ކޮވިޑް-19: އެންމެ ފަހުގެ

23,157,141
  • "ޑައިމަންޑް ޕްރިންސެސް" އިން އިތުރު 66 މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެ
  • ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަސް އާ ގުޅުންހުރި ކަންކަން ބެލުމަށް ޑަބްލިޔުއެޗްއޯގެ ޓީމު ޗައިނާއަށް ދާން ފުރައިފި
  • މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން އެއްދުވަހާއި އެންމެ ގިނަ މީހުން މަރުވެފައިވަނީ އާދީއްތަ ދުވަހު
 
Writer Profile Picture
ޒިހްނަތު ހަސަން
"ޑައިމަންޑް ޕްރިންސެސް" އިން އިތުރު 66 މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެ
"ޑައިމަންޑް ޕްރިންސެސް"

ޖަޕާނުގެ ޔުކޮހާމާ ސިޓިގައި ބަނދަރުކޮށްފައިވާ ކްރޫސް ލައިނަރ "ޑައިމަންޑް ޕްރިންސެސް" އިން އިތުރު 66 މީހުން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު އެ ކްރޫސްލައިނަރގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ 136 އަށް އަރާފައެވެ.

ފަޅުވެރިންނާއި ފަސިންޖަރުންނާއެކު ޖުމުލަ 3,700 މީހުން ދަތުރުކުރަމުން ދިޔަ މި ކްރޫސްލައިނަރ އިން ގިނަ ބަޔަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވުމާއި ގުޅިގެން، މިދިޔަ ހޯމަދުވަހުން ފެށިގެން އެ ކްރޫސްލައިނަރ ވަނީ ކަރަންޓީން ކޮށްފައެވެ. އިތުރު 10 ދުވަހަށް ކަރަންޓީން ކުރުމަށް ޖަޕާނު ސަރުކާރުން ވަނީ ނިންމާފައެވެ.

10 ފެބްރުއަރީ 2020 | ހޯމަ 16:09
Writer Profile Picture
އާއިޝަތު ޝިއުރާ
ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަސް އާ ގުޅުންހުރި ކަންކަން ބެލުމަށް ޑަބްލިޔުއެޗްއޯގެ ޓީމު ޗައިނާއަށް ދާން ފުރައިފި

ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަސް އާ ގުޅުންހުރި ކަންކަން ބެލުމަށް ޑަބްލިޔުއެޗްއޯގެ ޓީމު ޗައިނާއަށް ދާން ފުރައިފި އެވެ.

މިޓީމުގައި ބައިނަލްއަގްވާމީ ކަމާބެހޭ މާހިރުން ހިމެނެއެވެ. ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް މީގެ ދެހަފްތާ ކުރިން ޗައިނާއަށް ވަޑައިގެން ޗައިނާގެ ރައީސް އާއި ބައްދަލުކުރައްވާ ޓީމެއް ޗައިނާއަށް ފޮނުވާނެކަމަށް ވަނީ ވިދާޅުވެފައެވެ. ޑަބްލިޔުއެޗްއޯގެ ޓީމު ޗައިނާއަށް ނުގޮސް މަޑުކޮށްފައިމިވަނީ އެގައުމުގެ ސަރުކާރުން އެކަމަށް ހުއްދަ ދެންނެވެ.

10 ފެބްރުއަރީ 2020 | ހޯމަ 08:13
Writer Profile Picture
އާއިޝަތު ޝިއުރާ
މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން އެއްދުވަހާއި އެންމެ ގިނަ މީހުން މަރުވެފައިވަނީ އާދީއްތަ ދުވަހު

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން އެއް ދުވަހާ މަރުވެފައިވަނީ އާދީއްތަ ދުވަހުކަމަށް ޗައިނާއިން ހާމަކޮށްފި އެވެ.

ފާއިތުވި 24 ގަޑީރުގެ ތަފާސް ހިސާބުތައް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފައިވާއިރު އާދީއްތަ ދުވަހު އެކަނި މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އަރަނީ 97 ކަށެވެ. އެއާއެކު ޗައިނާއިން މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 908 ށް އަރާފަ އެވެ. މުޅި ދުނިޔެއިން މިވައިރަސްގެ އަސަރުކޮށްގެން މަރުވި މީހުންގެ އަދަދު އަރަނީ 910 ށެވެ. އެއީ ފިލިޕީންސް އާއި ހޮންގ ކޮންގ ގައި މަރުވި މީހުންގެ ލައިގެންނެވެ.

ޗައިނާގައި މިވައިރަސްގެ އަސަރުކޮށްފައިވާ 40،171 މީހުން އެބަތިއްބެވެ. އަދި އޮބްޒަރވޭޝަންގައި 187،518 މީހުން ތިބިކަމަށް ޗައިނާއިން ބުނެއެވެ. މީގެއިތުރުން މިހާތަނަށް އާއިރު މިވައިރަސްގެ އަސަރުކޮށްފައިވާ މީހުންގެ ތެރެއިން ފަރުވާދީގެން ރަނގަޅުވެފައިވާ 3،281 މީހެއް ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށްވެސް ޗައިނާއިން ބުނެއެވެ.

10 ފެބްރުއަރީ 2020 | ހޯމަ 07:42
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 910 ށް

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 910 ށް އަރައިފި އެވެ.

ޗައިނާ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ ޗައިނާގައި މިވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 908 މީހުންކަމަށެވެ. މީގެއިތުރުން މިވައިރަސްގެ އަސަރުކޮށްފައިވާ މީހުންގެ އަދަދު ވަނީ 40،000 ށް ވުރެ މައްޗަށް އަރާފަ އެވެ.

10 ފެބްރުއަރީ 2020 | ހޯމަ 07:32
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮރޯނާވައިރަސް ޖެހިގެން ފުރަތަމަ ފަރުވާދެވުނު 138 މީހުންގެ ފަރާތުން ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ހުށަހެޅުނުކަމަށް ދިރާސާއަކުން ދައްކައިފި

މެޑިކަލް ޖަރނަލް "ޖޭއޭއެމްއޭ" ގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ނޮވެލް ކޮރޯނާވައިރަސް އަށް ޝައްކުކުރެވިގެން ވުހާންގެ ހޮސްޕިޓަލެއްގައި ފަރުވާ ދެވުނު ފުރަތަމަ 138 މީހުންގެ ތެރެއިން 41 އިންސައްތަ މީހުންނަށް ބަލި ޖެހިފައިވަނީ އެ ހޮސްޕިޓަލްގެ ތެރެއިން ކަމަށެވެ.

މި ދިރާސާގައި ބުނެފައިވަނީ މި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ބައްޔަށް ހުށަހެޅުނީ ހޮސްޕިޓަކުގެ ތެރެއިން ކަމަށެވެ. އަދި މިއީ ނޮސޯކޮމިއަލް ޓްރާންސްމިޝަން ނުވަތަ ބައްޔެއް ނުވަތަ އިންފެކްޝަނެއް ފެތުރިފައިވާ ސިއްހީ ހިދުމަތްދޭތަނެއްގައި އެ އިންފެކްޝަން ނުވަތަ ބައްޔެއް ފެތުރިގެން ދިއުމެވެ.

އަދި ވައިރަސް ފެތުރިގެން ދިޔައީ އަވަސް މުއްދަތެއްގައި ނުވަތަ ކުޑަ މުއްދަތެއްގައި ނޫން ކަމަށާއި، ސިއްހީ ފަރުވާ ދިނުމުގެ ތެރޭގައި ކުރެވޭ ކަމަކުން ގިނަ ބަޔަކަށް އެ އިންފެކްޝަން ފެތުރިގެން ގޮސްފައިވާ ކަމަށް ބެލެނޭ ކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ބަލިމަޑުކަން ފެތުރިގެން ގޮސްފައިވަނީ ކަންބޮޑުވާ މިންވަރަށް ކަމަށާއި، މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ސިއްހީ ފަރުވާދޭ މީހުންނާއި، އެ ހޮސްޕިޓަލުގައި އެދުމަތިކޮށްފައިވާ ބަލި މީހުން އިންފެކްޓްވިކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ.

އަދި ބައްޔަށް ޝައްކުކުރެވުނު މީހުންގެ އެކަނި ޓެސްޓްތައް ހެދިގެން ދިޔައިރު، އެމީހުންގެ ފަރާތުން އެހެން ބަޔަކަށް ބަލި ފެތުރި އެމީހުންގެ ފަރާތުން ހޮސްޕިޓަލުގައި ތިބި އިތުރު މީހުންނަށް ބަލި ފެތުރިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 22:58
Writer Profile Picture
ޙުސައިން މަޚްތޫމް
ފުރާންސުން 2 ސްކޫލެއްގެ ކިޔެވުން ވަގުތީގޮތުން ބަންދުކޮށްފި

ސްކީ ރިސޯޓާއި ކައިރީގައި ހިންގަމުންދާ ދެ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލަން ފުރާންސުން ނިންމައިފިއެވެ.

މިގޮތަށް ނިންމީ ސްކީ ރިސޯޓުން ބްރިޓޮންސް އަށް ނިސްބަތްވާ 5 މީހަކު ނޮވެލް ކްރޯނާ ވައިރަސްއަށް ފަރުވާދޭން ފެށުމާއި ގުޅިގެންނެވެ.

ސްކޫލްތައް ކުރިއަށް އޮތް ހަފްތާގައި ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ކޮރޯނާއަށް ފަރުވާ ހޯދަމުންދާ ފަސް މީހުންނާ ކޮންޓެކްޓްވި މީހުންގެ މައުލޫމާތު ހޯދަމުންދާ އިރު، މި ފަސް މީހުންނަށް ފަރުވާ ދެމުންދަނީ އެ ރިސޯޓާއި ކައިރި ހޮސްޕިޓަލެއްގައެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 21:12
Writer Profile Picture
ޙުސައިން މަޚްތޫމް
ސިއްހީ ސާމާނު ލިބުނު ނަމަވެސް އަދިވެސް އިތުރު ސާމާނު ހޫބޭ ޕްރޮވިންސަށް ބޭނުންވޭ

ހުބޭ ޕްރޮވިންސަށް ސިއްހީ އާލާތްތައް ލިބުނުނަމަވެސް އަދިވެސް ދަތަތަކެއް އުޅޭކަމަށް އެ ޕްރޮވިންސްގެ ސަރުކާރުން ހާމަކޮށްފިއެވެ.

ހުބޭ ޕްރޮވިންސްގެ ސަރުކާރުގެ ވައިސް ގަވަރުނަރު ވިދާޅުވީ މެޑިކަލް ސަޕްލައިސް ލިބުނުނަމަވެސް ބަލިމަޑުކަން އިތުރުވެއްޖެނަމަ އަދިވެސް ސިއްހީ އާލާތްތަކަށް ޖެހޭނެ ކަމަށެވެ. މީގެ ތެރެއިން އެންމެ ބޭނުންޖެހެނީ ސިއްހީ އޮފިޝަލުން ރައްކާތެރިކަމުގެ ގޮތުން ލާ ހެދުމާއި، މާސްކާއި ސޫޓްސް ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ މިވަގުތަށް ބޭނުންވާ ވަރަށް ސާމާނު ހުރި ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ބަލީގެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ އިތުރު އާލާތްތައް ބޭނުންވާނެ ކަމަށެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 21:05
Writer Profile Picture
ޙުސައިން މަޚްތޫމް
ކެނެޑާއިން އިތުރު މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ކެނެޑާއިން އިތުރު މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

މިއާއެކު ކޮނެޑާގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 7 އަށް އަރާފައެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް އެގައުމުން ހާމަކޮށްފައި ނުވާ އިރު، ވައިރަސްއަށް ޕޮޒިޓިވްވި މީހާއަކީ ކޮލަމްބިއާއަށް ނިސްބަތްވާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 20:57
Writer Profile Picture
ޙުސައިން މަޚްތޫމް
ޗައިނާގެ ވުހާން ސިޓީގައި ތިބި 200 މީހުން އެމެރިކާއިން އަނބުރާ ގައުމަށް ގެންގޮސްފި

ޗައިނާގެ ވުހާން ސިޓީގައި ތިބި 200 މީހުން އެމެރިކާއިން އަނބުރާ ގައުމަށް ގެންގޮސްފިއެވެ.

އެމެރިކާގެ ފޮރިން މިނިސްޓްރީން ބުނީ މިއީ ވުހާންއިން އެގައުމުގެ މީހުން ގެންދިޔަ ފަހު ފުލައިޓް ކަމަށާއި، އިތުުރު ފުލައިޓެއް ދެން ދަތުރު ނުކުރާނެ ކަމަށެވެ. ޗަރޓާ ކޮށްގެން މީހުން ގޮވައިގެން ދަތުރުކުރި މި ފުލައިޓްގައި ހިމެނެނީ އެ ފުލައިޓްގެ ފަޅުވެރިންނާއި، ސިއްހީ އެހީތެރިންނާއި، ބްރިޓިޝްގެ ރައްޔިތުންގެ އިތުރުން އެހެން ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 20:47
Writer Profile Picture
އާއިޝަތު ޝިއުރާ
އަލަށް ފެނިފައިވާ ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ނުވަތަ ފަރުވާކުރުމަށް ޚާއްޞަ ބޭހެއްވޭތަ؟
9 ފެބްރުއަރީ 2020 | އާދީއްތަ 20:11
Writer Profile Picture
އާއިޝަތު ޝިއުރާ
އިނގިރޭސިވިލާތުން ކޮރޯނާވައިރަސް ޖެހިފައިވާ ހަތަރު ވަނަ މީހަކު ފެނިއްޖެ

އިނގިރޭސިވިލާތުން ކޮރޯނާވައިރަސް ޖެހިފައިވާ ހަތަރު ވަނަ މީހާ ފެނިއްޖެކަމަށް އެގައުމުން ބުނެފި އެވެ.

މިމީހާއަކީ ކުރިން ފްރާންސުން މިވައިރަސް ޖެހިގެން ރިޕޯޓްކުރި އިނގިރޭސިވިލާތުގެ އާއިލާ އާ ދިމާވެފައިވާ މީހެއްކަމަށް އެގައުމުން ބުނެ އެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 20:08
Writer Profile Picture
އާއިޝަތު ޝިއުރާ
ސިންގަޕޫރުގައި އިތުރު 3 މީހަކަށް ކޮރޯނާވައިރަސް ޖެހިއްޖެ، 4 މީހުން ދޫކޮށްލައިފި

ޗައިނާ އަށް ގޮސްފައިވާކަމުގެ ރިކޯޑެއް ނެތް އިތުރު ތިން މީހެއްގެ ގައިން ކޮރޯނާވައިރަސް ފެނިފައިވާކަމަށް ސިންގަޕޫރުން ބުނެފި އެވެ.

މީގެތެރޭގައި ހިމެނެނީ ސިންގަޕޫރުގެ ދެ މީހުންނާއި ބަންގްލަދޭޝްގެ އެކަކެވެ. އެއާއެކު ސިންގަޕޫރުން ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 43 ށް މިވަނީ އަރާފަ އެވެ. މީގެތެރެއިން 6 މީހުންގެ ހާލު ސީރިއަސްކަމަށް ސިންގަޕޫރުން ބުނެއެވެ.

މީގެއިތުރުން މިވައިރަސްގެ އަސަރުކޮށްގެން ފަރުވާކުރަމުންދިޔަ 4 މީހަކު ދޫކޮށްލާފައިވާކަމަށްވެސް އެގައުމުން ބުނެ އެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 19:35
Writer Profile Picture
ޒިހްނަތު ހަސަން
ހުން އަންނަ މީހުންގެ މަޢުލޫމާތު ސަރުކާރާއި ހިއްސާ ކުރާ ފަރާތްތަކައް ފައިސާގެ އިނާމެއް ޗައިނާ ސަރުކާރުން ދެނީ
ހުބެއި ޕްރޮވިންސްގައި ފަރުވާދޭ މަރުކަޒެއްގައި އެ ޕްރޮވިންސްގެ ޢާންމު ރައްޔިތުން ކިއުގައި

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނާގޮތުގައި، އެޤައުމުގެ ސަރުކާރުން މިހާރުވަނީ މީހަކު އަމިއްލައަށް ހުންޖެހުމުން، ނުވަތަ އޭނާ ދަންނަ މީހަކަށް ހުންޖެހިއްޖެ ޙާލަތެއްގައި، އެކަން ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓުކުރާ ފަރުދުންނަށް ފައިސާގެ އިނާމެއް ދޭ ގޮތައް ހުށަހަޅާފައެވެ.

