ބުރާސްފަތި ދުވަހުން ފެށިގެން ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދާއި، މުސްލިމުންގެ މުގައްދަސް ދެ ސަރަހައްދު ކަމުގައިވާ މައްކާ އަދި މަދީނާ ލޮކްޑައުން ކުރަން ނިންމައިފިއެވެ.
މިއީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ އޯޑަރަށް އެޅި ފިޔަވަޅުތަކެއް ކަމަށް ސައުދީ ޕްރެސް އެޖެންސީން ވަނީ ރިޕޯޓްކޮށްފައެވެ.
ކޮވިޑް-19 އާ ދެކޮޅަށް އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސަރވިސް އިން ކުރަމުން ގެންދާކަންކަމަށް އެހީތެރިވުމަށް 158،000 މީހުން އެހީތެރިވުމަށް ވޮލަންޓިއަރކޮށްފި އެވެ. ވޮލަންޓިއަރުން ހޯދުމަށް އިއުލާންކުރިތާ ގަޑީރެއްގެ ތެރޭގައި މިވަރަށް ވޮލަންޓިއަރުންނަށް ވާން އެދިފައިވާކަމަށް އެގައުމުން ބުނެއެވެ. އިނގިރޭސިވިލާތުގައި މަރުވި މީހުންގެ އަދަދު 422 އަށް އަރާފައިވާއިރު އަންގާރަ ދުވަހު އެކަނި 87 މީހުން ވަނީ މަރުވެފައެވެ.
ވިއެޓްނާމުން ހަނޑޫ އެކްސްޕޯޓްކުރުމުގެ އައު އެގްރިމެންޓްތަކުގައި ސޮއިނުކުރާން ނިންމާފައިވާކަމަށް ރޮއިޓަރސް އިން ބުނެފި އެވެ. ރޮއިޓަރސް އިން ބުނެފައިވަނީ މިމަހުގެ 28 އާ ހަމައަށް ވިއެޓްނާމުން އައު އެގްރިމެންޓްގައި ސޮއެއް ނުކުރާނެ އެވެ. ކޮވިޑް-19 ފެތުރެމުންދާތީ އިގްތިޞާދު ދަށަށްދާއިރު ގިނަ ގައުމުތަކުން އަންނަނީ ކާބޯތަކެތި އެކްސްޕޯޓް ކުރުމުގެ ކަންކަން މަޑުޖައްސާލަމުންނެވެ.
އިންޑިއާ ލޮކްޑައުން ކުރި ނަމަވެސް އެގައުމުން ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތައް އެއްވެސް ދައްޗެއް ނެތި ރާއްޖެއަށް އެތެރެކުރެވޭނެކަމަށް އިންޑިއާއިން ބުނެފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެތެރެކުރުމުގައި ދައްޗެއް ކުރިމަތި ނުވާނެ ކަމަށެވެ. އެގޮތުން ހަނޑޫ، ހަކުރު އަދި ފުށް އެތެރެކުރުމަށް ލޮޖިސްޓިކަލް ދަތިތަކެއް ހުރި ނަމަވެސް އެކަންތައް ހައްލުކޮށް ރާއްޖެއަށް އެތަކެތި އެތެރެކުރެވޭނެ މަގު ތަނަވަސް ކުރެވިފައިވާކަން ހައިކޮމިޝަނުން ބުނެއެވެ.
