ކޮވިޑް-19: އެންމެ ފަހުގެ

29,518,207
  • ކޮވިޑް-19: އިންޑިއާއިން މިއަދު އެކަނިވެސް 3003 މީހުން ވައިރަސްއަށް ޓެސްޓްކޮށްފި
  • ކޮވިޑް-19: މިޔަންމާއާއި ބަންގްލަދޭޝް ގުޅޭ އެއްގަމު ބޯޑަރު ބަންދުކޮށްފި
  • ކޮވިޑް-19: އިންޑިއާގައި ފެތުރެމުންދާ ގޮތް
 
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާއިން މިއަދު އެކަނިވެސް 3003 މީހުން ވައިރަސްއަށް ޓެސްޓްކޮށްފި

އިންޑިއާގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ޚަބަރުފަތުރާގޮތުގައި، މިއަދު އެކަނި އެޤައުމުގެ އެކި ކަންކޮޅުތަކުގައި 3،003 މީހުންވަނީ ވައިރަސްއަށް ޓެސްޓްކޮށްފައެވެ. މީގެތެރެއިން 43 މީހުން ވައިރަސްއަށް ޕޮޒިޓިވްވީ އިރު، ބާކީ 2،694 މީހުން ވައިރަސްއަށް ނެގެޓިވްކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާގެ އެއަރޕޯޓުތަކުގައި މިހާރު ވައިރަސްއަށް ސްކްރީންކުރަމުންދާއިރު، މިހާތަނަށް 8،255 ފްލައިޓަކުން އިންޑިއާއަށް ދަތުރުކުރި 8،74،708 ފަސިންޖަރުން ސްކްރީން ކޮށްފައިވާކަމަށެވެ. މީގެތެރެއިން 1،921 މީހުންގެ ހަށިގަނޑުގައި ވައިރަސްގެ އަލާމާތް ހުރިކަން ދެނެގަނެވުމާއެކު ހޮސްޕިޓަލުގައި އެކަހެރިކޮށް ފައރުވާދީފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

9 މާރޗް 2020 | ހޯމަ 23:32
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މިޔަންމާއާއި ބަންގްލަދޭޝް ގުޅޭ އެއްގަމު ބޯޑަރު ބަންދުކޮށްފި

މިޔަންމާ ސަރުކާރުން މިކަން ހާމަކޮށް ޢާންމުކުރި ބަޔާނުގައި ވަނީ، މިޔަންމާއާއި ބަންގްލަދޭޝް ގުޅޭ އެއްގަމު ޞަރަޙައްދީ އިން ބަންދުކުރަން ސަރުކާރުން މުއްދަތެއް ނެތްގޮތައް ނިންމާފައިވާކަމަށެވެ. ސަރުކާރުން ވަކިގޮތެއް އަންގަންދެން އެއްވެސް ޤައުމެއްގެ މީހަކަށް ދެޤައުމުގެ ގުޅޭ "މިޒޮރާމް" ބޯޑަރު ހުރަސް ކުުރުމުގެ ހުއްދަ ނުދޭނެކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް، ދެޤައުމުގެ އިސް މަސްއޫލުވެރިންނަށާއި، ޞިއްޙީ މަސައްކަތްތެރިންނަށް މިޔަންމާ ސަރުކާރުގެ ވަކި ހުއްދައެެއްގެ ދަށުން ބޯޑަރު ހުރަސްކޮށް މިޔަންމާއަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް ބަޔާނުގައިވެއެވެ. އަދި އެތެރެއަށް ވަންނަން ހުއްދަ ދޭނީ ޚާއްޞަ ސްކްރީނިންގް އަކަށްފަހު ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

9 މާރޗް 2020 | ހޯމަ 23:25
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާގައި ފެތުރެމުންދާ ގޮތް

އިންޑިއާގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް އައިއިރު 45 މީހަކަށް ވައިރަސް ޖެހުނުކަން އިންޑިއާ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.

ވަކި ވަކި ސްޓޭޓުތަކުން ވައިރަސް ޖެހުނު އަދަދު:

* ނިއު ދިއްލީ: 04 (އިންޑިއާ)

* ހަރިޔާނާ ސްޓޭޓް: 14 (ބޭރު މީހުން)

* ކެރަލާ ސްޓޭޓް: 09 (އިންޑިއާ)

* ރާޖެސްތާން ސްޓޭޓް: 02 (ބޭރު މީހުން)

* ތެލަންގާ: 01 (އިންޑިއާ)

* އުއްތަރް ޕްރަދޭޝް: 09 (އިންޑިއާ)

* ލަދަޚް: 02 (އިންޑިއާ)

* ޓެމިލްނާޑޫ ސްޓޭޓް: 01 (އިންޑިއާ)

