ކޮވިޑް-19: އެންމެ ފަހުގެ

29,488,424
  • މިވަގުތުވެސް ހުރިހާ ފަރާތްތަކުން އިސްކަން ދެއްވަންވީ، މި ކަމާ ގުޅޭ ގޮތުންވެސް ކަށަވަރު ޞައްޙަ މަޢުލޫމާތު ހާމަކުރެއްވުމަށް: ރައީސް
  • މިއީ ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާ އެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު: ރައީސް ސޯލިހް
  • ރާއްޖޭން ބޭރުން ލޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް މިއަންނަނީ މަސައްކަތް ކުރަމުން: ރައީސް ސޯލިހް
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މިވަގުތުވެސް ހުރިހާ ފަރާތްތަކުން އިސްކަން ދެއްވަންވީ، މި ކަމާ ގުޅޭ ގޮތުންވެސް ކަށަވަރު ޞައްޙަ މަޢުލޫމާތު ހާމަކުރެއްވުމަށް: ރައީސް

ރާއްޖެއިން މި ބަލީގެ ނުރައްކާތެރިކަން ނައްތާލުމަށާއި ފެތުރުނަ ނުދިނުމަށް ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް، ދިވެހި ލޮބުވެތި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރެއިން ވެސް އައި.ޖީ.އެމް.އެޗްގެ ޑޮކްޓަރުންނާއި ނަރުހުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، މޯލްޑިވްސް ރެޑް ކްރެސެންޓް އަދި ސިފައިންނާއި ފުލުހުންގެ ނަން، ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން.

މިބަލީގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްސާ ކުރުމުގައި ނޫސްވެރިން އަދާކުރާ ދައުރު ފާހަގަކޮށް، ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. މިވަގުތުވެސް ހުރިހާ ފަރާތްތަކުން އިސްކަން ދެއްވަންވީ، މި ކަމާ ގުޅޭ ގޮތުންވެސް ކަށަވަރު ޞައްޙަ މަޢުލޫމާތު ހާމަކުރެއްވުމަށް.

12 މާރޗް 2020 | ބުރާސްފަތި 17:01
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މިއީ ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާ އެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު: ރައީސް ސޯލިހް

ކޯވިޑް19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް. ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫން. މިއީ ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާ އެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު. ވަކިން ޚާއްޞަކޮށް، ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އަޅުގަނޑު އިލްތިމާސްކުރަން.

މި ބަލިން ސަލާމަތްވުމަށް، ސަރުކާރުން ކުރަމުން މިއަންނަ މަސައްކަތުގައި ހުރިހާ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ބޭނުންވޭ. ޚާއްޞަކޮށް ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން މިވަގުތު ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވޭ. މިކަމުގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަޤީންކަން، ރާއްޖޭގައި މިވަގުތު ހުރި އަމިއްލަ ދެ ހޮސްޕިޓަލުން، އާދެ، އޭ.ޑީ.ކޭ އާއި ޓްރީޓޮޕް ހޮސްޕިޓަލުން މިހާރު ވަނީ ދީފައި.

12 މާރޗް 2020 | ބުރާސްފަތި 17:00
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރާއްޖޭން ބޭރުން ލޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް މިއަންނަނީ މަސައްކަތް ކުރަމުން: ރައީސް ސޯލިހް

ސަރުކާރުން ހިންގާ ޕީ.އެސް.އައި.ޕީގައި ނުހިމެނޭ ޚަރަދުތައް ކުޑަކުރަން މިހާރު ވަނީ ނިންމާފައި. އަދި ސަރުކާރުން ކުރާ ދަތުރުތަކާއި މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތާއި އެފަދަ ބައެއް ޚަރަދުތައް ވެސް މިވަގުތަށް ވާނީ ކުޑަކޮށްލާފައި.

އޭގެ އިތުރުން ވިޔަފާރިތަކަށް، ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް، ރާއްޖޭގައި ހިންގާ ބޭންކްތަކާ އެކު މަރުކަޒީ ބޭންކު އެމް.އެމް.އޭ އިން އަންނަނީ މަސައްކަތް ކުރަމުން. އޭގެ އިތުރުން ރާއްޖޭން ބޭރުން ލޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް މިއަންނަނީ މަސައްކަތް ކުރަމުން. މިކަމުގައިވެސް އެކުވެރި ޤައުމުތަކުންނާއި މާލީ އިދާރާތަކުން އަޅުގަނޑުމެންނަށް ވަނީ ފެހި ސިގްނަލް ލިބިފައި.

12 މާރޗް 2020 | ބުރާސްފަތި 16:59
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން އަޅުގަނޑު ޤަޞްދު ނުކުރަން: ރައީސް

މިވަގުތު އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ، ކޯވިޑް19ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައި ވިޔަސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން އަޅުގަނޑު ޤަޞްދު ނުކުރާ ވާހަކަ.

އަދި ސަރުކާރުން މަސައްކަތް މިކުރަނީ، ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް މެދުކަނޑާނުލައި ކުރިއަށް ގެންދަން. ތަރައްޤީގެ މަޝްރޫޢުތައް މިހާރުވެސް ރޭވިފައި ހުރި ގޮތަށް ކުރިއަށް ދާނެ. އެހެން ނަމަވެސް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އަޅަން ސަރުކާރުން މިހާރުވަނީ ފަށާފައި.

12 މާރޗް 2020 | ބުރާސްފަތި 16:58
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް، ހުއްޓުމެއް އަޔަ ނުދިނުމަށް: ރައީސް ސޯލިހް

މި ދަތިތައް ކުރިމަތިވިޔަސް، މާތް ﷲގެ ވާގިފުޅާ އެކު ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް، ހުއްޓުމެއް އަޔަ ނުދިނުމަށް. ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް، އިރާދަކުރެއްވިއްޔާ ހުސް ނުވާނެކަމުގެ ޔަޤީންކަން ދެން. STO އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި.

އަދި ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމްތައް މިހާރު ހުރީ ހަމަޖެހިފައި. ރާއްޖެއަށް ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދޭން އަވައްޓެރި އިންޑިޔާއިން މިހާރު ވަނީ ނިންމާފައި. އަދި ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ފޮނުވުމަށް ވެސް އިންޑިޔާއިން ވަނީ ނިންމާފައި. އޭގެ އިތުރުން ރަޙްމަތްތެރި އެހެން ޤައުމުތަކުން ވެސް، ކޯވިޑް19 އާ ދެކޮޅަށް ރާއްޖެއަށް އެހީތެރިވެދޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި.

12 މާރޗް 2020 | ބުރާސްފަތި 16:57
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި ޢަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ: ރައީސް ސޯލިހް

އަޅުގަނޑުމެން އަންދާޒާ ކޮށްގެން މިތިބީ، މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީ.ޑީ.ޕީ ކުރިއަރާނެ ކަމަށް. ނަމަވެސް ކޯވިޑް19ގެ ސަބަބުން، އިޤްތިޞާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި.

މި ބަދަލުގެ ސަބަބުން، މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި ޢަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ.

12 މާރޗް 2020 | ބުރާސްފަތި 16:56
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 އިންސައްތަ އާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ: ރައީސް

މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 އިންސައްތަ ދަށަށް ހިނގައްޖެ. އަދި ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ބެޑްނައިޓް ކެންސަލްވެއްޖެ.

މިހާރު ހަދާފައި ހުރި ބުކިންތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 އިންސައްތަ އާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ. އަޅުގަނޑުމެން ކުރިން އަންދާޒާ ކުރީ މިއަހަރުގެ ފަތުރުވެރިކަން 8 އިންސައްތަ ކުރިއަރާނެ ކަމަށް.

12 މާރޗް 2020 | ބުރާސްފަތި 16:55
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވިޔަފާރިތަކަށް ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދޭނެ ގޮތްތައް މިދަނީ ހޯދަމުން- ރައީސް

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ޚިޠާބުގައި ވިދާޅުވީ ވިޔަފާރިތަކަށް، ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތްތައް ހޯދުމަށް ރާއްޖޭގައި ހިންގާ ބޭންކްތަކާ އެކު މަރުކަޒީ އެމްއެމްއޭއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އޭގެ އިތުރުން ރާއްޖޭން ބޭރުން ލޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކަމުގައިވެސް އެކުވެރި ގައުމުތަކުންނާއި މާލީ އިދާރާތަކުން ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ.

12 މާރޗް 2020 | ބުރާސްފަތި 16:55
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރާއްޖޭގެ އިޤްތިޞާދަށްވެސް ވަރަށް ބޮޑު ހީނަރުކަމެއް އެބަ އާދެ: ރައީސް

މި ބައްޔަށް ޝައްކުކުރެވޭ އެއްވެސް ޢަލާމާތެއް ފެނިއްޖެ ނަމަ، އެކަން ހޮޓްލައިން ނަންބަރު 1676 އަށް ރިޕޯޓް ކުރެއްވުމަށް އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަން. ހަމައެއާ އެކު، އެކަހެރި ކުރެވޭ މީހުންނަށް ދޭ އިރުޝާދުތައް ތަންފީޒުކުރުމަކީ ވެސް އެހާމެ މުހިންމު ކަމެއް. އަދި އެކަން އެގޮތަށް ހިނގާތޯ، ކަމާ ގުޅޭ އިދާރާތަކުން ބަލަމުންދާނެ.