ވިހި ދުވަހަށް ބޭނުންކުރެވޭނެ ހަނޑުލާއި ހަކުރު މިހާރު ވަނީ ރާއްޖެ އައުމުގެ މަތީގައިކަމަށާއި އިތުރު 1،500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރު ރާއްޖެއަށް އެކްސްޕޯޓު ކުރުމަށް މިހާރު ވަނީ ޓުޓިކޮރިން ބަނދަރަށް ގެންދެވިފައި ކަމަށް ހައި ކޮމިޝަނުން ބުނެއެވެ. އަދި ކާޑުގެ ބާވަތްތައް ހުސްވެދާނެތީ ޕެނިކް ނުވުމަށްވެސް ހައިކޮމިޝަނުންވަނީ ދިވެހިންގެ ފަރާތުން އެދިފައެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ދެކޮޅަށް ހަނގުރުމާކުރުމަށް އެހީތެރިވުމުގެ ގޮތުން ޔުވެންޓަސްގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ރޮނާލްޑޯ އާއި އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް ވަނީ ޕޯޗުގަލްގެ ދެ ސަރަހައްދެއްގެ ހޮސްޕިޓަލަކަށް އެހީވެފައެވެ. އެގޮތުން ރޮނާލްޑޯ އާއި އޭނާގެ އޭޖެންޓް ވަނީ ޕޯޗުގަލަށް އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ. އަދި މެސީގެ ފަރާތުން ވެސް އެހީގެ ގޮތުގައި އެއް މިލިއަން ޔޫރޯ ހަރަދުކުރަން ވަނީ ނިންމާފައެވެ. އެގޮތުން މެސީ އެހީވެފައިވަނީ ސްޕެއިންގެ ބާސެލޯނާގެ ހޮސްޕިޓަލެއްގެ އިތުރުން އާޖެންޓީނާގެ ހޮސްޕިޓަލަކަށެވެ.
ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޖޭ. އޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާކަމަށް އެޗްޕީއޭއިން ބުނެފި އެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގައި ހާލަތުގައި ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން، މިއަދު ވަނީ ފަރިތަކުރުމެއް (ޑްރިލް) ބާއްވަން ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. މި ހަރަކާތް ކުރިއަށްދަނީ މާލޭގެ 3 ސަރަހައްދެއްގައި 12:30 އިން 3:30އަށް އަދި މިހަރަކާތް ކުރިއަށް ދާއިރު މިހިސާބުތަކަށް ވަދެ ނުކުތުން ވަގުތީ ގޮތުން ހުއްޓުވުން އެކަށީގެންވާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. މިފަރިތަކުރުން ކުރިއަށްދާއިރު ގުޅުންހުރި މުއައްސަސާތަކުން ދޭ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް އެޗްޕީއޭއިން އެދެއެވެ.
ޕާކިސްތާނުގައި ކޮވިޑް-19 ފެތުރެމުންދާތީ އެގައުމުގެ އެތެރޭގެ އުދުހުންތަކާއި ޓްރެއިންގެ ޚިދުމަތް މެދުކަނޑާލައިފި އެވެ. އެގައުމުގެ އެތެރޭގެ އުދެހުންތައް އޭޕްރީލްމަހުގެ 2 ވަނަ ދުވަހާ ހަމައަށް މެދުކަނޑާލާފައިވާއިރު ޓްރެއިންގެ ޚިދުމަތް މިއަދުން ފެށިގެން މަރޗް މަހުގެ 31 ވަނަ ދުވަހާ ހަމައަށް ވަނީ މެދުކަނޑާލާފަ އެވެ. ޕާކިސްތާނުން މިހާތަނަށް 972 މީހަކަށް ވައިރަސް ޖެހިފައިވާއިރު 7 މީހަކު ވަނީ މިވައިރަސް ޖެހިގެން މަރުވެފަ އެވެ.
މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް މެލޭޝިޔާ ލޮކްޑައުންކޮށްފައި އޮތް އޮތުން އޭޕްރީލް މަހުގެ 14 ވަނަ ދުވަހާ ހަމައަށް ދިގުދައްމާލައިފި އެވެ. މެލޭޝިޔާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ ބުދަ ދުވަހުން އެގައުމުން 172 މީހުންނަށް ވައިރަސް ޖެހިފައިވާކަމަށެވެ. އެއާއެކު މިހާތަނަށް އެގައުމުން 1796 މީހަކަށް ވަނީ ވައިރަސް ޖެހިފަ އެވެ. ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވައިރަސްއަށް ޓެސްޓް ކުރުމުގެ ކަންކަން އަވަސްކުރައްވާނެކަމަށް ވިދާޅުވި އެވެ.
ތައިލެންޑްގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 934 ށް އަރާފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެގައުމުގައި ބުރާސްފަތި ދުވަހު ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިހާތަނަށް އާއިރު އެގައުމުން 107 މީހަކު ވަނީ ރަނގަޅުވެފަ އެވެ.
ކޮވިޑް-19 ޖެހިގެން މެލޭޝިޔާއިން މަރުވި މީހުންގެ އަދަދު 17 އަށް އަރައިފި އެވެ. މެލޭޝިޔާއިން ބުނީ އެންމެފަހުން މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ފިރިހެނެއްކަމަށެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މެލޭޝިޔާ ވަނީ ދެ ހަފްތާގެ މުއްދަތަށް ލޮކްޑައުންކޮށްފަ އެވެ. އެގައުމުގެ ބޮޑުވަޒީރު މިއަދު ގައުމާ މުޚާތަބުކުރައްވާ ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި ސައުތުކޮރެއާއިން ކޮވިޑް-19 100 މީހުންނަށް ޖެހިފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެއާއެކު އެގައުމުން ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިވަނީ 9,137 އަށް އަރާފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ބްރެޒިލްގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ ހަގީގަތް އޮތް މިންވަރަށް ވުރެ އިތުރަށް ދައްކަން މީޑިޔާއިން މަސައްކަތްކުރާކަމަށް ވިދާޅުވެ ބްރެޒިލްގެ ބޮޑުވަޒީރު ނުރުހުން ފާޅުކުރައްވައިފި އެވެ. ބްރެޒިލްގެ ރައީސް ގައުމާ މުޚާތަބުކުރައްވާ ހަތަރު މިނެޓާއި ތިރީސް ސިކުންތުވަންދެން ދެއްކެވި ވާހަކަފުޅުވަނީ އެގައުމުގެ ނޭޝަނަލް ޓީވީ އާއި ރޭޑިއޯއިން ބްރޯޑްކާސްޓްކޮށްފަ އެވެ. މި ވާހަކަފުޅުގައި ރައީސް ވަނީ އެގައުމުގެ މޭޔަރުންނާއި ގަވަރުނަރުން ވައިރަސްގެ ކަންކަމުގައި ޑަބްލިޔުއެޗްއޯއިންނާއި އެހެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެދިވަޑައިގަންފަ އެވެ. އެގޮތުން ސޯޝަލް ޑިސްޓޭންސް އާއި ސެލްފް ކަރަންޓީނުގެ ކަންކަން ތަންފީޒުކުރުމަށް ވަނީ ގޮވާލައްވާފަ އެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ދުނިޔެއިން ފެންނަމުންދަނީ ވައިރަސް 60 އަހަރުން މަތީގެ މީހުންނަށް ޖެހޭތަންކަމަށާއި އެހެންކަމުން ސްކޫލްތައް ބަންދުކުރަނީ ކީއްކުރަންތޯ ވަނީ ސުވާލުކުރައްވާފަ އެވެ. އަދި ފިހާރަތައް ބަންދުކުރުމާއި ދަތުރުފަތުރުކުރުން ހުއްޓުވުމަކީ މައްސަލައެއްގެ ގޮތުގައި ބްރެޒިލްގެ ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. ވައިރަސް މިވަނީ އައިސްފައިކަމަށާއި ނަމަވެސް މިވައިރަސް އަދި ދާނެކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން އާންމު ދިރިއުޅުމުގެ ކަންކަން ކުރިޔަށްދާން ޖެހޭނެކަމަށާއި ވަޒީފާތައް ދެމެހެއްޓެންޖެހޭނެކަމަށް ރައީސް ވިދާޅުވި އެވެ.
މިހާތަނަށް އާއިރު އެގައުމުން 2,201 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 46 މީހުން ވަނީ މަރުވެފަ އެވެ.
