ކޮވިޑް-19: އެންމެ ފަހުގެ

20,359,314
  • ކޮރޯނާވައިރަސް ފެނިފައިވާ ގައުމުތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެނީ
  • ސިންގަޕޫރުގައި ކޮރޯނާ އެލަރޓް އޮރެންޖަށް: ޗައިނާއާ ގުޅުމެއް ނެތިވެސް ކޮރޯނާވައިރަސް ފެތުރެނީ!
  • ޗައިނާގައި ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 637 އަށް!
 
Writer Profile Picture
އުމްނާ އިސްމާއިލް
ކޮރޯނާވައިރަސް ފެނިފައިވާ ގައުމުތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެނީ

ކޮރޯނާވައިރަސް ފެނިފައިވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ނިންމައިފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި އެމެރިކާއިން ނިންމާފައިވަނީ ކޮރޯނާވައިރަސް އެންމެ ގަދަޔަށް ފެތުރެމުންދާ ޗައިނާގެ އިތުރުން އެ ވައިރަސް ފެނިފައިވާ އިތުރު ގައުމުތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އެގޮތުން 100 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ހާމަކުރައްވާފައިވަނީ ހުކުރު ދުވަހުއެވެ.

8 ފެބްރުއަރީ 2020 | ހޮނިހިރު 02:58
Writer Profile Picture
ޙުސައިން މަޚްތޫމް
ސިންގަޕޫރުގައި ކޮރޯނާ އެލަރޓް އޮރެންޖަށް: ޗައިނާއާ ގުޅުމެއް ނެތިވެސް ކޮރޯނާވައިރަސް ފެތުރެނީ!

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އެންމެ ފުރަތަަމަ ފެނުނު ޗައިނާއާއި ގުޅުމެއް ނެތި، ސިންގަޕޫރުގައިވެސް ކޮރޯނާވައިރަސް ފެތުރެމުންދާކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ބަލާއިރު ކޮރޯނާވައިރަސްއަށް ޝައްކުވާ މިންގަނޑު ތެރޭގައި ޗައިނާއަށް ދަތުރުކޮށްފައިވުން ނުވަތަ ޗައިނާގެ މަސް ފެކްޓަރީއަކަށް ގޮސްފައިވުން ހިމެނިފައިވާއިރު، ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން ބުނީ، ޗައިނާއާއި އެއްވެސް ގުޅުމެއް ނެތިވެސް އެ ޤައުމުން 4 މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ޤައުމުގެ ކޮރޯނާވައިރަސް އެލަރޓް މަތިކޮށް "އޮރެންޖް އެލަރޓް" ވަނީ ނެރިފައެވެ.

މިއީ 2009 ގައި އެ ޤައުމުގައި ސްވައިން ފްލޫ ފެތުރުމާއި ގުޅިގެން އޮރެންޖް އެލަރޓެއް ނެރުނު ފަހުން އެފަދަ އެލަރޓެއް ނެރުނު ފުރަތަމަ ފަހަރެވެ.

އޮރެންޖް އެލަރޓްގެ މާނައަކީ ކޮރޯނާވައިރަސްގެ ނުރައްކާތެރިކަން އާންމުންނަށް އޮތް މިންވަރު އެވަރެޖް މިންގަނޑެއްގައި އޮތުމަށްފަހު ނުރައްކާ ބޮޑު މިންގަނޑަކަށް ބަދަލުވެފައިވާކަމެވެ. އަދި އެ ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުކަމެވެ.

7 ފެބްރުއަރީ 2020 | ހުކުރު 19:59
Writer Profile Picture
ޙުސައިން މަޚްތޫމް
ޗައިނާގައި ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 637 އަށް!

މިހާރު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސްގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 637 އަރައިފިއެވެ.

ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޗައިނާގައި މި ވައިރަސްގެ އަސަރު 31،211 މީހަކަށް ކޮށްފައިވާކަން މިހާތަނަށް ވަނީ ކަށަވަރު ކުރެވިފައެވެ. އަދި ޗައިނާއިން ބޭރުން 24 ޤައުމަކުން މި ވައިރަސްއަށް ޕޮޒިޓިވްވި މީހުން ފެނިފައިވާއިރު، ޗައިނާއިން ބޭރުން ޖުމުލަ 270 ކޭސްއެއް މިހާތަނަށް ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރު ކުރެވިފައެވެ.

އޭގެ އިތުރުން، ޗައިނާއިން 637 މީހުން މަރުވެފައިވާއިރު، ޗައިނާއިން ބޭރުން މި ބަލީގައި މަރުވެފައިވަނީ އެންމެ މީހަކެވެ. އެއީ ފިލިޕީންސްއަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ މީހެކެވެ. އެގޮތުން އޭނާއަކީ އެންމެ ފުރަތަމަ ފިލިޕީންސް އިން މިވައިރަސް ޖެހިގެން ރިޕޯޓުކުރި މީހާގެ ފިރިމީހާ އެވެ.

ޗައިނާއާއި ދުނިޔޭގެ ކަމާއި ގުޅުން ހުރި ފަންނީ ބޭފުޅުން މިހާރު އެންމެ ފުރަކޮށް މަސައްކަތްކުރަމުން ދަނީ މި ބަލި އިތުރަށް ފެތުރުނަނުދީ، މި ބައްޔަށް ދޭނެ ފަރުވާއެއް ނުވަތަ ވެކްސިން އެއް އީޖާދު ކުރުމަށެވެ. ފާހަގަކޮށްލަންޖެހޭ އެއްކަމަކީ މިބަލިން ފަރުވާ ލިބި ފަސޭހަވާ މީހުންގެ ނިޞްބަތް ކުރިޔާ އަޅާބަލާއިރު، ގިނަވެފައި މަރުވާ މީހުންގެ ނިޞްބަތް ދަށްވުމެވެ. ކޮރޯނާވައިރަސްގައި މަރުވާމީހުންގެ ނިޞްބަތް މިހާރު ހުރި 2.4 އިން ސައްތައިގައި ހިފެހެއްޓިފަައެވެ.

7 ފެބްރުއަރީ 2020 | ހުކުރު 19:58
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ވޫހާން ސިޓީން ގެނައި 7 ދިވެހިން ކޮރޯނާ ވައިރަސް އަށް ނެގެޓިވް

ކޮރޯނާވައިރަސް އެންމެ ގަދަޔަށް ފެތުރެމުންދާ ޗައިނާގެ ހޫބޭ ޕްރޮވިންސުގެ ވުހާން ސިޓީން ގެނައި 7 ދިވެހިންވެސް އެ ވައިރަސްއަށް ނެގެޓިވްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

ވުހާންގައި ދިރިއުޅެމުންދިޔަ 7 ދިވެހިން އެއަރ އިންޑިއާގެ B747 ފްލައިޓުން އިންޑިއާގެ ދިއްލީއަށް ގެނެސްފައިވާއިރު، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އިންޑިއާގެ ވިއޯން ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ، ދިވެހިން ގެނައުމުގައި އެހީތެރިވެދިނުމަށް އިންޑިއާ ސަރުކާރުގައި އެދުމާއެކު ވޫހާން ސިޓީގައި ތިބި އިންޑިއާގެ 323 ރައްޔިތުންނާއެކު 7 ދިވެހިން ގެނެސްފައިވާކަމަށެވެ. އިންޑިއާ ސަރުކާރުން 7 ދިވެހިންނާއި މެދު ކަންތައް ކުރަމުން ގެންދަނީ ވަރަށް ރަނގަޅަށްކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ އިތުރު ޓެސްޓްތައް ހެދިއިރު ހުރިހާ އެންމެވެސް ވައިރަސްއަށް ނެގެޓިވްކަމަށެވެ. އަދި ކަރަންޓީންކުރުމަށް ހަމަޖެހިފައިވާ މުއްދަތު ހަމަވުމާއެކު އުންމީދަކީ ވީހާވެސް އަވަހަށް އެނބުރި އެ ފަރާތްތަކަށް ރާއްޖެއާދެވުންކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިން ކަރަންޓީނު ކުރެވިފައިވަނީ ދިއްލީގެ މެނަސޫރުގައި ގާއިމު ކުރެވިފައިވާ ޚާއްސަ ފެސިލިޓީއެއްގައެވެ. ދިވެހިން ގެނައުމުގައި އިންޑިއާ އެމްބަސީއައި ފޮރިން މިނިސްޓްރީއާއި ވަރަށް ގާތުން މަސައްކަތް ކޮށް މިކަމުގައި ބެއިޖިންގްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އެއްބާރުލުން ލިބުނު ކަމަށް މީގެކުރިންވެސް ފޮރިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

7 ފެބްރުއަރީ 2020 | ހުކުރު 15:41
Writer Profile Picture
ދާނިޝް ނިޡާމް
ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 30،000 ވުރެ މައްޗަށް، މަރުވި މީހުންގެ އަދަދު 636 އަށް

ޗައިނާއިން ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 30،000 އަށް ވުރެ މަތިކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ. ޗައިނާގެ ސަރުކާރާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުން ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 636 އަށް އަރާފައެވެ.

7 ފެބްރުއަރީ 2020 | ހުކުރު 07:22
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން އެމެރިކާގެ އިޤުތިޞާދަށް ބިލިއަނުން ގެއްލުން

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން އެމެރިކާގެ އިޤުތިޞާދަށް މިއަހަރުގެތެރޭގައި 35 ބިލިއަން ޑޮލަރުގެ ގެއްލުންވާނެކަމަށް އޮކްސްފޯރޑް އިކޮނޮމިކްސްއިން ބުނެފިއެވެ. އެ ގްރޫޕުން ޢާންމުކުރި މާލީ ދިރާސާ ރިޕޯޓު ދައްކާގޮތުންނަމަ، ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ހުރެ އެޤައުމުގެ އޤްތިޞާދީ ދުވެލި 0.1 އާއި 0.2 އާއި ދޭތެރޭ މިންވަރެއްގެ ދަށްވުމެއް އަންނާނެއެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ، ކޮރޯނާ ވައިރަސްއާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތައްވަމުންދާ ގެއްލުންތަކާއި، އުފެއްދުންތެރިކަމުގެ ދާއިރާއަށް ލިބުނު ގެއްލުންތަކާއި ވިޔަފާރިތަކައް ޖުމްލަގޮތެއްގައި ސީދާގޮތުންނާއި، ނުސީދާގޮތުން އަންނަ ލޮޅުންތަކެވެ.

6 ފެބްރުއަރީ 2020 | ބުރާސްފަތި 22:51
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސްގެ ބަލިމަޑުކަމަށް ކުރަމުންދާ މަސައްކަތުގައި ޑަބްލިއުއެޗްއޯއިން ބައިނަލްއަޤުވާމީ އެހީއަށް އެދިއްޖެ

ކޮރޯނާވައިރަސް އިން ސަލާމަތްވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރަމުންދާ މަސައްކަތުގައި އެޖަމްޢިއްޔާއިން ބައިނަލްއަޤުވާމީ އެހީއަށް އެދިއްޖެއެވެ. އެޖަމާޢަތުން ބުނެފައިވަނީ ކޮރޯނާވައިރަސްގެ ބަލިމަޑުކަމުން އަރައިގަތުމަށް ބައިނަލްއަޤުވާމީ ޤައުމުތަކުން ކުރަމުންދާ މަސައްކަތުގައި އެކި ގޮތް ގޮތުން އެހީތެރިވުމަށް ޚާއްޞަ ޕްލޭނެއް އެކުލަވާލާފައިވާކަމަށެވެ. ޞިއްޙީ ނިޒާމު ވަރުދެރަ ނުވަތަ ދޯހަޅި ޤައުމުުތަކަށް ބޮޑަށް ފޯކަސްކޮށްގެން އެކުލަވާލާފައިވާ މި ޕްލޭނަށް 675 މިލިއަން ޑޮލަރު ބޭނުންވެއެވެ. މި ޕްލޭނަށް ބައިނަލްއަޤުވާމީ ޤައުމުތަކުން އެހީތެރިވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިހާރުވަނީ ގޮވާލާފައެވެ.

6 ފެބްރުއަރީ 2020 | ބުރާސްފަތި 22:32
Writer Profile Picture
ޒިހްނަތު ހަސަން
އެމެރިކާއިން އަނެއްކާވެސް ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ

އެމެރިކާގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މިމީހާއަކީ އަމިއްލަ ބޭނުމެއްގައި ޗައިނާގެ ވެރިރަށް ބެއިޖީންއަށް ދަތުރުކުރުކަމަށް ފަހު އަނބުރާ ޤައުމަށް އައި މީހެކެވެ. އެމީހާއަށް ގޭގައި ކަރަންޓީންކޮށްގެން ފަރުވާދެމުންދާކަމަށާއި، އޭނާގެ ޙާލު ރަނގަޅުކަމަށް އެމެރިކާގެ ސެންޓަރ ފޮރޮ ކޮންޓްރޯލް ޑިސީސް އިން ބުނެއެވެ. މިމީހާއާއެކު މިހާރު އެމެރިކާގައި ނޮވެލް ކޮރޯނާވައިރެސް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 12 އެވެ.

6 ފެބްރުއަރީ 2020 | ބުރާސްފަތި 21:10
Writer Profile Picture
ޒިހްނަތު ހަސަން
ވުހާން ސިޓީގައި ތިބި އެމެރިކާ މީހުން އެމެރިކާއަށް ގެންގޮސްފި

އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓެގަންއިން މިކަމާއި ގުޅޭގޮތުން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ވުހާން ސިޓީގައި ތިބި އެމެރިކާގެ 350 ރައްޔިތުން ވުހާން އިން ނެރެފައިވާކަމަށެވެ. އަދި އެމެރިކާގެ ޚާރިޖިއްޔާއިން ޗާޓަރު ކުރި ދެ ފްލައިޓެއްގައި އެމީހުން ކެލިފޯނިއާގެ އަސްކަރީ ބޭސްއަކަށް މިއަދުގެ ވަގުތެއްގައި ގެންގޮސްފައިވާކަމަށެވެ.

އަދި މި 350 މީހުންވެސް 14 ދުވަހުގެ މުއްދަތަކައް ކަރަންޓީންކުރާނެކަމަށް ޕެންޓެގަން އިން ވަނީ ބުނެފައެވެ.

6 ފެބްރުއަރީ 2020 | ބުރާސްފަތި 21:06
Writer Profile Picture
ޒިހްނަތު ހަސަން
ޗައިނާގެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ބާލީގައި ތާށިވެއްޖެ

އިންޑޮނޭޝިޔާ ސަރުކާރުން ޗައިނާގެ މެއިންލޭންޑަށް ދަތުރުކުރުން ވަގުތީ ގޮތުން ހުއްޓާލުމާއި ގުޅިގެން އެޤައުމުގެ ބާލީގައި ޗައިނާގެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ތާށިވެއްޖެއެެވެ.

ޚަބަރުލިބިފައިވާގޮތުގައި ޗައިނާގެ 5،000 ފަތުރުވެރިން އިންޑޮނޭޝިޔާގައި ތާށިވެފައި އެބަތިއްބެވެ. އިންޑޮނޭޝިޔާ ސަރުކާރުން މިހާރު ދަނީ އެޤައުމުގައި ތާށިވި ޗައިނާ ފަތުރުވެރިންނަށް ވިސާގެ ކަންކަން ހަމަޖައްސައިދެމުންނެވެ.

6 ފެބްރުއަރީ 2020 | ބުރާސްފަތި 19:01
Writer Profile Picture
ޒިހްނަތު ހަސަން
ފޭސް މާސްކުގެ އަގުބޮޑު ކުރާނަމަ ފިޔަވަޅު އަޅާނަން: ޕުޓިން

ކޮރޯނާވައިރަސްގެ ބަލިމަޑުކަން ފެތުރިފައިވާ މިދަަނޑިވަޅުގައި ފޭސް މާސްކުގެ އަގު ބޮޑު ކުރާ ވިޔަފާރިތަކައް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ދައުލަތުގެ މީޑިއާއިން ޚަބަރު ފަތުރާ ގޮތުގައި މިދުވަސް ވަރު އެންޓި ވައިރަސް މާސްކް އަގު ބޮޑުކުރާ ފާމަސީތަކާއި ކާރުޚާނާތަކާއި ކުންފުނިތަކުން މާސްކްވިއްކާ އަގު ބޮޑުކޮށްފިނަމަ، އެތަންތާގެ ލައިސަންސްވެސް ހިފަހައްޓާނެ ކަމަށް ޕުޓިން ވިދާޅުވެފައިވެއެވެ.

ރަޝިޔާ ސަރުކާރުން ވަނީ އެޤައުމުގެ ރައްޔިތުން ޗައިނާ މިވަގުތު ދަތުރުކުރުން މަނާކޮށްފައެވެ. ރަޝިޔާގެ 2 މީހަކު މިދިޔަ ހަފުތާގައި ނޮވެލް ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައިވެއެވެ.

6 ފެބްރުއަރީ 2020 | ބުރާސްފަތި 18:54
Writer Profile Picture
ޒިހްނަތު ހަސަން
ޗައިނާގައި ހުރި "އެޑިޑަސް" ކުންފުނީގެ ބައެއް އައުޓްލެޓްތައް ވަގުތީ ގޮތުން ބަންދުކުރަނީ

ޖަރުމަންގެ ކުޅިވަރު އުފެއްދުންތައް ވިއްކާ ކުންފުންޏެއް ކަމަށްވާ "އެޑިޑަސް" އިން ޗައިނާގައި ހުރި އެކުންފުނީގެ ބައެއް އައުޓްލެޓްތައް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ.

އެކުންފުނިން ބުނެފައިވަނީ، ޗައިނާގައި ހަލުވިކަމާއެކު ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އެކުންފުންޏަށް ބޮޑެތި ވިޔަފާރި ގެއްލުންތައް ވަމުން އަންނަ ކަމަށެވެ. އަދި ފިހާރަތައް ހުޅުވާފައި ހުންނަނަމަ، މީހުން ވިޔަފާރި ކުރަން ވަންނާނެކަމަށާއި، މިއީ މިދަނޑިވަޅުގައި އެހާ ރައްކާތެރިކަމެއްގެ ގޮތުގައި އެކުންފުނިން ނުދެކޭ ކަމަށެވެ. އެހެންކަމުން ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް އަންނަންދެން ޗައިނާގެ އެކި ކަންކޮޅުތަކުގައި ހުރި އެކުންފުނީގެ ބައެއް އައުޓުލެޓްތައް ބަންދުކުރަން ނިންމާފައިވާކަމަށެވެ.

ޗައިނާގައި އެޑިޑަސް ގެ 12،000 އައުޓްލެޓް ހުންނައިރު، މީގެތެރޭގައި ފްރެންޗައިސް ފިހާރަތައް ވެސް ހިމެނެއެވެ.

6 ފެބްރުއަރީ 2020 | ބުރާސްފަތި 18:49
Writer Profile Picture
ޒިހްނަތު ހަސަން
ސިންގަޕޫރުގައި އިތުރު 4 މީހަކު ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެ

މިކަން ހާމަކޮށް ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން ޢާންމުކުރި ބަޔާނެއްގައި ވަނީ އިތުރު 4 މީހަކު ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފައިވާކަމަށާއި، މީގެތެރޭގައި އުމުން 6 މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނޭކަމަށެވެ.

މިއާއެކު ސިންގަޕޫރުގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ޢަދަދު ވަނީ 28 އަށް އަރާފައެވެ.

6 ފެބްރުއަރީ 2020 | ބުރާސްފަތި 18:43
Writer Profile Picture
ޒިހްނަތު ހަސަން
ޗައިނާގެ ރައްޔިތުން ވަގުތީ ގޮތުން ޓައިވާނަށް ނޭރުވުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފި

މިކަން ހާމަކޮށް ޓައިވާން ސަރުކާރުން ޢާންމުކުރި "ދަތުރުފަތުރުގެ ސަމާލު" ގައި ވަނީ މިއަދުން ފެށިގެން ޗައިނާގެ އެއްވެސް ރައްޔިތަކު ޓައިވާން އަށް ނާރުވަން ނިންމާކަމަށެވެ. އަދި ނޮވެލް ކޮރޯނާވައިރަސްގެ ބަލުމަޑުކަމަށް ބަލާ އަލުން މުރާޖަޢާކުރާނެކަމަށް ސަމާލުގައިވެއެވެ.

ޓައިވާން އަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެންބަރެއް ނޫންކަމުގައިވިޔަސް، އެޖަމްޢިއްޔާއިން ޞިއްޙި ނުރައްކަލުގެ ޙާލަތު ކަނޑައެޅުމާއި ގުޅިގެން ޓައިވާނުންވެސް ދަނީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންނެވެ.

މިހާތަނަށް އައިއިރު ޓައިވާންގެ 11 މީހަކުވަނީ ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

6 ފެބްރުއަރީ 2020 | ބުރާސްފަތި 18:29
Writer Profile Picture
ޒިހްނަތު ހަސަން
ކެތޭ ޕެސިފިކްގެ މުވައްޒަފުން މުސާރަ ނުލިބޭ ގޮތައް ޗުއްޓީ ނަގަން އެދިއްޖެ

ހޮންގކޮންގގެ އެރއަލައިނެއްކަމަށްވާ "ކެތޭ ޕެސިފިކް"ގެ މުވައްޒަފުން މުސާރަ ނުހިނގާގޮތައް ތިން ހަފުތާގެ ޗުއްޓީއެއް ނަގަން އެ އެއަރލައިނުން މުވައްޒަފުންގެ ކިބައިން އެދިއްޖެއެވެ.

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ބަޔަކު ބުކިންގ ކެންސަލް ކުރުމާއި، އަދި ޓިކެޓް ގަތުން މެދުކަނޑާލާފައިވާތީ ކެތޭޕެސިފިކްއަށް ވަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައެވެ.

އެއަރލައިނުން ބުނެފައިވަނީ، މާރކެޓް ދަށްވުމުގެ ސަބަބުން މިހާރުވެސް ވަރަށް ގިނަ ފިޔަވަޅު އަޅާފައިވާނެކަމަށެވެ. އަދި މިހާރު އެކުލަވާލި ޚާއްޞަ ޗުއްޓީ ޕްލޭންގެ ދަށުން ހުރިހައި މުވައްޒަފުންވެސް މުސާރަ ނުހިނގާގޮތައް ޗުއްޓީ ނެގުމަށް އެދޭކަމަށް ކެތޭޕެސިފިކް އިން ނެރުނު ބަޔާނުގައި ވެއެވެ.

6 ފެބްރުއަރީ 2020 | ބުރާސްފަތި 18:25
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮރޯނާ ވައިރަހާއި ގުޅިގެން ހިލެ ގުޅޭނެ ނަމްބަރެއް
6 ފެބްރުއަރީ 2020 | ބުރާސްފަތި 13:55
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮރޯނާ ވައިރަހުގެ އެންމެފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
6 ފެބްރުއަރީ 2020 | ބުރާސްފަތި 13:23
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އިތުރަށް މޮނިޓަރ ކުރުމަށް ދެ މީހަކު އެކަހެރިކޮށްފި

ޗައިނާއަށް ދަތުރުކުރި ދެ ދިވެއްސަކު އިތުރަށް މޮނީޓަރކުރުމަށް އެކަހެރިކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮރޯނާވައިރަހާ ބެހޭގޮތުން މައުލޫމާތުދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެ ދެމީހުން އެކަހެރިކޮށް ބައިތިއްބާފައިވަނީ މީހުން ކަރަންޓީނު ކުރާ ގޮތަށް ހަމަޖައްސާފައިވާ ފަރުކޮޅު ފުށީގައެވެ.

އެކަމަކު އެ މީހުންނަކީ އެއްވެސް ވަރަކަށް ބަލީގެ އަލާމާތެއް ފެނިގެން އެކަހެރި ކޮށްފައިވާ ބައެއް ނޫން ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ދެމީހުން ޗައިނާ އަށް ދަތުރުކޮށްފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އެމީހުން އެކަހެރި ކޮށްފައިވަނީ މި ހިނގާ މަހުގެ ތިންވަނަ ދުވަހު ނެރުނު ޓްރެވެލް އެޑްވައިޒަރީ އަށް ރިޔާއަތް ކޮށްފައިކަމަށެވެ.

6 ފެބްރުއަރީ 2020 | ބުރާސްފަތި 13:22
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮރޯނާ ވައިރަސްގައި މަރުވި މީހުންގެ އަދަދު 563 އަށް އަރައިފި

ކޮރޯނާ ވައިރަސްގައި ޗައިނާގައި މަރުވި މީހުންގެ އަދަދު 563 އަށް އަރައިފި އެވެ. ތަފާސްހިސާބުތައް ދަކާގޮތުން ބުދަ ދުވަހު އެކަނިވެސް ބަލީގައި 73 މީހަކު މަރުވެފައިވެއެވެ.

6 ފެބްރުއަރީ 2020 | ބުރާސްފަތި 13:21
Writer Profile Picture
ޒިހްނަތު ހަސަން
ޝަންހާއީ އެއަރޕޯޓުތަކުގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞާ އިނާޔަތެއް ދެނީ
ޝަންހާއީ ޕުޑޮންގް އެއަރޕޯޓް

ޗައިނާގެ ޝަންހާއީގެ މައި އެއަރޕޯޓުގެ ފްރޮންޓްލައިނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮރޯނާ ވައިރަސް ފެތުރެމުންދާ މިދަނޑިވަޅުގައި އަމިއްލަ ފުރާނަޔަށް ބެލުމެއްނެތި ޚިދުމަތުގައި ދެމިތިބުމާއި ގުޅިގެން، އެކަން ފާހަގަކޮށް ޝަންހާއީ އެއަރޕޯޓް އޮތޯރިޓީން އެމުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށް ޚާއްޞަ އިނާޔާތްތަކެއް ހަމަޖައްސައިދޭން ނިންމައިފިއެވެ.

ޝަންހާއީ އެއަރޕޯޓް އޮތޯރިޓީން ބުނެފައިވަނީ މިދަނޑިވަޅުގައި މަސައްކަތައް ނިކުންނަ މުވައްޒަފުންނަށް އިނާޔާތްދިނުމަށާއި، އަދި ބޭނުންވާ އެހެން އެހީތެރިކަން ފޯރުކޮށްދިނުމަށް 1 މިލިއަން ޔުއާން(142،816 ޔޫއެސް ޑޮލަރު) ގެ ރިވޯޑް ފަންޑެއް ކަނޑައަޅާފައިވާކަމަށެވެ. މި ފަންޑު ބޭނުންކުރާނީ ޕުޑޯންގް އަދި ހޮންގިއާއޯ ވައިގެ ބަނދަރުގައި ޚިދުމަތްދޭ މުވައްޒަފުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ގަތުމަށާއި، އަދި ޚާއްޞަ އެލެވަންސެއްގެ ގޮތުގައި މުވައްޒަފުންނަށް ދިނުމަށް ކަމަށެވެ.

ފައިސާގެ އެހީގެ އިތުރުން، ފްރޮންޓްލައިނަށް ނިކުންނަ މުވައްޒަފުން ބޭނުންކުރާ މާސްކާއި، އަންގިއާއި، ހޭންޑް ސެނިޓައިޒަރ ފަދަ ތަކެތި ޝަންހާއީ އެއަރޕޯޓް އޮތޯރިޓީން ދަނީ ފޯރުކޮށްދެމުންނެވެ. އާއަހަރުގެ ޗުއްޓީ ނިންމުމަށް ފަހު ބޭރު ޤައުމުތަކުގައި ތިބި ޗައިނާގެ ރައްޔިތުން އަނބުރާ ޤައުމަށް އަންނަމުންދާތީ ޝަންހާއީގެ އެއަރޕޯޓުތައް ވަނީ ފުރިބާރުވެފައެވެ.

5 ފެބްރުއަރީ 2020 | ބުދަ 14:08
Writer Profile Picture
ޒިހްނަތު ހަސަން
ފެބްރުއަރީ މަސް ނުނިމެނީސް ޝަންހާއީގެ ސްކޫލްތައް ހުޅުވުމުގެ ވިސްނުމެއް ނެތް

ޗައިނާގެ ޝަންހާއީ ސްކޫލްތައް ފެބްރުއަރީ މަސް ނިމުމުގެ ކުރިން ހުޅުވުމުގެ ވިސްނުމެއް ނެތްކަމަށް އެސިޓީގެ އިސް މަސްއޫލުވެރިން ބުނެފިއެވެ. މިއީ، ހަލުވިކަމާއެކު ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާތީ ދަރިވަރުންގެ ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ނިންމުމެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ޝަންހާއީގެ ސްކޫލްތައް ބަންދު ކުރީ މިިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. ސްކޫލްތައް އޭރު ބަންދުކުރީ ފެބްރުއަރީ 17 ގައި ކޔެވުން ފަށާ ގޮތަށެވެ. އެހެންނަމަވެސް، ޗައިނާގެ އިތުރު ސީޓީތަކަށް ވައިރަސް ފެތުރެމުންދާތީއާއި ، ސްކޫލްތަކުގެ ކިޔެވުން ފެށުމުން، ވައިރަސް އަށް ދަރިވަރުން ހުށަހެޅިދާނެ ބިރު އޮތުމާއެކު މި ނިންމުން އަލުން މުރާޖަޢާ ކުރުމަށް ޝަންހާއީގެ އިސް މަސްއޫލުވެރިން ދަނީ ވިސްނަމުންނެވެ.

ޝަންހާއީއަކީ ޗައިނާގެ އެންމެ ބޮޑު ސިޓި އަދި ވިޔަފާރި މަރުކަޒީ ރަށެވެ.

5 ފެބްރުއަރީ 2020 | ބުދަ 12:56
Writer Profile Picture
ޒިހްނަތު ހަސަން
ޔުނައިޓެޑް އެއަރލައިންސުން ހޮންކޮންގ ދަތުރުތައް މެދުކަނޑާލަން ނިންމައިފި
ޔުނައިޓެޑް އެއަރލައިންގެ ފްލައިޓެއް

އެމެރިކާގެ ޔުނައިޓެޑް އެއަރލައިންސުން ހޮންކޮންގަށް ކުރާ ދަތުރު މެދުކަނޑާލަން ނިންމީ ހޮންކޮންގ ގައިވެސް މިހާރު ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރި އަދި އެ ވައިރަސްގައި އެކަކު މަރުވުމާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އެއެއަރލައިނުން ބުނެފައިވަނީ ފެބްރުއަރީ 8 - 20 އަށް ދަތުރުތައް މެދުކަނޑާލާނެ ކަމަށާއި، އަދި ދަތުރު އަލުން ފެށުމުގެ ކުރިން، ޙާލަތު ބަލާނެކަމަށެވެ.

މިއާއެކު ޗައިނާއާއި ހޮންގްކޮންގްއަށް ދަތުުރުތައް މެދުކަނޑާލާ އެމެރިކާގެ އެއަރލައިންގެ އަދަދަކީ 3 އެވެ.

5 ފެބްރުއަރީ 2020 | ބުދަ 12:22
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސްގެ ބަލިމަޑުކަން ފެތުރިފައިވާ ޤައުމުތަކަށް ތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭން ޑަބްލިއުއެޗްއޯއިން ނިންމައިފި

ކޮރޯނާވައިރަސްގެ ބަލިމަޑުކަން ތަޙައްމަލު ކުރަމުންދާ ޤައުމުތަކަށް އެހީތެރިވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކުރަމުންގެންދާ މަސައްކަތްތައް ހިއްސާކުރައްވަމުން އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް ވިދާޅުވީ ވައިރަސްގެ ބަލިމަޑުކަން އެންމެ ބޮޑު ޗައިނާއަށާއި، ވައިރަސް ފެތުރެމުންދާ ދުނިޔޭގެ އިތުރު 27 ޤައުމަށް އާލާތުގެ ގޮތުންނާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯއިން ނިންމާފައިވާކަމަށެވެ. އެގޮތުން އިއްޔެ ޞިއްޙީ ފަރުވާ ދިނުމަށާއި، ވައިރަސްއިން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ދިނުމަށް ނިންމާފައިވާކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ:

  • 531،000 ފޭސް މާސްކް
  • 350،000 ޖޯޑު އަންގި
  • 40،000 ރެސްޕިރޭޓާރސް
  • 250،000 އައިސޮލޭޝަން ގައުން
  • 70 ލެބޯރެޓަރީއަކަށް ވައިރަސް އަށް ޓެސްޓު ކުރާނެ އާލާތްތައް
5 ފެބްރުއަރީ 2020 | ބުދަ 08:28
Writer Profile Picture
ލައިޝާ އަހްމަދު
52 ހެލްތު ސެންޓަރެއް އެއް ވިއުގައަކުން ގުޅާލައި ކޮރޯނާވައިރަސްގެ މައުލޫމާތު ދީފި
5 ފެބްރުއަރީ 2020 | ބުދަ 08:25
Writer Profile Picture
ޒިހްނަތު ހަސަން
ސައުދީ ޢަަރަބިއްޔާގެ ސްކޫލްތަކުގައި ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައިފި

ސައުދީ ޢަރަބިއްޔާގެ ތަޢުލީމާއި ބެހޭ ވަޒީރު ހަމަދް އަލް-އަޝައިޚް އާއީ ޙަވަޅާދީ ސައުދީ ގެޒެޓުގައިވާ ގޮތުން، އެޤައުމުގައި ތަޢުލީމު އުގަންނައިދޭ ހުރިހައި މަރުކަޒެއްގައި، ނޮވެލް ކޮރޯނާ ވައިރަސްއަށް ތައްޔާރުވުމުގެ ގޮތުން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު މިހާރު ވަނީ އަޅާފައެވެ.

މީގެތެރޭގައި އިބްތިދާއީ، ޘާނަވީ އަދި މަތީ ޘާނަވީ ސްކޫލްތަކާއި، ޔުނިވަރސިޓީ ކޮލެޖުތަކާއި، ފަންނުވެރި ތަޢުލީމު އުގަންނައިދޭ މަރުކަޒުތަކާއި، ތަޢުލީމާއި ބެހޭ ޚިދުމަތް ފޯރުކޮށްދޭ އިދާރާތަކާއި މުއައްސަސާތައް ހިމެނެއެެވެ.

އެގޮތުން ކޮރޯނާ ވައިރަސްގެ ޢަލާމަތެއް މިއިން ތަނަކުން ފެނިއްޖެނަމަ ޢަމަލުކުރާނެ ކުއްލި ޙަލަތްތަކުގެ ޕްލޭނެއް އެކުލަވާލާ، އެއަށް ޢަމަލުކުރަން މިއަދު ވަނީ ފަށާފައެވެ.

އެގޮތުން އެއްވެސް ދަރިވަރަކު ނުވަތަ މުވައްޒަފެއްގެ ގައިން ނޮވެލް ކޮރޯނާވައިރަސްގެ އަލާމާތެއް ފެނިއްޖެ ހިނދެއްގައި ޢަމަލު ކުރާނެ ގޮތާއި ފަރުވާދިނުމަށް ކަމާއި ގުޅޭ އިދާރާތަކައް ރިޕޯޓުކުރުމުގެ ނިޒާމެއް މި ޕްލޭންގެ ދަށުން ވަނީ އިންތިޒާމު ކުރެވިފައެވެ.

ސައުދީ ޢަރަބިއްޔާގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ވަނީ އެއްވެސް ދަރިވަރަކު މިދަނޑިވަޅުގައި ހުންއައިސް އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ، ސްކޫލަށް ނުފޮނުވުމަށް ބެލެނިވެރިންނަށް އިލްތިމާސްކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދަރިވަރުންނާއި ބެލެނިވެރިން މި ދުވަސްވަރު، ދިރޭ އަދި މަރުވެފައިވާ ޖަނަވާރާއި ގާތް ނުވުމަށާއި، ޖަނަވާރުން އުފައްދާފައިވާ ބަވާތްތައް މިދަނޑިވަޅުގައި ބޭނުން ނުކުރުމަށާއި، ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިފައިވާ މީހުންނާއި އެއްކޮށް ނޫޅުން ނުވަތަ ގާތްނުވުމަށް އެޤައުމުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ސަޢުދީ ޢަރަބިއްޔާގެ ސްކޫލެއްގެ އެސެމްބްލީއެއްގައި ނޮވެލް ކޮރޯނާ ވައިރަސްއާއި ބެހޭ މަޢުލޫމާތު ދެނީ
5 ފެބްރުއަރީ 2020 | ބުދަ 08:14