ލަންކާގެ ކަމާބެހޭ އިދާރަތަކުން ބުނެފައިވަނީ އިތުރު 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އެގައުމުގައި މިހާރު ޖުމްލަ 10 މީހަކު ބަލިޖެހިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި ފަހުން ޖެހުނު 2 މީހުންނަކީ އިޓަލީން އެނބުރި އައި 56 އަހަރުގެ އަންހެނެއް ކަމަށާއި، ދެވަނަ މީހާއަކީ ބައްޔަށް ޕޮޒިޓިވްވި މީހަކާއި އާއިލީ ގުޅުން އޮންނަ 17 އަހަރުގެ ކުއްޖެއް ކަމަށެވެ.
ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ރީތި ބީޗް ރިސޯޓުން މީހެއް ޓެސްޓްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އެ ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އެގޮތުން ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ދަނީ މޮނިޓަރ ކުރެވެމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ރުވާންޑާގެ ހެލްތް މިިނިސްޓްރީން ހާމަކޮށްފައިވާ ގޮތުުން އެގައުމުން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނުނީ އިންޑިއާގެ މުމްބާއީން އައި މީހެއްގެ ގައިން ކަމަށެވެ. އަދި އޭނާ ގައުމަށް އެތެރެވެފައިވަނީ 8 މާޗްގައި ކަމަށް ވެސް ރުވާންޑާގެ ހެލްތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އާދިއްތަ ދުވަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ސްޕޭއިންގެ އެއްވެސް ސަރަހައްދަކުން މިރޭ 12 އިން ފެށިގެން ފަތުރުވެރިން އައުން މަނާކޮށްފައިވާ ކަމަށެވެ. އަދި ޖަރުމަން އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ބައްދަލުވުން ހުއްޓުވާ އިތުރު ގޮތްތަކެއް ހަމަޖައްސައިދީފިއެވެ.
ފުލުހުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން، އާންމު ހާލަތަކަށް އަންނަންދެން ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ ބައްދަލުވުންތަކުގައި އަމަލުކުރެވޭނެ އިތުރު ގޮތްތަކެއް ހަދާފައިވާ ކަމަށެވެ.
އެގޮތުން ބަންދުގެ މީހުންގެ އާއިލީ ބައްދަލުވުން ވާނީ ވަގުތީ ގޮތުން ހުއްޓާލާފައި ކަމަށާއި، އޭގެ ބަލަދުގައި ކޮންމެ 10 ދުވަހަކުން 10 މިނެޓްގެ ފޯނުކޯލެއް ދެވޭނެ ކަމަށެވެ. އަދި ރޯގާގެ އަލާމާތެއް ފެންނަން ހުރިނަމަ ވަކީލު ބައްދަކުވުމަށް ވެސް ފުރުސަތު ނުލިބޭނެ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން އެނޫން ހާލަތުގައި ވެސް ބައްދަލުވުން ނުދިނުމަށް އިލްތިމާސް ކުރުމާއި، ވަކީލު ބައްދަލުވުމަށް 30 މިނެޓްގެ ކޯލެއް ދެވޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ މާޗް 12 ވީ ބުރާސްފަތި ދުވަހުއެވެ.
އއ. ވެލިދޫ ރިސޯޓު ވަނީ ހަ މަސް ދުވަހަށް ސަރުކާރަށް ނަގާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެރަށަކީ ކުރިން ރިސޯޓެއްގެ ގޮތުގައި ބޭނުން ކުރި ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ވިލިވަރު ފޭސް 2 ވިލިވަރު ހަ މަސް ދުވަހަށް ސަރުކާރަށް ނެގުމަށް ވަނީ ނިންމާފައިވާ ކަމަށެވެ. އަދި އިތުރު އަގަކާ ނުލައި މި ރަށް ހަދިޔާ ކުރި ކަމަށްޓަކައި މަސީގެ ރައީސް ޖަނާހުއަށް މިނިސްޓަރު ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.
ރިސޯޓުތަކުން އެހެން ރަށްރަށަށް ދަތުރު ކުރުން ހުއްޓުވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މީހުން ދިރިއުޅޭ އެއްވެސް ރަށަކުން އަދި އެއްވެސް ރިސޯޓަކަށް ދަތުރުކުރުން މިއަދު ފެށިގެން 14 ދުވަސްގެ މުއްދަތަށް މަނާކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ 12 އިން ފެށިގެން ސްޕެއިން އިން މީހުން ރާއްޖެ އައުން މަނާ ކުރަން ވެސް ވަނީ ނިންމާފައިވާ ކަމަށެވެ. އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން ވެސް ފަތުރުވެރިން ރާއްޖެ ނާދެވޭ ގޮތަށް ނިންމާފައިވާ މިނިސްޓަރު ވިދާޅުވިއެވެ.
ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރުމަށް އެޗްޕީއޭއިން އަންގައިފި އެވެ. އެޗްޕީއޭއިން ބުނީ މިފަދަ ހުރިހާ މަރުކަޒެއް މިއަދުން ފެށިގެން 2 ހަފްތާއަށް ބަންދުކުރުމަށް އަންގާކަމަށެވެ.
މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ގެސްޓްހައުސްތަކާއި، ސިޓީ ހޮޓެލްތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިން ވުން ހުއްޓާލުމަށް އަންގައިފި އެވެ.
އެޗްޕީއޭއިން ބުނީ މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ގެސްޓްހައުސްތަކާއި، ސިޓީ ހޮޓެލްތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިން ވުން މިރޭ 12:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ބިދޭސީ އެއްވެސް ފަތުރުވެރިއަކު ޗެކިން ކުރުން ހުއްޓާލުމަށް އަންގާކަމަށެވެ. އަދި މިހާރު މިފަދަ ތަންތަނުގައި ޗެކިންވެފައި ތިބި ބިދޭސީ ފަތުރުވެރިންނަށް ބުކިންގ މުއްދަތުގައި ތިބުމުގައި އެއްވެސް ހުރަހެއް ނެތްކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ރިސޯޓްތަކުން ރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް މީހަކަށް ދަތުރު ކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިސޯޓްތަކަށް މީހުން ދަތުރުކުރުން މިއަދު 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އެޗްޕީއޭއިން އަންގައިފި
ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާފުށީ ޖަލުގެ އޮފިސަރުން މިއަދު އެ ޖަލު ސާފުކުރުމާއި ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ކަރެކްޝަނަލް ސަރވިސް އިން ބުނެފި އެވެ.
މާފުށީ ޖަލުގައި ކުރިއަށް ގެންދާ މި މަސައްކަތަކީ ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެގައި 30 ދުވަހަށް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅިގެން، މި ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުން އަދި ޖަލުތަކުގައި މަސައްކަތްކުރަމުންދާ އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކަލައްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ. މި ގޮތުން މި ހަރަކާތުގައި ޖަލުގެ ގޮޅިތަކާއި ފާހާނާތަކާއި ކޮރިޑޯތަކުގެ އިތުރުން ޤައިދީންނާއި ބަންދުމީހުން ބޭނުންކުރާ ޢާންމު ތަންތަންވެސް ސާފުކޮށް ޑިސްއިންފެކްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާފުށީ ޖަލު ސާފުކޮށް ޑިސްއިންފެކްޓްކުރުމުގެ ހަރަކާތުގައި ޤައިދީންނާއި ބަންދުމީހުންނަށް ކޯވިޑް-19 އާ ގުޅޭގޮތުން މައުލޫމާތު ވެސް ހިއްސާކުރެވޭނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ،
ކޮވިޑް-19 އާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު މެންދުރު 14:30 ގައި ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
ކޮވިޑް-19 އަށް އިތުރު މީހަކު ރާއްޖެއިން ޕިޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އެޗްޕީއޭއީން ބުނީ މިމީހާއަކީ ކުރެއްދޫ އިން ޓެސްޓް ކުރި 10 މީހުންގެ ތެރެއިން އެކަކު ކަމަށެވެ. ބާކީ 9 މީހުން ނެގެޓިވްކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއާއެކު މިހާތަނަށް ރާއްޖެއިން މިވައިރަސް އަށް 10 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި 2 ބިދޭސީން ސަފާރީ އުޅަނދެއްކަމުގައިވާ ވައިޓް ވޭވްސްގައި އެކަހެރިކޮށް، އެފަރާތް ތަކުގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތްވަނީ ފަށާފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. މިކަމާއި ގުޅިގެން، އެ ސަފާރީ އުޅަނދު ވަނީ މޮނީޓަރިންގ ހާލަތަކަށް ގެނެވިފައެވެ.
ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް އޮތް ބޮޑު ރޯގާއެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައެޅުމާއި ގުޅިގެން ގިނަ ޤައުމުތަކުން ވަނީ ދަތުރުފަތުރުގެ ސަމާލުތަކާއި އިންޒާރުތައް ނެރެފައެވެ. އިންޑިއާއަށް ބަލާލާއިރު، އެޤައުމުގެ ޤައުމީ އެއަރލައިން އެއަރ އިންޑިއާއިން ވަނީ ބައެއް ބޭރުގެ ޤައުމުތަކައް ދަތުރުތައް ހުއްޓާލާފައެވެ. އެގޮތުން އިޓަލީ، ފްރާންސް، ކުވައިތު، ޖަރުމަން، ސްޕެއިން، އިސްރޭލް، ދެކުނު ކޮރެއާ، ސްރީލަންކާއަށް ކުރަމުންދާ ތާވަލު ފްލައިޓުތައް އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލާފައެވެ.
މީގެ އިތުރުން މިދިޔަ މަހު އެކަނިވެސް ބައިނަލްއަޤުވާމީ 600 ތާވަލު ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ. އަދި އެތެރޭގެ ދަތުރުތަކައް ބަލާއިރު 90 ދަތުރެއް ވަނީ ކެންސަލްކޮށްފައެވެ.
އިންޑިގޯއާއި ސްޕައިސްޖެޓުންވެސް ވަނީ ދަތުރުކެންސަލްކޮށް ގިނަ ބޯޓުތައް ބަނދަރުކުރަން ޖެހިފައެވެ. މިއާއެކު، އިންޑިއާގެ އޭވިއޭޝަން ސިނާއަތަށް މިދަނީ ބޮޑެތި ގެއްލުންތައް ވަމުންނެވެ.
އެމްޑީޕީން ބުނީ، ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ޞަރަޙައްދަކަށް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ޤައުމާ މުޚާތަބުކުރައްވާ، ދެއްކެވި އިރުޝާދުތަކަށް އެމްޑީޕީން މަރުޙަބާ ކިޔާ ކަމަށެވެ.
އެމްޑީޕީން ބުނީ އިންތިޚާބު ލަސްކޮށްފައިވާއިރު، މިހާރު އެޕާޓީގެ ކޭމްޕޭނުގެ ހުރިހާ ޙަރަކާތްތަކެއް އެއްކޮށް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ކޮވިޑް-19 އާގުޅިގެން ރައްޔިތުންގެ ކިބައިން ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި އެޕާރޓީގެ މެންބަރުންނާއި، އެންމެހާ އިންތިޒާމުތަކާއި، ވަޞީލަތްތަކެއް އެންމެ ފުޅާމިނެއްގައި ފޯރުކޮށްދީ، އެހީތެރިވެދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.
ވެކްސިންއެއް ނުވަތަ ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަމިއްލައަށް ކުރެވިދާނެ އެންމެ މުހިންމު ކަމަކީ ސާފުތާހިރުކަން ހިފެހެއްޓުމެވެ. ކޮވިޑް-19ހަލުވިކަމާއެކު ފެތުރެމުންދާއިރު، ޞިއްޙީ މާހިރުންނާއި، ޑޮކްޓަރުން އެންމެ ގިނައިން އިރުޝާދުދޭ އެއްކަމަކީ ގިނަ ގިނައިން އަތްދޮވުމެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވެސް ލަފާދެނީ މިހެންނެވެ. ހަމަ އެއާއެކު ޑަބްލިއުއެޗްއޯއިން މިއަދު ވަނީ SafeHands# ގެ ނަމުގައި ޗެލެންޖެއް ފަށާފައެވެ. މި ޗެލެންޖް ފަށްޓަވައިދެއްވީ އެ ޖަމާއަތުގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އެދެނޯމް ގެބްރިޔޭސަސް އެވެ،، މި ޗެލެންޖު ގެ މަޤްޞަދަކީ ކޮވިޑް-19 އިން މިންޖުވުމަށްޓަކައި ސާފުތާހިރުވުމުގެ ގެ ވަރުގަދަކަން ދައްކުވައިދީ، އަތްދޮވުން ޕްރޮމޯޓްކުރުމުވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްކުރާކަން ފާހަގަކުރައްވައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް ޢާންމު ސާފުތާހިރުކަމަށް އިސްކަންދޭންޖެހޭ ކަމަށެވެ.
އެގޮތުން ގިނަގިނައިން އަތްދޮވެ، މީހުން އެއްވާ ތަންތަނަށް ނުދިއުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވީ މިދަނޑިވަޅުގައި ކަމާ ބެހޭ އިދާރާތަކުންދޭ އިރުޝާދުތައް އަޑުއަހާ އެއަށް ޢަމަލުކުރަންޖެހޭ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުން "އޮންލައިން ފްލޫ ކްލިނިކް"އެއް ޤާއިމުކޮށް މިއަދު ހެދުނު 8 ޖެހިއިރު ޚިދުމަތް ދޭން ފަށައިފިއެވެ.