ކޮވިޑް-19 ފެތުރި ކޮންޓްރޯލްނުވެ ހިނގައިދާނެތީ އޮސްޓްރޭލިއާގައި ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ. އެގޮތުން ކައިވެނީގެ ހަފްލާތަކަށް ފަސް މީހުންނަށް އަދި ޖަނާޒާތަކަށް ދެވޭނީ ދިހަ މީހުންނަށްކަމަށް ވަނީ ކަނޑައަޅާފައެވެ. އޮސްޓްރޭލިޔާގައި މިހާތަނަށް 2341 މީހަކަށް ވަނީ ވައިރަސް ޖެހިފަ އެވެ. ނަމަވެސް ވައިރަސް ފެތުރި ކޮންޓްރޯލުން ނުކުރެވިއްޖެނަމަ އައިސީޔޫތައް ފުރޭނެކަމުގެ ބިރަށް އެގައުމުން އަންނަނީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.
ނިއުޒިލެންޑް ގައި ނޭޝަނަލް ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފި އެވެ. ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފައި މިވަނީ މުޅި ގައުމު އެއް މަސްދުވަހުގެ ލޮކް ޑައުންއަކަށް ދާން ތައްޔާރުވެފައި ވަނިކޮށެވެ. ނިއުޒިލެންޑްގައި މިހާތަނަށް 205 މީހުންނަށް މިވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ.
އަންގާރަ ދުވަހު ޗައިނާއިން ކޮވިޑް-19 ޖެހިފައިވަނީ 47 މީހުންނަށް ކަމަށް އެގައުމުން ބުނެފި އެވެ. މިއެންމެންނަކީވެސް އެހެން ގައުމުތަކުން ޗައިނާއަށް އެތެރެވި މީހުންނެވެ. ހޯމަ ދުވަހު އެގައުމުން 78 މީހުންނަށް ވައިރަސް ޖެހިފައިވެއެވެ. ޗައިނާއިން މިހާތަނަށް 81,218 މީހުންނަށް ވައިރަސް ޖެހިފައިވެއެވެ. އަދި 3,163 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ.
ކޮވިޑް-19 ޖެހިފައިވާ ފުރަތަމަ މީހާ ލީބިޔާއިން ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެގައުމުގެ ނޭޝަނަލް ސެންޓަރ ފޯރ ޑިޒީސް އިން ބުނެފައިވާ ގޮތުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. ވައިރަސް ޖެހުނު މީހާ އާ ގުޅޭ އެއްވެސް މައުލޫމާތެއް އެގައުމުން ހާމަކޮށްފައެއްނުވެއެވެ.
ކޮވިޑް-19 ޖެހިގެން މިހާތަނަށް މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 18،891 އަށް އަރައިފި އެވެ. މިހާތަނަށް އާއިރު އެންމެގިނައިން މީހުން މަރުވެގެން ރިކޯޑްކޮށްފައިވަނީ އިޓަލީންނެވެ. އެއީ 6,820 އެވެ. އިޓަލީން މިހާތަނަށް މިވައިރަސް 69,176 މީހުންނަށް މިވައިރަސް ޖެހިފައިވެ އެވެ. ދެން އެންމެ ހަލުވި މިނުގައި ވައިރަސް ފެތުރެމުން އަންނަނީ އެމެރިކާގަ އެވެ. އެއީ 54,808 މީހުންނެވެ. އެގައުމުގައި މިހާތަނަށް 775 މީހުން މިވައިރަސް ޖެހިގެން މަރުވެފައިވެ އެވެ. ސްޕެއިނުން މިހާތަނަށް 2,991 މީހުން މިވައިރަސް ޖެހިގެން މަރުވެފައިވެ އެވެ. އަދި އެގައުމުން 42,058 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ. ދެން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަނީ އިރާނުންނެވެ. އިރާނުން މިހާތަނަށް 1,934 މީހުން މިވައިރަސް ޖެހިގެން މަރުވެފައިވެ އެވެ. އަދި އެގައުމުގެ 24,811 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އިން އަމިއްލަ ގައުމު ކަމަށްވާ ސްޕެއިން ސަލާމަތްކުރުމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދީލަތި އެހީއެއް ވެއްޖެ އެވެ.
ސްޕެއިން އަށް އުފަން ގާޑިއޯލާ ވަނީ ކޮވިޑް-19 އިން ސަލާމަތްވުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ.