އޮސްޓްރޭލިއާއިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެޤައުމުން ހާމަކުރި، އެޤައުުމުގެ ހޯމް އެފެއަރޒް މިިނިސްޓަރ، ޕީޓަރ ޑަަޓަން މިދިޔަ ހަފުތާގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަންހެން ދަރިކަނބަލުންނާއި ބައްދަލުކުރެއްވިކަން ހާމަަވެއްޖެއެެވެ. ޓްރަމްޕްގެ ސީނިއަރ އެޑްވައިޒަރުކަންވެސް ކުރައްވަމުން ގެންދަވާ އިވޭންކާ ޓްރަމްޕް ގެ އިތުރުން، އެމެރިކާގެ އެޓަރނީ ޖެނެރަލް ވިލިއަން ބާރ އާއިވެސް އޮސްޓްރޭލިއާގެ ހޯމް މިނިސްޓަރ ބައްދަލުކުރެއްވިކަން ވަޏި އެނގިފައެވެ. އެހެންނަމަވެސް، މިކަމާއި ގުޅޭގޮތުން އެމެރިކާގެ ރިޔާސި ގަނޑުވަރުން އެދި ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިންޑިއާގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، އަދި ކަރްނާޓަކާ ސްޓޭޓަށް މިކަމުގެ ނުރައްކާ ބޮޑުކަމުން، އެކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެސްޓޭޓުގެ ހެލްތު ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ވައިރަސް ކޮންޓްރޯލް ކުރެވެންދެން ޗުއްޓީ ނުދޭގޮތައް ނިންމައިފިއެވެ.
އެޑިޕާޓްމެންޓުން ބުނެފައިވަނީ، އަހަރީ ޗުއްޓީއާއި އެހެނިހެން ޗުއްޓީތައް މި ވަގުތު މަޑުޖައްސާލި ނަމަވެސް، ރަސްމީ ބަނދު ދުވަހާއި، ހަފުތާއަކު އެއްދުވަސް އޮފްގެގޮތުގައި ދޭނެކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދުވަނީ ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ގިނަ ޓްވީޓްތަކެއް ކުރާއްވާފައެވެ. އޭގެ ތެރެއިން އެއް ޓްވީޓެއްގައި ވަނީ ސާރކުގެ މެންބަރު ޤައުމުތަކުން ކޮވިޑް-19 އާއި ހަނގުރާމަކުުރުމަށް އެކަށީގެންވާ ވަރުގަދަ އިސްތިރާޖީއެއް އެކުލަވާލުމަށް ހުށަހަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދެކުނު އޭޝިޔާގެ ރައްޔިތުން ދުޅަހެޔޮ ޞިއްހަތެއްގައި ބޭތިއްބުމަށް މަގުފަހިކުރުވާނެ ކަންތައްތަކާއި ބެހޭ ގޮތުން ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން މަޝްވަރާތައް ކުރިޔަށް ގެންދެވިދާނެކަމަށެވެ. އަދި ގުޅިގެން މަސައްކަތްކޮށް ދުނިޔެއަށް މިކަމުގައި މިސާލެއްގެގޮތުގައި ދެއްކިދާނެކަމަށެވެ.
މޯދީގެ އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މުޅި ދުނިޔެ ކޮވިޑް-19ގެ ޝިކާރައަކަށް ވެފައިވާއިރު، އެކި ސަރުކާރުތަކުންނާއި ޤައުމުތަކުގެ ރައްޔިތުން އެންމެ އެކަށީގެންވާގޮތުގައި އެއާއި ހަނގުރާމަކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި ދުނިޔޭގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ދެކުނު އޭޝިޔާގެ ރައްޔިތުން މި ބަލިން މިންޖުކުރުމަށް، އަދި އެމީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަަށް ކުރެވެން އޮތް ހުރިހައި ކަމެއް ކުރައްވާނޭކަމުގެ ޔަޤީންކަން މޯދީ ވަނީ ދެއްވާފައެވެ.
ކެންޔާގެ ހެލްތު ކެބިނެޓް ސެކްރެޓަރީ މުތާހީ ކާގްވޭއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި މިއަދު ކެންޔާއިން ވަނީ އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
ވައިރަސްއަށް ޕޮޒިޓިވްވީ އުމުރުން 27 އަހަރުގެ ކެންޔާގެ ރައްޔިތެއްކަމަށާއި، އޭނާ ވައިރަަށްއަށް ހުށަހެޅުނީ ދާދި ފަހުން އޭނާ އިނގިރޭސި ވިލާތުގެ ލަންޑަން މަގުން އެމެރިކާއަށް ކުރި ދަތުރުން ކަމަށް ކެބިނެޓް ސެކްރެޓަރީ ވިދާޅުވެފައިވެއެވެ.
ވެރިރަށް ނައިރޯބީގެ ކެންޔައްޓާ ނެޝަނަލް ހޮސްޕިޓަލުގެ އިންފެކްޝަސް ޑިޒީސް ޔުނިޓުގައި އޭނާ އެކަހެރިކުރެވި ފަރުވާދެމުންދާއިރު، އޭނާގެ ޢާންމު ޙާލަތު މުހާރު ރަނގަޅެވެ. އެހެންނަމަވެސް ތަކުރާރުކޮށް ޓެސްޓުކުރުމަށް ފަހު ވައިރަސްއަށް ނެގެޓިވްވުމުން ނޫނީ އޭނާ ގެއަށް ދޫކޮށްނުލާނެކަމަށް ކެންޔާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
ވައިރަސްއަށް ޕޮޒިޓިވްވީ މީހާ ކެންޔާއަށް އެނބުރި އައިއްސުރެ އޭނާ އެކި ޙައިޞިއްޔަތުތަކުން ބައްދަލުވި މީހުން މިހާރު ދެނެގަނެވި އެމީހުން ވައިރަސްއަށް ޓެސްޓްކުރުމުގެ މަރުޙަލާ މިހާރު ކުރިޔަށްދާކަމަށް އޮފިޝަލުން ބުނެއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިކަން ހާމަކޮށް، އެކުންފުނީގެ ރަސްމީ ޓްވިޓަރގައި ބުނެފައިވަނީ، ކޮވިޑް-19 ގެ ނުރައްކަލުން ދިވެހި ރައްޔިތުންނާއި،ފެނަކައިގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، 15 މާޗުން ފެށިގެން އެކުންފުނީގެ މަސައްކަތްތައް ފަށާނީ ކީރިތި ޤުރުއާނުގެ ބަރަކާތުން ކަމަށެވެ.
ހަމަ އެއާއެކު، ބަލިމަޑުކަމުން ދިންނެވުމަށް އެދި ދުޢާއަކުން ދުވަހުގެ މަސައްކަތް ފެށުމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ނިންމަވާފައިވާކަމަށް ޓްވިޓަރގައި ވެއެވެ.
އަދި އެކުންފުނީގައި މަސައްކަތްކުރާ މާބަނޑު އަންހެން މުވައްޒަފުން ގޭގައި ތިބެ ވަޒީފާގެ ޒިންމާތައް އަދާކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާދީފައިވާކަމަށް އެކުންފުނިން ބުނެއެވެ.
ނޭޕާލުގައި ހުންނަ ދުނިޔޭގެ އެންމެ އުސްފަރުބަދަޔަށް އެރުމަށާއި އަދި އެތަނަށް ޒިޔާރަތް ކުރުން ނޭޕާލް ސަރުކާރުން ހުއްޓާލައިފިއެވެ. މިކަން ހާމަކޮށް އެޤައުމުގެ މިނިސްޓްރީ އޮފް ކަލްޗަރ، ޓުއަރިޒަމް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު ޢާންމު ކުރި ބަޔާނުގައި ބުނެފައިވަނީ، ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން މައުންޓް އެވަރެސްޓަށް އެރުމާއި، އެޞަރަޙައްދަށް ޒިޔާރަތްކުރުމާއި، އަދި އެކަމާއި ގުޅުން ހުރި ހުރިހާ ޙަރަކާތެއް މުއްދަތެއް މެދު ކަނޑާލާކަމަށެވެ. އަދި ވައިރަސްގެ ޙާލަތައް ބަލާ ފަހުގެ ތާރީޚެއްގައި ޙަރަކާތްތައް ފަށާނެ ދުވަހެއް އިޢުލާނު ކުރާނެކަމަށް ބަޔާނުގައިވެއެވެ.