އޭގެ އިތުރުން މި ބަލި ބޮޑަށް ފެތުރެމުންދާ ޤައުމުތަކަށް، ދިޔުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މިހާރުވާނީ އިޢުލާންކޮށްފައި. އަދި މި ބަލި ބޮޑަށް ފެތުރެމުންދާ ޤައުމުތަކުން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން މިދަނީ މަނާކުރަމުން.

މި ރޯގާގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ހީނަރުކަމެއް މިހާރުވެސް އަތުވެއްޖެ. އަދި ރާއްޖޭގެ އިޤްތިޞާދަށްވެސް ވަރަށް ބޮޑު ހީނަރުކަމެއް އެބަ އާދެ. ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާ ގޮތުން، ކޯވިޑް19ގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑަށް ލޮޅުން އަރާނެ ޤައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވޭ.

12 މާރޗް 2020 | ބުރާސްފަތި 16:55
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މި ބަލިން ރައްކާތެރިވުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ، ކޮންމެ ބޭފުޅަކުވެސް ފަރުދީ ޒިންމާ އަދާކުރެއްވުން: ރައީސް ސޯލިހް

ރާއްޖޭގައި ވެސް މި ބަލި ޖެހިފައިވާ 8 މީހަކު މިހާރު އެބަތިބި. އަދި އެ މީހުންނާ އެކި ގޮތްގޮތުން ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް، ވަރަށް ހަރުދަނާ ގޮތެއްގައި، ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ކުރަމުން. މި ދެންނެވި 8 މީހުންނާ ގުޅިގެން ރާއްޖޭގެ ތިން ރިސޯޓެއްގައި ތިބި މީހުންގެ ޙާލަތު ބަލައި މޮނިޓަކުރަން ފެށުނު.

އެ ތިން ރިސޯޓަށް މެޑިކަލް ޓީމުތައް ގޮސް، ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެކަހެރި ކުރަންޖެހޭ މީހުން އެކަހެރިކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައި. އަދި އެ ރިސޯޓްތަކުގައި ތިބި ފަތުރުވެރިން، އެމީހުންގެ ޤައުމުތަކަށް ދެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައި.

މި ބަލިން ރައްކާތެރިވުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ، ކޮންމެ ބޭފުޅަކުވެސް ފަރުދީ ޒިންމާ އަދާކުރެއްވުން. އެ ގޮތުން ޞިއްޙީ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައި، ޢާންމު ސާފުތާހިރުކަމަށް މިދުވަސްވަރު ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ ވަރަށް މުހިންމު ކަމެއް.

12 މާރޗް 2020 | ބުރާސްފަތި 16:54
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މުސާރަކުޑަކުރުމުގެ ވިސްނުމެއް ނެތް :ރައީސް

ކޮވިޑް-19 އާ ގުޅިގެން މިއަދު ގައުމާ މުހާތަބުކުރައްވާ ރައީސް ސާލިހު ވަނީ ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން ގަސްދުނުކުރާކަން ފާހަގަ ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް މެދުކަނޑާނުލައި ކުރިއަށް ގެންދިޔުން ކަމަށެވެ.

12 މާރޗް 2020 | ބުރާސްފަތި 16:53
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސަރުކާރުން ފިޔަވަޅުތައް އަޅަމުން މިއަންނަނީ، ރާއްޖޭގައި ލިބެން ހުރި ވަސީލަތްތަކާއި ޙާލަތަށް ބަލައި: ރައީސް ސޯލިހް

ސަރުކާރުން ފިޔަވަޅުތައް އަޅަމުން މިއަންނަނީ، ރާއްޖޭގައި ލިބެން ހުރި ވަސީލަތްތަކާއި ޙާލަތަށް ބަލައި، ރާއްޖޭގައި ތިއްބެވި ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް. އެގޮތުން މި ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް ކަނޑައެޅުމަށް "ރިސްކް ލެވެލް" ބަލާ މިންގަނޑުތައް ކަނޑައަޅައި، މި މަޢުލޫމާތުތައް މިހާރު ވާނީ ޢާންމުކޮށްފަ.

ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ވަޒަންކުރުމަށް ފަހު، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތިން، މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން މިއަދު ވަނީ، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވާފައި.

