައިރަސްއަކީ އެޗްއައިވީ ފަދައިން ދުނިޔެއިން ނައްތާނުލެވޭ ވައިރަސްއަކަށް ވެދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފި އެވެ.
ބުދަ ދުވަހު ޖެނީވާގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިމަރޖެންސީ ޑައިރެކްޓަރ ޑރ މައިކް ރަޔަން ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަން ގިނަ ދުވަސްތަކެއް ވަންދެން އިންސާނުންގެ ތެރޭގައި އޮންނާނެ ކަމަށް ބެލެވޭ ކަމަށާއި، މިއީ އެއިޑްސް ފަތުރާ އެޗްއައިވީ ވައިރަސް ފަދައިން ދުނިޔެއިން ނައްތާނުލެވިދާނެ ވައިރަސްއަކަށް ވެގެންދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.
އެއާއެކު، ވައިރަސްއާއެކު ދިރިއުޅެން ދަސްކުރުމުގެ މުހިއްމުކަން ރަޔަން ވަނީ ފާހަގަ ކުރައްވާފަ އެވެ.
ކޮވިޑް-19 އަށް ޓެސްޓުކުރުމަށްޓަކައި މާފުށި ޖަލުން ނެގި ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވްވެއްޖެ އެވެ.
މާފުުށީ ޖަލުން 38 ރެންޑަމް ސާމްޕަލެއް ނެގިފައިވެއެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްކަން ހާމަކޮށް، ކަރެކްޝަނަލް ސަރވިސް އިން ބުނީ މާފުށީ ޖަލުން ކޮވިޑް 19 އަށް ތަޙުލީލު ކުރުމަށްޓަކައި ނެގުނު 38 ރެންޑަމް ސާމްޕަލް ނެގެޓިވްވެފައިވާކަން އެޗްޕީއޭއިން ކަށަވަރު ކޮށްދެއްވާފައިވާކަމަށެވެ.
އޭގެއިތުރުން ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒްކުރަމުންގެންދިޔަ އުމުރުން 92 އަހަރުގެ ގައިދީއެއް ނިޔާވެފައިވާއިރު، އެ މީހާވެސް ވަނީ ކޮވޑް-19 އަށް ޓެސްޓްކޮށްފަ އެވެ. ކަރެކްޝަނަލް ސަރވިސްއިން ބުނީ ހުޅުމާލެ ޖަލުން ނިޔާވި ޤައިދީ ކޮވިޑް 19 އަށް ތަޙުލީލު ކުރުމަށްޓަކައި ނެގުނު ސާމްޕަލް ނެގެޓިވް ވެފައިވާކަމަށެވެ.
ވީހާވެސް އަވަސް ފުރުސަތެއްގައި އޮންލައިންކޮށް ހިންގޭނެ ކޯސްތައް ކަނޑައަޅައި, އަވަހަށް ކޯސްތައް ފެއްޓެވުމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އެދިވަޑައިގެންފި އެވެ.
މިނިސްޓަރ މިފަދައިން އެދިވަޑައިގެންނެވީ މިނިސްޓްރީގެ އިސްބޭފުޅުންނާއި، ވަރލްޑް ބޭންކުން ރާއްޖޭގައި ހިންގާ މީރީ ޕްރޮޖެކްޓްގެ ބޭފުޅުންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އޮންލައިންކޮށެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ކޮވިޑް-19ގެ ހާލަތުގައި އަދި އޭގެ ފަހުން ނިއު ނޯރމަލްއަކަށް ދިރިއުޅުން ބަދަލުވާއިރު، މޯލްޑިވްސް ޕޮލިޓެކްނިކް އިން އޮންލައިން މީޑިއަމްގައި ކިޔަވައިދިނުން ކުރިއަށްގެންދިއުމާއިމެދު އެވެ. އަދި މިދަނޑިވަޅުގައި ވަޒީފާ ގެއްލިފައި ނުވަތަ މުސާރަ ނުލިބޭގޮތަށް ގޭގައި ތިބެންޖެހިފައިވާތިއްބެވި ޓުއަރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް ކޯސްތަކެއް ހިންގުމަށްވެސް މަޝްވަރާކުރެވުނުކަމަށް މިނިސްޓްރީން ބުންޏެވެ.
ގްރޭޓާ މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅީފަޅު) ގައި އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފި އެވެ.
މުއްދަތު އިތުރު ކޮށްފައިވަނީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.
މާލެއިން ކޮވިޑް-19 ގެ ކޭސްއެއް ފެނުމާއި ގުޅިގެން އެންމެ ފުރަތަމަ މާލެ ލޮކްޑައުން ކޮށްފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައިވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ.
އެއާއެކު މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި، އާންމު ތަންތަނަށް އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. ލޮކްޑައުން ކޮށްފައިވާއިރު، ބޭރަށް ނިކުމެ އުޅެވެނީ ފުލުހުންނާއި، ސިފައިންނާއި، ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި އެ ތަންތަނުގެ އުޅަނދު ދުއްވާ ފަރާތްތަކަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ އެވެ. ެހލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ 88 އަހަރު މީހާ ނިޔާވީ މިރޭ 11:15 ގައި ކަމަށެވެ. މިއީ ރާއްޖެއިން މި ބަލިޖެހިގެން ނިޔާވި 4 ވަނަ މީހާ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ 137 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ. ބައެއް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެމްއެންޑީއެފްގެ އޮފިސަރުންތަކަކާއި ފުލުހުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް މިހާތަނަށް ވަނީ ކަށަވަރުވެފައި އެވެ.
ދުވާލެއްގެ މައްޗަށް 1000 އަށް ވުރެ ގިނަ ޓެސްޓު ކުރެވޭ ވަރަށް ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ން ބުނެފި އެވެ.
އެގޮތުން، އަންގާރަ ދުވަހުގެރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ޓަރގެޓްކޮށްފައިވަނީ ދުވާލެއްގެ މައްޗަށް 1000 ޓެސްޓު ހެދުމަށް ކަމަށެވެ.
ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ކުއްލި އަކަށް ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދުތައް އިތުރުވެދާނެ ކަމަށް އަންދާޒާ ކުރެވޭއިރު ދުވާލެއްގެ މައްޗަށް 1000 ސާމްޕަލް ޓެސްޓުކުރެވިގެން ނޫނީ އެންމެ އެދެވޭ ނަތީޖާ ނުނިކުންނާނެ ކަމަށް ކުރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ޑރ. ޝީނާ މޫސާ ވަނީ ވިދާޅުވެފަ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އަށް ޑޮކްޓަރުން ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފި އެވެ.
އެންއީއޯސީ ގައި ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑަމޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ޓީޓީއެޗް އަށް ދައްކަން ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާއަކީ އެހެން ސަބަބަކާއި ހުރެ ޓްރީޓޮޕް ހޮސްޕިޓަލަށް ދައްކަން ދިޔަ މީހަކު ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
ރާއްޖެއިން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ ތިން މީހުންނާއި، ދެ ދިވެހިންގެ އިތުރުން އިންޑިއާގެ ދެ މީހުން ކަމަށެވެ.
މާލެއިން ރަށްރަށަށް ދާން ބޭނުންވެގެން 3258 މީހަކު އެދިފައިވާ ކަމަށާއި މީގެތެރޭގައި މާލޭގައި ދިރިއުޅޭ މީހުން ހިމެނޭ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތުން މީގެތެރޭގައި ވަޒީފާ ގެއްލިފައި ތިބި މީހުންވެސް ހިމެނޭކަމަށް ޝަރީފް ވިދާޅުވި އެވެ.