މައުންޓް އެވަރެސްޓްުގެ ޙަރަކާތްތަކުގައި 138،000 މުވައްޒަފުން ޙަރަކާތްތެރިވެއެވެ. މައުންޓް އެވަރެސްޓަކީ ނޭޕާލަށް އާމްދަނީ ލިބޭ މައި ވަޞީލަތެވެ. އަހަރެއްގެ މައްޗަށް ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް މިލިޔަން މީހުން މައުންޓް އެވަރެސްޓަށް ޒިޔާރަތްކުރެއެވެ.
ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކައް ބަލާލާއިރު، މުޅި ދުނިޔެއިން134,918މީހުން މިވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި މި ވައިރަސްގައި4,989މީހުން ވަނީ މަރުވެފައެވެ. އަދި ފަރުވާއަށް ފަހު70,395މީހުން ވަނީ ގެއަށް ދޫކޮށްލާފައެވެ. އެހެންނަމަވެސް މި ވައިރަސްގައި އަދިވެސް،59,534މީހަކަށް ފަރުވުވާދެމުންދާއިރު، މީގެތެރެއިން5,758ނާޒުކު ޙާލަތްތަކުގައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެންޓާޓިކާގެ ފިޔަވައި ދުނިޔޭގެ ހުރިހައި ބައްރަކަށް މިހާރު މިވައިރަސްގެ އަސަރު މިވަނީ ފޯރާފައެވެ.
ފަރަންސޭސި ވިލާތުގެ ހުރިހައި ސްކޫލެއް ބަންދުކުރުމަށް، އެޤައުމުގެ ރައީސް އެމެނުއެލް މެކްރޯން އަމުރެއް ނެރުއްވައިފިއެވެ. އެ އަމުރުގައި ވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައްއިތުުރ ބާރެއް ދިނުމުގެ ގޮތުންނާއި، ދަރިވަރުންނާއި ޢާއިލާތައް މި ވައިރަސްއިން ސަލާމަތްވުމަށް ސަރުކާރުން ސްކޫލްތައް ބަންދުކުރަން ކަނޑައަޅާކަމަށެވެ. އަދި ސްކޫލްތައް ބަންދު ކުރުމަށް ފަހު އިމާރާތުގެ އެތެރެއާއި ބޭރު "ޑިސްއިންފެކްޓް" ކުރުމަށް އަމުރުގައި ވެއެވެ. އަދި އަލުން ސްކޫލްތައް ހުޅުވުމާމެދު ގޮތެއް ނިންމާނީ ކޮވިޑް-19 ގެ ޙާލަތާއި އެ ފެތުރެމުންދާ ޓްރެންޑަށް ބެލުމަށްފަހު ކަމަށްވެސް މެކްރޯންގެ އަމުރުގައި ވެއެވެ. މި އަމުރު ތަންފީޒުކުރަން ފަށާނީ ހޯމަ ދުވަހުން ފެށިގެންނެވެ.
ފަރަންސޭސި ވިލާތުން މިހާތަނަށް 2،284 ކޭސް ރިޕޯޓުކުރެވިފައިވާއިރު، 48 މީހަކުވަނީ މި ވައިރަސްގައި މަރުވެފައެވެ.
ސްޕެއިންގެ ބޮޑުވަޒީރުގެ ނައިބުގެ އަނބިކަނބަލުން އަދި އެޤައުމުގެ މިނިސްޓަރ ފޮރ އިކުއާލިޓީ އައިރީން މޮންޓޭރޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިކަމާއި ގުޅިގެން ބޮޑުވަޒީރގެ ނައިބު ޕަބްލޯ އިގްލީސިއަސް 14 ދުވަހަށް ކަރަންޓީން ކުރުމަށް އެޤައުމުގެ ސަރުކާރުން މިހާރު ވަނި ނިންމާފައެވެ.
މިއާއި ގުޅިގެން ސަރުކާރުގެ އިސް މަސްއޫލުވެރިން ވައިރަށްއަށް ޓެސްޓުކުރުމުގެ މަސައްކަތް އެޤައުމުގެ ސަރުކާރުން މިހާރަވަނީ ފަށާފައެވެ.
އޮސްޓްރޭލިއާގެ ހޯމް އެފެއަރޒް މިނިސްޓަރ ޕީޓަރ ޑަޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އެމަނިކުފާނު ވަނީ މިކަން ހާމަކުރައްވާ ސިޓީއެއް ޢާންމު ކުރައްވާފައެވެ.
