ޒަކާތު ފައިސާ ކޮވިޑް-19 ޖެހިފައިވާ ފަޤީރުންނަށް ދިނުން ހުއްދަ ކަމަށް ދުބާއީގެ އިސްލާމިކް އެފެރއަޒް އެންޑް ޗެރިޓޭބަލް އެކްޓިވިޓީސް ޑިޕާޓްމަންޓުގެ ގްރޭންޑް މުފްތީ އަދި ޑިރެކްޓަރ އޮފް އިފްތާ, އަޙްމަދު ބިން އަބްދުލް އަޒީޒް އަލް-ހަދާދު ވިދާޅުވެއްޖެއެވެ.
ހޮސްޕިޓަލަކަށް ނުވަތަ ފަރުވާދޭ މަރުކަޒަކަށް ބޭނުންވާ ފަންނީ އާލާތްތައް ގަތުމަށާއި، މުވައްޒަފުންނަށް މުސާރަދިނުމަށް އެހީއެއްގެ ގޮތުން ޒަކާތު ފައިސާ ހަދިޔާނުކުރެވޭނެކަމަށް މުފްތީ ވިދާޅުވެފައިވެއެވެ. އެއީ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާގޮތުގައި ޒަކާތް ދޭން ޖެހެނީ އެއަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ކަމުގައި ވާތީއެވެ. އެހެންނަމަވެސް ތަނަވަސް މީހުން އެފަދަ މަރުކަޒުތަކައް ޞަދަޤާތުގެގޮތުގައި މާލީގޮތުން އެހީތެރި ވެވިދާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މި ފަތުވާ މުފްތީ ދެއްވާފައިވަނީ ކީރިތި ޤުރުއާނާއި، ރަސޫލާގެ ޙަދީޘްތަކައް ރިޢާޔަތްކުރެއްވުމަށްފަހުއެވެ.
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ބޭނުންކުރާ ކިޓުގެ 5000 ކިޓު ލިބިފައިވާކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މި 5000 ކިޓު އައިޖީއެމްއެޗްގެ ލެބޯޓަރީއަށް ގެންދެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ޕޮލިސް އިންޓެލިޖެންސްގައި ބޭނުންކުރާ ޕީސީއާރު މެޝިނެއް ކޮވިޑް-19 އަށް ޝައްކު ކުރެވޭ ފަރާތްތައް ޓެސްޓް ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭނުންކުރަން ފަށާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ބުރާސްފަތި ދުވަހުގެ ރޭ މި މެޝިން ބޭނުންކުރަން ފަށާފައިވާއިރު، ދުވާލަކު 50 ޓެސްޓް އިތުރަށް ހެދޭނެ ކަމަށާއި، އަދި މެޝިންގެ މަސައްކަތް ރަނގަޅަށް ހިނގައިގަތުމުން އެއަށްވުރެ އިތުރަށް ޓެސްޓްތައް ހެދޭނެ ކަމަށެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންތިޒާމެއްގެ ތެރެއިން ރޭވިގެން ވަކިގޮތަކަށް ކުރުމަށް ނިންމާފައިވާ ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މި އުސޫކުގެ ދަށުން ރާއްޖެއިން ބޭރަށް ކުރު ދަތުރެއްގައި (ޓުއަރިސްޓް ވިސާގައި) ގޮސް ތިބި ފަރާތްތަކުގެ ތެރެއިން ނާދެވި ތާށިވެފައި ތިބި ފަރާތްތަކާއި، ބޭސްފަރުވާއަށް ގޮސް ނާދެވި ތިބި ފަރާތްތަކަށް ދޭނެ އެހީ ތެރިކަން ހަމަޖައްސާފައިވާ ކަމަށެވެ. މީގެއިތުރުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19 އާއި ގުޅިގެން އެމީހަކު ހުރި ގައުމަކުން ލިބެމުން އައި އާމްދަނީއެއް ހުއްޓިފައިވާނަމަ އެ ފަރާތްތަކާއި، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ
މޯލްޑިވިސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ލެބޯރަޓަރީ ގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެެވެ.
ބުރާސްފަތި ދުވަހުގެރޭ ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ޕޮލިސް އިންޓެލިޖެންސްގައި ބޭނުންކުރާ ޕީސީއާރު މެޝިނެއް ކޮވިޑް-19 އަށް ޝައްކު ކުރެވޭ ފަރާތްތައް ޓެސްޓް ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭނުންކުރަން ފަށާފައިވާ ކަަމަށެވެ. ނަވީން ވިދާޅުވީ، ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާނީ ފުލުހުންގެ ލެބޯޓަރީގައި ތިބި ފޮރެންސިކް އެނަލިސްޓުން ކަމަށެވެ.
ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ބޯހިޔާވަހިކަމާއި ގުޅޭ މައްސަލަތައް ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބުނެފިއެވެ.
ޖެންޑަރ މިނިސްޓްރީން ބުރާސްފަތި ދުވަހު އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާލާއިރު މިހާތަނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެދި 40 މައްސަލައެއް ހުށަހަޅާފައިވެއެވެ. މާލެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ކުއްޔަށް އުޅޭ ފަރާތްތަކަށް ކުލި ނުދެއްކުމުގެ ސަބަބުން ގެތަކުން ބޭރުކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.
އިސްލާމީ މަރުކަޒުގައި ބުރާސްފަތު ދުވަހުގެ ރޭ ތަރާވީހު ނަމާދު ކުރީ އިސްލާމީ މަރުކަޒުގައި ލޮކްޑައުންގައި ތިއްބެވި މިނިސްޓްރީގެ މުވައްޒަފުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ،. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ، މިހާލަތަށް ރިޔާއަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިއްމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިދިޔަ މާރޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން، މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ސަރުކާރުން ފޭބުން މަނާކުރާ ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ވަނީ ނިންމާފައެވެ.
ކޭސްތަކުގެ އަދަދު އިތުރުވިނަމަވެސް، ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނެތް. ގިނައީ ކުރީގެ ކްލަސްޓަރތަކާ ގުޅުންހުރި ކޭސްތައް. ޑޭޓާ ހެންޑްލް ކުރުމުގެ ނިޒާމް ވެސް އިތުރަށް ހަރުދަނާކުރެވިފައި ވާނީ. ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް އަތޮޅު ތެރެއަށް ފުޅާކުރެވުމުގެ މަސައްކަތް ކުރިއަށް ދަނީ.
ވަކި ބަޔަކަށް ވީތީ ތަފާތުކުރާނަމަ ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނުގެ ދަށުން އެކަން ކުރާ ވިޔަފާރިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން. މިކަހަލަ ޝަކުވާތަކެއް ވަނީ ލިބިފައި.
-ރަޖިސްޓްރަރ އޮފް ކޮމްޕެނީސް ވިސާމް-
މިހާރުގެ ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ފުލުހުންގެ އިންޓެލިޖެންސުން ގެންގުޅޭ އިތުރު ޕީސީއާރް މެޝިނެއް ބޭނުންކުރަން ފަށައިފި. މި މެޝިނުން ދުވާލެއްގެ މައްޗަށް އިތުރު 50 ޓެސްޓު ހެއްދޭނެ. އަދި ކުރިއަށް އޮތް ތަނުގައި ކެޕޭސިޓީ އިތުރުކުރެވޭނެ.