12 މާރޗް 2020 | ބުރާސްފަތި 16:52
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސަރުކާރުން ފިޔަވަޅުތައް އަޅަމުން މި އަންނަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ލަފަޔާ އެއްގޮތަށް: ރައީސް ސޯލިހް

މިބަލި ރާއްޖެއިން ފެނުމުގެ އެތައް ދުވަހެއް ކުރިން، މި ބައްޔާ މެދު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަން ފަށައިފިން. ރާއްޖެއަށް މިބަލީގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް، މިދިޔަ ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެސެސްމަންޓެއް ހަދައި، ތައްޔާރުވާން ފަށައިފިން.

މި ބަލި ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، މި ބަލި ކޮންޓްރޯލް ކުރެވޭނެ ވަކި ދުވަސްވަރެއް، ދުނިޔޭގެ ޞިއްޙަތާ ބެހޭ ތަޖުރިބާކާރުންނަށް ވެސް އަދި ޔަޤީނެއް ނުވޭ. އެހެންކަމުން، މި ނުރައްކާތެރި ބަލިން އެންމެހައި ދިވެހިންނާއި ރާއްޖޭގައި އުޅޭ އެންމެން ރައްކާތެރިކުރުމަށް، ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ލަފަޔާ އެއްގޮތަށް.

12 މާރޗް 2020 | ބުރާސްފަތި 16:52
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19 އަކީ ޞިއްޙީ އިދާރާތަކަށް ވެސް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް: ރައީސް ސޯލިހް

އެނގިވަޑައިގަންނަވާނެ ފަދައިން، "ކޮރޯނާ ވައިރަސް" ނުވަތަ "ކޯވިޑް19" އެންމެ ފުރަތަމަ އިންސާނުންގެ ހަށިގަނޑުން ފެންނަން ފެށީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި ޗައިނާއިން. އެދުވަހުން ފެށިގެން މިއަދާ ހަމައަށް، ދުނިޔޭގެ ހުރިހާ ބައްރަކަށް މިބަލި ފެތުރި، ވަރަށް ގިނަ ޤައުމުތަކުގައި، މި ބަލީގެ މީހުން މިހާރު އެބަތިބި.

ކޯވިޑް19 އަކީ ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިހާރުވަނީ ކަނޑައަޅައި އިޢުލާންކޮށްފައި. މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ޞިއްޙީ އިދާރާތަކަށް ވެސް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް.

12 މާރޗް 2020 | ބުރާސްފަތި 16:51
Writer Profile Picture
އަމަން ހަލީމް
ގައުމުތަކުން މީހުން އައުން މަނާކުރަނީ ގިނަ ކަންތައްތަކެއް ބެލުމަށް ފަހު: އަމީން

ރާއްޖެއަށް މީހުން އައުން މަނާކުރަނީ، އެ ގައުމެއްގައި ބަލި ފެތުރާ މިންވަރާއި، އެ ގައުމުގެ ސިއްހީ ވަސީލަތްތަކައި ބަލި ފެތުރޭ ޓްރެންޑަށް ބެލުމަށް ފަހުގައި ކަމަށް އަމީން ވިދާޅުވެއްޖެއެވެ.

12 މާރޗް 2020 | ބުރާސްފަތި 16:10
Writer Profile Picture
އަމަން ހަލީމް
އިންތިހާބުގެ ދުވަސް އައުމުގެ ކުރިން ގިނަ މީހުން އެއްވެގެން ބައިވެރިވާ ހަރަކާތެއް ނުބޭއްވޭނެ: އަމީން

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ތާރީހު އައުމުގެ ކުރިން، ގިނަ މީހުން އެއްވެގެން ބާއްވާ އެއްވެސް ހަރަކާތެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ހެލްތް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

12 މާރޗް 2020 | ބުރާސްފަތި 15:53
Writer Profile Picture
އަމަން ހަލީމް
މި ހާލަތާ ގުޅިގެން އެޗްޕީއޭއަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ސްކޫލްތައް ބަންދުކުރުން ހިމެނޭ: އަމީން

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެޗްޕީއޭއަށް ލިބިދޭ ބާރުތަކުގެ ތެރޭގައި، ސްކޫލްތައް ބަންދުކުރުމުގެ ބާރުވެސް އެ އެޖެންސީއަށް ލިބިފައިވާ ކަމަށް އަމީން ވިދާޅުވެއްޖެއެވެ.

ނަމަވެސް، މިހާތަަނަށް އަދި އިތުރު އެއްވެސް ހަރަކާތެއް ހުއްޓާލުމަށް މިހާތަނަށް ނިންމާފައި ނުވާކަމަށް އަމީން ވިދާޅުވިއެވެ.

