ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން، އިރާނުގެ ސުކޫލުތަކާއި، ޔުނިވާސިޓީތައް މާރިޗު މަހުގެ 220 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކޮށްފި އެވެ.
ކޮރޯނާ ވައިރަހުގައި މިހާތަނަށް އިރާނުން 107 މީހުން މަރުވެ، 3513 ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެތެރެއިިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 591 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައިކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވީ އެސްޓީއޯ އިން ރައްޔިތުންނަށް ބޭނުންވާ ވަރަށް ކާޑު ފޯރުކޮށްދެވޭނެ ކެޕޭސިޓީ އެބަހުރި ކަމަށެވެ.
އެހެންކަމުން މިހާރު ވެސް ކާޑު އަޅުގަނޑުމެން މި ދޫކުރާ ގޮތަށް އަދި ރަށްރަށަށް ވެސް ގެންދާ ގޮތަށް އަޅުގަނޑުމެންނަށް ދޫކުރެވޭނެ. އެހެންނަމަވެސް ކޮންމެ ގެއަކީ ކާޑު ގުދަނަކަށް ހަދައިފި ކަމަށްވާނަމަ އެކަމުން ދަތިތައް ކުރިމަތިވާނެ ހުރިހާ ރައްޔިތުންނަށް ވެސް.ހުސެއިން އަމްރު
ކޮވިޑް-19 އާ ގުޅިގެން އެސްޓީއޯ އިން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވިދާޅުވީ އެކަން އެގޮތަށް ނުކުރެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ވަރަށް ފޭސް މާސްކް އެބަހުރި ކަމަށާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ބައެއް ސާމާނުތައް ވެސް މިހާރު ބައެއް ރަށްރަށަށް ފޯރުކޮށްދީފައިވާނެ ކަމަށް އަމްރު ވިދާޅުވިއެވެ. މީގެއިތުރުން ބައެއް ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ސާމާނުތައް ވެސް ފޯރުކޮށްދީފައިވާނެ ކަމަށް އަމްރު ވަނީ ފާހަގަކުރައްވާފައެވެ.
މިއަދު އިޓަލީ އިން ރާއްޖެ އަށް ދަތުރުކުރި ދިވެއްސެއް#ކޮވިޑް19އަށް މޮނިޓަރ ކުރުމަށް އެކަހެރިކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެ މީހާއި ގުޅޭ އިތުރު މައުލޫމާތެއް އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ.
އިޓަލީގައި މިހާރު ހަލުވިކަމާއިއެކު، ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިޓަލީގައި ބާއްވާ ކުޅިވަރު ހަރަކާތްތައް އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވޭނީ ކުޅިބަލާ މީހުން ނުވައްދާ ކަމަށް އިޓަލީގެ ސަރުކާރުން އެގައުމުގެ ކުޅިވަރު އެސޯސިއޭޝަންތަކަށް އަންގައިފިއެވެ.
އިޓަލީ ސަރުކާރުން މިހެން އެންގިއިރު، އިޓާލިއަން ލީގުގެ ގިނަ މެޗުތަކެއް ވަނީ ކޮވިޑް-19 ގެ ސަބަބުން ފަސްކޮށްފައެވެ.
އިޓަލީގައި މި ބަލި ޖެހުނު މީހުންގެ އަދަދު 3000 އަށް ވުރެ މައްޗަށް އަރައިފައިވާއިރު މިބަލީގެ ސަބަބުން މަރުވި މީހުންގެ އަދަދު 100 އަށްވުރެ ގިނަ ކަމަށް އިޓަލީގެ ސަރުކާރުން ބުނެއެވެ.
ިއިރާނުގެ ދައުލަތުގެ މީޑީއާއިން ރިޕޯޓުކުރާ ގޮތުގައި، ސަރުކާރުން މިއަދު ވަނީ މުއްދަތެއް ނެތް ގޮތައް ސަރުކާރުގެ އިސް މަސްއޫލުވެރިން ޤައުމުން ބޭރަށް ދަތުރު ނުކުރެއްވުމަށް އަންގާފައެވެ. މުއްދަތެއް ނެތް ގޮތައް ސަރުކާރުން މިގޮތައް ނިންމާފައިވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވައި، ވައިރަސް އިން ރައްކާތެރިވުމަށް އެޤައުމުން އަޅަމުންދާ ފިޔަވަޅުގެ ދަށުންނެެވެ.
ސަރުކާރުގެ އިސްމަސްއޫލުވެރިންނަށް ދަތުރުނުކުރެއްވުމަށް އަންގާފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ.
އީރާނުގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުންދާއިރު، ވައިރަސް ޖެހުނު މީހުންގެ ތެރޭގައި އެޤައުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ހެލްތު މިނިސްޓަރުގެ ނައިބާއި، ޤާނޫނު ހަދާ މަޖިލީހުގެ 23 މެންބަރުންނާއި، ވެރިރަށް ތެހެރާންގެ އަވަށެގެ މޭޔަރުވެސް ހިމެނެއެވެ.
ޖަޕާނުގެ ހެލްތު މިނިސްޓްރީން މިއަދު ޢާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އިއްޔެ އެކަނި އެޤައުމުން 33 މީހުން އަލަށް ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށެވެ.
މިއާއެކު ޖަޕާނުގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދުވަނީ 1،023އަށް އަރާފައެވެ.
ދެކުނު ކޮރެއާގެ ސެންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނާ ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރު އެޤައުމުގައި 438 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި ފަރުވާދެމުން ދިޔަ 3 މީހުން ވަނީ މަރުވެފައެވެ. އަލަށް ވައިރަސް ޖެހުނު މީހުންގެ ތެރެއިން 320 މީހުންނަކީ ޑައޭގޫ އަވަށު މީހުންކަމަށާއި، ބާކީ 87 މީހުން ނިޞްބަތްވަނީ އުތުރު ގިޔޯންސަންގއަށް ކަމަށް އެ ސެންޓަރުން ބުނެއެވެ.
މިއާއެކު، އެޤައުމުގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 5،766 އަށް އަރާފައެވެ. އަދި ވައިރަސްގައި މަރުވީ މީހުންގެ ޖުމު ޢަދަދަކީ 35 އެވެ.
ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނާގޮތުގައި ދުނިޔޭގެ 62 ޤައުމަކުންނާއި، ބައިނަލް އާޤުވާމީ 7 ޖަމާޢަތަކުން އެޤައުމަށް ފޭސް މާސްކް ހަދިޔާކޮށްފިއެވެ. މިއީ މިހާރު ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން، އެޤައުމު މާސްކަށް ޖެހިފައިވާތީ އެކިވެރި ދައުލަތްތަކާއި، ޗައިނާއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ ޖަމްއިއްޔާތަކުން ވެދިން ދީލަތި އެހީއެއް ކަމަށް އެކޮމިޝަނުން ބުނެފައެއް ނުވެއެވެ. މާސްކްގް އިތުރުން ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށް ޞިއްހީ އެހީތެރިން ބޭނުންކުރާ ރައްކާތެރިކަމުގެ ހެދުމާއި، ބައެއް އެހެނިހެން ޞިއްޙީ އާލާތްތައް ބައެއް ޤައުމުތަކުން ދަނީ ފޯރުކޮށްދެމުންނެވެ. އެހެންނަމަވެސް، އެހީދޭ މިންވަރުގެ ތަފުޞީލު ހާމަކޮށްފައެއް ނުވެއެވެ.
އިޓަލީވިލާތުގައި މިހާރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އެޤައުމުގެ ހުރިހައި ސްކޫލަކއި ޔުނިވަރިސޓީތައް ބަންދުކޮށްފިއެވެ. މިކަން ހާމަކޮށް އެޤައުމުގެ ތަޢުލީމާއި ބެހޭ ވުޒާރާއިން ޢާންމުކޮށްފައިވާ ބަޔާނުގައި ވަނީ، މިއަދުން ފެށިގެން މާރޗު މަހުގެ 15 ވަނަ ދުވަހާއި ހަމަޔަށް ބަންދުކުރަން ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި ސްކޫލް ހުޅުވުުމުގެ ކުރިން ކޮވިޑް-19 ގެ ޙާލަތު ބަލާނެކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ހެލްތުން ބުނާ ގޮތުގައި ފާއިތުވެ ދިޔަ 24 ގަޑިއިރު އެޤައުމުން އިތުރު 10 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު، އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 52 އަށް އަރާފައެވެ. އަދި މިހާތަނަށް އައިއިރު، ވައިރަސް ޖެހިގެން 2 މީހުން ވަނީ އެޤައުމުގައި މަރުވެފައެވެ.