އެގޮތުން އަމިއްލަ، ދަންނަ މީހަކަށް، އެނޫނަސް މީހަކު ހުން އައިސްގެން އެކަން ރިޕޯޓުކޮށްފައި ނުވާކަން އިނގޭ ހިސާބުން އެކަން ކަމާގުޅޭ އިދާރާތަކާއި ޙިއްސާ ކުރާ ފަރާތަކައް ފައިސާގެ އިނާމުދޭން ވަނީ އިޢުލާންކޮށްފައެވެ. އެހެންނަމަވެސް ދެނީ ކަނޑައެޅިގެން ކޮން މިންވަރެއްކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ޗައިނާ ސަރުކާރުން މިފަދަ ފިޔަވަޅެއް މި އެޅީ ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ދެކޮޅަށް އެޤައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ޢާންމުގެ ބައިވެރިވުން އިތުރުކުރުމާއެކު، ވައިރަސްއަށް މީހުން ސްކްރީން ކުރުން ހަރުދަނާކޮށް، ފަރުވާ ބޭނުންވާ މީހުންނަށް އަވަސް ފަރުވާ ދިނުމުގެ މަޤުޞަދުގައެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 18:00
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް ޖެހިފައިވާ ދެ ވަނަ މީހަކު ސްޕެއިން އިން ފެނިއްޖެ

ކޮރޯނާވައިރަސް ޖެހިފައިވާ ދެ ވަނަ މީހަކު ސްޕެއިން އިން ފެނިއްޖެކަމަށް އެގައުމުން ބުނެފި އެވެ.

ކޮރޯނާވައިރަސް ޖެހުނު ދެވަނަ މީހާއަކީ އިނގިރޭސި ވިލާތުގެ މީހެކެވެ. އަދި މިމީހާއަކީ ފްރާންސުން މިވައިރަސް އަށް ފަރުވާ ހޯދާފައިވާ މީހާއާ ދިމާވި އިނގިރޭސި ވިލާތުގެ އާއިލާގެ މީހެއްކަމަށް ސްޕެއިނުން ބުނެ އެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 17:33
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް އާ ދެކޮޅަށް ކުރާ ހަނގުރާމައަށް ޗައިނާއިން 10 ބިލިއަން ޔޫއެސްޑޮލަރު ހަމަޖައްސައިފި

ހަލުވިކަމާއެކު ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަސް އާ ދެކޮޅަށް އެގައުމުގައި ކުރާ ކަންކަމަށް 10 ބިލިއަން ޔޫއެސްޑޮލަރު އެގައުމުން ހަމަޖައްސައިފިއެވެ.

މިފައިސާއިން ކޮރޯނާވައިރަސް އާއި ގުޅުންހުރި ހުރިހާ ކަމަކަށް ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށް ޗައިނާގެ ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އަދި މިފައިސާ އެންމެ ބޭނުންވާ މީހުންނަށް ލިބޭތޯ ޔަގީންކުރާނެ ކަމަށްވެސް އެގައުމުން ބުނެއެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 17:26
Writer Profile Picture
އާއިޝަތު ޝިއުރާ
ސައުތުކޮރެއާގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 25 ށް އަރައިފި

ސައުތުކޮރެއާގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 25 ށް އަރައިފި ކަމަށް އެގައުމުން ބުނެފި އެވެ.

މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން 20 ށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ސައުތުކޮރެއާ އާއި ޖަޕާނު އަދި ތައިލެންޑާއި ސިންގަޕޫރެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 07:01
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 813 ށް އަރައިފި

ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 813 ށް އަރައިފި އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނާގޮތުން އިއްޔެ އެކަނިވެސް މިވައިރަސް ޖެހިގެން 89 މީހުން ވަނީ މަރުވެފަ އެވެ. އެއީ މިހާތަނަށް މިވައިރަސް ފެތުރެން ފެށިފަހުން އެންމެ ގިނަ މީހުން އެއް ދުވަހާ މަރުވި ދުވަހެވެ.

މިހާތަނަށް ޗައިނާއިން މިވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 37،198 މީހުންނަށް އަރާފަ އެވެ.

މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 813 އަށް އެރުމާއެކު 2003 ވަނަ ފެތުރުނު ސަރސް ރޯގާ ގައި މަރުވި މީހުންނަށްވުރެ އިތުރު މިވަނީ ވެފައެވެ. ސަރސް ރޯގާގައި މަރުވީ 774 މީހުންނެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 06:53
Writer Profile Picture
އާއިޝަތު ޝިއުރާ
ވުހާންގައި ތިބި ސިންގަޕޫރގެ މީހުން އަނބުރާ ގައުމަށް ގެންދިޔުމަށް ދެވަނަ ފްލައިޓް ފުރައިފި

ވުހާންގައި ތިބި ސިންގަޕޫރގެ މީހުން އަނބުރާ ގައުމަށް ގެންދިޔުމަށް ދެވަނަ ފްލައިޓް ވުހާން އިން ފުރައިފި އެވެ.

މި ފުލައިޓުން 174 މީހުން ސިންގަޕޫރަށް ދާނެ އެވެ. މީގެކުރިން އެގައުމުން ވަނީ ވުހާންގައި ތިބި 92 މީހުން ސިންގަޕޫރަށް ގެންގޮސްފަ އެވެ. އަދި އޭގެތެރޭގައި މިވައިރަސް ޖެހިފައިވާ މީހުން ތިބިކަން ވަނީ ޔަޤީންވެފަ އެވެ.

މިމީހުން ސިންގަޕޫރަށް ދިޔުމުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުކޮށްފައި ބައިތިއްބާނެކަމަށް އެގައުމުން ބުނެ އެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 06:38
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 780 ށް

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 780 ށް އަރައިފި އެވެ.

މިހާތަނަށް އާއިރު ހޫބޭ ޕްރޮވިންސްގައި މިވައިރަސްގެ އަސަރުކޮށްގެން 20،000 ށް ވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ. އަދި މީގެތެރެއިން 1154 މީހުންގެ ހާލު ސީރިއަސްކަމަށް ޗައިނާއިން ބުނެ އެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 04:38
Writer Profile Picture
އާއިޝަތު ޝިއުރާ
ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަސް ތަހުގީގުކުރުމަށް ޑަބްލިޔުއެޗްއޯގެ ޓީމެއް މިހަފްތާތެރޭ ޗައިނާއަށް ދާނެ

ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ތަހުޤީޤުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިހަފްތާތެރޭ ޓީމެއް ޗައިނާއަށް ދާނެކަމަށް އެޖަމިއްޔާއިން ބުނެފި އެވެ.

މިހަފްތާގެ ހޯމަ ނުވަތަ އަންގާރަ ދުވަހު ފުރަތަމަ ޓީމު ޗައިނާއަށް ދާނެ އެވެ. އަދި އެއަށްފަހު އިތުރު މީހުންދާނެކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 04:33
Writer Profile Picture
އާއިޝަތު ޝިއުރާ
ވުހާންގައި ތިބި މީހުން ގެންދާ އިނގިރޭސިވިލާތުގެ ފަހު ފުލައިޓް ވުހާންއިން މީހުން ގޮވައިގެން ފުރައިފި

ވުހާންގައި ތިބި އިނގިރޭސިވިލާތާއި އެހެން ގައުމުތަކުގެ މީހުން ގެންދިޔުމަށް އިނގިރޭސިވިލާތުން ޗާރޓަރ ކޮށްގެން ވުހާންއިން ފޮނުވި ފަހު ފުލައިޓް މީހުން ގޮވައިގެން ވުހާންއިން ފުރައިފި އެވެ.

އިނގިރޭސިވިލާތުން ބުނީ އެފުލައިޓްގައި 200 ށް ވުރެ ގިނަ ފަސިންޖަރުން ތިބިކަމަށެވެ. މިފުލައިޓް އިނގިރޭސިވިލާތަށް ދާނީ އާދީއްތަ ދުވަހު އެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 02:21
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް އާއި ގުޅިގެން އިތުރު ދިވެއްސަކު ކަރަންޓީނުކޮށްފި

ކޮރޯނާވައިރަސް އާއި ގުޅިގެން އިތުރު ދިވެއްސަކު ކަރަންޓީނުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން ބުނީ މިމީހާ ރާއްޖެ އައިސްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ގޮސް އައިސްފައިވާ ދިވެއްސަކު ހުރި ނަމަ އެމީހަކު ކަރަންޓީނުކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އެގޮތުގެ މަތިން ބުރާސްފަތި ދުވަހު ހަވީރު އައި އެކަކު ކަރަންޓީނުކޮށްފައިވާއިރު އެދުވަހު އައި އިތުރު ދެ މީހަކުވެސް ކަރަންޓީނުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް މިމީހުންގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ނުފެންނަ ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ޓްރެވެލް އެޑްވައިޒަރީގައިވާ މިންގަނޑުތަކުގެ ދަށުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 27 ބިދޭސީއަކު ރާއްޖެ އެތެރެވިޔަ ނުދީފައިވާކަމަށް ސަރުކާރުން ބުނެ އެވެ.

ޗައިނާއިން ރާއްޖެއަށް އައި މީހެއްގެ ކިބައިން ގައިން މިވައިރަހުގެ ޢަލާމާތްތައް ފެނުމާއި ގުޅިގެން ކޮރޯނާ ވައިރަސް ނެތްކަން ޔަގީންކުރުމަށް އޭނާގެ ސާމްޕަލްތައް އިންޑިއާއަށް ފޮނުވައިގެން ވަނީ ޓެސްޓު ހަދާފައެވެ. އޭނާގެ ސާމްޕަލާއި އެކު އިތުރު 6 މީހެއްގެ ސާމްޕަލް ޓެސްޓުކުރުމަށްވެސް ހެލްތު މިނިސްޓްރީން ފޮނުވި އެވެ. މިއެންމެންގެ ޓެސްޓުތައް ނެގެޓިވް ވިއިރު ރާއްޖޭގައި ކޮރޯނާއަށް ޝައްކުކުރެވޭ އެއްވެސް މީހަކު މިވަގުތު ނެތްކަމަށް ސަރުކާރުން ބުނެ އެވެ. ކޮރޯނާވައިރަސް ފެތުރެންފެށި ޗައިނާގެ ވުހާންގައި ތިބި 7 ދިވެހިން ވަނީ އިންޑިޔާގެ އެހީތެރިކަމާއެކު އިންޑިޔާއަށް ގެންގޮސްފަ އެވެ. އަދި މިހާރު އިންޑިއާގައި އެކަހެރިކޮށްފައި ތިބި ހަތް ދިވެހިންވެސް ބައްޔަށް ނެގެޓިވް ވެފައިވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 01:43
Writer Profile Picture
އާއިޝަތު ޝިއުރާ
އިތުރު 7 މީހުންނަށް ކޮރޯނާވައިރަސް ޖެހުމާއެކު ސިންގަޕޯރގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 40 ށް އަރައިފި

ސިންގަޕޫރުން އިތުރު 7 މީހުންނަށް ކޮރޯނާވައިރަސް ޖެހި މިހާތަނަށް އެގައުމުން ކޮރޯނާވައިރަސްގެ އަސަރު ފެނުނު މީހުންގެ އަދަދު 40 ށް އަރައިފި އެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން އިތުރަށް ފެނުނު 5 މީހުންނަކީ ކުރިން މިވައިރަސްގެ އަސަރު ފެނުނު މީހުންނާއި ގުޅުންހުރި މީހުންކަމަށެވެ. އަނެއް ދެ މީހުންގެ ތެރެއިން އެކަކީ ޓެކްސީ ޑްރައިވަރެކެވެ. އަދި އަނެއް މީހާއަކީ ޕްރައިވެޓް ކާރު ދުއްވާ މީހެކެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 01:27
Writer Profile Picture
އާއިޝަތު ޝިއުރާ
ކެނެޑާއިން ކޮރޯނާވައިރަސްޖެހިފައިވާ 7 ވަނަ މީހަކު ފެނިއްޖެ

ކޮރޯނާވައިރަސް ޖެހިފައިވާ 7 ވަނަ މީހަކު ކެނެޑާއިން ފެނިއްޖެ ކަމަށް އެގައުމުން ބުނެފި އެވެ.

9 ފެބްރުއަރީ 2020 | އާދީއްތަ 00:18
Writer Profile Picture
ޒިހްނަތު ހަސަން
ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީއަށް ހެލްތު މިނިސްޓަރ ޒިޔާރަތްކުރައްވައިފި

މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީ އަށް މިއަދު ޒިޔާރަތްކުރައްވާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އެހެންނަމަވެސް މިކަމާއި ބެހޭ އިތުރު ތަފުޞީލެއް ހާމަކޮށްފައެއް ނުވެއެވެ.

އައިސޮލޭޝަން ފެސިލިޓީގެ ވޯޑެއް
8 ފެބްރުއަރީ 2020 | ހޮނިހިރު 18:23