* ޖައްމޫ އެންޑް ކަޝްމީރު: 01 (އިންޑިއާ)

* ޕަންޖާބް ސްޓޭޓް: 01 (އިންޑިއާ)

* ކަރްނާޓަކާ ސްޓޭޓް: 01 (އިންޑިއާ)

9 މާރޗް 2020 | ހޯމަ 23:20
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސްއަށް ޝައްކުކުރެވޭ 41 މީހަކު ކަޝްމީރުގައި ކަރަންޓީންކޮށްފި

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، ވައިރަސްގެ އަލާމާތްތައް ފެނިގެން މިއަދު ކަަރަންޓީންކޮށްފައިވަނީ، ދާދި ފަހުން ޗައިނާއަށާއި، އިރާނަށް ދަތުރުކޮށްފައިވާ 41 މީހުންނެވެ. މީީގެތެރޭގައި ހިމެނެނީ ޗައިނާއަށް ދަތުރުކުރި 31 މީހުންނާއި އިރާނަށް ދަތުރުކުރި 10 މީހުން ކަމަށެވެ.

މިހާރު ސަރުކާރު ހޮސްޕިޓަލްތަކުގައި ކަރަންޓީންކޮށް ފަރުވާދެމުންދާއިރު، އެމީހުންގެ ލޭގެ ސާމްޕަލްތައް ނަގާ މިހާރު ޓެސްޓުކުރަން ފޮނުވާފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

9 މާރޗް 2020 | ހޯމަ 23:14
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޗައިނާއިން ވައިރަސް ޖެހުނު މީހުންގެ ތެރެއިން 70 އިން ސައްތަ މީހުން ރަނގަޅުވެއްޖެކަމަށް ޑަބްލިއުއެޗްއޯއިން ބުނެފި

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ޗައިނާގައި އެ ވައިރަސް ޖެހުނު މީހުންގެ ތެރެއިން 70 އިން ސައްތަ މީހުން ފަރުވާއަށް ފަހު ރަނގަޅުވެފައިވާކަމަށް ޑަބްލިއުއެޗްއޯއިން ބުނެފިއެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ ތަފާސް ހިސާބު އަދި ހާމަކޮށްފައެއް ނުވެއެވެ.

މުޅި ދުނިޔެއިން ވައިރަސްގައި 3،893 މީހުން މަރުވީއިރު، މީގެތެރޭގައި ޗައިނާގެ 3،120 މީހުން ހިމެނެއެވެ.

9 މާރޗް 2020 | ހޯމަ 23:11
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސްއަކީ ދުނިޔެއަށް އޮތް ނުރައްކަލެއްކަމަށް ޑަބްލިއުއެޗްއޯއިން ބުނެފި

ކޮވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރުމަށް ޑަބްލިއުއެޗްއޯއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޖަމާޢަތުގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯޒް އެދެނޯމް ގެބްރިޔޭސަސް ވިދާޅުވީ ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މިހާރު މިއޮތް ޙާލަތައް ބަލާނަމަ، މިއީ މުޅި ދުނިޔެއަށް ފެތުރިދާނެ ރޯގާއެއްގެ ގޮތުގައި ބެލެވިދާނެކަމަށެވެ. އެހެންނަމަވެސް އެޖަމާއަތުން އަދި ރަސްމީކޮށް އެގޮތައް ކަނޑައެއް ނާޅައެވެ.

ޓެޑްރޯސް ވިދާޅުވީ، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ފުރުޞަތު އަދިވެސް ބޮޑު ކަމަށެވެ.

ޓެޑްރޯސް މިހެން ވިދާޅުވެފައި މިވަނީ، ވައިރަސްއާއި ގުޅިގެން އެ ޖަމާއަތުގެ މަސައްކަތް ކުރިޔަށްގެންދާ ގޮތާމެދު ގިނަ ބައެއްގެ ފާޑިކިޔުން އާމާޒުވެފައިވަނިކޮށްނެވެ.

މީގެ ކުރިން ބޭއްވި ޕްރެސް އެއްގައި ޓެޑްރޯސް ވިދާޅުވެފައިވަނީ ކޮވިޑް-19 އަކީ މަދަނީ ދުޝްމަނެއް ކަމަށެވެ.

9 މާރޗް 2020 | ހޯމަ 23:06
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސްއާއި ބެހޭގޮތުން ދޮގު މަޢުލުމާތު ފެތުރި 2 މީހަކު އިންޑިއާ ފުލުހުން ހައްޔަރުކޮށްފި

އިންޑިއާގެ ކެރެލާ ސްޓޭޓުގައި އަނެއްކާވެސް ކޮރޯނާ ވައިރަސްއަށް މީހުން ޕޮޒިޓިވްވެގެން އެ ސްޓޭޓް އެލަރޓަށް އައިސްފައިވާ މި ދަނޑިވަޅުގައި، ވައިރަސްއާއި ބެހޭ ގޮތުން ހަޤާޤަތާއި ޚިލާފު ދޮގު މަޢުލޫމާތު ފެތުރި 2 މީހަކު އެ ސްޓޭޓުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ކޮވިޑް-19 ޖެހިފައިވާ ބަލި މީހުންނާއި ބޭހޭ ގޮތުންނާއި، އެމީހުންނަށް ފަރުވާ ދެމުންދާ ހޮސްޕިޓަލްތަކާއި ބެހޭ ގޮތުންނާއި، ފަރުވާދެމުންދާ ގޮތާއި މެދު މި 2 މީހުން ސޯޝަލް މީޑިއާގައްޔާއ ބައެއް ފޯރަމްތަކުގައި ދޮގު ޚަބަރު ފަތުރާފައިވާތީ މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު ތަޙުޤީޤު ކުރަމުންދާކަމަށް ކެރަލާ ސްޓޭޓް ފުލުހުން މިކަމާއި ގޫޅޭގޮތުން ޢާންމުކޮށްފައިވާ ބަޔާނުގައި ވެއެވެ.

ކެރަލާ ސްޓޭޓުގެ މައި ސަރުކާރުން ވަނީ، މި ދަނޑިވަޅުގައި ޢާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ވެރިވާފަދަ އެއްްވެއް މަޢުލޫމާތެއް، ވަކިން ޚާއްޞަކޮށް ޙަޤީޤަތް އޮޅޭ ފަދަ ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް އެންމެހައި ފަރާތްތަކައް ގޮވާލާފައެވެ.

9 މާރޗް 2020 | ހޯމަ 23:01
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސްޕެއިން އިތުރު 2 މީހަކު ވައިރަސް ޖެހިގެން މަރުވެއްޖެ

އެމެރިކާގެ ޓީވީ ނެޓްވަރކް ސީއެންއެންއިން ޚަބަރު ފަތުރާ ގޮތުގައި މިއަދު ސްޕެއިންގައި ދެމީހަކު ވަނީ ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.

މަރުވެފައިވަނީ އުމުރުން 97 އަހަރުގެ ފިރިހެނަކާއި، 88 އަހަރުގެ އަންހެނެއް ކަމަށް ސީއެންއެންއިން ރިޕޯޓުކުރެއެވެ.

މިއާއެކު، ވައިރަސްގައި ސްޕެއިން އިން މަރުވީ މީހުންގެ އަދަދު ވަނީ 28 އަށް އަރާފައެވެ.

9 މާރޗް 2020 | ހޯމަ 22:56
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާގެ ޕޫނާއިން ފުރަތަމަ ކޭސް ރިޕޯޓުކޮށްފި

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި، އިންޑިއާގެ ޕޫނާ ސިޓީން މިއަދު ވަނީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއީ މަހާރާޝްތްރާ ސްޓޭޓުގެ ސިޓީއަކުން މި ވައިރަސް ފެނުނު ފުރަތަމަ ފަހަރެވެ. އޭނާގެ ވަނަވަރު އަދި ހާމަކޮށްފައި ނުވިނަމަވެސް، އޭނާއަކީ ދާދި ފަހުން ދުބާއީއަށް އަމިއްލަ ބޭނުމަކު ދަތުރުކޮށްފައިވާ މީހެއްކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

9 މާރޗް 2020 | ހޯމަ 22:54
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: 9 ޤައުމަކަށް ކަނޑާއި ވައިގެ ދަތުރުތައް ކުރުން ސައުދީން ހުއްޓާލައިފި

ސައުދީ ރަސްކަމުގެ ދަރުބާރުން ހާމަކުރާގޮތުގައި، ދުނިޔޭގެ 9 ޤައުމަކަށް މިއަދުން ފެށިގެން ކަނޑާއި، ވައިގެ ދަތުރުތައް މެދުކަނޑާލަން ތަޚުތުން ވަނީ ނިންމާފައެވެ.

ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލި 9 ޤައުމަކީ:

* ބަހްރައިން

* މިޞްރު

* އިރާޤް

* ކުވައިތު

* އިޓަލީ

* ލުބްނާން

* ދެކުނު ކޮރެއާ

* ސޫރިޔާ

* ޔޫއޭއީ

ސައުދީޢަރަބިއްޔާއިން މީގެކުރިން ވަނީ ވަށައިގެންވާ އެއްގަމު ބޯޑަރުތައްވެސް ބަންދުކޮށްފައެވެ. އަދި އުމްރާވެރިން އެޤައުމަށް ދަތުރުކުރުންވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

9 މާރޗް 2020 | ހޯމަ 22:48
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސައުދީއަރަބިއްޔާއިން ޑަބްލިއުއެޗްއޯއަށް 10 މިލިއަން ޑޮަލަރު ހަދިޔާކޮށްފި

ކޮވިޑް-19 އާއި ހަނގުރާމަކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ(ޑަބްލިއުއެޗްއޯ) އިން ކުރަމުންދާ މަސައްކަތައް އެހީތެރިވުމުގެ ގޮތުން ސަޢުދީ ރަސްގެފާނު 10 މިލިއަން ޑޮލަރު މާލީއެހީގެ ގޮތުގައި ދިނުމަށް ނިންމަވައިފިއެވެ.

ސައުދީ ރަސްކަމުގެ ދަރުބާރުގެ މުޝީރު ޑރ. ޢަބްދުﷲަ އަލް ރަބީޙާއި ޙަވަލާދީ ސައުދީ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ޚަބަރުގައި ބުނެފައިވަނީ، މިއީ ދުނިޔޭގައި ވައިރަސް ފެތުުރުން ހުއްޓުވުމަށް މިހާރުން މިހާރަށް ޑަބްލިއުއެޗްއޯ އިން ކުރަމުންދާ މަސައްކަތައް އެހީތެރިވުމުގެ ގޮތުން ދެއްވި މާލީ އެހީއެއް ކަމަށެވެ، އެގޮތުން، ވައިރަސް ފެތުރުން ހުއްޓުވުމަށާއި، ޞިއްޙީ ނިޒާމު ނާޒުކު ޙާލަތެއްގައިވާ ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ވަރަށް ގާތުން ސައުދީ ސަރުކާރުން ކޮވިޑް-19 ގެ ކަންކަމުގައި މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

9 މާރޗް 2020 | ހޯމަ 22:43
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19: ރަށްތަކުން ފެނުނު ކޭސްތަކުގެ ތަފްސީލުތައް

(9 މާރޗު 2020 ގެ 10:00 ގެ ނިޔަލަށް)

ސަމަރ އައިލެންޑްއާ ބަތަލާ: އިތުރު އަޕްޑޭޓެއް ނެތް. އާ އެއްވެސް ކަމެއް ފާހަގަވެފައެއް ނެތް.

ފޯކައިދޫ: ހޯމް އައިސޮލޭޝަންގައި ކުރިން ތިބީ 9 މީހުން، އެކަކު އަލާމަތްތައް ހުރުމާއެކު އޭނާ ވަކިން ފޯކައިދޫގައި އައިސޮލޭޝަން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި، ނަމަވެސް މިހާރު އޭނާ ވަނީ ފަރުކޮޅުފުއްޓަށް ގެނެވިފައި،

ކުރެއްދޫ: 90 ފަރާތެއް އައިސޮލޭޝަންގައި، އޭގެ ތެރެއިން 69 ފަރާތެއް ވަނީ ކުރެއްދޫގައި، 25 ފަރާތެއް އެމީހުން އެވަގުތު ތިބި ތަނެއްގައި އައިސޮލޭޓް ކުރުމުގެ އިންތިޒާމް ރޭވިފައި، މި 90 މީހުންގެ ކިބައިން ވައިރަސްގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވޭ

މާގިރި: ކުރެއްދޫގައި ހުރި ފަތުރުވެރިއަކު މާލެއައިސް ޓިކެޓިންގ އޮފީހަކަށް ދިޔަކަން އަދި އޭގެ އަނެއް ދުވަހު ފުރައިގެން ދިޔަކަން މަބްރޫކު ފާހަގަކުރެއްވި، އެކަމާ ގުޅޭގޮތުން އެކި ފަރާތްތަކުން މައުލޫމާތު ދެނީ އެކި ގޮތަށް، އެހެންވެ ގެންދިޔަ އިދާރީ ތަހުޤީޤު އެހެން މަރުޙަލާއަކަށް ގޮސް ޕީޖީ އޮފީހުން މިވަނި މި މައްސަލަ ތަހުޤީޤު ކުރަން ފުލުހުންނަށް އަންގާފައި، އެހެންވީމާ މިހާ ހިސާބުން އެ ކޭސް ކުރިއަށް ގެންދާނީ ފުލުހުން. ނަމަވެސް ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް،

9 މާރޗް 2020 | ހޯމަ 22:24
Writer Profile Picture
ލައިޝާ އަހްމަދު
އެއާޕޯޓުތަކާއި ޕޯޓުތަކުގައި ހަމަޖެހިފައިވާ އިންތިޒާމްތައް
  • ހެލްތު ޑެކްލެރޭޝަން ކާޑުތަކެއް މިހާރު އިމިގްރޭޝަންގެ ފަރާތުން ވަނީ ރާއްޖެ ވަންނަ އެންމެންވެސް ފުރުމަށް އަންގާފައިވޭ، އޭގެ ތެރެއިން 14 ދުވަހުގެ ޓްރެވަލް ހިސްޓްރީ ދެނެގަނެވޭނެ،
  • ފިކްސްޑް ތަރމަލް ކެމެރާއާއި، ހޭންޑް ހެލްޑް ކެމެރާތައް ބޭނުންކުރެވޭ، އޭގެ އިތުރުން، ތަރމަލް ކެމެެރާއިން ޑިޓެކްޓް ކުރެވޭ ނުވަތަ އިތުރަށް ބަލަންޖެހޭ ފަރާތްތައް ފޯރހެޑް ކެމެރާ ބޭނުންކޮށްގެން ޓެމްޕަރޭޗަރ ނެގޭނެ، އަދި އޭގެ ފަހުންވެސް އިތުރަށް ބަލަންޖެހޭކަމަށް ފެންނަނަމަ މެޑިކަލް ސަޕޯޓް ފޮރުކޮށްދީ ޑޮކްޓަރުންގެ އެހީތެރިކަން ފޯރުކޮށްދޭ، ބެލުމަށްފަހު އައިސޮލޭޝަންއަށް ދާންޖެހޭ މީހުން އައިސޮލޭޓް ކުރެވޭނެ
9 މާރޗް 2020 | ހޯމަ 22:14
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގަ މިރޭ ބޭއްވި ޕްރެސް ކޮންފަރެންސް

ކޮވިޑް-19 ގެ ޙާލަތު ސަރުކާރުގެ ފަރާތުން ބަޔާންކުރުމަށް، ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ، ސަރުކާރުން ކޮވިޑް-19 އަށް ކަނޑައަޅުއްވާފައިވާ ސްޕޯސް ޕަރސަން މަބްރޫކް އަޒީޒާއި އެޗްޕީއޭގެ ސީނިއަރ މެޑިކަލް އޮފިސަރ، ޑރ. ނަޒްލާ ރަފީޤެވެ.

މި ބައްދަލުވުމުގައި ވަނީ އިތުރު 2 މީހަކު ކުރެއްދޫއިން ޕަޮޒިޓިވްވިކަން ހާމަކުރައްވާފައެވެ.

އަދި ކޮވިޑް-19 ފެތުރުމުގައި އިހުމާލުވީ ފަރާތްތަކެއް ވާނަމަ، ސަރުކާރުން ފަސް ޖެހުމެއް ނެތި ފިޔަވަޅު އާޅާނެކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.

މި ނޫނަސް ކޮވިޑް-19 ގެ ރާއްޖޭގެ ޙާލަތާއި ގުޅިގެން ނޫސްވެރިން ކުރިމަތި ކުރުވި ސުވާލުތަކަށް ވަރަށް ތަފުޞީލުކޮށް ދެ ބޭފުޅުން ވަނީ ޖަވާބުދާރީވެފައެވެ.

9 މާރޗް 2020 | ހޯމަ 22:08
Writer Profile Picture
ލައިޝާ އަހްމަދު
ކުރިން ޕޮޒިޓިވްވި 4 މީހުންގެ ޙާލުވެސް ރަނގަޅު: މަބްރޫކް

ރާއްޖެއިން މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 4 މީހުންގެ ޙާލުވސް ރަނގަޅުކަމަށް މަބްރޫކް ވިދާޅުވި. މަބްރޫކް ވިދާޅުވީ، އެ ފަރާތްތަކަށް ދޭންޖެހޭ ސިއްހީ އެހީތެރިކަމާއި، ސައިކޯ ސޯޝަލް ސަޕޯޓް ދެމުންދާ ކަމަށް.

އޭގެ އިތުރުން، ފަރުކޮޅުފުއްޓާއި އެކި ރަށްރަށުގައި އައިސޮލޭޝަންގައި ބައިތިއްބާފައި ތިބި މީހުންގެ އާއިލާތަކާއި ގުޅިގެން އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ކަންކަން އިންތިޒާމް ކުރަމުންދާ ކަމަށް.

9 މާރޗް 2020 | ހޯމަ 22:04
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޑަބްލިއުއެޗްއޯއިން ވައިރަސްއާއި ގުޅޭ ގޮތުން ބާއްވާ ބައްދަލުވުން

ކޮވިޑް-19 އާއި ގުޅިގެން ޑަބްލިއުއެޗްއޯއިން ކޮންމެ ދުވަހަކު ތަފުޞީލީ މަޢުލޫމާތު ހާމަކުރެއެވެ. މި ބައްދަލުވުމުގައި މައުލޫމާތު ހާމަކުރައްވަނީ އެޖަމާޢަތުގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯޒް އެދެނޯމް ގެބްރިޔޭސަސް އެވެ.

9 މާރޗް 2020 | ހޯމަ 21:50
Writer Profile Picture
ލައިޝާ އަހްމަދު
އިހުމާލުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން: މަބްރޫކް

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އިހުމާލުވާ ފަރާތްތަކާމެދު އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމުގެ ޔަޤީންކަން ދެން: މަބްރޫކް

9 މާރޗް 2020 | ހޯމަ 21:31
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19: ކުރެއްދޫ ކޭސްއާ ގުޅިގެން ޖިނާއީ ތަހުޤީޤެއް ހިންގުމަށް ޕީޖީ އަމުރު ކުރައްވައިފި

ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ދިޔަ ގޮތާ ގުޅޭގޮތުން ޖިނާޢީ ތަޙުޤީޤެއް ހިންގުމަށް ފުލުހުންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ޢަމުރު ކުރައްވައިފިއެވެ.

ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން މި ޢަމުރު ނެރުއްވާފައިވަނީ ހޯމަ ދުވަހުއެވެ.

އެގޮތުން ޕީޖީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ދިޔަ ގޮތާމެދު ކުރެވެމުންދާ ތުހުމަތުތަކުގެ ސަބަބުން އެކަން އިތުރަށް ތަހުޤީޤުކޮށް އެކަންކަމުގެ މައްޗަށް ޖިނާޢީ ތަހުޤީޤެއް ހިންގުމަށް ފުލުހުންގެ މައްޗަށް ޢަމުރެއް ނެރުއްވާފައިވާ ކަމަށެވެ.

ޕީޖީ އެހެން ވިދާޅުވެފައިވާއިރު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ ކިބައިން ވައިރަސްގެ އަލާމަތްތައް ފެނިގެން އޭނާ ފްލައިޓުން ބޭލި ކަމަށާއި، އޭނާ އެއަށްފަހު މާލޭގައި ހުންނަ މާގިރި ހޮޓަލަށް ދިޔަ ކަމަށް މީސްމީޑިއާގައި އަޑުފެތުރިފައިވެއެވެ. ނަމަވެސް އެކަން އެއްވެސް ރަސްމީ އިދާރާއަކުން ކަށަވަރުކޮށެއް ނުދެއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، ޅ ކުރެއްދޫ ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކު ކުރެވުނު މީހާގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކަށް ހާމަ ނުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި އެ މައްސަލައިގެ ވަށައިގެންވާ ކަންކަމުގައި ޖިނާޢީ އެއްވެސް ކުށެއް ހިމެނޭކަން ނުވަތަ ނޫންކަން ބަލަމުންދާ ކަމަށެވެ.

9 މާރޗް 2020 | ހޯމަ 21:30
Writer Profile Picture
އަމްނާ އިމާދު
މާދަމާ ޓްރެވަލް ކްލިނިކް ހުޅުވޭނެ: މަބްރޫކް

މާދަމާ ހެނދުނު 10 ޖަހާއިރު ޓެރަވަލް ރިލޭޓެޑް ކްލިނިކެއް ހުޅުވޭނެ ކަމަށް ޓާސްކް ފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއިގުޅޭގޮތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެކްލިނިކްގެ މަގުސަދަކީ ރާއްޖެއިން ބޭރަށް ދަތުރުކުރައްވާފައިވާ ބޭފުޅުން އަދި ރާއްޖޭގައި މިކަމުގެ އަލާމަތްތައް ހުރި ކަމަށް އަމިއްލައަށް ޝައްކުރެވޭ މީހުންނަށް ގޮސް ޓެސްޓު ކުރެވޭނެ ވަސީލަތެއް ގާއިމްކޮށްދިނުން ކަމަށެވެ. އަދި ހުރިހާ އެންމެނަށް ވެސް އެތަނަށް އެކްސެސް އޮންނާނެ ކަމަށެވެ.

މިކްލިނިކް ހުޅުވަނީ މާލެހިޔާ ފްލެޓްގެ 02 ފުރަގަހުގެ އޮންނަ ޖާގައިގައިގައެވެ.

9 މާރޗް 2020 | ހޯމަ 21:29
Writer Profile Picture
ލައިޝާ އަހްމަދު
ކުރެއްދޫއިން އިތުރު 2 މީހުން ކޮވިޑް-19 އަށް މިރޭ ޕޮޒިޓިވްވެއްޖެ

ކުރެއްދޫ އައިލެންޑް ރިސޯޓުން އިތުރު 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ ސްޕޯކްސްޕާރސަން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިއުލާނު ކުރައްވާފައިވާއިރު، އެއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 6 އަށް އަރާފައެވެ.

އާދިއްތަ ދުވަހުގެރޭ އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ވަނީ ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި 3 މީހުންގެ ތެރެއިން 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން އެއީ 2 ބިދޭސީން ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފުންނެވެ.

9 މާރޗް 2020 | ހޯމަ 21:29
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19: ފާއިތުވި 14 ދުވަސްތެރޭ ބަނގްލަދޭޝްއަށް ދިޔަ މީހުންވެސް ރާއްޖެއައުން މަނާ ކުރަނީ

ފާއިތުވެދިޔަ 14 ދުވަހުގެތެރޭގައި ބަނގްލަދޭޝަށް ދަތުރުކޮށްފައިވާ މީހުން، ރާއްޖެއައުން މަނާކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފާއިތުވެދިޔަ 14 ދުވަހުގެތެރޭގައި ބަނގްލަދޭޝަށް ދިޔަ މީހުން ރާއްޖެއައުމާއި، ޓްރާންސިޓް ކުރުން މިހިނގާ މާރޗު މަހުގެ 10 އިން ފެށިގެން 24 ގެ ނިޔަލަށް މަނާކޮށްފައިވާކަމަށެވެ.

ނަމަވެސް ބަނގްލަދޭޝް ރައްޔިތުންގެ ތެރެއިން އެހެން ޤައުމެއްގައި ދިރިއުޅޭ މީހުން ނުވަތަ ފާއިތުވި 14 ދުވަހުގެތެރޭގައި އެހެން ޤައުމެއްގައި ދިރިއުޅެފައިވާ މީހުން އޭގެން އިސްތިސްނާވާނެ ކަމަށް އިމިގްރޭޝަން އޮފީހުން ނެރުނު ދަތުރުފަތުރުގެ ސަމާލު (ޓްރެވަލް އެޑްވައިސަރީ) ގައި ވަނީ ބުނެފައެވެ.

ބަނގްލަދޭޝްގެ އިތުރުން މި ލިސްޓުގައި ޗައިނާ، އީރާން، އަދި އިޓަލީގެ އިތުރުން ސައުތު ކޮރެއާގެ ޖިއޮންގސަންގ އާއި ޖިއޮންގނަމް ޕްރޮވިންސްވެސް ވަނީ ހިމެނިފައެވެ.

ޤައުމުތަކަށް ރާއްޖެއިން ދަތުރުފަތުރުގެ ސަމާލު ނެރިފައިވާ ތާރީޚުތައް

ޗައިނާ: 4 ފެބްރުއަރީން ފެށިގެން

އީރާން: 26 ފެބްރުއަރީން ފެށިގެން

ސައުތް ކޮރެއާގެ 2 ޕްރޮވިންސް: 3 މާރޗުން ފެށިގެން

އިޓަލީ: 8 މާރޗުން ފެށިގެން

ބަނގްލަދޭޝް: 10 މާރޗުން ފެށިގެން

9 މާރޗް 2020 | ހޯމަ 20:34
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ މާގިރި ހޮޓަލާއި، ޔުނިވަރސަލްގެ ޓިކެޓު އޮފީހަށް ދިޔަ

ރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ މާގިރި ހޮޓަލާއި، ޔުނިވަރސަލްގެ ޓިކެޓު އޮފީހަށް ދިޔަކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެ ކޭސްއާ ގުޅިގެން ކުރިއަށް ގެންދިޔަ "ކޮންޓެކްޓް ޓްރޭސިންގ" އަށްފަހު، ދެ ދުވަހު ( 1 މާރޗުން 2 މާރޗަށް) އެ ފަތުރުވެރިޔާ މާލޭގައި ހުންނަ މާގިރި ހޮޓަލުގައި މަޑުކޮށްފައިވާކަން އެނގިފައިވާ ކަމަށާއި، އެ ފަތުރުވެރިޔާއާ "ކޮންޓެކްޓް" ވެފައިވާކަމަށް ޤަބޫލު ކުރެވޭ 13 މީހަކު މިހާރު ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެ ފަތުރުވެރިޔާ ޔުނިވަރސަލްގެ ޓިކެޓިންގ އޮފީހަކަށް ޒިޔާރަތް ކޮށްފައިވާތީ އެތަނުގައި މަސައްކަތް ކުރާ އެކަކު ފަރުކޮޅުފުށީގައި ކަރަންޓީން ކުރެވިފައިވާ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، ށ ފޯކައިދޫގައި ހުރި ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދިވެއްސެއްވެސް އެކަހެރިކޮށް، ޓެސްޓު ކުރުމަށް ފަރުކޮޅުފުއްޓަށް ގެނެވިފައިވާ ކަމަށެވެ.

