އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން އެނބުރި އަންނަ ދިވެހިން 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރުމަށް ނިންމައިފިއެވެ.
އެ ޤާނޫނުގެ ދަށުން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ބުދަ ދުވަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބުދަ ދުވަހުގެ ރެއިން ފެށިގެން އެމެރިކާއިން އެނބުރި ރާއްޖެ އަންނަ ދިވެހިން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ރާއްޖެއަށް އެތެރެވުން މަނާކޮށްފައިވާ ޤައުމުތަކާއި ސަރަޙައްދުތައް ފިޔަވައި އެހެން ޤައުމުތަކުން އަންނަ ދިވެހިންވެސް 14 ދުވަހުގެ މުއްދަތަށް ގޭގައި އެކަހެރިކުރުން (ހޯމް އައިސޮލޭޝަން) ޖެހޭނެކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
މުހިންމު ބޭނުމެއްގައި ނޫން ގޮތަކަށް ތައިލެންޑަށް ދަތުރު ނުކުރެއްވުމަށާއި، ތައިލެންޑްގެ އެތެރޭގައި ވެސް، އެއް ތަނުން އަނެއް ތަނަށް، ދަތުރު ނުކުރެއްވުމަށް ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ޖިނާހް އެދިވަޑައިގެންފިއެވެ.
މިކަން ހާމަކޮށް އެމްބެސެޑަރ ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބަލީގެ ޙާލަތު މި ވަގުތު ތައިލެންޑްގައި އޮތް ގޮތުގެމައްޗަށް ރިޢާޔަތްކޮށް، ތައިލެންޑްގައި ދިރިއުޅުއްވާ އަދި ޒިޔާރަތްކުރާއިރު މުހިންމު ބޭނުމެއްގައި ނޫން ގޮތަކަށް ތައިލެންޑަށް ދަތުރު ނުކުރެއްވުމަށެވެ. އަދި ތައިލެންޑްގެ އެތެރޭގައި ވެސް، އެއް ތަނުން އަނެއް ތަނަށް، ދަތުރު ނުކުރެއްވުން އެމްބެސެޑަރ ވަނީ އިލްތިމާސްކުރައްވާފައެވެ.
ތައިލެންޑުގައި ދިރިއުޅުއްވާ އަދި ޒިޔާރަތްކުރައްވާ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަކީ، އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށާއި އެއީ އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަންތައްކަމަށް އެމްބެސެޑަރ ފާހަގަކުރެއްވިއެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުންދެއްވުމުގެ ގޮތުން، ތައިލެންޑްގެ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދާއި، އެންގެވުންތަކަށް ހުރިހާ ބޭފުޅުން ވެސް ސަމާލުކަން ދެއްވުމަށާއި، ފުރިހަމައަށް ޢަމަލުކުރެއްވުމަށް އެމްބެސެޑަރ ވަނީ އިލްތިމާސްކުރައްވާފައެވެ.
މުޅި ދުނިޔެއިން ވައިރަސް ޖެހުނު މީހުންގެ އަދަދު 203,612 (ދެ ލައްކަ ތިންހާސް ހަ ސަތޭކަ ބާރަ) އަށް އަރައިފިއެވެ.
ވައިރަސް ފެތުރެމުންދާ ގޮތުގެ ޑޭޓާ ބަލަހައްޓަމުންދާ ވަރލްޑޮމީޓަރ ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ 19 ޤައުމަކުން މިއަދު މި ވައިރަސްގައި 262 މީހުނ މަރުވިއެވެ. އަދި ދުނިޔޭގެ 88 ޤައުމަކުން އަލަށް 5,391 މީހުން ވައިރަސްއަށް ޕޮޒިޓިވްވިއެވެ.
ޗައިނާގެ ވުހާން ސިޓީން މިދިޔަ އަހަރު އަލަށް ފެނުނު ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19) މިހާރު ދުނިޔޭގެ 169 ޤައުމަކަށް ވަނީ ފެތުރިފައެވެ. އަދި މިހާތަނަށް އައިއިރު 8،229 މީހުން ވަނީ މަރުވެފައެވެ. އަދި ވައިރަސްއަށް ފަރުވާދިން 82,866 މީހުން ރަނގަޅުވެފައެވެ.
މުޞީބާތުގެ ހާލަތުގައި، ޖަމާޢަތުގައި ނަމާދާއި ހުކުރު ނަމާދު ޤާއިމުކުރުމާއި ބެހޭ ގޮތުން އިސްލާމީ ފާތުވާދޭ އެންމެ މަތީ މަޖިލިޙުގެ ރަޢުޔު ހާމަކޮށްފިއެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފްރެންޗް އޯޕަން ޓެނިސް މުބާރާތް ސެޕްޓެމްބަރު މަހަށް ފަސްކުރަން ނިންމައިފި އެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިން ތާވަލުކޮށްފައި އޮތީ މެއި މަހުގެ 24 އިން ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު މިހާރު މި މުބާރާތް ވަނީ ސެޕްޓެމްބަރު މަހުގެ 20 އިން އޮކްޓޯބަރު މަހުގެ 4 އަށް ފަސްކޮށްފައެވެ.
މާދަމާއި އިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށް ގެންދިޔަ ޓެލެކިލާސް މެދުކަނޑާލައިފިއެވެ. މީގެ އިތުރުން އެހެން ވަޞީލަތްތައް ބޭނުންކޮށްގެން ދަރިވަރުންނަށް އުގަންނައިދިނުމަށް ހިންގި ޕްރޮގުރާމުވެސް މެދޔ ކަނޑާލަން ވަނީ ނިންމާފައެވެ.
މި ކަންކަން ހުއްޓާލިކަމުގައިވިޔަސް، މިދުވަސްވަރުގައި ބެލެނިވެރިން ސަމާލުކަން ދޭންވީ ކަންކަން ބަޔާންކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޢާންމުކޮށް އަންގާ އިޢުލާނެއް ނެރެފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމަށް ކުރެވިދާނެ ފަސްކަމެއް ހިމެނޭ ވީޑިއޯއެއް ފީފާ އަދި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ނެރެފިއެވެ.
ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ހަނގުރާމަކުރުމަށް ފީފާއިން މެދުވެރިކޮށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް 10 މިލިއަން ޑޮލަރުގެ އެހީއެއް ހުށަހަޅާނެ ކަމަށް އެ އިދާރާގެ ރައީސް ޖިއަނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިިގެން، ސުޕްރީމް ކޯޓުން ވެސް ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް އޮތް ހަފުތާއަށް އަޑުއެހުންތައް ނުބާއްވާ ގޮތަށް ނިންމައިފި އެވެ.
ސަރުކާރު ބަންދުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، އިޖުތިމާޢީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިންގ ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގަވައިފިއެވެ.
މާދަމާއިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ނިންމުމާއި ގުޅިގެން މި މުއްދަތުގައި އެމްއެމްއޭއިން ޚިދުމަތްދޭނެ ދުވަސްތަކާއި ގަޑިތައް އިޢުލާންކޮށްފިއެވެ. މި މުއްދަތުގައި 3 ދުވަހެއްގައި އެމްއެމްއޭގެ ޚިދުމަތްތަކާއި ބޭންކިންގގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކާއި ރިސޯޓުތަކުގައި، ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ނިންމާ އެކަން ޢާންމުކޮށް އިޢުލާންކޮށްފިއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދިއުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، މިއަދުން ފެށިގެން މިމަހުގެ 28 ގެ ނިޔަލަށް މާލެ ޞަރަޙައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާޢާތުގައި ނަމާދުކުރުން ވަނީ ހުއްޓާލާފައެވެ. އަދި ޖަމާއަތައް މިސްކިތައް ނުދެވޭ ޙާލަތްތަކުގައި ގޮވާ ބަންގީގެ އިބާރާތް ވަނީ އާންމުކޮށްފައެވެ.
ރާއްޖޭ ޓީވީން މިހާރު ކުރިޔަށްގެންދާ "ކޮވިޑް-19:ސްޕެޝަލް ކަވަރޭޖް" ގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ޑަބްލިއުއެޗްއޯއާއި، އެޗްޕީއޭއިން އަމަލުކުރަމުންދާ ޕްރޮޓޮކޯލްތަކާއި އުޞޫލްތައް ތަންފީޒުކޮށް، ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެދާނެ ކޮންމެ ޙާލަތަކައް އެމްޕީއެލް ތައްޔާރުވެފައިވާކަމަށެވެ.
މާރޗް 28 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުކުރު ނަމާދު ނުކުރަން ނިންމިކަން އިއުލާންކުރައްވާފައިވަނީ ދާދި ދެންމެއަކު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިސްލާމިކް އެފެއަރޒް މިނިސްޓަރެވެ.
ފަރަންސޭސި ވިލާތުގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މިއަދު އެކަނިވެސް އެޤައުމުން 27 މީހުން ކޮވިޑް-19 ޖެހިގެން މަރުވިއެވެ. މިއާއެކު އެޤައުމުގައި މަރުވީ މީހުންގެ އަދަދު ވަނީ 175 އަށް އަރާފައެވެ. އެޤައުމުން މިއަދު އެކަނިވެސް 1097 ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، މިހާރު ވައިރަސް ޖެހުނު މީހުންގެ ޖުމުލު އަދަދަކީ7,730އެވެ.
މާރޗް މަހުގެ 20 ވަނަ ދުވަހުން ފެށިގެން އޮން-އެރައިވަލް ވިސާއާއި، އެކި ބޭނުންތަކައް ކުރު މުއްދަތަކައް އެޤައުމަށް އެތެރެވާން ދޫކުރާ ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފިއެވެ.
އެޤައުުގެ ޚާރިއްޖިއްޔާއިން ބުނެފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ވިސާ ދޫކުރުން ހުއްޓާލަން ސަރުކާރުން ނިންމާފައިވާކަމަށެވެ.
އިންޑޮނޭޝިޔާ ސަރުކާރުން ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ތިބި އެޤައުމުގެ ރައްޔިތުން އަނބުރާ ޤައުމަށް ވީ އެންމެ އަވަހަކަށް އައުމަށް އިލްތިމާސްކޮށްފައެވެ.
އިންޑޮނޭޝިޔާގައި ފާއިތުވި 24 ގަޑިއިރުގެތެރޭގައި 38 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ ދެމީހުން ވަނީ މަރުވެފައެވެ. އަދި އެޤައުމުގައި ވައިރަސް ފެތުރެންފެށިފަހުން މިހާތަނަށް 172 މީހުން ވައިރަށްއަށް ޕޮޒިޓިވްްވެެ، 7 މީހުން ވަނީ މަރުވެފައެވެ.
ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އަށް ސްރީލަންކާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 43 އަށް އަރައިފިއެވެ. ލަންކާގެ ނެޝަނަލް އޮޕަރޭޝަން ސެންޓަރ ފޮރ ޕްރިވެންޝަން އިން ހާމަކޮށްފައިވާ ގޮތުން އަންގާރަ ދުވަހު ޕޮޒިޓިވްވި 10 މީހުންނާއެކު ލަންކާގައި ކޮވިޑް-19 ޖެހުނު މީހުން އަދަދު ވަނީ 44 އަށް އަރާފައެވެ.
އަންގާރަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ލަންކާގެ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ޑރ. އަނިލް ޖަޔަސިންހަ ވިދާޅުވީ، އަލަށް ރިޕޯޓު ކުރެވުނު ކޭސްތަކުގެ ތެރެއިން 6 މީހުންގެތެރޭގައި، ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކާއި، ޖަރުމަނުން އައި ލަންކާ މީހަކާ، އިނގިރޭސިވިލާތުން އައި ލަންކާ މީހެއްގެ އިތުރުން ކެލަނިޔާ މީހަކާ، މަރަވިލަ ސަރަހައްދުގެ މީހަކުގެ އިތުރުން ދާދި ފަހުން ގަތަރުން އައި މީހަކު ހިމެނޭ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގައި މަސައްކަތްކުރާ ދެ މުވައްޒަފަކު، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.
ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭގެ އެކި ގައުމުތަކުން ކުރަމުން އަންނަ ހަނގުރާމައިގައި އިސް ދައުރެއް އަދާކުރާ، ޑަބްލިޔުއެޗްއޯއިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޖަމިއްޔާގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމަޔަރ ވިދާޅުވީ، އޮފީސް ދޫކޮށް ގެއަށް ދިޔަ ފަހުން ބަލީގެ އަލާމާތްތައް ފެނި، ޓެސްޓުކުރުމުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިއީ މި ވައިރަސް ނައްތާލުމަށް ޑަބްލިޔުއެޗްއޯއިން ކުރާ މަސައްކަތުގައި ސީދާ ބައިވެރިވެފައިވާ ދެ ފަރާތްކަން މިހާތަނަށް އަދި ކަށަވަރުވެފައެއް ނުވެއެވެ. ނަމަވެސް، ވައިރަސް އެހެން ބަޔަކަށް ޓްރާންސްމިޓް ވެދާނެ ކަމުގެ ބިރު އޮތުމާއެކު، އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށް ލިންޑްމަޔަރ ވަނީ ވިދާޅުވެފައެވެ.