ކޮންމެ ދުވަހެއްގެވެސް ހެދުނު 8 އިން ރޭގަނޑު 8 ޖަހަންދެން އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތް މިކްލިނިކުން ހިލޭ ހޯދޭނެކަމަށް އޭޑީކޭއިން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅާލުމުން، ޑިޖިޓަލް މެމޯއެއް ފޯނަށް ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން "އާސްކް އޭޑީކޭ" މެދުވެރިކޮށް ވައިބަރ، ޓެލެގްރާމް ނުވަތަ ފޭސްބުކް މެސެންޖަރއިން ކިއު ތަރުތީބު ބަލާލެވޭނެއެވެ. ކިއު ތަރުތީބުން އޮންލައިން ކްލިނިކްގެ ޑޮކްޓަރު ޚިދުމަތް ދެމުންދާއިރު، ބަލި މީހާއަށް ގުޅާ، ބަލީގެ އަމާލާތްތައް ދެނެގަނެ، ބޭސް ސިޓީއާއި، ޑޮކްޓަރުގެ އިރުޝާދުތައްވެސް ލިބޭނެކަމަށް އޭޑީކޭއިން ބުނެއެވެ.
ޕާކިސްތާނުގެ މަދަރުސާތަކާއި، ކޮލެޖުތަކާއި،ސްކޫލްތަކާއި، ޔުނިވަރސިޓީތައް ތިން ހަފުތާގެ މުއްދަތަކައް ބަންދުކުރަން އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. މިގޮތައް ނިންމެވީ އިއްޔެ ބޭއްވި އެޤައުމުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީންނެވެ. ބޮޑު ވަޒީރު އިމްރާންޚާން ރިޔާސަތުގައި އިންނަވާ މިކޮމިޓީގައި، ކެބިނެޓާއި، އަސްކަރިއްޔާގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގެ ތަފުޞީލު ހާމަކުރައްވަމުން ޕާކިސްތާނުގެ އެޑިއުކޭޝަން މިނިސްޓަރ ޝަފްޤާތު މަޙްމޫދު ވިދާޅުވެފައިވަނީ އެޕްރީލްމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އެޤައުމުގެ ހުރިހާ މަދަރުސާތަކާއި، ކޮލެޖުތަކާއި،ސްކޫލްތަކާއި، ޔުނިވަރސިޓީތައް ބަންދުކުރަން ކޮމިޓީން ނިންމާފައިވާކަމަށެވެ. އަދި އަލުން ހުޅުވުމުގެ ކުރިން މިކަމާއި ބެހޭ ބައްދަލުވުމއް މާރޗުމަހުގެ 26 ވަނަ ދުވަހު ބާއްވާނެކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެމެރިކާގައި ހުންނަ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް(އައިއެމްއެފް)ގެ މައި މަރުކަޒުގެ މުވައްޒަފަކު ވައިރަސްއަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެތާނގެ މުވައްޒަފުން ގޭގައި ތިބެގެން ވަޒީފާގެ ޒިންމާ އަދާކުރެވޭނެ އިންތިޒާމު އެ އިދާރާގެ މެނޭޖްމެންޓުން ހަމަޖައްސައިދީފިއެވެ.
މިކަން ހާމަކޮށް މާލީ އިދާރާއިން ޢާންމުކޮށްފައިވާ ބަޔާނުގައި ވަނީ މުވައްޒަފަކު ވައިރަސްއަށް ޕޮޒިޓިވްވުމާއި ގުޅިގެން އެހެން މުވައްޒަފުންގެ ސަލާމަތާއި ރައްކަލަކަށް، ވަކި ގޮތެއް އަންގަންދެން ގޭގައި މަޑުކޮށްގެން މަސައްކަތްކުރަން އަންގާފައިވާކަމަށެވެ. އެއިދާރާއިން ވަނީ މިކަމާއި ގުޅިގެން ޔޫރަޕަށް ކުރަން އޮތް މިޝަންތަކުގެ ދަތުރުތައްވެސް ހުއްޓާލާފައެވެ.
ވައިރަސްއަށް ޕޮޒިޓިވްވި އައިއެމްއެފްގެ މުވައްޒަފު އެކަހެރިކޮށްގެން ފަރުވާދެމުންދާއިރު، އެކި ޙައިޞިއްޔަތުތަކުން އޭނާއާއި ދިމާވި މީހުން ހޯދުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. އައިއެމްއެފްގެ އިމާރާތް މިހާރު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 2،000 މީހުން މަސައްކަތްކުރަމުންދާ މި މަރުކަޒު ހުންނަނީ، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްއާއި އިންވެގެންނެވެ.