12 މާރޗް 2020 | ބުރާސްފަތި 15:50
Writer Profile Picture
އަމަން ހަލީމް
ޔޫރަޕުގައި ފެތުރޭ މިންވަރަށް ވުރެ އޭޝިއާގައި ފެތުރޭ މިންވަރު ދަށް: އަމީން

ޔޫރަޕުގައި ބަލި ފެތުރެމުންދާ މިންވަރާ އަޅާބަލާއިރު، އޭޝިއާގެ ގައުމުތަކުގައި ބަލި ފެތުރެމުންދާ މިންވަރު ދަށް ކަމަށް ހެލްތް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

12 މާރޗް 2020 | ބުރާސްފަތި 15:44
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ކޮންޓެއިން ކުރެވޭނެކަމުގެ އުންމީދު ކަނޑައެއް ނުލަން

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިޔަށްދާ ޕްރެސްގައި ހެލްތު މިނިސްޓަރ އަމީން ކޮވިޑް-19 ކޮންޓެއިން ކުރެވިދާނެކަމުގެ އުންމީދު އަދިވެސް އެބައޮތްކަމަށެވެ. ކަމާއި ގުޅުން ހުރި ހުރިހައި ފަރާތްތަކުގެ އެހީގައި އުންމީދު ކަނޑާނުލައްވާ ވައިރަސް ކޮންޓެއިން ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

12 މާރޗް 2020 | ބުރާސްފަތި 15:43
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސްއިން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތުގައި ޑަބްލިއެއެޗްއޯ ގެ އެހީތެރިކަން ދަނީ ލިބެމުން

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިޔަށްދާ ޕްރެސްގަ ހެލްތު މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19ގެ ނުރައްކަލުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަން ލިބެމުންދާކަމަށެވެ. އަދި ކުރިޔަށް އޮތް ތާނގައި ވެސް ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ރާއްޖޭގައި މިހާރުވެސް ކޮވިޑް-19 އަށް ޓެސްޓްކުރަމުން ދަނީ ޑަބްލިއުއެޗްއޯއިން ހަދިޔާކުރި ޚާއްޞަ ކިޓުތަކެއް ބޭނުންކޮށްގެންނެވެ.

12 މާރޗް 2020 | ބުރާސްފަތި 15:41
Writer Profile Picture
އަމަން ހަލީމް
އިތުރު ފަރުވާއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެހޭނެ: އަމީން

ރާއްޖޭގައި ހުރި ސިއްހީ ވަސީލަތްތައް ބޭނުންކޮށްގެން، ކޮވިޑް-19 ޖެހިގެން ފަރުވާދޭން ޖެހޭ ފަރާތްތަކަށް ބޭނުންވާ އިންތިޒާމްތައް މިދަނީ ހަމަޖައްސަމުން ކަމަށް އަމީން ވިދާޅުވި

12 މާރޗް 2020 | ބުރާސްފަތި 15:40
Writer Profile Picture
އަމަން ހަލީމް
އައިސޮލޭޝަން ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތް މިކުރަނީ ދުރާލާ ތައްޔާރުވުމުގެ ގޮތުން: އަމީން

އިތުރު އައިސޮލޭޝަން ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދަނީ ދުރާލާ ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށް އަމީން ވިދާޅުވި

12 މާރޗް 2020 | ބުރާސްފަތި 15:39
Writer Profile Picture
އަމަން ހަލީމް
ކޮވިޑް-19: އާންމު ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކުރީ ނިންމުންތައް ނިންމަން ފަސޭހަކުރަން: އަމީން

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި ފަސާހަ ކުރުމުގެ ގޮތުން ކަމަށް އަމީން ވިދާޅުވެއްޖެ

12 މާރޗް 2020 | ބުރާސްފަތި 15:29
Writer Profile Picture
އަމަން ހަލީމް
ކޮވިޑް-19: ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިކަމާއި ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ: އަމީން

ހެލްތް ޕްރޮޓެކްޝަން އެޖެންސީން މި ހާލަތު އިއުލާން ކުރުމާއި ގުޅިގެން ކުރަންޖެހޭ ހުރިހާކަމެއް ކުރަމުން ގެންދާނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވި.

12 މާރޗް 2020 | ބުރާސްފަތި 15:28
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 :ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިޔަށްދާ ޕްރެސްގައި ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވީ ހެލްތު މިނިސްޓަރ އަމީން އެވެ.

12 މާރޗް 2020 | ބުރާސްފަތި 15:22