ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރެގެން ހިދުމަތްދެވޭނެގޮތަށް ސަރުކާރުން ނިންމުމާ ގުޅިގެން، މާރިޗް 18 ވަނަ ދުވަހުން ފެށިގެން ތިރީގައި ބަޔާންކޮށްފައިވާގޮތަށް ކަސްޓަމްސްގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނެސްފައިވާކަމަށް ކަސްޓަމުން ބުނެފި އެވެ
އެއަރކާގޯ ޑޮކިއުމެންޓޭޝަން އަދި އެއަރކާގޯ އެގްޒަމިނޭޝަން:
ހެނދުނު 06:00 ން މެންދަމު 01:30 ށް
ހަފްތާގެ ހުރިހާ ދުވަހަކު
ސީކާގޯ ޑޮކިއުމެންޓޭޝަން އަދި ސީކާގޯ އެގްޒަމިނޭޝަން:
ހެނދުނު 08:00 ން ރޭގަނޑު 20:00 ށް
ހުކުރު ދުވަސް ބަންދު
ހުޅުމާލެ ސީކާގޯ އެގްޒަމިނޭޝަން:
ހެނދުނު 08:00 ން ރޭގަނޑު 20:00 ށް
ހުކުރު ދުވަސް ބަންދު
ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް އިތުރު އެހީ އެއްގެ ގޮތުންނާއި މަސައްކަތުގެ މާހައުލުގައި މި މިނިސްޓްރީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން 18 މާރިޗް ވާ ބުދަ ދުވަހުން ފެށިގެން މިނިސްޓްރީގެ ކައުންޓަރަށް ހުށަހަޅަން ޖެހޭ ލިޔުންތައް އީމެއިލުން ހުށަހެޅުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އެދެފި އެވެ.
އެގޮތުން އީމެއިލް ކުރާނީ މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ކަމަށް އެމިނިސްޓްރީން ބުނެއެވެ.
ދުނިޔޭގައި ހަލުވި ކަމާއިއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން 18 މާރިޗް ވާ ބުދަ ދުވަހުން ފެށިގެން، މިނިސްޓްރީގެ ރިސެޕްޝަނުން ސިޓީއާއި، ބިލް ފަދަ ތަކެތި ބަލައިގަތުން ހުއްޓާލެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެގޮތުން ޖެމްސް ބޭނުން ނުކުރާ އިދާރާތަކާއި އާންމު ފަރާތްތަކުން މި މިނިސްޓްރީއަށް ފޮނުވާ ލިޔެކިއުންތަކާއި ކާޑު ފަދަ ތަކެތި ބަލައި ގަންނާނީ މިނިސްޓްރީގެ[email protected]މެއިލް މެދުވެރިކޮށް ކަމުގައި މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓްރީއިން އެއްވެސް މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ އޮޕަރޭޓަރ ނަންބަރު3323262އަށް ގުޅުމަށް މިނިސްޓްރީން އެދެއެވެ.
ރާއްޖޭގައި އިޢުލާން ކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަންދެން މިނިސްޓްރީއަށް ތަކެތި ބަލައި ގަންނާނީ އީމެއިލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިއީ މިނިސްޓްރީގެ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި އެޅި ފިޔަވަޅެއްކަމަށް މިނިސްޓްރީން ބުނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ފްލޫ ކްލިނިކެއް ތަޢާރަފްކޮށްފިއެވެ.
ޓްރީ ޓޮޕުން ވަނީ ކޮވިޑް-19 އާއި ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ހުރިހާ ފަރާތަކަށް ސްކްރީނިންގް ޕޮލިސީއެއްވެސް ފަށައިފައެވެ. އަދި މި ސްކްރީނިންގައި ހުން ހުންނަ ނުވަތަ ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަށް ޑޮކްޓަރަށް ދެއްކުމަށް ފްލޫ ކްލިނިކަށް ވަކިން ޙާއްސަ ކުރެވިފައިވާ ސަރަހައްދަކަށް ވަކި ދޮރަކުން ގެންގޮސްދެވޭނެ ކަމަށެވެ. މި ބަދަލުގެ ސަބަބުން ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކޮށް ބަލިފެތުރުމުގެ ފުރުސަތު ކުޑަ ކުރެވޭނެ ކަމަށް ޓްރީޓޮޕުން ބުންޏެވެ.