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގައި މިހާތަނަށް އައިއިރު މުޅި ދުނިޔެއިން 3،285 މީހުން ވަނީ މަރުވެފައެވެ. މީގެތެރެއިން 3،012 މީހުންނަކީ މި ވައިރަސް އަށް ފެނުނު ޗައިނާއިންނެވެ. ޗައިނާއިން އެކަނިވެސް މިވައިރަސްގައި 3012 މީހުން ވަނީ މަރުވެފައެވެ. ޗައިނާއިން ބޭރުން ދެން އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީއާއި، އިރާނާއި، ދެކުނު ކޮރެއާއިންނެވެ.
ދުނިޔޭގެ 75 ޤައުމަކަށް މިހާރު މިވައިރަސް ފެތުރިފައިވާއިރު، 95،481 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޯވިޑް-19 ރާއްޖޭގައި އުޅޭތޯ އިތުރަށް ދެނެގަތުމަށް ބަލިއުޅޭ ޤައުމަކަށް ދަތުރުކޮށްފައިނުވިނަމަވެސް، ނިއުމޯނިއާ ނުވަތަ އަރިދަދުސްރޯގާ ޖެހި ސީރިއަސް ހާލަތަކަށްދާ ފަރާތްތައް މިބައްޔަށް ޓެސްޓްކުރަމުން އަންނަކަމަށެވެ. އަދި މިކުރެވޭ ޓެސްޓްތަކުން އަދި މިހާތަނަށް އެއްވެސް ފަރާތެއް ޕޮސިޓިވް ވެފައިއެއްނުވާކަމަށް އެ އިދާރާއިން ބުންޏެވެ.
ޕޮލޭންޑުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. އެޤައުމުގެ ހެލްތު މިނިސްޓަރ ލުކާޒް ޒުމޯވްްސކީ ވިދާޅުވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވައިރަސް ޖެހުނު ފިރިހެން މީހާއަށް ފަރުވާދެމުންދާ ކަމަށާއި، އޭނާގެ ޙާަލތު ރަނގަޅުކަމަށެވެ.
އިރާޤުގައި ކޮވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި މިއީ އިރާޤުން މި ވައިރަސް ފެނުނުފަހުން، މަރުވި ފުރަތަމަ މީހާއެވެ.
އިރާޤުގައި އިއްޔެ އެކަނިވެސް ކޮވިޑް-19 އަށް 5 މީހުން ޕޮޒިޓިވްވިއެވެ. މިއާއެކު އިރާޤުގައި ވައިރަސް ޖެހުނު މީހުންގެ ޢަދަދަކީ 31 އެވެ.
އންޑިއާގެ އުތުރު އުއްތަރު ޕްރަދޭޝްގައި 6 މީހަކު ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ކަރަންޓީންކޮށްފިއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝައްކުކުރެވޭ 6 މީހުން މިހާރު ވަނީ ވެރިރަށް ނިއު ދިއްލީގެ ސަފްދާރްޖަންގ ހޮސްޕިޓަލުގައި ކަރަންޓީންކޮށްގެން ފަރުވާދޭން ފަށާފައެވެ. އަދި މިމީހުންގެ ލޭގެ ސާމްޕަލް ނެގުމަށް ފަހު، ވައިރަސްއަށް ޓެސްޓުކުރުމަށް، ޕޫނާގައި ހުންނަ ނެޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޯލޮޖީއަށް ވަނީޯ ފޮނުވާފައެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ވެރިކަންކުރާ އެޤައުމުގެ އާމް އާދްމީ ޕާޓީން ބުނެފައިވަނީ، އިއްޔެ ނިއު ދިއްލީން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު، ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށާއ، ވައިރަސްޖެހޭ މީހުންނަށް ފަރުވާ ދިނުމަށް އެކަށީގެންވާ ފިޔަަވަޅު ސަރުކާރުން އަޅަމުންދާކަމަށެވެ. އެގޮތުން ދިއްލީގެ 25 ހޮސްޕިޓަލެއްގައި ވައިރަސް ޖެހޭ މީހުން އެކަހެރިކޮށްގެން ފަރުވާ ދިނުމަށް 230 އެނދު ޚާއްޞަކޮށްފައިވާކަމަށް އާމް އާދްމީ ޕާޓީން ބުނެއެވެ. އަދި ކޮރޯނާ ވައިރަސްއާއި ބޭހޭ ޢާންމު މަޢުލޫމާތާއި، ސަލާމަތާއި ރައްކަލަށް ކުރެވިދާނެ ކަންކަމާއި ބެހޭ މަޢުލޫމާތު ދިއްލީގެ ސްކޫލްތަކާއި ޙިއްސާކޮށް، ހޭލުންތެރިކުރުވުގެ ޕްރޮގުރާމުތައް މިހާރު ފަށާފައިވާކަމަށްވެސް އެޕާޓިން ބުނެއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޓަލީވިލާތުގެ 21 ފަތުރުވެރިއަކު ކަރަންޓީން ކުރީ، އެމީހުން ތިބި ހޮޓަލުން މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ހޮޓަލުގެ ނަން ހާމަކޮށްފައި ނުވިނަމަވެސް، އެއީ ވެރިރަށް ނިއުދިއްލީގެ ދެކުނު ޞަރަޙައްދެއްގައި ހުންނަ ހޮޓަލެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި 21 މީހުން މިހާރުވަނީ އިންޑިއާއާއި ޓިބެޓް ގުޅޭ ޞަރަޙައްދީ އިން ކައިރީގައި އޮންނަ ޗައުލާ އަވަށުގައި ޤާއިމުކޮށްފައިވާ މަކަރަންޓީން މަރުކަޒެއްގައި އެޑްމިޓްކޮށްފައެވެ. މި މީހުންގެ ހަށިގަނޑުން ލޭ ސާމްޕަލް ނެގުމަށްފަހު ވައިރަސްއަށް ޓެސްޓުކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް އިންޑިއާގެ އިސް މަސްއޫލުވެރިން ބުނެއެވެ.
މިކަން ހާމަކޮށް ވަރލްޑް ބޭންކުން ޢާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، ދުނިޔޭގެ 74 ޤައުމަކުން މިހާރު ވައިރަސް ފެނިފައިވާއިރު، ބައެއް ފަޤީރު ޤައުމުތަކުން މިކަމުން އަރައިގަތުމަށް ހަނގުރާމަކުރަމުންދާ ކަމަށާއި، ބައެއް ޤައުމުތައް މިކަމުގައި ބޮޑުތަނުން ފޭލިވެފައިވާކަަމަށެވެ. މިހެން ވާންޖެހުނީ، ވައިރަސްގެ ބަލިމަޑުކަމަށް ރަނގަޅަށް ޤައުމުތަކުން ތައްޔާރުވެފައި ނެތުމާއި، ހަލުވިކަމާއެކު ވައިރަސް ފެތުރެމުންދާ ބައެއް ޤައުމުތަކަކީ ނިޞްބަތުން ފަޤީރު އާބާދީ ބޮޑު، އަދި ޞިއްހީ ނިޒާމު ބަލިކަށި ޤައުމުތަކަށްވާތީ ކަމަށެވެ.
ދުނިޔޭގެ ޞިއްޙަތާއި ބެހޭ ޖަމްޢިޔާއިން އިއްޔެ ވަނީ ވައިރަސް ފެތުރެމުންދާ ފަޤީރު ޤައުމުތަކަށް އެހީތެރިވުމަށް، 12 ބިލިއަން ޑޮލަރުގެ އެމަރޖެންސީ ފަންޑެއް ކަނޑައަޅާފައެވެ. މިކަމުގެ ތަފުޞީލު މީޑިއާއަށް ހާމަކުރައްވަމުން، އެ ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވީ، މި ކަނޑައެޅި ފަންޑުން މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމަވާފައިވަނީ، ފަޤީރު ޤައުމުތަކަށާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށެވެ. މީގެ ތެރެއިންވެސް ޞިއްޙީ ފަރުވާގެ ކަންކަން ހަރުދަނާ ނޫން ޤައުމުތަަކަށާއި، ވައިރަސްއާއި ގުޅިގެން އިޤުތިޞާދީ ގޮތުން ބޮޑެތި ގެއްލުންތައް ވަމުން އަންނަ ޤައުމުތަކަށް ކަމަށެވެ.
މަލީ އެހީގެ އިތުރުން، މިފަދަ ޤައުމުތަކަށް ފަންނީ އެހީއާއި، ކަމާއި ގުޅުން ހުރި ސިޔާސަތުތައް އެކަށައެޅުމުގައި އިރުޝާދު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސް ޖެހިގެން މިހާތަނަށް ދުނިޔޭގެ 74 ޤައުމަކުން 91،700 މީހުން ރިކޯޑުކުރެވިފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ(ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ. އެޖަމާއަތުން ބުނާ ގޮތުގައި، މިހާތަނަށް މި ވައިރަސްގައި ދުނިޔޭގެ އެކި ޤައުމުތަކުން 3،100 މީހުން ވަނީ މަރުވަފައެވެ.
ނިއުޒީލެންޑުގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، އިއްޔެ އެޤައުމުގައި ވައިރަސްއަށް ޕޮޒިޓިވްވީ، އުމުރުން 30 އަހަރުގެ އޮކްލޭންޑް ސިޓީގެ ރައްޔިތެކެވެ. އޭނާ އެންމެ ފަހުން ޒިޔާރަތްކޮށްފައިވަނި އުތުރު އިޓަލީއަށް ކަމުން، އޭނާ ވައިރަސްއަށް ހުށަހެޅިފައިވަނީ އެޤައުމުގައި ވަގުތު ހޭދަކުރި ދުވަސްވަރުކަމަށްވެސް ނިއުޒީލެންޑުގެ ހެލްތު މިނިސްޓްރީން ބުނެފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މިއީ، ނިއުޒީލެންޑުން މި ވައިރަސްއަށް ޕޮޒިޓިވްވިކަން ރިޕޯޓުކުރި ދެވަނަ މީހާއެވެ.
ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ހާމަކުރާގޮތުގައި ޗައިނާގައި ވައިރަސް ފެތުރެމުން ފެށިފަހުން މިހާތަނަށް 80،270 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ. އަދި މި ވައިރަސްގައި 2،981 މީހުން މަރުވެފައިވާއިރު، ވައިރަސް ޖެހުނު 49،856 މީހުންނަށް ފަރުވާ ދިނުމަށްފަހު ގެއަަށް ދޫކޮށްލާފައިވާކަމަށްވެސް ހެލްތު ކޮމިޝަނުން ބުނެއެވެ.
ދެކުނު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާގޮތުގައި، އިއްޔެ އެކަނިވެސް އެޤައުމުގައި އިތުރު 519 މީހުން ވަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިއާއެކު، އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 5،328 ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިއްޔެ އެކަނި 3 މީހުން ވައިރަސްޖެހިގެން މަރުވެފައިވާއިރު، އެޤައުމުގައި ވައިރަސް ފެތުރެންފެށިފަހުން މިހާތަަނަށް އައިއިރު މި ވައިރަސްޖެހިގެން 32 މީހުން ވަނީ މަރުވެފައެވެ.
އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރޭ ޢަދަދު އިތުރުވެއްޖެ ޙާލަތެއްގައި ފުލުހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އިނގިރޭސި ސިފައިން ތައްޔާރީ ޙާލަތުގައި ތިބޭނެ ކަމަށް އެޤައުމުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.
އިނގިރޭސީ ސަރުކާރުން ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާނެ ފިޔަވަޅުތައް ހިމެނޭ ''ބެޓްލް ޕްލޭން'' އެއް އެކުލަވާލައި އެ ޕްލޭން ޝާއިޢުކޮށްފައެވެ. އެ ޕްލޭންގައިވާ ގޮތުން ވައިރަސް މާ ގަދަޔަށް ފެތުރިއްޖެ ޙާލަތެއްގައި ސްކޫލުތައް ބަންދުކުރުމާއި، މީހުން ގިނައިން އެއްވެ ބާއްވާ ޙަފުލާތައް ކެންސަލް ނުވަތަ ފަސްކުރެވިގެން ދާނެއެވެ.
ކޮރޯނާވައިރަސް ފެތުރޭ ޢަދަދު އިތުރުވެއްޖެ ޙާލަތެއްގައި، ފުލުހުންގެ ޢަދަދު މަދުވެއްޖެނަމަ ސިފައިން ނެރޭނެތޯ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރުމުން ބޮރިސް ވިދާޅުވީ، ސިފައިން އަބަދުވެސް ތިބޭނީ ފުލުހުންނަށް އެހީވެދިނުމަށް، ތައްޔާރީ ޙާލަތުގައި ކަަމަށެވެ. އެކަމަކު އެއީ ޙާލަތު ވަރަށް ގޯސްވުމުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިފައިވާ މީހަކު ޔޫކްރޭނުން ފެނިފައިވާ ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އަންގާރަ ދުވަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޔޫކްރޭންގެ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު ވިކްޓަރ ވިދާޅުވީ، ކޮރޯނާވައިރަސްގެ ޢަލާމާތްތައް ފެނުނު ފިރިހެނަކު ހޮނިހިރު ދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރި ކަމަށެވެ. އެ މީހާ އެޑްމިޓް ކޮށްފައިވަނީ އިޓަލީގައި ޗުއްޓީ ހޭދަކުރަމަށް ފަހު ޔޫކްރޭނަށް އައިތާ ދިން ދުވަސް ފަހުން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.