9 މާރޗް 2020 | ހޯމަ 20:33
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް19: ވައިރަސްއިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކައް ޑަބްލިޔުއެޗްއޯގެ ތަޢުރީފް

މުޅި ދުނިޔޭގައި ހަލުވި މިނެއްގައި ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކާއި، މިބަލިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯއިން ތަޢުރީފުކޮށްފިއެވެ.

ރާއްޖޭގެ ޙާލަތައް ރިޢާޔަތްކޮށް ހޯމަ ދުވަހު ޑަބްލިޔުއެޗްއޯއިން ނެރުނު ނޫސްބާޔާނުގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުނަށް ފަރުވާ ދިނުމާއި، ކޮންޓެކްޓިވި މީހުން ދެނެގަތުމާއި، އެ ބައްޔަށް ސްކްރީން ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީއާއެކު އެޖަމްޢިއްޔާއިން މަސައްކަތް ކުރަމުންދާ ކަމަށް ބަޔާނުގައިވެއެވެ.

ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރަވިންދު މާތުރުއާ ޙަވާލާދެއްވާ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 ފެނިފައިވާ މިދަނޑިވަޅުގައި މިވައިރަސް ނައްތާލުމުގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސާފުތާހިރުކަން އިސްކޮށް، ކަމާބެހޭ މުއައްސަސާތަކުން އަންގާފައިވާ ގޮތަށް ޢަމަލުކުރުމަށް ޑަބްލިޔުއެޗްއޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

9 މާރޗް 2020 | ހޯމަ 18:52
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 : އެއަރ އިންޑިއާއިން އިތުރު ފީއެއް ނުނަގާ ދަތުރުކުރާ ދުވަސް ބަދަލުކޮށްދޭން ނިންމައިފި

ކޮވިޑް-19 އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާތީއާއި، އެއަރ އިންޑިއާއިން ތާވަލު ދަތުރުތައް ކުރާ ބައެއް މަންޒިލލްތަކުންވެސް ވައިރަސް ރިޕޯޓުކުރަމުންދާތީ ކުރިން ޓިކެޓް ނަގާފައިވާ ފަރާތްތަކައް އިތުރު ފީއަކާ ނުލާ ދަތުރު ކުރާ ދުވަސް ބަދަލުކޮށްދޭން އެ އެއަލައިނުން ނިންމައިފިއެވެ. އެ އެއަރލައިނުން ތާވަލު ފްލައިޓުތައް ކުރާ 13 މަންޒިލަށް ދަތުރުކުރަން މިހާރު ޓިކެޓް ނަގާފައިވާ މީހުން، ދަތުރުކުރުމުގެ 3 ދުވަސް ކުރިން އެކަމަށް އެދުމުން އެއްވެސް ފީއެއް ނެތި ދަތުރު ކުރާ ތާރީޚު ބަދަލުކޮށްދޭނެކަމަށް އެއަރ އިންޑިއާއިން ބުނެއެވެ. ފީއަކާއި ނުލާ ޓިކެޓު ބަދަލުކޮށްދޭން ނިންމާފައިވަނީ 12 މާޗުން-31 މާރޗް އާއި ދޭތެރޭ ދަތުރުކުރަން ޓިކެޓް ނަގާފައި ތިބި މީހުންނަށެވެ. އަދި ޓިކެޓް ބަދަލުކޮށްދޭނީ އެޕްރީލް 30 ގެ ނިޔަލަށެވެ.

9 މާރޗް 2020 | ހޯމަ 18:47
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 : ޞިއްހީ ޚިދުމަތްތެރިންގެ ޓީމެއް ތާޖްމަހަލްއަށް ގޮސްފި

ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ އިންޑިއާގެ ތާޖްމަހަލްއަށް އެޤައުމުގެ ސަރުކާރުން ޞިއްހީ މަސައްކަތްތެރިންގެ ޓީމެއް ފޮނުވައިފިއެވެ.

ޞިއްޙީ އެހީތެރިންގެ ޓީމެއް ފޮނުވީ، އާގްރާއިން ވައިރަސްއަށް އެކަކު ޕޮޒިޓިވްވެ، ޝައްު ކުރެވޭ 3 މީހަކަށް ޝައްކު ކުރެވިގެން ފަރުވާ ދެމުންދާތީ އެވެ. މި ޓީމުން ތާޖްމަހަލް އަށް ޒިޔާރަތްކުރާ ފަރާތްތަކައް ތާރމަލް ސްކްރީން ކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ތާޖުމަހަލް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރަކު އެތައް މިލިޔަން މީހުން ޒިޔާރަތް ކުރާ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލެކެވެ.

9 މާރޗް 2020 | ހޯމަ 18:42