ޓްރީޓޮޕުން ބުނީ ފްލޫ ކްލިނިކުން ބަލި މީހުންގެ އަލާމާތްތަށް އިތުރަށް ތަޙްލީލްކޮށް އެކަށީގެންވާ ފަރުވާ ދެވޭނެކަމަށެވެ. އެގޮތުން އާންމު ފްލޫތަކުގެ ވެކްސިނޭށަން ބޭނުންވާ ފަރާތްތަކަށް ވެކްސިން ރިކޮމެންޑް ކުރެވޭނެކަމަށެވެ. އަދި ފްލޫ ވެކްސިނޭށަން އަކީ ދާއިމަށް ފަރުވާ ބޭނުންވާ ބަލި މީހުންނަށާއި ހުރިހާ އުމުރު ފުރައެއްގެ މީހުންވެސް ރޯގާޖެހިގެން ބަލިވުމުން ދުރުކޮށްދިނުމަށް އެހީވެދޭ ވެކްސިންއެއް ކަމަށް ވެސް ފްލޫ ކްލިނިކުން ބެލުމަށް ފަހު ބަލިމީހާ އިމަޖެންސީއަށް ނުވަތަ ފަރުވާއާއި ގުޅޭ ޑިޕާޓްމަންޓަކަށް ގެންގޮސްދެވޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕް އިން ބުނީ ފްލޫ ކްލިނިކް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހަކު ހެނދުނު 0900 އިން ހަވީރު 1830 އަށް ކަމަށެވެ. އަދި ކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް 3351610 އަށް ގުޅުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާ ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އާ ގުޅޭ ޝަކުވާ އަންގާރަ ދުވަހުން ފެށިގެން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލްގެ ޒަރީޢާއިން ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ން ބުނެފި އެވެ.
އެގޮތުން އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެސް ކަމަށްވާ،[email protected]އަށް ކަމަށް އީސީން ބުނެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން 18 މާރިޗު ވާ ބުދަ ދުވަހުން ފެށިގެން ޓްރާންސްޕޯޓު އޮތޯރިޓީން ދެމުން ގެންދާ ޚިދުމަތްތަށް ދިނުން މެދުކަނޑާލާނެ ކަމަށް އެއޮތޯރިޓީން ބުނެފި އެވެ. ނަމަވެސް ޕޯޓް ޑިއުސް، ލައިޓް ޑިއުސް އަދި އެންކަރޭޖް ފީ ބަލައިގަތުމުގެ ޚިދުމަތް ފޯރުކޮށް ދެވޭނެކަމަށް އެއޮތޯރިޓީން ބުނެއެވެ.
ކޮވިޑް-19 އަށް ޝައްކުކުރެވޭ ދިވެހި ފިރިހެނަކު ބަލަންޖެހޭ ކަންކަން ބަލައި ޓެސްޓް ކުރުމަށްޓަކައި ފަރުކޮޅުފުއްޓަށް އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުމަށް ގޭގައި މަޑުކުރުމަށް އަންގާފައިވަނިކޮށް އެކަމަށް އެއްބާރުލުންނުދިން އަންގާފައިވާ ގޮތަށް އަމަލުކޮށްފައިނުވާތީ އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ ފުލުހުން ވިލިމާލެ އަށް ގޮސް އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެޗްޕީއޭ އަށް މެންދުރު ގެ ވަގުތެއްގައި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މާރޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެން 26 މާރޗްގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ރައީސުލްޖުހޫރިއްޔާގެ ކެބިނެޓުން ނިއްމަވާފައިވާތީ ، މިދުވަސްތަކުގައި ދޫކުރާ އެހެނިހެން ހުއްދަތަކާއި ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް މިމުއްދަތު ތެރޭގައި މާލެ ސިޓީ ކައުންސިލުން ދޫނުކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
އަދި މި ސެކްޝަނުން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން 19 މާރޗް 2020 ކުރިން ދޫކޮށްފައިވާ ބޯޑުތަކާއި، އަދި 19 މާރޗުން 26 މާރޗުގެ ނިޔަލަށް ފައްތިއާ ފަޅުހުއްދަ އަށް ދައްކަންޖެހޭ ފައިސާ މިމުއްދަތު ތެރޭގައި ޖޫރިމަނާ ނުވެ ސަރުކާރު އޮފީސްތައް ހުޅުވޭ ދުވަހު ދެއްކޭނެ އިންތިޒާމް ވަނީ މިކައުންސިލުން ހަމަޖައްސާފައެވެ. ނަމަވެސް ސަރުކާރު އޮފީސްތައް ހުޅުވާ ދުވަހު މި ޚިދުމަތްތަކުގެ ތެރެއިން ދައްކަވަންޖެހޭ ފައިސާ އެދުވަހު ނުދައްކަވައިފިނަމަ ދެން ފައިސާ ބަލައިގަނެވޭނީ ޖޫރިމަނާ ފައިސާ އެކުގައި ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.
ނައިލޯނުގެ، ސ. ހިތަދޫގައި މިވަގުތު ހުރި ފަރާތެއްގެ ކިބައިން، ކޮވިޑް-19 އަށް
ޝައްކު ކުރެވޭ ޢަލާމާތްތަކެއް ފެނުމާ ގުޅިގެން ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން ނައިލޯނުގެ، ސ، ހިތަދޫ އަކީ މިއަދުގެ ހަވީރު 3:20 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ނުވަތަ އިތުރު އެންގުމެއް އަންގަންދެން ބަންދުކުރެވިފައިވާ ތަނެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެގޭގައި ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ފެނިފައިވަނީ އިންޑިއާއިން އައި އާއިލާއެއްގެ ކުޑަކުއްޖެއްގެ ގައިންނެވެ.
އަދި އެތަނުގައި މި ވަގުތު ތިބި އެއްވެސް ބަޔަކު ވަކިގޮތެއް އަންގަންދެން ތަނުން ބޭރަށް ދިއުމާއި، ހުއްދަނެތި އެއްވެސް މީހަކު ތަނަށް ވަނުން މަނާކުރެވިފައިވާތީ، އެފަދައިން އެކަން ހިނގާނެ ގޮތެއްގެ މަތިން ތަނުގެ އިންތިޒާމުތައް މި ހިނދުން ފެށިގެން ހަމަ ޖެއްސުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ތަނުގެ ވެރިފަރާތަށް އަންގާފައިވެއެވެ.
އަދި، މިކަމުގައި ގޭގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅާ އަންގުމަށް ވަނީ އެދިފައެވެ.
މިއަދު 18:00 ގެ ފަހުން، މެލޭޝިޔާއިން ދިވެހިރާއްޖެއަށް އަދި މެލޭޝިޔާ މަގުން ދަތުރުކުރުމަށްފަހު ރާއްޖެ އަންނަ އެންމެހާ ދިވެހިން 14 ދުވަހުގެ މުއްދަތަށް މޮނިޓަރ ކުރުމަށް ކަރަންޓީނު ފެސިލިޓީއަކަށް ފޮނުވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި
ކޮވިޑް-19 ގެ އެކިލެވެލްތަކުގައި އަމަލުކުރަންވީ ގޮތް ސްޕްރީމް ކޯޓުން އެކުލަވާލާ ސަރކިޔުލަރ އެއް ނެރެފި އެވެ.
އެގޮތުން ކޯޓުތަކުން މީސްމީހުންނަށް އަންގާ އެންގުންތައް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް އެންގުމުގެއިންތިޒާމުތައް ހަމަޖައްސައި، އެގޮތުގެމަތިން ވީއެންމެ އަވަސް ފުރުޞަތެއްގައި މަސައްކަތްތައް ތަރުތީބުކުރުމަށް ވަނީ އަންގާފަ އެވެ. އަދި ކޮންމެހެން ކޯޓުގެ ސަރަޙައްދުގެ ތެރެއަށް ވަންނަން ޖެހޭ މީހުން، އެހެން މީހުންނާ ކޯޓުގެ ތެރޭގައި ގައިގޯޅިނުވާނެ ގޮތަކަށް ދުރުމިނުގައި ތިބެވޭނެ އަދި ވަދެ ނިކުމެވޭނެ ގޮތް ހެދުމަށާއި އެކަންކަން ބެލުމަށް ކޯޓުގެ މުވައްޒަފަކު ހުރުމަށް ސަރކިޔުލަރ ގައި ބުނެފައިވެ އެވެ. އެގޮތުން ރީނދޫ އެލަރޓްގައި 2 ކަމެއް ވަނީ ކަނޑައަޅާފަ އެވެ. އޮރެންޖް އެލަރޓްގައި 5 ކަމެއް އަދި ރަތް އެލަރޓްގައި 3 ކަމެއް ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދެކުނު އެމެރިކާގެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕަ އެމެރިކާ އަންނަ އަހަރަށް ފަސްކުރުމަށް ނިންމައިފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްއިން ވަނީ އަންގާރަ ދުވަހު މުބާރާތް ފަސްކުރުމަށް ނިންމާފައެވެ. ކުރިން މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހު ފެށިގެން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އާޖެންޓީނާ އާއި ކޮލޮމްބިއާގައެވެ.
އެކަމަކު މި މުބާރާތް ފަސްކުރަން ކޮންމެބޯލްއިން ނިންމިއިރު، މި މުބާރާތް އަންނަ އަހަރުގެ ހޫނު މޫސުމުގައި ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާތީ ފިލިޕީންސްގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.
ފލިޕީންސް އިން ވަނީ 15 މާޗް 2020 އިން 14 އޭޕްރިލް 2020 އަށް އެ ޤައުމުގެ ވެރިރަށް މެނީލާއަށް ވަދެ ނުކުތުން ވަގުތީގޮތުން މަނާކޮށްފައެވެ. އެގޮތުން އެ ޤައުމުގެ އެލަރޓް ލެވެލް "ކޯޑް ރެޑް ސަބް ލެވެލް 2" އަށް ވަނީ މަތިކޮށްފައެވެ.
އަދި 14 މާޗް 2020 އިން ފެށިގެން ރޭގަނޑު 8:00 އާއި ފަތިހު 5:00 އާ ދޭތެރޭ، މެޑިކަލް ބޭނުމަކަށް އަދި އެމަރޖަންސީ ހާލަތްތަކުގައި ނޫނީ މެނީލާގެ ރައްޔިތުން ގެއިން ބޭރަށް ނުކުތުން ފިލިޕީންސްގެ ސަރުކާރުން ވަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް މެނީލާއިން ބައިނަލްއަޤްވާމީ ވައިގެ މަގުން ދަތުރުފަތުރުކުރުން ހުއްޓާލާފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ފިލިޕީންސްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ފިލިޕީންސްގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވެލެއްވުމަށެވެ.
އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ފިލިޕީންސްއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ރައްޔިތުން ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް އެދިފައިވެއެވެ.
އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށާފައިވީ ހިނދު، ފަނޑިޔާރުންނަށް ސަލާމަތްތެރި މާހައުލެއްގައި މަސައްކަތް ކުރެވޭނެ ގޮތްހެދުމާއެކު ރައްޔިތުންނަށް ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑޭނެގޮތަށް ފޯރުކޮށްދިނުމުގެ ގޮތުން ކޮމިޝަނުން ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެފި އެވެ. އެގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅު ތަކަކީ:
- ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާ އެއްގޮތަށް، ފަނޑިޔާރަކު ސެލްފް އައިސޮލޭޝަން ނުވަތައައިސޮލޭޝަން ނުވަތަ ކޮރެންޓިން ކުރެވިއްޖެނަމަ، އެފަނޑިޔާރަކު އެކަން ޖުޑީ ޝަލް ސަރވިސް ކޮމިޝަނަށް އެންގުން. މިފަދައިން އަންގާނީ މިކޮމިޝަންގެ 7821400 ނަންބަރަށް ޓެކްސްޓް މެސެޖަކުން ކަމަށް ޖޭއެސްސީން ބުނެއެވެ. ވީޓެކްސްޓް މެސެޖުގައި ފަނޑިޔާރުގެ ނަން، އައިޑީ ކާޑު ނަންބަރު އަދި ކޯޓު ބަޔާން ކުރަންޖެހެއެވެ. ފަނޑިޔާރަކު ސެލްފް އައިސޮލޭޝަން ނުވަތަ ޣައިލޭޝަން ނުވަތަ ކޮރެންޓީންގައި ހުންނަވާ މުއްދަތުގައި ކޯޓަށް ހާޒިރުނުވެވޭ ދުވަސްތައް އަހަރީ ޗުއްޓީ ނުވަތަ އެހެނިހެން ޗުއްޓީތަކުން ނުކެނޑޭގޮތަށް އަދި މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ހަމަޖެއްސޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ.
-ކޮވިޑް-19 އާ ގުޅިގެން އޮރެންޖް އެލަރޓް އިޢުލާން ކުރެވޭ ސަރަޙައްދެއްގެ ކޯޓުގައި ތިއްބެވި، އުމުރުން 55އަހަރުން މަތީ ފަނޑިޔާރުންނާއި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ ހިތުގެ ފުއްޕާމޭގެ ކެންސަރު، ހަކުރުބަލި ފަދަ ދާއިމީ ބައްޔަކަށް ފަރުވާ ހޯއްދަވާ ފަނޑިޔާރުންނާއި މާބަނޑު ފަނޑިޔާރުން ގޭގައި މަސައްކަތް ކުރައްވަންބޭނުން ފުޅުނަމަ، އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެންގުމުން، ކޮމިޝަނުން ކަނޑައަޅާ އުސޫލުގެ ދަށުން އެއިންތިޒާމް ހަމަ ޖައްސަދެވޭނެ. އަދި މި ގޮތަށް މަސައްކަތް ކުރައްވާ ފަނޑިޔާރުން ވިގޮތަށް މަސައްކަތްކުރާ ދުވަސްތަކަކީ ކޯޓަށް ހާޒިރުވެ މަސައްކަތް ކުރާދުވަސްތަކެއްގެ ގޮތުގައި ބެލޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރުމަށް ޔުއެފާއިން ނިންމައިފި އެވެ.
ޖޫން މަހުގެ 13 ވަނަ ދުވަހު ފެށުމަށް ކުރިން ތާވަލުކޮށްފައި އޮތް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ޔޫރަޕްގެ 12 ސިޓީއެއްގައެވެ.
އެކަމަކު މި މުބާރާތް ފަސްކުރަން ޔުއެފާއިން ނިންމީ ވީޑިއޯކޮންފަރެންސް މެދުވެރިކޮށް އަންގާރަ ދުވަހު ޔުއެފާގެ 55 މެމްބަރު ގައުމުންނާއި ޔޫރަޕުގެ ލީގުތަކުންނާއި ޔޫރަޕުގެ ކްލަބު އެސޯސިއޭޝަނުންނާއި ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން (ފިފްޕްރޯ) އިން މަންދޫބުން ބައިވެރިވި ބައްދަލުވުމަށްފަހު އެވެ. މި ބައްދަލުވުމަށްފަހު ޔުއެފާއިން ނިންމާފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރުގެ ހޫނު މޫސުމުގައި ބޭއްވުމަށެވެ.
ވިއެޓްނާމަށް އަންނަން ވިސާ ނަގައިގެންތިބި އަދި އެކި ބޭނުންތަކައް އެކި މުއްދަތައް ވިސާއާއެކު، އެޤައުމުގައި ދިރިއުޅެމުންދާ އެމެރިކާއާއި، ޔޫރަޕުގެ ޤައުމުތަކާއި، އާސިއާންގެ ޤައުމުތަކުން އަނބުރާ އަންނަ މީހުން ކަރަންޓީން ކުރަން އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އަދި މާދަމާއިން ފެށިގެން އެއްވެސް ޤައުމެއްގެ ރައްޔިތަކަށް އެޤައުމަށް އެތެރެވުމުގެ ވިސާ ނުދޭން މިހާރު ވަނި ކަނޑައަޅާފައެވެ. މިފަދައިން ނިންމީ އެޤައުމުގައި ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު، ވައިރަސް ކޮންޓްރޯލް ކުރަން އެޤައުމުގެ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުންދާތީއެވެ. މިހާތަނަށް ކަންވެފައި އޮތްގޮތައް ބަލާއިރު، ވައިރަސް އެޤައުމަށް އެތެރެވެފައިވަނީ ބިދޭސީންގެ ފަރާތުންނެވެ. އެހެންކަމުން ވައިރަސް ކޮންޓްރޯލް ކުރުމަށް މިދަނޑިވަޅަށް ބަލާއިރު އެންމެ ހަރުދަނާ އެއް ފިޔަވަޅެއްގެ ގޮތުގައި ފެނުނީ، ބޭރުން އެޤައުމަށް އަންނަ މީހުން ހުއްޓުވުމެވެ.
ވިއެޓްނާމުން މިހާތަނަށް އައިއިރު 61 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19 ގެ ސަބަބުން އާމްދަނީ ހޯދުމަށް ދަތިވެ ކަންބޮޑުވުން ފާޅުކުރަމުން ދާތީ ފަންނާނުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ހޯދުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓާރ އޮފް އަރޓްސް ، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމަށް ފަންނާނުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށެވެ.
ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އާވީ ނޭޗަރސް ޕެރަޑައިސް ރިސޯޓުން ނެގި ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރިސޯޓުގެ ވަނީ މޮނިޓަރިންގްގެ ހާލަތުން ވަނީ ނެގިފައިކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
ކޮވިޑް-19 ރޯގާގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމުގައި ކަސްޓަމަރުންނަށް ލުއި ދިނުމުގެ ގޮތުން ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސެއް ދޭން ނިންމައިފި އެވެ.