މިކަމާއި ގުޅިގެން އޮސްޓްރޭލިއާގެ މުޅި ކެބިނެޓް ވައިރަސްއަށް ޓެސްޓުކޮށް، އެކަހެރިކުރަން ޖެހިދާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮސްޓްރޭލިއާއިން މިހާތަނަށް 128 ކޭސްއެއްވަނީ ފެނިފައެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ޕޮޒިޓިވްވެއްޖެ އެވެ.
އުމުރުން 19 އަހަރުގެ ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަލުމް ހަޑްސަން-އޮޑޯއި މި ވައިރަހަށް ޕޮޒިޓިވްވުމާއެކު، މިހާރު އޭނާ ވަނީ އައިސޮލޭޝަނަށް ލާފައިވާ ކަމަށެވެ. އަދި އޭނާއާ ކޮންޓެކްޓްވި އެންމެ މިހާރު ސެލްފް-އައިސޮލޭޝަނަށް ގޮސްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ފިލިޕީންސްގެ ވެރިރަށް މެނީލާ "ލޮކްޑައުން" ނުވަތަ އަރާނުފޭބޭ ގޮތައް ބަންދުކޮށްފިއެވެ. މިކަން އިޢުލާންކުރައްވާ އެޤައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވެފައިވަނީ، އެއްގަމާއި، ކަނޑާއި، ވައިގެ މަގުން މެނީލާ ލޮކްޑައުން ކުރިކަން ޢާންމުކޮށް އަންގާ އިޢުލާންކުރާކަމަށެވެ. މިއީ ވެރިރަށުގައި ވައިރަސް ކޮންޓްރޯލްކޮށް ރައްޔިތުން ވައިރަސްއިން ރައްކާތެރިކުރުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއްކަމަށް ވިދާޅުވެފައިވެއެވެ. ފިލިޕީންސް ސަރުކާރުން ވަނީ ސްކޫލް، ޔުނިވަރސިޓީ އަދި ކޮލެޖުތައްވެސް މިމަހުގެ ނިޔަލަށް ބަންދުކޮށްފައެވެ. އަދި މީހުން ކަރަންޓީންކޮށްގެން ފަރުވާދެމުންދާ އަވަށްތަކުގައި އާއްމު އެއްވުން ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.
ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި އީރާނު ސަރުކާރުން ކުރަމުންދާ މަސައްކަތައް 5 ބިލިއަން ޑޮލަރު ހޯދުމަށް އެޤައުމުގެ ސަރުކާރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް(އައިއެމްއެފް)ގައި އެދިއްޖެއެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފު ކުއްލި އެހީއަށް އެދި އައިއެމްއެފްއަށް ފޮނުވި ސިޓީގައި ވަނީ ކޮވިޑް-19 ގެ ސަބަބުން އެޤައުމުގެ އިޤުތިޞާދު އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށެވެ. އެހެންކަމުން މިކަމުން އަރައިގަތުމަށާއި، ކޮވިޑް-19 އާއި ގުޅިގެން ފަރުވާދިނުމަށާއި، އަދި ވައިރަސް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތައް މި ދަނޑިވަޅު ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ބޭނުންވާކަމަށެވެ. އީރާނުގެ މި އެދުމަށް އައި އައިއެމްއެފުން ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ.
އީރާނަކީ މެދުއިރުމަތީ ޤައުމުތަކުގެ ތެރެއިން ވައިރަސްގެ ނުރައްކާ އެންމެ ބޮޑު އަދި ޞިއްޙީ ނިޒާމު އެންމެ ބަލަިކަށި ޤައުމުވެސް މެއެވެ. ވައިރަސްގައި މިހާތަނަށް އައިއިރު 429 މީހުން މަރުވެފައިވާއިރު، ޖުމުލު 10،075 މީހުން ވަނީ މި ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.
ކޮވިޑް -19 އާ ގުޅިގެން އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ސޫރިޔަވަންޝީ" ރިލީޒް ކުރުން ފަސްކޮށްފިއެވެ. ފިލްމުގެ ޑައިރެކްޓަރ ރޯހިތު ޝެޓީ ބުނީ، ކޮވިޑް-19 އާ ގުޅިގެން ފިލްމު ރިލީޒްކުރުން ފަސްކުރުމަށް ނިންމާފައިވާ ކަމަށާއި، ފިލްމު ރިލީޒް ކުރާނެ ދުވަހެއް ފަހުން އިޢުލާން ކުރާނެ ކަމަށެވެ. އަދި އޯޑިއަންސަށް ފުރިހަމަ ސިއްޙަތަކައް ވެސް އޭނާ ވަނީ އެދިފައެވެ.
ތުރުކީ ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް ކަލިން ނެރުއްވި ބަޔާނެއްގައި ވަނީ، ތުރުކީގެ ހުރިހައި ސްކޫލެއް އެއް ހަފުތާގެ މުއްދަތަކައް ބަންދުކުރާކަމަށެވެ. އަދި ޔުނިވަރސިޓީތައް ތިން ހަފުތާގެ މުއްދަތަކައް ބަންދުކުރާކަމަށެވެ. މީގެއިތުުރުން ކުޅިވަރު މުބާރާތައް ސަޕޯޓަރުން ނުވައްދާ ކުރިޔަށް ގެންދިއުމަށް ވެސް ބަޔާނުގައި ވަނީ އަންގާފައެވެ.
ތުރުކީން މިފަދަ ފިޔަވަޅެއް މި އެޅީ މިދިޔަ ބުދަ ދުވަހު އެޤައުމުން ވައިރަސް ފެނުމާއި ގުޅިގެން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކަލެއްގެ ގޮތުންނެވެ.
އެމެރިކާގެ ކޮންގްރެސްގެ އެތެރެހަށީގެ ޑޮކްޓަރ، ރާޝިދާ ތުލާއިބު އަންދާޒާކުރައްވާ ގޮތުގައި އެމެރިކާގެ އާބާދީގެ 20-45 އިން ސައްތަ މީހުން ވައިރަސްއަށް އިންފެކްޓުވާނެއެވެ. އެއީ 70-150 މިލިއަން މީހުންނެވެ. ރާޝިދާ މިހެން ވިދާޅުވީ، ރައީސް ޑޮނާޑް ޓްރަޕމް އެކުލަވާލާފައިވާ ކޮވިޑް-19 ޓާސްފޯސްއާއެކު، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ބޭއްވި ބައްދަލުވުމުގައެވެ. ރާޝިދާ މިފަދައިން އަންދާޒާ ކުރެއްވީ އެމެރިކާގައި މިހާރު ވައިރަސް ފެތުރެމުންދާގޮތުގެ ޓްރެންޑަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
އެމެރިކާއިން މިހާތަނަށް 1,762 ކޭސް ފެނިފައިވާއިރު، އިއްޔެ އެކަނިވެސް އިތުރު 65 ކޭސް ރިކޯޑުކުރެވުނެވެ. 41 މީހުން ބަލީގައިމަރުވެފައިވާއިރު، 31 މީހުން ވަނީ ފަރުވާދިނުމަށް ފަހު ގެއަށް ދޫކޮށްލާފައެވެ. މިހާރުވެސް ޖުމުލަ 1,690 މީހުންނަށް އެކި ފެސިލިޓީސްތަކުގައި ފަރުވާދެމުންދާއިރު، މީގެތެރެއިން 10 މީހެއްގެ ޙާލަތު ވަރަށް ސީރިއަސްކަމަށް ޚަބަރު ލިބެއެވެ.
ދިވެހި ރާއްޖެ ނިޞްބަތްވާ ޞަރަޙައްދުކަމަށް ދެކުނު އޭޝިޔާއަށް ބަލާލާނަމަ، މިހާރު އެންމެ ހަލުވިކަމާއެކު މި ވައިރަސް ފެތުރެމުން އަންނަނީ އިންޑިއާގައެވެ. އިންޑިއާގެ މައި ސިޓީތަކުން މި ބަލި މިހާރު ފެނިފައިވާއިރު، އެޤައުމުން މިހާރު ވަނީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭޝިޔާގެ އެހެން ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން ދެން މިވައިރަސް ފެނިފައިވަނީ ޕާކިސްތާނުންނެވެ.
ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތަފުޞީލު:
* އިންޑިއާ: 73 ކޭސް/1 މަރު
* ޕާކިސްތާން: 20 ކޭސް
* އަފްޣާނިސްތާން: 07 ކޭސް
* ބަންގްލަދޭޝް: 03 ކޭސް
* ސްރީލަންކާ: 02 ކޭސް
* ނޭޕާލް: 01 ކޭސް
* ބޫޓާން: 1 ކޭސް
ވައިރަސް ފެނުނު ޗައިނާގައި ވައިރަސް ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް ދުނިޔޭގެ 14 ޤައުމެއްގައި އަދިވެސް ހަލުވި ނުވަތަ ނުރައްކާ މިންވަރަކަށް ވައިރަސް ދަނީ ފެތުރެމުންނެވެ. ޗައިނާގެ އިތުރުން މިހާރު އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވުނު ޤައުމުތަކަކީ:
* އިޓަލީ ވިލާތް: 10،149
* އިރާން: 9000
* ދެކުނު ކޮރެއާ: 7،755
* ސްޕެއިން: 2,026
* ޖަރުމަން ވިލާތް: 1،622
* ފަރަންސޭސި ވިލާތް: 1،784
* އެމެރިކާ: 1،039
* ސްވިޒަރލޭންޑް: 613
* ޖަޕާން 581
* ނޯރވޭ: 429
* ނެދަރލޭންޑްސް: 382
* އިނގިރޭސިވިލާތް: 382
* ސްވިޑަން: 355
* ބެލްޖިއަމް: 314
އެންޓާޓިކާގެ ފިޔަވައި ދުނިޔޭގެ ހުރިހައި ބައްރަކަށް މިހާރު މިވައިރަސްގެ އަސަރު މިވަނީ ފޯރާފައެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތަކައް ބަލާލާއިރު، މުޅި ދުނިޔެއިން 134,769 މީހުން މިވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި މި ވައިރަސްގައި 4,983 މީހުން ވަނީ މަރުވެފައެވެ. އަދި ފަރުވާއަށް ފަހު 70,387 މީހުން ވަނީ ގެއަށް ދޫކޮށްލާފައެވެ. އެހެންނަމަވެސް މި ވައިރަސްގައި އަދިވެސް، 59,399 މީހަކަށް ދަނީ ފަރިވުވާދެމުންދާއިރު، މީގެތެރެއިން 5,757ނާޒުކު ޙާލަތްތަކުގައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގ ކަރްނާޓަކާ ސްޓޭޓުން އިއްޔެ އުމުރުން 76 އަހަރުގެ ފިިރިހެނަކު ވައިރަސްގައި ނިޔާވުމާއި ގުޅިގެން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ވެރިރަށް ނިއުދިއްލީގެ ސްކޫލްތަކާއި ސިނަމާތައް ބަންދުކޮށްފިއެވެ. އިންޑިއާގެ މައި ސަރުކާރުން މިގޮތައް ނިންމީ، ވައިރަސް ފެތުރުވުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. މިމީހާ ވައިރަސްގައި މަރުވުމާއި ގުޅިގެން އޭނާއާއި އެކި ޙައިޞިއްޔަތުތަކުން ބައްދަލުވެފައުވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މިޞްރުގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ބޭރުގެ މީޑީއާތަކުން ރިޕޯޓުކުރާ ގޮތުގައި، އިއްޔެ އެކަނިވެސް މިޞްރުގައި 13 މީހަކު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި އިއްޔެ އެކަކު ވައިރަސްގައި މަރުވެފައިވާކަމަށާއި، މަރުވީ އުމުރުން 60 އަހަރުގެ އަންހެނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޤަތަރުގެ ސަރުކާރުގެ ކޮމިއުނިކޭޝަން އޮފީހުން މިކަމާއި ގުޅޭގޮތުން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން އެޤައުމުން އަމަލުކުރަމުންދާ އުޞޫލުތަކުގެ ދަށުން، ކުޑަކުދިން ކުޅޭ ޕާކުތަކާއި، ސިނެމާތަކާއި، ޖިމްނޭޝިއަމްތައް ބަންދުކުރަން ޢާންމުކޮށް އަންގާ އިޢުލާންކުރާ ކަމަށެވެ.
މީގެއިތުުރުން ޤަތަރުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ވަނީ މުޖުތަމަޢުގެ ދުޅަހެޔޮ ޞިއްޙަތައް ވިސްނާ، މިދަނޑިވަޅުގައި އާންމު އެެއްވެސް ބައްދަލުވުމެއް އިންތިޒާމު ނުކުރުމަށް އެންމެހައި ރައްޔިތުންނަށް ގޮވާލާފައެވެ.
ކޮވިޑް-19ގެ ނުރައްކަލާއި ގުޅިގެން ކޮސްޓަރީކާގެ ހުރިހާ ސްކޫލެއް ބަންދުކޮށްފިއެވެ. އެޤައުމުގެ ސަރުކާރުން މިކަމާއި ގުޅޭގޮތުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނި މުއްދަތެއް ނެތް ގޮތައް ޔުނިވަރސިޓީތައް ބަންދުކުރަން ނިންމީ، ވައިރަސް ހަލުވިމިނެއްގައި ފެތުރިދާނެކަމުގެ ބިރު އޮތުމާއެކުގައެވެ. ޔުނިވަރސިޓީ ތަކުގެ އިތުރުން ހުރިހާ ސްކޫލްތައްވެސް ދެހަފުތާގެ މުއްދަތަކައް ބަންދުކުރަން އެޤައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.
ބަލްގޭރިއާގައި 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެކަ ކުވައިރަސްގައި މަރުވުމާއި ގުޅިގެން އެޤައުމުގެ ސަރުކާރުން ކުއްލި ޙާލަތުގެ އަމުރު އިޢުލާންކުރުމަށް ތައްޔާރުވަމުން އެބަދެއެވެ. އެކަން ހާމަކުރައްވާ ބޮޑުވަޒީރު ބޯއިކޯ ބޮރިސޯފް ވިދާޅުވީ ކުއްލު ޙާލަތުގެ އަމުރު އިޢުލާންކުރުމަށް ސަރުކާރުގެ ފަރާތުން ކުރަންޖެހޭ އެންމެހައި ކަންކަން ނިންމާ، އެ ފާސްކުރުމަށް ޤާނޫނު ހަދާ މަޖިލީހަށް ވަރަށް އަވަހަށް ފޮނުއްވާނެކަމަށެވެ. ކުއްލި ޙާލަތުގެ އަމުރު އިޢުލާން ކުރުމުން ސްކޫލްތަކާިއ ޢާންމު ޚިދުމަތްތައް ދޭ އިދާރާތަކާއި، އޮފީސްތަކުގެ އިތުރުން ބައެއް ވިޔަފާރިތައްވެސް ބަންދުވާނެއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދިއުމާއި ގުޅިގެން ސެންޓްރަލް ޕާކް ހިމެނޭ ގޮތައް ހުޅުމާލޭގެ ހުރިހާ ޕާކުތަކެއް ބަންދުކޮށްފި އެވެ.
ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ޢެޗްޑީސީ) އިން ކުރި ޓްވީޓެއްގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޞިއްޙީ ޙާލަތު އިޢުލާން ކޮށްފައިވާތީ ހުކުރު ދުވަހުން ފެށިގެން ސެންޓްރަލްޕާކް ހިމެނޭ ގޮތަށް ހުރިހާ ޕާކްތައް ޢާންމުންނަށް ބަންދުވާނެ ކަމަށެވެ.
ކޮވިޑް-19 ގެ ނުރައްކަލާހުރެ ބެލްޖިއަމްގެ ހުރިހައި ސްކޫލްތަކާއި، ބައެއް ކެފޭ/ރެސްޓޯރެންޓް އަދި ފިހާރަތައް ބަންދުކުރަން އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރުމަށް އެޤައުމުގެ ބޮޑު ވަޒީރު ސޯފީ ވިލްމްސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމަނާ ވިދާޅުވީ މިހާރު އޮތް ގޮތުން އެޕްރީލް މަހުގެ 3 ވަނަ ދުވަހާއި ހަމަޔަށް ބަންދިކުރި ނަމަވެސް، ހާލަތައް ބަލާ ސްކޫލް ހުޅުވާނެ ދުވަސް އަލުން މުރާޖަޢާކުރައްވާނެ ކަމަށެވެ. ސޯފީ ވިދާޅުވީ ސަރުކާރުން މިފަދަ ފިޔަވަޅެއް އެޅީ، އިޓަލީގެ ޙާލަތައް ބަލާ، ބެލްޖިއަމްގައި އެފަދަ ޙާލަތެއް ތަޖުރިބާކުރަން ބޭނުން ނުވާތީކަމަށެވެ. ފާމަސީތަކާއި ސުޕަރ މާރކެޓްތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދެއްވި ނަމަވެސް އެހެން ވިޔަފާރިތައް ހަފުތާ ބަންދުގައި ނުހުޅުވާ ގޮތައް ސަރުކާރުން އަނގާކަމަށް ސޯފީ ވިދާޅުވިއެވެ.