ދިރާގުން ބުނީ މިމަހާއި އަންނަ މަހަށް މޯބައިލް ކަސްޓަމަރުންނަށް ހާއްސަ ޑޭޓާ އެލަވަންސެއް ލިބޭނެ ކަމަށެވެ. އެގޮތުން ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ ލިބޭނެ އެވެ. މިގޮތަށް ޑޭޓާ އެލަވަންސް ދެނީ މަންތްލީ ޑޭޓާ ޕެކޭޖުތަކުންނެވެ. މީގެ އިތުރުން، ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ވޮއިސް އެޑް-އޮން ކަމަށްވާ "ވޮއިސް 15"ގެ އަގު 50 ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ.
މިއީ 47 އަހަރުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ވިދާޅުވީ 16 މަރޗްގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1609 މީހުން ކަމަށެވެ. މީގެކުރިން 5000 މީހުން އެވްރެޖްކޮށް ރާއްޖެ އަންނަކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މެލޭޝިޔާގެ ސަރަވަކް ސްޓޭޓް ޑިޒާސްޓަރ މެނޭޖްމެންޓް ކޮމިޓީން ބުނާގޮތުގައި، މިއަދު އެޤައުމުގައި ވައިރަސްޖެހިގެން ފަރުވާ ހޯދަމުންދިޔަ ދެމީހަކު ވަނީ މަރުވެފައެވެ.
މެލޭޝިޔާގައި މިހާތަނަށް 673 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފަތުރުވެރިން ގެންދިޔުމަކީ މަނާކަމެއްކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. މިވަގުތު ތިބި ފަތުރުވެރިންނަށް ތިބެވޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތް 2 ހަފްތާ ސަރުކާރުން ބަލި ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ޢާއްމުކުރައްވާފައިވާ ބަޔާނެއްގައި ވަނީ، މެލޭޝިޔާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން މެލޭޝިޔާގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވެލެއްވުމަށް ދަންނަވާކަމަށެވެ.
އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންއެއްގައި ރެޖިސްޓަރ ކުރުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، މެލޭޝިޔާއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެ ޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ވަނީ އެދިފައެވެ.
ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމެއްގެ ގޮތުގައި ފޮރިން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، މެލޭޝިޔާގެ ސަރުކާރުން ވަނީ 18 މާރިޗު 2020 އިން 31 މާރިޗު 2020 އަށް "މޫވްމަންޓް ކޮންޓްރޯލް އޯޑަރ" ގެ ދަށުން އަންނަނިވި ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ.
1) ފަތުރުވެރިންނާއި ބިދޭސީން އެ ޤައުމަށް ވަނުން މަނާކުރުން.
2) މެލޭޝިޔާ ރައްޔިތުން އެ ޤައުމުން ބޭރަށް ދިއުން މަނާކުރުން. އަދި ބޭރު ޤައުމުތަކުގައި އުޅެފައި އެނބުރި މެލޭޝިޔާ އަށްދާ އެ ޤައުމުގެ ރައްޔިތުން ހެލްތު ޗެކްއަކަށް ފަހު 14 ދުވަހަށް ކަރަންޓީން ކުރުން.
3) ދީނީ، ކުޅިވަރު، އިޖްތިމާއީ އަދި ޘަގާފީ ބައްދަލުވުންތައް ހިމެނޭގޮތަށް ހުރިހާ އެއްވުންތައް މަނާކުރުން.
4) ހުކުރު ނަމާދު ހިމެނޭގޮތަށް މިސްކިތްތަކުގައި ބާއްވާ ހުރިހާ ދީނީ ހަރަކާތްތަކާއި ބައްދަލުވުންތައް މަނާކުރުން.
5) ހުރިހާ ސްކޫލްތައް ބަންދުކުރުން.
6) ސުޕަރ މާކެޓް ފަދަ އަސާސީ ތަކެތި ވިއްކާ ތަންތަން ފިޔަވައި ހުރިހާ ވިޔަފާރިތައް ބަންދުކުރުން.
7) އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަން ކަމަށްވާ ފެން، ކަރަންޓު، ޓެލެކޮމް، ދަތުރުފަތުރު، ހަކަތަ، ބްރޯޑްކާސްޓިންގ، ސެކިއުރިޓީ، ސިއްހަތު، އަދި މާލީ ކަންކަމާ ގުޅޭ އިދާރާތައް، ބޭންކް އަދި ވައިގެ ބަނދަރުތައް ފިޔަވައި ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ވުޒާރާތައް ބަންދުކުރުން.